ޚަބަރު / ހައި ކޯޓް

ބަންދު މުރާޖައާގައި ބަލި ހާލަތާ ހެދި މީހަކު ވަގުތީ ގޮތުން ދޫކުރެވިދާނެ: ހައި ކޯޓު

ދިވެހިރާއްޖޭގެ ހައި ކޯޓުން: ބަންދު މުރާޖައާ ކުރާ އިރު ބަލި ހާލަތާ ހެދި މީހަކު ދޫކުރެވިދާނެ ކަމަށް ހައި ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައި --

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއްގެ ބަންދު މުރާޖައާ ކުރާ އިރު އޭނާގެ ބަލި ހާލަތު ހުރި ގޮތުން ވަގުތީ ގޮތުން އޭނާ ބަންދުން ދޫކުރެވިދާނެ ކަމަށް ހައި ކޯޓުން އިއްޔެ ކުރި ހުކުމެއްގައި ކަނޑައަޅައިފި އެވެ.

މި ހުކުމަކީ ބަޔަކު މީހުން ގުޅިގެން އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އާނިމް ކިޔާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓައި ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރެއް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްވި ހުކުމެކެވެ. މި މައްސަލައިގައި ހުކުމް ކުރީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އަޣުލަބިއްޔަތުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހައްޔަރުކުރި އާނިމްއަށް ދިމާވި ސިއްހީ މައްސަލައަކީ އޭނާގެ ދަތެއް ހަލާކުވެ، އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސައި އޭނާއަށް ކާން ވެސް ދަތިވާ ހިސާބަށް ދިޔުމެވެ. އެކަމާ ހެދި އޭނާގެ ރޫޓް ކެނަލް ހަދަން ޑޮކްޓަރުން އޮތީ ލަފާ ދީފަ އެވެ. އެ މައްސަލަ އޭނާގެ ފަރާތުން ފާހަގަ ކުރި ފަހުން ކްރިމިނަލް ކޯޓުން އޭނާ ބަންދު އިތުރު ކުރި އަމުރުތަކުގައި ވެސް އޭނާ އަށް ބޭނުންވާ ފަރުވާ ދިނުމަށް ކަރެކްޝަންސްއަށް އަންގާފައިވެ އެވެ.

އެކަމަކު، މާފުށީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ބުނެ އާނިމްގެ ދަތުގެ ރޫޓް ކެނަލް ހަދަން ކަރެކްޝަންސްއިން އޭނާ މާލެއަށް ނުގެންދެ އެވެ. އެހެންވެ، އޭނާ ބަންދު ކުރި ސަބަބުތައް ދެމި އޮތަސް ކޯޓުން ނިންމީ ޝަރުތުތަކެއް ކޮށްފައި އޭނާ ވަގުތީ ގޮތުން ބަންދުން ދޫކޮށްލާށެވެ. ފަރުވާ ލިބުުމުން އަނެއްކާ ޝަރީއަތް ނިމެންދެން ބަންދު ކުރާ ގޮތަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސް، ކޮންމެ 30 ދުވަހަކުން ބަންދު މުރާޖައާކުރާ ގޮތް ހެދީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބަންދުކުރި ހާލަތު ދެމި އޮތްތޯ ބަލައި އެ ހާލަތަށް ބަދަލު އައިސްފި ނަމަ ބަންދުން ދޫކުރަން މަގުފަހި ކުރާށެވެ. މި ހުކުމުގައި ޖަވާބު ދިނީ، އެގޮތަށް ބަންދު މުރާޖައާ ކުރާއިރު ބަންދުގައި ހުރި މީހާގެ ސިއްހީ ހާލަތުގެ މައްޗަށް ބަލައި އޭނާ ބަންދުން ދޫކޮށްލެވިދާނެ ކަމާ މެދު އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ބަަންދު މުރާޖައާގެ މައްސަލަތަކުގައި ބަންދުގައި ތިބޭ މީހުން ހުށަހަޅާ ސިއްހީ ފަރުވާ ނުލިބުން ފަދަ ޝަކުވާތަކާއި ގުޅިގެން އެކަންކަން ވެފައިވާ ގޮތެއްގެ މައްޗަށް ރިއާޔަތްކޮށް ބަންދާ މެދު އިތުރު ގޮތެއް ކަނޑައެޅުމަކީ އިސްތިސްނާ ހާލަތެއްގެ ގޮތުން ފަނޑިޔާރަށް އޮންނާނެ ބާރެއްކަމަށެވެ. އަދި އެފަދަ ޝަކުވާތަކަށް ރިއާއަތް ނުކޮށް ފަނޑިޔާރަށް ދޫކޮށްނުލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މީހަކު ބަންދުގައި ހުންނަނީ ފަނޑިޔާރަކު ކުރާ އަމުރެއްގެ މައްޗަށް ކަމަށްވާއިރު، ބަންދުގައި ހުންނަ އިރު އެ މީހެއްގެ އަސާސީ ހައްގެއް ގެއްލޭކަން އެނގެން އޮވެ، ފަނޑިޔާރު ލޯމަރައިގެން ހުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކަމަށް ހުކުމުގައިވެ އެވެ. އެކަން ހައި ކޯޓުގެ ކުރީގެ ގަޒިއްޔާތަކުން އެނގޭކަން ފާހަގަކޮށް އެ ގަޒިއްޔާތަކާ ހަވާލާދީފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އާނިމަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދީފައި ވަނިކޮށް، އޭނާއަށް ފަރުވާ ނުދީ އެކަށީގެންވާ ވަރަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ފަރުވާ ނުދެވުނު ކަމަށް ދައުލަތުން ދައްކާ ސަަބަބަކީ މަގުބޫލު ސަބަބެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާގެ ދަތަށް ގެއްލުންވުމުން ކާން ވެސް އުނދަގޫވާ ކަމަށް އޭނާ ބުނާ އިރު އެއީ ފަރުވާ ނުދީ ގިނަ ދުވަސް ވާ ނަމަ އާނިމްގެ ސިއްހަތަށް އެކަމުގެ ނުރައްކާވެ، ފަހުން އޭނާގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ހާލަތެއްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި އޭނާ ދޫކޮށްލީ ވަގުތީ ގޮތުން ކަމާއި އެކަށީގެން ނުވާ ދިގު މުއްދަތަކަށް ނޫން ކަން ވެސް ފާހަގަ ކުރި އެވެ. އެހެންކަމުން، އޭނާ ވަގުތީ ގޮތުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށް ނިންމި އެވެ.

ތަފާތުވި ރައުޔު

މި މައްސަލައިގައި އިސްފަނޑިޔާރު ހާތިފް ހިލްމީގެ ރައުޔު ތަފާތެވެ. އޭނާ ނިންމެވީ، ބަންދު މުރާޖައާ ކުރާއިރު، މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރި ސަބަބު ދެމި އޮއްވައި ސިއްހީ ކަމަކާ ހެދި އޭނާ ދޫކުރެވޭނީ އެ ސިއްހީ ކަމެއްގެ ސަބަބުން އޭނާ ބަންދުކުރި ހާލަތަށް ބަދަލެއް އަންނަ ނަމަ ކަމަށެވެ.

ބަންދުގައި ބެހެއްޓި ސަބަބު ދެމި އޮއްވައި ދޫކޮށްލައިފި ނަމަ ބަންދުގައި ބެހެއްޓުމުގެ މަގުސަދު ގެއްލިދާނެ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. މިސާލަކަށް ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ބަންދު ކުރި މީހަކު، ހަމައެކަނި ސިއްހީ މައްސަލައަކާ ހެދި ދޫކޮށްލައިފި ނަމަ އޭނާއަށް ހެއްކަށް ނުފޫޒު ފޯރުވަން ފުރުސަތު ލިބޭނެ ކަމަށް ފަނޑިޔރު ހާތިފް ފާހަގަ ކުރެއްވި އެވެ.

އާނިމްގެ ދަތަށް ދިމާވެފައިވާ މައްސަލައަކީ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ނޫން ކަމަށާއި، އެކަމުގެ ސަބަބުން އޭނާ ބަންދު ކުރި ސަބަބު ވެސް ފިލައި ނުދާ ކަމަށް އެ ރައުޔުގައިވެ އެވެ.

އޭނާގެ ރައުޔަކަށް ވީ ބަންދު މުރާޖައާ އަކީ ކަރެކްޝަންސްގެ މަދަނީ މަސްއޫލިއްޔަތުތައް އަދާނުކޮށްގެން، އެ މީހަކަށް އަމިއްލައަށް ސިއްހީ ފަރުވާ ހޯދަން ފަނޑިޔާރު ތަނަވަސްކޮށްދިނުމަށް އޮންނަ މަޖިލީހެއް ނޫން ކަމަށެވެ. އަދި އެކަމުގައި އޮންނަން ޖެހޭ ގޮތަކީ ސިވިލް ކޯޓުގައި ދައުވާ ކުރުން ކަމަށެވެ. ކުރީގެ ނައިބު ރައީސް އަދީބަށް ފަރުވާ ނުދޭ ކަމަށް ބުނި މައްސަލައިގައި ވެސް ކުރިއަށްގެންދިޔައީ އެހެންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަމުންދާ ގޮތް މުޖްތަމަޢު ދެކޭގޮތް

06 October 2021

އެފަދަ ބަލިމީހުން ދިވެހިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަ ނުވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454