ވިޖޭ.
08 އޮކްޓޯބަރ 2021 - 06:42
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފާ އެކު ފިލްމެއްގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފަލުން ހުރި ކަމަށް ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ ބުނެފި އެވެ.
ޝާހިދު ކަޕޫރްގެ އަލަތު ވެބް ސީރީޒްގެ ރޯލެއް ވެސް ކުޅޭ 43 އަހަރުގެ އެކްޓަރާއި ކެޓްރީނާ އެކީގައި މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ސަސްޕެންސް ތުރިލާ "މެރީ ކްރިސްމަސް" ގަ އެވެ.
މި ފިލްމުގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން ދެކެވެމުން އަންނަ އިރު، ފިލްމުގެ ޝޫޓިން އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. އެކަމާ ބެހޭ ގޮތުން ވިޖޭ ބުނީ ފިލްމުގެ މަސައްކަތް އަންނަ އަހަރަށް ފަސްކުރި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
"ޑިސެމްބަރު މަހުގެ ފަހުކޮޅު ޝޫޓިން ފަށާ ގޮތަށް މިހާރު ރާވާފައި އޮތީ." ތަމަޅަ ފިލްމު އިންޑަސްޓްރީގެ ނުފޫޒު ގަދަ އެކްޓަރު ބުންޏެވެ.
ވިޖޭ ބުނި ގޮތުގައި ބޮލީވުޑްގެ އެންމެ ރީތި ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާއާ އެކު މަސައްކަތް ކުރުމަކީ ތަފާތު ތަޖުރިބާއަކަށް ވާނެ ކަމަށެވެ.
"އުންމީދު ކުރަނީ ވަރަށް ފުރިހަމަ ތަޖުރިބާއަކަށް ވާނެ ކަމަށް. އަދި ވަކިން ހާއްސަކޮށް ކެޓްރީނާ އަކީ ވަރަށް ރަނގަޅު ކޯ-އެކްޓަރަކަށް ވާނެ ކަމުގެ އުންމީދު ބޮޑު،" އޭނާ ބުންޏެވެ. "އެންމެ އުފާވާ ކަމަކީ އަބަދު ވެސް އަހަރެން ވަރަށް ގަޔާވާ ޑައިރެކްޓަރަކާ އެކީ މަަސައްކަތް ކުރަން ލިބުނީމަ. ސްރީރާމް ސާ އަކީ އަބަދު ވެސް އަހަރެން ވަރަށް އިހުތިރާމުކުރާ، ވަރަށް ކުޅަދާނަ ޑައިރެކްޓަރެއް."
"މެރީ ކްރިމަސް" އަށް ސްރީރާމް ތައްޔާރުވެފައިވާ އިރު އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ "އަންދާދުން" އެވެ.
ވިޖޭ އާއި ކެޓްރީނާގެ ފިލްމަށް ފަހު އޭނާ ދެން ހަދާ ގޮތަށް އޮތީ ވަރުން ދަވަން ލީޑް ރޯލު ކުޅޭ "އެއްކީސް" އެވެ.
ދާދި ފަހުން މީޑިއާތަކުން ބުނި ގޮތުގައި "މެރީ ކްރިސްމަސް" ގެ ބަތަލުގެ ރޯލު ވިޖޭ އަށް ދިނުމުގެ ކުރިން އެ ފިލްމު ސަލްމާން ޚާނަށް ވެސް ހުށަހެޅި އެވެ. އެކަމަކު އޭނާ ފިލްމު ގަބޫލު ނުކުރީ އެވެ.
ކުޑަ ބަޖެޓަކުން ހަދާ މި ފިލްމަކީ އާންމުކޮށް ހަދާ ތިން ގަޑިއެއްހާ އިރުގެ ހިންދީ ފިލްމުތަކާ ހިލާފަށް އެންމެ 90 މިނިޓްގެ ފިލްމެކެވެ. އަދި ސިނަމާތަކުގައި އަޅުވާނީ އިންޓަވަލެއް ވެސް ނުހިމެނޭ ގޮތަށް ކަމަށް މީޑިއާތަކުން ކުރިން ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy