ޑިޒްނީގެ ބާނީ ވޯލްޓް ޑިޒްނީ މަރުވީ 1966 ގައި
ވޯލްޓް ޑިޒްނީ.
13 އޮކްޓޯބަރ 2021 - 07:11
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފިލްމު ސްޓޫޑިއޯ ކަމަށްވާ ޑިޒްނީން އެތަނުގެ ބާނީ ވޯލްޓް ޑިޒްނީ އާއި އޭނާ ވުޖޫދަށް ގެނައި ޑިޒްނީލޭންޑް ތީމް ޕާކަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.
އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމް، ޑިޒްނީ ޕްލަސް އަށް ހަދަން ނިންމާފައިވާ ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު މީގެ ޑައިރެކްޓަރަށް ހަމަޖައްސާފައި ވަނީ "ހެލޮވީން ކިލްސް" ފަދަ ފިލްމުތައް ގެނެސްދިން ޑޭވިޑް ގޯޑަން ގްރީން އެވެ.
ވެރައިޓީން ބުނި ގޮތުގައި އަދި ވަކި ނަމެއް ހަމަނުޖައްސާ ފިލްމުގެ ސްކްރީން ޕްލޭއާ ހަވާލުވެފައި ވަނީ ޑިޒްނީގެ "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ސްނޯވައިޓް އެންޑް ދަ ހަންޓްސްމެން" ސްކްރީންޕްލޭ ލިޔުނު އިވަން ސްޕިލިއޯޓޮޕިއުލަސް އެވެ.
Walt Disney (the studio) is making a movie about Walt Disney (the person) and his journey to build Disneyland (the California theme park) for Disney Plus (the streaming platform). https://t.co/nEUpzpJzEN pic.twitter.com/LKfBDZTGOf
— Variety (@Variety) October 11, 2021
ޑިޒްނީގެ މޭސްތިރިޔާ އާއި އޭނާ ވުޖޫދަށް ގެނައި ތީމް ޕާކްގެ މަސައްކަތްތަކަށް ބިނާކޮށް ހަދާ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރަކާއި އޭގައި ޑިޒްނީގެ ރޯލު ކުޅޭނެ މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.
އުމުރުން 65 އަހަރުގައި 1966 މަރުވި ޑިޒްނީ އަކީ އެތައް ގޮތަކުން ފާހަގަ ކޮށްލެވޭ ޝަހުސިއްޔަތެކެވެ. އޭނާ އަކީ އެތައް ކާޓޫން ކެރެކްޓާއެއް އުފަންވުމުގެ މޭސްތިރިޔާގެ އިތުރުން ރައިޓަރެއް، ވޮއިސް އެކްޓަރެއް އަދި ޕްރޮޑިއުސަރެކެވެ. ޑިޒްނީ، ޑިޒްނީލޭންޑް ވުޖޫދަށް ގެނައީ 1955 ގަ އެވެ. އޭގެ ފަހުން ދުނިޔޭގެ މަޝްހޫރު އެއް ތަނަކީ އެތަނެވެ.
ޑިޒްނީ އަކީ މިހާތަނަށް އެއް ފަންނާނަކަށް ޕްރޮޑިއުސަރެއްގެ ގޮތުގައި އެންމެ ގިނަ އޮސްކާ އެވޯޑް ވެސް ލިބުނު މީހާ އެވެ. އޮސްކާގެ 59 ނޮމިނޭޝަނުން އޭނާ އަށް 22 އެވޯޑް ލިބިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy