ކުޅިވަރު / އާސެނަލް

ގާޑިއޯލާ ސިޓީއަށް ލީގުގައި އިރުޝާދުދިން 200 ވަނަ މެޗުން ބަލިވެއްޖެ

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ މިރޭގެ މެޗުގައި.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (އޮކްޓޯބަރު 30) - އިނގިރޭސި ޕްރިމިއާ ލީގުގައި ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީ އަށް އިރުޝާދު ދިން 200 ވަނަ މެޗުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް، އާސެނަލްގެ ކުރީގެ ތަރި ޕެޓްރިކް ވިއޭރާގެ އިރުޝާދުގެ ދަށުން ކުޅުނު ކްރިސްޓަލް ޕެލަސް މެޗު ކާމިޔާބުކުރީ 2-0 އިންނެވެ. ސިޓީ ވަނީ އެންމެ ފަހުން ލީގް ކަޕްގައި ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ.

ސިޓީގެ ދަނޑުގައި ޕެލަސްގެ ފުރަތަމަ ލަނޑު މެޗުގެ ހަ ވަނަ މިނިޓުގައި ޖެހީ ވިލްފްރެޑް ޒަހާ އެވެ. ދެވަނަަ ހާފުގައި ސިޓީގެ ގެބްރިއެލް ޖީސަސް ނަތީޖާ އެއްވަރުކުރަން ގޯލެއް ޖެހި ނަމަވެސް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ސިޓީގެ ލަޕޯޓް އަށް ރަތްކާޑު ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ޕެލަސް އަށް ލީޑު ފުޅާކޮށްދިނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވި ކޮނޯ ގަލޭގާ އެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެނިކޮށް ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ރަތް ކާޑު ދެއްކުމުން ސިޓީން ދެވަނަ ހާފު ކުޅުނީ 10 ކުޅުންތެރިންނާ އެކު އެވެ.

އެއްވަނައިގައި އޮތް ޗެލްސީ މިރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ހާފުގައި ޗެލްސީން ގޯލު ޖަހަން ކުރި މަސައްކަތް ނާކާމިޔާބު ވިޔަސް ދެވަނަ ހާފުގައި އެޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ.

ރީސް ޖޭމްސް ލަނޑު ޖެހުމުން ޗެލްސީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފުގައި ޗެލްސީއަށް ލަނޑުތައް ޖަހައިދިނީ ރީސް ޖޭމްސް އާއި މެޗުގައި ކެޕްޓަނެއްގެ ދައުރު އަދާކުރި ޖޯޖީނިއޯ އެވެ. ޖޭމްސް ދެ ލަނޑު ޖެހިއިރު ޖޯޖީނިއޯގެ ލަނޑަކީ ނިއުކާސަލްގެ ކީޕަރު ޗެލްސީގެ ކައި ހަވަޓްޒް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ.

ބްރައިޓަން ވަނީ މިރޭ އެންފީލްޑުގައި ކުޅުނު މެޗުގައި ފަހަތުން އަރައި ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައި، ޕޮއިންޓެއް ހޯދައިފަ އެވެ. މި ދެޓީމު ބައްދަލުކުރި މެޗް އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފުރަތަމަ 24 މިނިޓުތެރޭ ކެޕްޓަން ޖޯޑަން ހެންޑަސަން އާއި ސަޑިއޯ މާނޭގެ ދެ ލަނޑުން ލިވަޕޫލް ކުރި ހޯދާފައި ވަނިކޮށް ބްރައިޓަން އަށް ފަރަގު ކުޑަކޮށްދިނީ 41 ވަނަ މިނިޓުގައި އީނޮކް އެމްވެޕޫ އެވެ. އަދި ބްރައިޓަން އަށް އެއްވަރު ކޮށްދިނީ 65 ވަނަ މިނިޓުގައި ލިއެނާޑޯ ޓްރޮސާޑެވެ.

ބްރައިޓަންގެ ޓްރޮސާޑް ލިވަޕޫލާ އެއްވަރުކުރި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އަމިއްލަ ދަނޑުގައި، އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑާ ވާދަކޮށް މިރޭ ބާންލީން ވަނީ ލީގުގައި އެޓީމ އަލަށް މޮޅުވެފަ އެވެ. ބާންލީން ބްރެންޓްފޯޑުގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. ބާންލީން ޖެހި ތިން ލަނޑުވެސް ޖަހާފައި ވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ބްރެންޓްފޯޑުން ސުން ކަނޑުވައިލީ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށެވެ.

ލީގުގައި މިރޭ ވަޓްފޯޑާއި ސައުތެމްޓަން ބައްދަލުކުރި މެޗް 1-0 އިން ކާމިޔާބުކުރީ ސައުތެމްޓަން އެވެ.

މިއަދު ހަވީރު އާސެނަލް ވަނީ ލެސްޓާ ސިޓީއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްފަ އެވެ. ލެސްޓާގެ ދަނޑުގައި ކުޅުނު މިމެޗުގައި އާސެނަލްގެ ދެ ލަނޑު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. ބުޔަކޯ ސަކާ ނެގި ކޯނަރަކުން މެޗުގެ ފަސްވަނަ މިނިޓުގައި ޑިފެންޑަރު ގެބްރިއެލް އާސެނަލްގެ ފުރަތަމަ ލަނޑު ޖެހިއިރު، 18 ވަނަ މިނިޓުގައި ދެވަނަ ލަނޑު ޖެހީ އެމީލް ސްމިތު ރޯ އެވެ.

އާސެނަލްގެ ސްމިތު ރޯ މިއަދު ލެސްޓާ ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ދެވަނަ ހާފުގައި ލެސްޓާގެ ހާވީ ބާންސް ކުޅެން އެރުވުމުން އެ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ހުރަހަކަށް ވީ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އެވެ. ރަމްސްޑޭލް ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ލެސްޓާގެ ޖޭމްސް މެޑިސަން ހިލޭ ޖެހުމަކުން ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައެއް ދިފާއުކޮށްފަ އެވެ.

މި ނަތީޖާތަކާ އެކު ޗެލްސީން އަށް ވަނީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. ވިހި ޕޮއިންޓާ އެކު ސިޓީ ތިން ވަނައިގައި އޮތްއިރު، 10 ވަނައިގައި އޮތް އާސެނަލް ވަނީ މިއަދުގެ މޮޅާ އެކު ފަސް ވަނައަށް ޖެހިލައިފަ އެވެ. ނަމަވެސް މިރޭ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅޭ މެޗަށް ފަހު އާސެންލްގެ މަގާމަށް ބަދަލު އައުން ގާތެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454