ޚަބަރު / ޑރ. މުހައްމަދު ޝިފާން

ޑރ. ޝިފާން އާ އެކު އުރަމަތީގެ ކެންސަރުގެ މުހިއްމު ވާހަކަތަކެއް

ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އުރަމަތީގެ ކެންސަރުގެ ބަލި މީހުންގެ އަދަދު ދަނީ ގިނަވަމުން. މިއީ އަޅާނުލައި ދޫކޮށްލައިގެން ތިބެވޭ ވަރުގެ ކަމެއް ނޫން.

އުރަމަތީގެ ކެންސަރުގެ ހާލަތާ ގުޅޭގޮތުން، ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި އޮންކޯސާޖަން، ޑރ. މުހައްމަދު ޝިފާން ފާޅުކުރެއްވީ ކަންބޮޑުވުމެވެ. ދުނިޔޭގައި ކޮންމެ އަށް އަންހެނުންގެ ތެރެއިން އެކަކަކީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހަކަށް ވާއިރު، ރާއްޖޭގައި ވެސް ފާއިތުވި ތިން އަހަރުގެ ނަމްބަރުތަކުން ފެންނަނީ ބަލީގެ ހާލަތު ގޯސްވެ، ފަރުވާ ހޯދާ މީހުން އިތުރުވަމުންދާ ތަނެވެ.

އެހެންވެ، އުރަމަތީގެ ކެންސަރުގެ އަލާމާތްތައް ވީހާ ވެސް އަވަހަކަށް ދެނެގަނެ، އެ ބަލިން ރައްކާތެރިވެވޭނެ ގޮތަށް ދިރިއުޅުން ބައްޓަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭރުން މާ ގިނަ ފަރުވާ ނުހޯދައި، ބަލި އެއްކޮށް ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެކަންކަމަށް އަންހެނުން ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ޝިފާން ވިދާޅުވި އެވެ.

މަދުން ނަމަވެސް ފިރިހެނުންނަށް ވެސް އުރަމަތީގެ ކެންސަރު ޖެހެ އެވެ. ދިރާސާތަކުން ދައްކާގޮތުން، ކޮންމެ 100 ފިރިހެނުންގެ ތެރެއިން އެކަކަކީ އުރަމަތީގެ ކެންސަރު ޖެހިފައިވާ މީހެކެވެ.

ބަލީގެ ނުރައްކާ އޮތް މީހުން

އުރަމަތީ ކެންސަރުގެ ރިސްކު ބެހެނީ ދެެ ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އަމިއްލަ އިހުތިޔާރު ނެތް ކަންކަމާއި އެ ބަލި ޖެހުމަށް އަމިއްލަ އިހުތިޔާރު އޮތް ކަންކަމެވެ.

އިހުތިޔާރު ނެތް ކަންކަމުގެ ތެރޭގައި މީހާގެ ޖިންސާއި އުމުރުން ދުވަސްވުމާއި ބަލި ވާރުތަވުން ހިމެނެ އެވެ.

އުރަމަތީގެ ކެންސަރުގެ ފުރުސަތު ބޮޑު އަނެއް ކަމަކީ، ޑޮކްޓަރު ވިދާޅުވި ގޮތުގައި، ޅައިރު މައްސަރު ކަންތައް ފެށުމާއި އުމުރުން 30 އަހަރު ފަހުން ފުރަތަމަ ދަރިފުޅު ލިބުމާއި އެއްވެސް ގޮތަކުން ދަރިން ނުލިބުން އަދި އުމުރުން 55 އަހަރަށް ފަހު އިއްދައިން ކެނޑުމެވެ.

އަމިއްލައަށް އުރަމަތީގެ ސްކްރީނިން ހަދާނެގޮތް.

ކުޑައިރު މޭ މައްޗަށް ރޭޑިއޭޝަން ދިނުމާއި ދަރިފުޅަށް ގާތުން ނުދިނުމަކީ ވެސް އުރަމަތީ ކެންސަރަށް މަގުފަހިވާ ކަމެކެވެ.

އޭނާ ވިދާޅުވީ އީސްޓަން ޔޫރަޕިއަން ސަރަހައްދުގެ މީހުންނަކީ ދުނިޔޭގައި އެންމެ ގިނައިން އުރަމަތީގެ ކެންސަރު ޖެހޭ މީހުންނެވެ. އޭގެ ސަބަބަކީ ޖީންގައި ހުންނަ މައްސަލައަކުން ދިމާވާ އެކި ކަންކަމާ ހެދި އެވެ.

އުރަމަތީގެ ކެންސަރުގެ އާއްމު އަލާމާތްތައް

- އުރަމަތީގައި ތަދު ނުވާ ގަނޑެއް ލާފައި ހުރުން

- އުރަމަތީގެ ހަންގަނޑަށް ބަދަލު އައުން

- ވަށްގަނޑުން ލޭ އައުން

- ކިހިލިފަތް ނުވަތަ ކަރުން މަތީގެ ހިސާބެއްގައި ގޮށެއް އިނުން

ޝިފާން ވިދާޅުވީ ކޮންމެ އަންހެނަކު ވެސް 20 އަހަރު ވުމަށްފަހު، 40 އަހަރު ވަންދެން ކޮންމެ މަހަކު އެއް ފަހަރު އުރަމަތި އަމިއްލަ އަށް ޗެކްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އުރަމަތީގައި ގަނޑުލާ ކޮންމެ ފަހަރަކީ އުރަމަތީގެ ކެންސަރެއް ނޫން. އެކަަމަކު އުރަމަތީގައި ގަނޑެއް ލައިފި ނަމަ ޑޮކްޓަރަށް ދައްކައި ޗެކްކޮށްލަން ވާނެ މާ ލަސްނުވަނީސް. ތަދު ވަންދެން މަޑުނުކުރައްވާށޭ. ތަދުވުމަކީ ވަރަށް ފަހުގެ އަލާމާތެއް. އެއީ މަޑުކުރަންޖެހޭ ކަމެއް ނޫން. އުރަމަތީގެ ކެންސަރަކީ ބަލީގެ ކުރީކޮޅު ފެނިއްޖެއްޔާ އެއްކޮށް ޝިފާ ލިބޭ ކަމެއް. ހޯދަންޖެހޭ ފަރުވާއަކީ ވެސް ތަންކޮޅެއް ލުއި ފަރުވާއެއް ތަންކޮޅެއް ކުރިން ފެނިއްޖެއްޔާ. ސްކްރީން ކުރުން މުހިއްމު،" ތަޖުރިބާކާރު ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު އޮތީ ކިހިނެއް؟

އައިޖީއެމްއެޗުގައި މި ވަގުތު ކެންސަރަށް ފަރުވާ ހޯދާ މީހުންގެ 60 ޕަސެންޓު ހިއްސާކުރަނީ އުރަމަތީގެ ކެންސަރުގެ ބަލި މީހުންނެވެ. އެ ހޮސްޕިޓަލުން މި ވަގުތު ވެސް 37 މީހުން އަންނަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ޝިފާން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރާ ހަމައަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރުގެ 102 އޮޕަރޭޝަން ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 85 ޕަސެންޓަކީ 30-50 އަހަރާ ދެމެދުގެ މީހުންނެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި ތިން ފިރިހެނަކަށް އުރަމަތީގެ ކެންސަރު ޖެހިގެން އޮޕަރޭޝަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ 60-70 އަހަރާ ދެމެދުގެ ތިން މީހުންނެވެ.

އުރަމަތީގެ ކެންސަރު ޖެހިގެން 2018 ވަނަ އަހަރު 30 މީހެއްގެ އޮޕަރޭޝަން ކުރިއިރު ޖެހިގެން އައި 2019 އަހަރު 34 މީހެއް އަދި މިދިޔަ އަހަރު 38 މީހެއްގެ އުރަމަތީގެ ކެންސަރު އޮޕަރޭޝަން ކޮށްފައިވެ އެވެ.

"އޭގެ ތެރެއިން ގިނަ މީހުންނަކީ ސްޓޭޖު 2-3 އިން ބަލި ދެނެގަނެ އޮޕަރޭޝަން ކުރި މީހުން،" ޝިފާން ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ވެބްސައިޓުގައި 2004 ވަނަ އަހަރު ޝާއިއުކޮށްފައިވާ ލިޔުމުގައިވާ ގޮތުން، އިންސާނުންނަށް ކެންސަރު ޖައްސައިދޭ އެއްޗެހީގެ ލިސްޓުގެ އެންމެ ކުރީގައި ހުންނަ އެއްޗަކީ ދުފަން ގެންގުޅޭ ފޯކެވެ. ދުންފަތުގެ އިސްތިއުމާލުކުރުމާއި ޕްރޮސެސްކޮށްފައި ހުންނަ އެއްޗެހި މަދުން ކެއުމަކީ ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް، ޝިފާން ވިދާޅުވި އެވެ.

އެ ކަންކަމަކީ އުރަމަތީގެ ކެންސަރުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިއްމު ކަންކަމެވެ.

2 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 55%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 45%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޔާ87

07 November 2021

ވަރަށް ހިތްހެޔޮ މޮޅު ބޭފުޅެއް ޝުކުރިއްޔާ ޑރ ޝިފާން

The name is already taken The name is available. Register?

ރާފިޔާ

02 November 2021

ވަރަށް ރަނގަޅު މައުލޫމާތު ކޮޅެއް، ވަރަށް ހިތްތިރި މީހުންނަށް ރަނގަޅު ބޭފުޅެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454