25 އޮކްޓޯބަރ 2021 - 15:25
މީގެ 72 އަހަރު ކުރިން، 1949 ވަނަ އަހަރު ނިމުނު ޗައިނާގެ ދާހިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ސިފައިންގެ މައްޗަށް ކުރި ހޯދީ، ޗައިނާގެ ކޮމިޔުނިސްޓް ޕާޓީގެ ހަނގުރާމަވެރިންނެވެ. އެ ނާކާމިޔާބީއާ ގުޅިގެން، ރިޕަބްލިކް އޮފް ޗައިނާގެ މުޅި ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ އެތައް މިލިއަން ބަޔަކު، ޗައިނާގެ މައި ބިން ދޫކޮށް ރެފިއުޖީންގެ ގޮތުގައި ތައިވާން ޖަޒީރާ އަށް ހިޖްރަކޮށް، ތައިވާންގައި ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި އާ ސަރުކާރެއް ގާއިމުކުރި އެވެ.
އެއާ އެކު ޗައިނާގެ މައި ބިމުގައި، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ނަމުގައި، ކޮމިޔުނިސްޓް ޕާޓީގެ ފަރާތުން މުސްތަގިއްލު ދައުލަތެއް ގާއިމުކޮށް ވެރިކަން ކުރަން ފެށި އެވެ. ނަމަވެސް އދ.ގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތީ ރިޕަބްލިކް އޮފް ޗައިނާ (ތައިވާން) އެވެ. އަދި އެއީ ވީޓޯ ކުރުމުގެ ބާރާއެކު ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮތް ގައުމެކެވެ.
ޗައިނާ އަށް މިއައި ބޮޑު ބަދަލާ ގުޅިގެން، 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ.
ރެފިއުޖީންގެ ގޮތުގައި ތައިވާނަށް ހިޖްރަކުރި ކަމުގައި ވިޔަސް، އެމެރިކާ އިން އޭރުވެސް ތާއީދުކުރީ ތައިވާނުގައި އޮތް ރިޕަބްލިކް އޮފް ޗައިނާ އަށެވެ. އަދި 1970ގެ އަހަރުތަކުގައި ޗައިނާގެ މުޅީ ބިން އެމީހުންގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް، ތައިވާނުން އޭރުން ދިޔައީ ބުނަމުންނެވެ.
އެމެރިކާގެ ތާއީދާއެކު ތައިވާނުން ބާރު ގަދަކުރަމުން ދިޔަސް، ޗައިނާގެ މައި ބިމުގައި ދިރިއުޅޭ އެތައް ސަތޭކަ މިލިއަން މީހުންގެ މައްޗަށް ތައިވާންގެ އެއްވެސް ބާރެއް ނުހިނގާ ކަމާއި، ޗައިނާގެ މައި ބިން އޮތީ ކޮމިޔުނިސްޓުންގެ ބާރުގެ ދަށުގައި ކަން، އދ.ގެ މެމްބަރު ގައުމުތަކަށް އޭރު ގަބޫލު ކުރެވުނެވެ.
ޗައިނާ ރައްޔިތުން ތަމްސީލްކުރާ މަންދޫބުންނަކީ، ބެއިޖިންގްގައި ގާއިމުކޮށްފައި އޮތް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަމަށް، އދ. އިން ފާސްކުރުމާ ގުޅިގެން، ތައިވާނަށް އދ.ގެ މެމްބަރުކަން ގެއްލުމަކީ، އެ ގައުމު ނުހަނު ކަންބޮޑުވާ ކަމެކެވެ.
އދ.ގެ މެންބަރުކަން ހޯދުމަށް ތައިވާނުން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއް ނުވެ އެވެ. އެކަމަށް އެންމެ ފާޅުގައި ދެކޮޅު ހަދަމުން އަންނަނީ ޗައިނާ އެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި އަމިއްލަ މިނިވަންކަން އިއުލާން ކުރުމަށް ތައިވާނުން ކުރާ ކޮންމެ ކަމެއް ޗައިނާ އިން ހުއްޓުވާނެ އެވެ. އަދި އެކަމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ޗައިނާ އިން ބުނެ އެވެ.
މިކަމުގައި އދ. އަށް ކުރިމަތިވާ އެހެން ގާނޫނީ މައްސަލައެއް ވެސް އެބަ އޮތެވެ. އެއީ ވެރިކަމުން ދުރުކުރެވިފައިވާ ބަޔަކަށް، ގައުމެއްގެ ހައިސިއްޔަތު ދިނުމުގެ މައްސަލަ އެވެ. ވަކި ގައުމެއްގެ ގޮތުގައި ތައިވާން ބުނަނީ، ޗައިނާގައި ކުރިން އޮތް ވެރިކަމުގައި ތިއްބެވި އިސް ވެރިންނާއި، އެމީހުންނަށް ތާއީދުކުރި ރައްޔިތުން، ޗައިނާ ދޫކޮށް ތައިވާނަށް ހިޖްރަ ކުރުމަށް ފަހު، އެ ޖަޒީރާގައި އުފެއްދި ގައުމަކަށެވެ.
އެ ފަދަ ކޮންމެ ހާލަތެއްގައި އދ.ގެ އިން އެ ބަޔަކަށް ގާނޫނީ ހައިސިއްޔަތު ދޭ ނަމަ، މިއަހަރުގެ އޮގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ވެރިކަމުން ދުރުކުރެވުނު ކުރީ ސަރުކާރަކީ އަދިވެސް، އަފްގާނުގެ ރަސްމީ ސަރުކާރު ކަމުގައި އދ. އިން ބަލަންޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮރެންޖްބެރީ
26 October 2021
ޓައިވާނަށް މިނިވަންކަންދީ ވަކި ދައުލަތެއް ގޮތުގައި ބަލައިގަންނަންވީ. ހަމަ ގައިމުވެސް އިޒްރޭލަށް ވުރެ ރަނގަޅުވާނެ. އދ ގަ ވީޓޯކުރުމުގެ ބާރު އޮންނަ 5 ގައުމަށް ވުރެ ދުނިޔެ ބޮޑު ކަމަށް އުރުދުއާންވެސް ބުނި. މުސްލިމުންނަށް ހަމަގައިމުވެސް ޗައިނާއަށް ވުރެ ޓައިވާން ރަނގަޅު. މަޑުމަޑުން މުސްލިމުންވެސް ދަނީ އިތުރުވަމުން. ޑިޕްލޮމެޓިކް ގުޅުން ނެތް ނަމަވެސް، ރާއްޖެއިން މަސް އެކްސްޕޯޓްކުރާ ގައުމުތައް ތެރޭގައި ޓައިވާން ހިމެނޭ ކަން ފާހަގަކޮށްލަން.
ރަދީފު ބިން ރަފައިދާ
25 October 2021
ޗައިނާދަށުގާ އޮތިއްޔާ މާފައިދާވާނެ އެމެރިކާގެ ފައިބުޑަށް ވެއްޓިގަތުމަށްވުރެ. މިހާރު ޗައިނާހުރީ މެކުހަށްޖަހާފާ.