އޮކްޓޫބަރ 30، 2021: އިޓަލީގެ ވެރިރަށް ރޯމްގައި ކުރިއަށްދާ ޖީ20ގެ މަހާސިންތާގެ ހަވާސާގައި (ކ-ވ) އެމެރިކާގެ ރައީސް ޖޯ ބައިޑެން، ޖަރުމަންގެ މުސްތަޝާރު އެންޖެލާ މާކެލް، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އަދި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ބައްދަލުކުރައްވަނީ. --އޭއެފްޕީ
31 އޮކްޓޯބަރ 2021 - 12:05
އީރާނަށް މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން އަވަހަށް ހިފައި، 2015 ވަނަ އަހަރު ސޮއިކޮށްފައިވާ ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމަށް، ހުޅަނގުގެ އެންމެ ބޮޑު ހަތަރު ގައުމުގެ ވެރިން ގޮވާލައްވައިފި އެވެ.
އީރާނަށް މިކަމަށް ގޮވައިލީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ފަރަންސޭސި ވިލާތުގެ ރައީސް އިމަނުއެލް މެކްރޯން އާއި ޖަރުމަނު ވިލާތުގެ މުސްތަޝާރު އެންޖެލާ މާކެލް އެވެ. އެބޭފުޅުން އީރާނަށް މިކަމަށް ގޮވައިލެއްވީ، އިޓަލީގެ ވެރިރަށް ރޯމްގައި އިއްޔެ ފެށި، އިޤްތިޞާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމުގެ (ޖީ20) ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބައްދަލުކުރެއްވުމަށް ފަހު އެވެ.
މި ހަތަރު ބޭފުޅުންގެ މެދުގައި ވަކިން ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާ ކުރެއްވުމަށް ފަހު، އެ ހަތަރު ބޭފުޅުންގެ ފަރާތުން، އީރާންގެ ރައީސް އިބްރާހީމް ރައީސީ އަށް ގޮވައިލެއްވީ، އިތުރަށް މަސްރަހު ގޯސްވިޔަ ނުދިނުމަށްޓަކައި، މިހާރު ލިބިފައިވާ ފުރުސަތުގެ ބޭނުން ހިފުމަށެވެ.
އީރާނުން ނިއުކްލިއާ މުއާހަދާ އަށް އަމަލުކުރަން ފެށުމަށް، އެމެރިކާ އިސްވެ އޮވެ، މި ހަތަރު ގައުމުން ގޮވައިލި އިރު، އެ މުއާހަދާ އަށް އަމަލުކުރުން ހުއްޓުނީ ވެސް އެމެރިކާގެ ސަބަބުންނެވެ. އެއީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު އެމެރިކާ ވެސް ބައިވެރިވެގެން ސޮއިކޮށް އަމަލުކުރަމުން އަންނަނިކޮށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގައި، 2018 ވަނަ އަހަރު އެމެރިކާ އެ މުއާހަދާ އިން ވަކިވުމުންނެވެ.
އެމެރިކާ އެ މުއާހަދާ އިން ވަކިވެ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން، އީރާނުން ވެސް އެމުއާހަދާ އެއްފަރާތް ކުރުމަށް ފަހު، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި އެވެ. އަދި، އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ)ގެ އިންސްޕެކްޓަރުން، އީރާންގެ ނިއުކްލިއާ ކާރުހާނާތަކަށް ވަނުމާއި ބަލައި ފާސްކުރުން މަނާ ކުރި އެވެ.
އީރާންގައި ހިންގާ ނިއުކްލިއާ އިންޖީނުގެއެއް
އެމެރިކާ އިން އަލުން އެ މުއާހަދާގައި ބައިވެރިވާން ނިންމީ، މިހާރުގެ ރައީސް ޖޯ ބައިޑެން މިއަހަރުގެ ޖެނުއަރީގައި އެމެރިކާގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެވެ. އެމެރިކާގެ އެ ނިންމުމާ ގުޅިގެން، އެ މުއާހަދާގައި އެމެރިކާ އަލުން ބައިވެރިވުމާއި، އެ މުއާހަދާ އަށް އަލުން އަމަލުކުރަން ފެށުމާ ގުޅޭ ގޮތުން، އޮސްޓްރިއާގެ ވިއެނާގައި، ވިލާތުގެ ގައުމުތަކުން އިސްނަގައިގެން، މިއަހަރުގެ ކުރީކޮޅު ބައްދަލުވުންތަކެއް ފެށި އެވެ.
ނަމަވެސް، މިދިޔަ ޖުލައި މަހުގެ ތެރޭގައި އީރާނުގައި ބޭއްވި ރިއާސީ އިންތިހާބަށް ފަހު، އެ ގައުމުގެ ވެރިކަން ބަދަލުވާން ކައިރިވުމާއެކު، އާ ވެރިކަން ފެށުމަށް ފަހުގައި ނޫނީ އެ މަޝްވަރާތައް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ބުނެ، އީރާނުން މަޝްވަރާތައް މެދުކަނޑައިލި އެވެ. އޭގެ ފަހުން އަދި އެ މަޝްވަރާތައް އަލުން ފެށޭ ގޮތެއް ނުވެ އެވެ.
ހަތަރު ގައުމުގެ ވެރިން ވިދާޅުވި ގޮތުގައި، އީރާނުން ނިއުކްލިއާ ހަތިޔާރު ނުއުފައްދާނެކަން ކަށަވަރުކުރުމަށްޓަކައި، ނިއުކްލިއާ މުއާހަދާއާ އެއްގޮތަށް އީރާނުން އަމަލުކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ހަތަރު ގައުމުގެ ވެރިންގެ ފަރާތުން އިއްޔެ ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އީރާނުން ނިއުކްލިއާ މުއާހަދާ އަށް ފުރިހަމައަށް އަމަލުކުރަން ފަށައިފި ނަމަ، އަލުން އެ މުއާހަދާގައި ބައިވެރިވާން ތައްޔާރަށް އޮތްކަން އެމެރިކާއިން އިއުލާންކޮށްފައިވުމަކީ، އެ ގައުމުތަކުން މަރުހަބާ ކިޔާ ކަމެކެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުން އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ވާހަކަތައް އަލުން ފެށުމާ ގުޅޭ ގޮތުން މިހާރު އުފެދިފައި ހުރި ދެބަސްވުންތައް ހައްލުކުރާނެ ގޮތަކާ މެދު، ވަރަށް އަވަހަށް އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމަށް އުންމީދުކުރެވެ އެވެ. އަދި އީރާންގެ ނިއުކްލިއާ މަޝްރޫއަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށް ގެންދާ މަޝްރޫއެއްކަން ކަށަވަރުކުރުމަށްޓަކައި، ވީއެންމެ އަވަހަކަށް އީރާނުން އެ މުއާހަދާ އަށް އަމަލުކުރުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ހަތަރު ޤައުމުގެ ވެރިންގެ ބަޔާނުގައި ބުނެފައިވާ ގޮތުން، މީގެ ހަތަރު މަސް ކުރިން އީރާނުން މަޝްވަރާތައް މެދުކަނޑައިލުމަށް ފަހު، ޔޫރޭނިއަމް ފައްކާކުރުމުގެ މަސައްކަތް އީރާނުން ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފަ އެވެ. އަދި މިއީ، އީރާނުން ބުނާ ފަދައިން، ކަރަންޓު އުފެއްދުމުގެ ބޭނުމުގައި ނިއުކްލިއާ ރިއެކްޓަރެއް ހިންގުމަށްޓަކައި ކުރަންޖެހޭ ކަމެއް ނޫން ކަމަށް އެ ގައުމުތަކުން ބުނެ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ދާދި ފަހުން ވިދާޅުވެފައިވަނީ، އީރާންގެ ނިއުކްލިއާ މަޝްރޫއާ ގުޅޭ ގޮތުން ޑިޕްލޮމެޓިކް ދާއިރާ އިން މިހާރު ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ހާލަތެއްގައި، އީރާނާ އެކުގައި މުއާމަލާތު ކުރާނެ އެހެން ގޮތަކާ މެދު އެމެރިކާ އިން އަންނަނީ ވިސްނަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަސްރު ގެ މާނައަކީ ކޮބާ؟
31 October 2021
ލަދުވެތި ދެއްތޯ؟ އެންމެ ކުރިއަރާފާ ވާގައުމު ތަކޭ ބުނާއިރު، ކޮބާހޭ މި އުންމަތުގެ ގައުމުތައް؟ ވިސްނާލުން ރަގަޅުވާނެ! އޮޅުވާލުންގަޑެއްހެން ހީވާން ފަށައިފި!