ކުރިން ކްލައިމެޓް ޗޭންޖާ ބެހޭ ވާހަކަތައް ދައްކަވާ ސައިންސްވެރިންނަށް ދޭ އިންޒާރުތައް ގިނަ
ސައިންސްވެރިން.
17 އޮކްޓޯބަރ 2021 - 07:08
ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު މިދިޔަ އަހަރުން ފެށިގެން ސައިންސްވެރިންނަށް އެކި ކަހަލަ ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށް ސާވޭއަކުން ދައްކައިފި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި މަސައްކަތްކުރާ ސައިންސްވެރިންނާ ސުވާލުކޮށްގެން ނޭޗާ ޖާނަލްގައި އިން ކުރިއަށް ގެންދިޔަ ސާވޭގައި ވަރަށް ގިނަ ސައިންސްވެރިން ވަނީ ކޮވިޑާ ގުޅިގެން އެ މީހުން ކުރަން ފެށި މަސައްކަތްތަކުގެ ސަބަބުން އެތައް ނުރައްކަލަކާ ކުރިމަލާން ޖެހިފައިވާ ކަމަށް ބުނެފަ އެވެ. އެގޮތުން އޮންލައިންކޮށް ފުރައްސާރަ ކުރުމާއި ޖިސްމާނީ ގޮތުން ވެސް އަނިޔާތަކާއި ގެއްލުންތައް ދީފައިވާ ކަމަށް ބައެއް ސައިސްވެރިން ބުނެފައިވެ އެވެ. މީގެ އިތުރުން އެ މީހުންގެ ފެންވަރާ މެދު ސުވާލު އުފައްދައި އިންޒާރު ދިނުމާއި ރެޕިއުޓޭޝަނަށް ހަލާލުކޮށްލުމަށް ޓާގެޓްކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިގޮތަށް ދިމާވާން ޖެހުނު މައިގަނޑު ސަބަބަކީ ކޮވިޑާ އެކު ސައިންސްވެރިން ވެސް ސިއްހީ އެހީތެރިން ގޮތަށް ފްރޮންޓް ލައިނަށް ނުކުމެ ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަން ޖެހުމުންނެވެ. އާންމުކޮށް ސައިންސްވެރިންނަކީ އެ މީހުންގެ މަސައްކަތްތައް މާ ފާޅުކަން ބޮޑުކޮށް ފެންނަ ބައެއް ނޫނެވެ. އެކަމަކު ކޮވިޑްގެ ބޮޑު ބަލިމަޑުކަމުގެ ތެރެއަށް މިދިޔަ އަހަރު މުޅި ދުނިޔެ ވެއްޓި، އެ ބައްޔާ ދެކޮޅަށް ވެކްސިން އުފެއްދުމާއި ބައްޔަށް ހޭލުންތެރި ކުރުވުމާއި އެ ނޫން ވެސް އެތައް ކަމެއްގައި ސައިންސްވެރިންގެ ދައުރު ވަރަށް ބޮޑަށް ފުޅާވެ، އާންމުވެގެން ދިޔަ އެވެ.
A Nature survey of more than 300 scientists who have given media interviews about COVID-19 has found wide experience of harassment or abuse – with 15% having received death threats https://t.co/BdtKftwkmf pic.twitter.com/wtDMxug39U
— nature (@Nature) October 15, 2021
ކުރިން އާންމުކޮށް ސައިންސްވެރިންނަށް އެކި ކަހަލަ އިންޒާރުތައް ލިބެނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަލާ ބެހޭ ގޮތުން ދައްކަވާ ވާހަތަކާ ގުޅިގެންނެވެ. ނަމަވެސް ކޮވިޑާ އެކު، ސައިންސްވެރިންނަށް އޮތް ނުރައްކާ މާ ބޮޑުވެފައިވެ އެވެ. ހާއްސަކޮށް ވެކްސިނާ ދެކޮޅު ވިސްނުންތައް ގެންގުޅޭ މިސްމީހުންގެ ފަރާތުންނެވެ.
އެކި ހިސާބުތަކުން 321 ސައިންސްވެރިންނާ ސުވާލު ކޮށްގެން ހެދި ސާވޭގައި ބައިވެރިވި ސައިންސްވެރިންގެ ތެރެއިން ގިނަ ސައިންސްވެރިން ވަނީ އެ މީހުންނަށް ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުން ވެސް އިންޒާރު ދީފައިވާ ކަމަށެވެ. ނަމަވެސް ބައެއް ސައިންސްވެރިން އެ މީހުންނަށް ކުރިމަތިލާން ޖެހުނު މައްސަލަތަކުގެ މާ ބޮޑު ތަފުސީލުތަކެއް ހާމައެއް ނުކުރެ އެވެ. ސާވޭގައި ބައިވެރިވި ސައިންސްވެރިންގެ ތެރެއިން ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ބުނެފައިވަނީ ހަ މީހެކެވެ. ގިނަ ސައިންސްވެރިން ބުނެފައިވާ ގޮތުގައި އެ މީހުންނަށް އެންމެ ގިނައިން އިންޒާރު ދީފައި ވަނީ އޮންލައިންކޮށެވެ. އެގޮތުން އީމެއިލް މެދުވެރިކޮށް އެކި ކަހަލަ އިންޒާރުތައް ލިބުނު ކަމަށް ބުނެފައިވެ އެވެ. ފަނަރަ ޕަސަންޓް ސައިންސްވެރިން ބުނެފައިވަނީ އެ މީހުންނަށް މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށެވެ.
Nature has surveyed a subset of researchers who have spoken to the media about COVID-19, and found that 15% had received death threats. Institutions at all levels must do more to protect and defend scientists, and to condemn intimidation https://t.co/XDK8rN1nN5
— nature (@Nature) October 15, 2021
މި މައްސަލާގައި ވާހަކަ ދެއްކެވި ސައިންސްވެރިންގެ ތެރެއިން، ކޮވިޑް-19 އުފަންވި ކަމަށް ތުހުމަތުކުރާ ޗައިނާގެ ވޫހާން ސިޓީގެ ވޫހާން އިންސްޓިޓިއުޓް ފޯ ވިރޮލޮޖީގައި ކަމުގެ ގަގީގަތް ހޯދުމާ ގުޅޭ ގޮތުން މަސައްކަތް ކުރެއްވި އޮސްޓްރޭލިއާގެ ވިރޮލޮޖިސްޓް ޑެނިއަލް އެންޑަސަން ވިދާޅުވި ގޮތުގައި "ވާލު ކައިގެން މަރުވާށޭ ބުނެ" އޭނާ އަށް އެކި ފަރާތްތަކުން ބިރުދެއްކުމުގެ އީމެއިލްތައް ފޮނުވާފައިވެ އެވެ.
އިނގިރޭސިވިލާތުގެ ސަދަމްޕްޓަން ޔުނިވަސިޓީގެ ގްލޯބަލް ހެލްތުގެ ސީނިއާ ރިސާޗް ފެލޯ ޑރ. މައިކަލް ހެޑް ވިދާޅުވި ގޮތުގައި ސައިންސްވެރިންގެ އިތުރަށް ކޮވިޑާ ގުޅިގެން ތަފާތު ވިސްނުންތަކާ ހެދި، ފްރޮންޓް ލައިނަށް ނުކުތް އެކި ފަންތީގެ ވަރަށް ގިނަ ބަޔަކު ތިބީ ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފަ އެވެ.
"އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ވަރަށް ބޮޑަށް ހިމެނޭ." އޭނާ ވިދާޅުވި އެވެ.
ސައިންސްވެރިންތަކެއް.
ޔުނިވަސިޓީ ލަންޑަން ކޮލެޖްގެ ބިހޭވިރަލް ސައިންސްޓިސްޓް ޕްރޮފެސަރު ސޫޒަން މިޝީ ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިކަން ހޯދަން އަޅަން ޖެހޭ ފިޔަވަޅުތަކުގެ ވާހަކަ އެކިއެކި މީޑިއާ ޕްލެޓްފޯމްތަކުގައި ދެއްކުމުން އޮންލައިންކޮށް ލިބޭ އިންޒާރުތައް ވަރަށް ގިނަ އެވެ.
"މާސްކް އެޅުމުގެ ވާހަކަ އާއި ސޯޝަލް ޑިސްޓޭންސިން އާއި ގިނަގިނައިން އަތްދޮވުމާއި ބަލިން ރައްކާތެރިކަން ހޯދުމަށް ވެކްސިން ޖެހުމުގެ މުހިއްމުކަމުގެ ވާހަކަ ދެއްކީމަ އޮންލައިންކޮށް ކުރިމަތިވާ ފުރައްސާރަތަކާއި ލިބޭ އިންޒާރުތައް ވަރަށް ގިނަ." އޭނާ ވިދާޅުވި އެވެ.
އެހެންވެ މިކަންކަމާ ހެދި ނޭޗާ ޖާނަލްގެ ސާވޭގައި ގިނަ ސައިންސްވެރިން ބުނެފައިވަނީ ކޮވިޑާ ބެހޭ ގޮތުން އިންޓަވިއުތައް ދިނުމާއި ފާޅުގައި އެކި ތަންތަނުގައި ވާހަކަ ދައްކަން ޖެހިލުންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy