އެރިޔަދޫ އައިލެންޑް ރިސޯޓް: އެރިޔަދޫ ރިސޯޓް ވިއްކާލުން މަޑުޖައްސާލަން ނެރުނު އަމުރު ހައި ކޯޓުން ވަނީ ދަމަހައްޓާފައި
13 އޮކްޓޯބަރ 2021 - 12:53
އެރިޔަދޫ އައިލެންޑް ރިސޯޓް ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އެރިޔަދޫ ވިއްކާލަން އިއުލާންކުރީ އެ ރިސޯޓް ރަހުނު ކުރުމަށް ފަހު ކްރިސްޓަލް ލެގޫން ރިސޯޓް ކުންފުނިން ނަގާފައިވާ ދެ ލޯނަކަށް 43 މިލިއަން ރުފިޔާ ނުދެއްކުމުންނެވެ. އެ ފައިސާ ނުދެއްކުމުން އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން 2015 ގައި އެސްބީއައިއަށް އޮތީ ދީފަ އެވެ. އެހެންވެ، ނީލަމުގެ އުސޫލުން އެ ރިސޯޓް ވިއްކާލަން އެސްބީއައި އިން އިއުލާންކުރި އެވެ.
އެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރު ނެރުނީ އެ ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓިނަމް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ އެ އަމުރު އެސްބީއައިގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވޭ ނަމަ، ވަގުތީ އަމުރު ނެރެވިދާނެ ކަމަށެވެ. އަދި އެފަދަ އަމުރުތައް އަޑުއެހުމެއް ބޭއްވުމަކާ ނުލައި ބޭއްވިދާނެ ކަމަށާއި އެހެންވެ، ސިވިލް ކޯޓުގެ އަމުރު ރަނގަޅު ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، ހައި ކޯޓުގެ ހުކުމުގައިވަނީ ސިވިލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.
ޕްލެޓިނަމް ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެރިޔަދޫ ވިއްކާލުމުގެ މަސައްކަތް ކުރަން ޖެހޭނީ ރަހުނު ވިއްކުމާ ބެހޭގޮތުން ހައި ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯޅަ ވަހި
13 October 2021
މިކަހަލަ ދެކޮޅު ނުޖެހޭ ހާސަރު ދަމާތީ ބޭންކު ތަކުން %14، %19، %20 ގެ އިންޓަރެސްޓް ގައި ލޯނު ދެނީ! ރަހުނު ކުރާ އެކައްޗެއްވެސް ރަހުނުގެ އެގްރީމަންޓް ގަ އޮންނަ ގޮތައް ވިއްކުމުގެ ހައްގެއް ނޯވޭ. އެކަމާ ހުރެ އާންމުންނައްވެސް %12 އައް ނޫން ގޮތަކައް އެއްވެސް ބޭންކަކުން ލޯނު ނުދޭ! އެހެން ގައުމު ތަކުގަ %4 ވުރެ ދައްކޮން ދެނީ، ދޭ ފަރާތައް ގޯނާ ނުކޮއް މުއާމަލާތް އާ އެއްގޮތައް ކަންކަން ކުރެވޭތީ!