ކޮވިޑް ވެކްސިން ދިނުމަށްޓަކައި ނަރުހަކު ތައްޔާރުވަނީ: ކޮވިޑް ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސްދުވަސް އިތުރުކުރަން ހެލްތު މިނިސްޓްރީން ދަނީ މަޝްވަރާތައް ކުރަމުން .---ފައިލް ފޮޓޯ:މިހާރު
20 އޮކްޓޯބަރ 2021 - 14:40
ކޮވިޑް-19 ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރު ކުރުމަށް ޑަބްލިއުއެޗްއޯ އިން ނިންމާފައިވާތީ، ރާއްޖޭގައި މިހާރު ހުރި ވެކްސިން، އެ ކްރައިޓީރިއާ އަށް ފެތޭތޯ ބެލުމުގެ ދިރާސާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކުރިން ކަނޑައަޅާފައިވާ ގޮތުން ނަމަ ކޮވިޑް ވެކްސިންގެ މުއްދަތަކީ ނުވަ މަސް ދުވަހެވެ. އެހެންވެ، މިދިޔަ ފެބްރުއަރީ މަހު ރާއްޖެ ގެނައި ވެކްސިންގެ މުއްދަތު އަންނަ މަހަށް ހަވާނެ އެވެ.
ހެލްތު މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރު ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ ކޮވިޑް ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރު ކުރެވިދާނެ ކަމަށް ޑަބްލިއުއެޗްއޯ އިން މިހާރު ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ކޮވިޑް ވެކްސިން އަންނަ ނޮވެމްބަރުގެ ފަހުން ބޭނުންކުރަން އަދި ނިންމާފައި ނުވި ނަމަވެސް ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް އެ ވެކްސިން ފެތޭތޯ ބަލަމުން އަންނަ ކަމަށެވެ.
"ޑަބްލިއުއެޗްއޯ އިން މިހާރު ގައިޑެންސެއް ނެރެފައި އިނީ މުއްދަތު އިތުރު ކުރެވޭނެ ކަމަށް. އެ ހުރިހާ ގައިޑެންސް ތަކެއް ޗެކުކޮށްފައި މި ކޮޅުން ވާހަކަ ދައްކާނެ ކޮންފާމްކޮށް އިތުރު ކޮންފިއުޝަންތައް ހައްލު ކުރަން. އެ މަސައްކަތް މިހާރު ކުރަމުން ދަނީ" ތސްލީމާ ވިދާޅުވި އެވެ.
ރާއްޖޭގައި ބޭނުންކުރާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު އިތުރު ކުރުމަށް އެންމެ ފަހު ގޮތް ނިންމައި ހުއްދަ ދޭނީ ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެފްޑީއޭ) އިންނެވެ.
ރާއްޖޭގެ 351،570 މީހުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވާއިރު، ބާކީ ތިބި ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ކޮވިޑް ވެކްސިން އެބަހުރި ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
ރާއްޖެ އިން މި ފަހުން ވަނީ ކޮވިޑް ވެކްސިންގެ ހަތަރު ލައްކަ ޑޯޒް ބަނގުލަދޭޝް އާއި ނޭޕާލަށް ވެސް ހަދިޔާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅޮލް
21 October 2021
ދެން މިވާހަކަވެސް ގަބުލޮށްގެން ތިބެދާނެ ދިވެހީން. މުއްދަތު ހަމަވާން ހުރި އެއްޗެއް މުއްދަތު ހަމަ ނުވާ ގޮތް ހަދަނީ ކިހިނެތް؟
އުދުހޭ
20 October 2021
އެކްސްޕަޔަރީ ޑޭޓް ޖަހާތަން ހުސްކޮށް ބައިންދާގޮތަށް މަޖިލީހުން ގާނޫނެއް ފާސްކުރަންވީނުންތޯ؟ ދެން ވެކްސިން ޖަހާއިރު ގަލަމަކުން އެތަން ފިލްކޮށްލާނީ. އެގޮތް ކިހިނެތްތޯ؟
މަންނާނު
20 October 2021
އެކްސްޕަޔާ ވެފަހުރި ވެކްސިންގެނައިކަން ޔަގީން
ފަހުދު
20 October 2021
އެކްސްޕަޔަރ ވެފަ ހުރި ވެކްސިންވެސް ޖަހަން ރެޑީ ވީ؟