ހައި ކޯޓު: ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބެއްޖެ ނަމަ، ގާތިލުގެ މަރުގެ އަދަބު ފަސްކުރުން މުހިންމު ކަމަށް އެ ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2021 - 13:28
ގަސްދުގައި މީހުން މަރުގެ މައްސަލަތަކުގައި މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބެއްޖެ ނަމަ، އެ ކުދިން ބޮޑުވަންދެން ގާތިލުގެ މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުން މުހިންމު ކަމަށާއި އެކަމަކު އެއީ ލާޒިމް ކަމެއް ނޫން ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.
މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގެ ދަށުން މަރުގެ އަދަބު ކަނޑައެޅެނީ މަރުވި މީހާގެ ހުރިހާ ވާރިސުން އެކަމަށް އެއްބަސްވާ ނަމަ އެވެ. އަދި ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭ ހާލަތުގައި އަމަލު ކުރާނެ ގޮތެއް ރާއްޖޭގެ ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ. އެކަމަކު އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވަނީ ވާރިސުންގެ ގޮތުގައި ތިބިި ކުޑަކުދިންގެ ހައްގުގައި ދެން ތިބި ވާރިސުންނަށް އެކަމުގައި ގޮތެއް ނިންމިދާނެ އެވެ.
ކ. ތުލުސްދޫގައި 2014 ވަނަ އަހަރު މަރާލި އަލީ ޝިހާމްގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް މުހައްމަދު ނިޔާޒް މެރުމަށް ކުރި ހުކުމަށް ތާއީދުކޮށް، ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ވާރިސުންގެ ގޮތުގައި ކުޑަކުދިން ތިބޭ ހާލަތުގައި ދެން ތިބި ވާރިސުންގެ ބަހަށް ރިއާޔަތްކޮށް، ގާތިލް މަރަން ހުކުމް ކުރެވިދާނެ ކަމަށެވެ. އެކަމަކު ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑު ނުވަނީސް، އެފަދަ ހުކުމެއް ތަންފީޒު ކުރެވޭނެ ކަމާ މެދު ސުންނަތް ޖަމާއަތުގެ އިލްމުވެރިންގެ މެދުގައި ޚިޔާލު އުފެދިފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ ގާތިލުގެ ކިބައިން މަރަށް މަރު ހިފުމުގެ ހައްގަކީ މަރުވި މީހާގެ ކޮންމެ ވާރިސަކަށް ވެސް ލިބިގެންވާ ހައްގަކަށް ވާތީ އެއްވެސް ވާރިސެއްގެ ހައްގު ގެއްލުވާލުމުގެ ބާރު އަނެއް ވާރިސަށް ލިބިގެންނުވާ ކަމަށެވެ. އަދި ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވެގެން ގާތިލަށް މައާފް ދިނުމުގެ ފުރުސަތު ވެސް އޮންނާނެތީ އެ ކުދިންގެ ހައްގުގައި އެންމެ ރަނގަޅު ގޮތަކީ ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން ގާތިލްގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުން ކަމަށް އެ ހުކުމުގައިވެ އެވެ.
"މަރު ތަންފީޒު ކުރުމުގެ މަރުހަލާގައި ވެސް ޝުބްހަތަކުން ރައްކާތެރިވާން ޖެހޭއިރު، ކުޑަކުއްޖާ ބޮޑުވެ، ތަސައްރަފު ފުދިގެން އޭނާގެ ބަސް އިއްވާއިރު ގާތިލަށް މައާފް ދިނުމުގެ އިހްތިމާލް ވެސް އޮންނާނެތީ އަހުރެންނަށް ބުރަވެވެނީ މަރުވި މީހާގެ ވާރިސުންގެ ގޮތުގައި ތިބި ކުޑަކުދިން ބޮޑުވެ، ތަސައްރަފު ފުރެންދެން މަރުގެ ހުކުމް ތަންފީޒު ނުކޮށް، މަޑުކުރުން މުހިންމު ކަމުގަ އެވެ." ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ލިޔުއްވައި، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް، ހުކުމުގައިވަނީ ވާރިސުންގެ ގޮތުގައި ތިބޭ ކުޑަކުދިން ބޮޑުވަންދެން ގާތިލްގެ މަރުގެ އަދަބު ތަންފީޒު ކުރުން ފަސްކުރުން ގާނޫނީ ގޮތުން ގޮތުން ލާޒިމް ނޫން ކަމަށާއި އަދި އެ ކުދިން ބޮޑު ނުވިޔަސް، އެ ހުކުމް ތަންފީޒު ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ވާރިސުންގެ ގޮތުގައި ތިބި ބޮޑެތި މީހުންގެ ބަހަށް ރިއާޔަތްކޮށް، ގާތިލް މަރަން ހުކުމް ކުރިޔަސް، އެ ހުކުމް ސައްހަވާނެ ކަމަށް އިސްލާމީ ޝަރީއަތުގައި ބަލަމުން އަންނަ ކަމަށް ވެސް ހުކުމުގައިވެ އެވެ.
ޝިހާމްގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ތިބުމުން އެ ކުދިންގެ ހައްގުގައި ބަސް ބުނީ ޝިހާމްގެ އޭރުގެ އަންހެނުންނެވެ. އެ ކުދިންގެ ހައްގުގައި އޭނާ ބުނެފައިވަނީ ނިޔާޒްގެ ކިބައިން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށެވެ.
އެހެންވެ، ހައި ކޯޓުން އިއްޔެ ވަނީ ނިޔާޒްގެ މަރުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ފަނޑިޔާރު ޝުއައިބުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލަބެ
27 October 2021
ކިތައްމީހުންތޯ މަރަށްމަރުގެ ހުކުމްތަންފީޒުކުރީ އާއިލާގެ އެއްމެން މަރަށްމަރުހިފަންބޭނުންވެގެން އެދުނީމަވެސް 5އިރުރަނގަޅަށް ކާންދީބޯންދީ އެއްވެސް މަސައްކަތަކާނުލާ އެތިއުޅެނީ ހުތިހާބުރައެއްރައްޔިތުންނަށް ކޮބާ ތަންފީޒީބާރު މިތާކުނުކުރެވޭނެ ހުކުމްތަންފީޒެއް އެކަންމިހާތުގަބޫލެއްނުކުރެވޭ އެހިސާބަށްގައުމުހާރުއޮޔާގޮސްފި ދެންކުރަނީކީއްކަންވެސްނޭގިފަ މިހުރީ....
ރަދީފްއޮފިޝިއަލް
27 October 2021
ސައްތައިން ސައްތަ މުސްލިމް މި ގައުމުގަ މަރުގެ އަދަބް ތަންފީޒު ނުކުރެވޭ.އެމެރިކާގެ އޮކްލޮހޮމާގެ، ''އޮކްލޮހޮމާ ސްޓޭޓް ޕެނިޓެންޝަރީީ''ން ތައްޔާރުވަމުން އެދަނީ މާދަމާގެ ވަގުތެއްގަ 05 މީހުންނަށް މަރުގެ އަދަބުދޭން.ޓެކްސަސްގަ 02 މީހުން ޕެންޑިންގަ.އެއީ މުސްލިމް ދައުލަތެއް ވެސް ނޫން.ނަމަވެސް އެމީހުން އެދަނީ އަހަރުމެންނަށް ވުރެ މޮޅަށް އެކަން ތަންފީޒުކުރަމުން.އިބްރަތް ހާސިލުކޮށް އަހަރުމެން އަހަރުމެންގެ ގޮތުގަ ތިބެންވީ ވަގުތު ނާންނަނީ ތޯ؟؟!! ވ.ވެދުން
ޗަރުކޭސްކުޑޭ
27 October 2021
ބަލަގަ މުސްލިމުންނަކީ ލާއިންސާނީ އަނިޔާވެރި ބައެއްނޫން. މީހުންމަރާ ލެޔައް ދަހިވެފަތިބި ބައެއްނޫން. މުސްލިމުންނަކީ ތުބުޅިލީ އަންހެނުންނަށް ޖެއްސުންކުރާ ހަރުކަށީ މީހުން އެކަންޏެއްނޫން. މީހުން ރިހެބިލިޓޭޓްކުރުވާ، ނުމަރާ. ދީނޭކިޔައިގެން އަނިޔާނުކުރޭ.
ރަދީފްއޮފިޝިއަލް
27 October 2021
@ޗަރުކޭސްކުޑޭ ، ފޮތުގެ އެއްބަޔަށް އީމާންވާ މީހުންގެ ތެރެއިން އަހަރެން ނުވަން.މިބުނީ ލައްކަ ވާހަކަ.
ވޯލް
27 October 2021
އެހެންވެއްޖެއްޔާ ކުޑަ ކުދިން ބޮޑު ވައްދެން އެމީހުންގެ ވާރުތަވި މުދަލުން ޚަރަދުވެސް ކޮށްގެން ނުވާނެތާ؟؟ އެހެން ވެއްޖެޔާ ދެން އެކުދިން ދިރިއުޅެނީ ކިހިނެތްބާ؟؟؟
ލަކުންދީނާ
27 October 2021
ބަލަގަ މީހުން ނުމެރިގެން އުޅޭވަރެއްދޯ. ވިސްނަބަލަ. ނުމަރާވެސް ކުށައް އަދަބުދެވިދާނެ. މިޒަމާނުގަ އެއްގޮތަކަށްވެސް މީހުންމަރާގެން ނުވާނެ. ކަންކަން އެބަބަދަލުވޭ ނުލާހިކު އަވަހަށް. ހޭލަބަލަ.
ރަދީފްއޮފިޝިއަލް
27 October 2021
@ލަކުންދީނާއަށް. މިސާލަކަށް މީހަކު ހަމަލަދީ ކަލޭގެ އާއިލާގެ މީހަކު (މަންމަ ، ބައްޕަ ، ދައްތަ ނުވަތަ ދަރިއެއް) މަރާލީޔޯ.މިސާލެއް އިނގޭ ތޯ.ގާތިލަށް ކޮންކަހަލަ އަދަބެއް ދޭން ކަލޭ އެދޭނީ؟؟!! ކަންމަތީގަ ޖޯލި އަޅައިގެން އެ ގާތިލު ތާސްކުޅެން ބައިންދަންތަ ކަލޭ އެދޭނީ.ނިކަން ކެރިގެން މިސުވާލަށް ޖަވާބު ދީބަލަ.ވ.ވެދުން
ގުއރޯނ
27 October 2021
ބޭކާރުކަމެއް. އިންސާފު ލަސްވުން ނޫންކަމެއް ނުވޭ
ސަކޫލަރޭ23
27 October 2021
ބަލަގަ އިންސާފަކީ މެރުންތަ؟ ހާދަ ނާތަހުޒީބު ލާއިންސާނީ ހިޔާލުގެ ބައެކޭދޯތީ! ދިވެއްސަކައްވީތީ ލަދުން ހަލާކު، ފޮތެއްކިޔާބަލަ.