ދުނިޔެ / މިސްރު

މިސްރުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ރައީސް އަބްދުލް ފައްތާހް އައްސީސީ

27 އޮކްޓޯބަރ 2021 - 13:53

މިސްރުގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވައިލެއްވިކަން، އެ ގައުމުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ މިދިޔަ ހޯމަ ދުވަހު އިއުލާން ކުރައްވައިފި އެވެ.

މިސްރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ، އެޕްރީލް 2017 ގައި، މިސްރުގެ ނަސާރާއިން ދެ ފައްޅިއަކަށް، އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން ދިން ބޮމުގެ ހަމަލާތަކަކާ ގުޅިގެންނެވެ. އެ ދެ ހާދިސާގައި 40 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަހަމަވި އެވެ. އާބާދީގައި 100 މިލިއަން މީހުން ދިރިއުޅޭ މިސްރުގައި، ނަސާރާއިންގެ ނިސްބަތަކީ 10 ޕަސެންޓެވެ.

"މިސްރުގެ މަތިވެރި ރައްޔިތުންނާއި ޤައުމަށް ވަފާތެރި ސިފައިންގެ ސަބަބުން، މިއަދު މިސްރު މިއޮތީ، މި ސަރަހައްދުގެ ރައްކާތެރިކަމާއި ހަމަޖެހުމުގެ މަންޒިލަކަށް ވެފައި. ޤައުމުގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުނުކޮށް، އެ ހާލަތު އުވައިލަން އަޅުގަނޑު ގަސްދުކުރީ އެ ސަބަބަށްޓަކައި،"މިސްރުގެ ރައީސް ސީސީ އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަ އިރު، ކޯޓު އަމުރެއް ނެތި ގޭގެއަށް ވަދެ ބަލައި ފާސްކުރުމާއި މީހުން ހައްޔަރުކުރުމުގެ ބާރު ސަލާމަތީ ހިދުމަތްތަކަށް ލިބެ އެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮންނަ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު އޮންނަނީ ހިފެހެއްޓިފަ އެވެ.

ހަނގުރާމަވެރި ޖަމާއަތްތައްކުން ދޭ ހަމަލާތައް ހުއްޓުވުމަށް، މިދިޔަ އަހަރުތަކުގައި މިސްރުގެ ސަލާމަތީ ބާރުތަކުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ހަމަލާތައް ދީފައިވަނީ، މިސްރުގެ އެންމެ އުތުރުގައި އޮންނަ ސައިނާގެ އުތުރު ސަރަހައްދުގަ އެވެ. ނަމަވެސް ބައެއް ފަހަރަށް މިސްރުގެ އެހެން ސަރަހައްދުތަކުގައި ވެސް އަސްކަރީ ހަމަލާތައް ދެ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މިސްރުގެ ޖަމިއްޔާތަކުން ބުނާ ގޮތުގައި މިސްރުގައި މުޒާހަރާކުރުން 2013 ވަނަ އަހަރުން ފެށިގެން މަނާކޮށްފައި އޮއްވާ، 2017 ވަނަ އަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން، އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ހުއްޓައިލަން ސަރުކާރަށް ވަރަށް ބޮޑަށް މަގު ފަހިވި އެވެ.

މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ފުރަތަމަ ރައީސް މުހައްމަދު މުރުސީގެ ވެރިކަން، ސީސީ އިސްވެ ހުންނަވައިގެން ސިފައިން ގެނައި އިންގިލާބެއްގައި ވައްޓައިލީ، 2013 ވަނަ އަހަރުގެ ތެރޭގަ އެވެ. އެއަށްފަހު، 2014 ވަނަ އަހަރުން ފެށިގެން މިސްރުގައި ވެރިކަން ކުރަމުން އަންނަނީ ސީސީ އެވެ. މިސްރުގެ ޖަލުތަކުގައި މިހާރު ވެސް ޝަރީއަތަކާ ނުލައި އެތައް ބަޔަކު ހައްޔަރުކޮށްފައި ތިބި ނަމަވެސް، ރައީސް ސީސީ ވިދާޅުވާ ގޮތުގައި އެ ގައުމުގައި ސިޔާސީ ގައިދީންނެއް ނުތިބޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454