އޭސީސީގެ ރައީސް ޝިއުނާ އާއި މެމްބަރުން މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަ ދައްކަވަނީ. ހިޔާ ފްލެޓުތަކުގެ އަގު ކަނޑައެޅި ގޮތުގެ ރިޕޯޓް އެ ކޮމިޝަނުން މިއަދު ވަނީ ދިރާސާކުރަން ފަށާފަ --ފޮޓޯ/މިހާރު
28 އޮކްޓޯބަރ 2021 - 15:13
ހިޔާ ފްލެޓްތަކުގެ އަގު ކަނޑެޅި ގޮތް ބެލުމަށް ފަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދިރާސާކުރަން ފަށައިފި އެވެ.
އޮޑިޓާ ޖެނަރަލްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެޗްޑީސީން އަގުތައް ކަނޑައަޅާފައި ވަނީ އެ ކުންފުނިން އެ މަަޝްރޫއަށް ނަގާފައިވާ ލޯނުތަކާއި އެއާ ގުޅުން ހުރި އެހެން ކަންތައްތަކަށް ރިއާޔަތް ކޮށްފައި ކަމަށާއި އެ އަށް ވުރެ އަގު ހެޔޮކޮށްފި ނަމަ، ކޮންމެ ޔުނިޓަކުން އެއް މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށެވެ.
އެކަމަކު ކުރީގެ ސަރުކާރުގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ފްލެޓްތައް މަހަކު 5،548ރ. އަށް ދޫކުރެވޭނެ ކަމަށް ހިސާބު ހަދާފައިވާ މާލޭ ސިޓީ ކައުންސިލްގެ ރިޕޯޓެއް ނެރެފަ އެވެ. މި އަގަށް ދޫނުކުރެވޭނެ ކަަމަށް ސަރުކާރުން ބުނެ އެވެ.
އެހެންކަމުން ދައުލަތަށް ގެއްލުންވާ ގޮތަށް ފްލެޓުތަކުގެ އަގު ކަނޑައެޅި މައްސަލަ ބަލާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި އެ ޕްރޮޖެކްޓުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ ޖިނާއީ ތަހުގީގެއް ހިންގުމަށް ގޮވާލައި މަޖިލީހަށްވެސް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "މިހާރު" އަށް ވިދާޅުވީ، ހިޔާ ފްލެޓުތަކުގެ އަގު ކަނޑައެޅިގޮތް ބަލައި އޮޑިޓާ ޖެނެރަލް އިން އެކުލަވާލި ރިޕޯޓު އެ ކޮމިޝަނުން މިހާރު ދިރާސާކުރަން ފަށާފައިވާ ކަމަށެވެ.
"[އޮޑިޓު ރިޕޯޓު] ދިރާސާކޮށްފައި ދެން އޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ފާހަގަވެއްޖެ ނަމަ އެކަމެއް ވަކިން ތަހުގީގުކުރަން ޑިސައިޑް ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން އަގު ކަނޑައަޅާފައިވާ ގޮތް ބަލަން އެޗްޑީސީން އެދިގެން ކުރި އޮޑިޓަކަށް ފަހު އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2018 ވަނަަ އަހަރު ކަނޑައަޅާފައިވާ ގޮތަށް ފްލެޓަކަށް މަހަކު 6،600ރ. ދައްކާ ގޮތަށް ހަމަޖައްސައިފި ނަމަ ކޮންމެ ޔުނިޓަކުން 1.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ގެއްލުންވާނެ އެވެ. މަހަކު އެ އަދަދަށް ފައިސާ ދައްކާ ގޮތަށް 25 އަހަރަށް ދޫކޮށްފި ނަމަ އެޗްޑީސީގެ ނެޓް ކޭޝްފްލޯގެ ގޮތުގައި ގާތްގަނޑަކަށް 9.2 ބިލިއަން ޑެފިސިޓް ވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައިވާ ގޮތުން ސަރުކާރުން މިހާރު ކަނޑައަޅާފައިވާ އަގު ކަމަށްވާ 8،500ރ. އަށް ދޫކުރުމުން ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138.6 މިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. އަދި މަހަކު 5،548ރ. އަށް ފްލެޓެއް ދޫކުރެވޭނެ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ޖަހާފައިވާ ހިސާބު ވެސް ގެއްލުން ވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓު ނެރުމާ އެކު ސަރުކާރުގެ ބައެއް އިސްވެރިން ވަނީ ކުރީގެ ސަރުކާރުން ފްލެޓުތަކުގެ އަގު ކުޑަކޮށް އިއުލާން ކުރީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް ތުހުމަތުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 October 2021
ހިޔާ ފްލެޓަކުން މިމީހުން ސަލާމަތަނުވެގެން މިއުޅެނީ 3 އަހަރުން އެެއްވެސްކަމެެއް ނުވީމަ. ބަދަރުތަކާއި ސްކޫލތަެއް އާސަންދަވެސް ދެނީ ދައުލަތުގެ ބަޖެޓުން. މިވެސް ގެއްލުންތޯ.
ނިޔާޒީ
29 October 2021
ނަމުން މިނިވަން ކަމުން ސިޔާސީ އިދާރާތަކެއް. ސިޔާސީ ރިޕޯރޓް ތަކެއް. އޮޑިޓަރ ޖެނެރަލް ވެސް އެކަން ސާބިތުކޮށްދީފި.
އިސްމީހާ
29 October 2021
އަޅެފަހެ އަގު ބޮޑުވީ މި ސަރުކާރުން 2 އަހަރު ވޭސްޓްކޮށް ދައުލަތުން ދައުލަތަށް %10 ގައި ރީފައިނޭންސް ކުރީމައެއްނު؟ ކޮބައިތޯ އޮޅުވާލުމަކީ؟
ޖުންޖުލައި
28 October 2021
މިއީ އަޖައިބެއްކަހަލަ ކޮމިސަނެއް
1828
28 October 2021
ޕްލޭން ކުރުމާއި ރިޕޯޓް ދިރާސާކުރުން މިސަރުކާރަށް އޮތީ. ރައްޔިތަކަަށް ލާބައެއް މަންފާއެއް ކުރާކަމެއް ނަމަ ނަމަ ނުކުރާތީ. އޭރުން ކޮންމެވެސް ނިކަމެތި ރައްޔިތަކު ހަމަޖެހިލައިގެން ދިރިއުޅެފާނެ.
މުން
28 October 2021
މިއީ ބޯހަމަ ޖެހޭ ބައެއްތޯ. މުޅ ދައުލަތް ދަވާލި މީހުން ދޫކޮއްލާފަ ކޮންހާ ބޭކާރު ވާހަކައެއް ދައްކާކަށް
ސިފޫން
28 October 2021
ނަތީޖާ އަންނާނީ އެއްގޮތަކަށް.ނަމުގައި މިނިވަން މުއައްސަސާ ކިޔަސް ރައީސް އައްޔަނުކުރި މީހުން ރައީސް ބުނެފައިވާގޮތައް ކަންކުރާނީ..މަގާމް ދިފާއުކުރެވޭނީ އޭރުން..
ދި އޮޑިޓް
28 October 2021
ތިޔަ އޮޑިޓް ރިޕޯރޓްއިން ބޮޑަށް ބުރަވެފައިވަނީ ބޮޑު ކުއްޔަކީ ރައްޔިތުން ދޭންޖެހޭ އެއްޗެއްކަމަށް ވިސްނައިދިނުން. ހަގީގަތުގައި ތި ރިޕޯރޓްގައި ހުރި ފިގަރ ތަކާމެދު އެތަކެއް ސުވާލެެއް އުފެދޭ.