ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، އަންނަ މަހު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކީ ލާމަސީލު އަދި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ކާމިޔާބު ކޮންގްރެސްއަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ ޕާޓީގެ ކޮންގްރެސް އޮންނާނީ އަންނަ މަހުގެ 15 އިން 18 އަށެވެ.
އއ. އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީ ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ފެންނާނީ މެމްބަރުންގެ އުޅުމާއި ގުޅުންތަކާއި ޕާޓީން ކަންކަން ކުރާ ގޮތުގެ ރީތިކަމެވެ. އަދި އަހުލާގީ ގޮތުން ވެސް ފުރިހަމަ ކޮންގްރެސްއަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކުރިއަށް އޮތް ކޮންގްރެސްއަކީ އިރާދަކުރެއްވިއްޔާ ލާމަސީލު ވަރަށް ވެސް ފުރިހަމަ. ފުރިހަމައޭ މި ދަންނަވަނީ އަޅުގަނޑުމެންގެ އުޅުންތަކާއި އަޅުގަނޑުމެންގެ ގުޅުންތައް އަޅުގަނޑުމެން ކަންކަން ކުރާ ގޮތް، ވަރަށް ވެސް ރީތި، ވަރަށް ވެސް އަހުލާގީ ގޮތުން ފުރިހަމަ ވަރަށް ވެސް ކާމިޔާބު ކޮންގްރެސްއަކަށް އިރާދަކުރެއްވިއްޔާ ވާނެ،" އުކުޅަހުގައި އިއްޔެ ހެނދުނު ބޭއްވި މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް ފަހު ރޭ ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޑިމޮކްރެޓިކް ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ އެ ކޮންގްރެސް ވެގެންދާނީ ވަރަށް ތަރުތީބު ކޮންގްރެސް އަކަށް ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، ކޮންގްރެސްގައި ކުރިއަށް ގެންދާ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ވެގެންދާނީ ހުރިހާ ރައްޔިތުންނަށް ވެސް ރީތި މިސާލެއް ލިބޭނެ ކަންކަމަށެވެ.
"ހުރިހާ ރަށަކުން އަޅުގަނޑުމެންގެ މަންދޫބުން ވަޑައިގަންނަވާނެ. މި ރަށުން ވެސް. އަޅުގަނޑުމެންގެ މި ޑިމޮކްރެޓިކް ޕްރޮސެސް ތެރެއިން ގެންދާ ހުރިހާ ކަމެއް ވަރަށް ތަރުތީބު. އަޅުގަނޑުމެންގެ މަޝްވަރާތަކާއި އަދި އަޅުގަނޑުމެން ނިންމާ ނިންމުންތަކާ ހުރިހާ ކަމެއް ހުރިހާ ރައްޔިތުންނަށް ހަމަ ވަރަށް ރީތި މިސާލެއް ލިބޭ ގޮތަށް،"
ރައީސް ވިދާޅުވީ އެ ކޮންގްރެސްއަކީ ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން މިހާތަނަށް ބޭއްވޭ އެންމެ ކާމިޔާބު ކޮންގްރެސްއަށް ހެއްދެވުމަކީ ކުރައްވާ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
އެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީއެންސީގެ އިންތިހާބުތަކާއި އެ ޕާޓީގެ ނިންމުންތައް ނިންމާނީ އެހެން ބަޔަކު ބޭނުންވާ ގޮތަކަށް ނޫން ކަމަށާއި އެކަން ކުރާނީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އަންނަ މަހުގެ 15-18 އަށް ބާއްވާ ކޮންގްރެސްގައި އަތް އުފުލައިގެން ވޯޓުލާން އެ ޕާޓީގެ ވަކި ކޮމިޓީއަކުން ފާސްކުރި ކަމަށް ބުނެ އަމާޒުވި ފާޑުކިޔުމަށް ރައްދުދީ އެ ޕާޓިން ނެރުނު ބަޔާނުގައި ވެސް ވަނީ އަތް އުފުލައިގެން ވޯޓުލުމަކީ ޕީއެންސީގެ އަސާސީ ގަވާއިދުގައި ކުރިއްސުރެ ހިމަނާފައިވާ އުސޫލެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ.
މިފަހަރުގެ ޕީއެންސީގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވާނެކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދުދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވަނީ އިއުލާނުކުރައްވައިފަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސުންގެ ގޮތުގައި އިންތިހާބު ކުރަންޖެހެނީ ހަ ބޭފުޅުންނެވެ. އެ ހަ ބޭފުޅުންގެ އިތުރުން ޕީއެންސީ ވެރިކަމުގައި އޮންނަ ދުވަސްވަރެއް ނަމަ އެ ވަގުތު ގައުމުގެ ނައިބު ރައީސް ވެސް އޮޓަމެޓިކުން އެ ޕާޓީގެ ނައިބު ރައީސަކަށް ވާނެ އެވެ. އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކީ ވެސް އެ ޕާޓީގެ ނައިބު ރައީސްގެ ގޮނޑި އަށް އޮޓަމެޓިކުން ހޮވޭ ބޭފުޅެކެވެ.