ފަނާކުރަނިވި ފިކުރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވާ ފިކުރާއި ފަނާކުރަނިވި ފިކުރާއި އެ މަނިކުފާނުގެ "ގައުމީ" ފިކުރާ ދެމެދު ހުރި ތަފާތުތަކާ ބެހޭ ގޮތުން ކުރިން ނުދައްކަވާހާ ތަފްސީލުކޮށް ރޭ ވާހަަކަފުޅު ދައްކަވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން އެ ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ޕީއެންސީ އުފެދިގެން މިއަދާ ހަމައަށް އައިއިރު، ޕީއެންސީއަކީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ހޯދާފައިވާ ޕާޓީ ކަމަށާއި ރައްޔިތުން އެންމެ އިތުބާރު ކުރާ ޕާޓީއަކީ ވެސް އެއީ ކަމަށެވެ. އެ ޕާޓީގެ ފިކުރަކީ އިސްލާމްދީން އިސްކޮށް، ގައުމު ކުރިއަށް ނެރޭ ފިކުރު ކަމަށާއި މި ސަރުކާރު ކުރިއަށް ދާނީ އެ ފިކުރުގެ މަތީގައި ކަމަށް ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ސަރުކާރު ކުރިއަށް ދަނީ އަދި ކުރިއަށް ދާނީ ވެސް މި ފިކުރުމުގެ މަތީގައި، މާތްވެގެންވާ އިސްލާމްދީން މަތިވެރިކޮށް، އެ ދީނަށް ނަސްރު ދިނުމުގެ ވަރުގަދަ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރުމާ އެކު މި ގައުމުގައި ހަމަޖެހުން ގާއިމްކޮށް، ތަރައްގީ ހާސިލުކޮށްދީ ހުރިހާ ސިފަތަކެއްގައި، ހުރިހާ މާނައެއްގައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގައި މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ކުރި މަސައްކަތަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެއީ އެވެ. އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ވެސް ކުރިން ކަންތައްތައް ދިޔަ ކަމަށާއި އެއީ މާ ދުރުނޫން މާޒީއެއްގައި ހިނގި ކަންތައްތަކެއް ކަމަށެވެ. އެ އަށް ފަހު، ކުރީގެ އެކި ރައީސުންގެ ދުވަސްވަރު ގެންގުޅުނު އެކި ސިޔާސަތުތަކަށް ވަރަށް އެމަނިކުފާނު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
"މީގެ ކުރީގައި ވަކި ގައުމެއް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާ ގޮތަށް އޮތީ. މިއީ ހަގީގަތް. ބޭނުންވީމާ ގައުމުތަކާ ސިޔާސީ ގުޅުން ވެސް ކަނޑާލަނީ އިންޓަނޭޝަނަލް ޖަމާއަތްތަކުން ވަކި ވެސް ވަނީ. މިގޮތަށް މީގެ ކުރީގައި މިދިޔަ ދެތިން ސަރުކާރެއްގައި ކަންތައް ހިނގާފައި އޮތީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު އެ ވިދާޅުވި ގޮތަށް ބައެއް ގައުމުތަކާ ގުޅުން ކަނޑާލައި ބައެއް ޖަމާއަތްތަކުން ވަކިވީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރުގައި ގަތަރާއި އީރާނާ އޮތް ސިޔާސީ ގުޅުހން ރާއްޖެ އިން ކަނޑާލި އެވެ. އަދި ކޮމަންވެލްތުން ރާއްޖެ ވަކިވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އޭގެ ބަދަލުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު ކަނޑައަޅަނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައިގެންނެވެ. އެހެންވީމާ އިޒްރޭލު ފިޔަވާ ރާއްޖެއާ ރުޅި ގައުމެއް ނޯންނާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެއަށް ފަހު އެ މަނިކުފާނު ފާޑުވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި އެކި ސިޔާސަތުތަކަށެވެ.
"ހަމަ އެކަނި އަޅުގަނޑުމެން އިސްތިސްނާކޮށްފައި އޮންނާނީ އިޒްރޭލު. އެހެންނެއް ނޫނެއްނުތޯ ކުރީގައި [ކަންތައް ވީ] ކުރީގައި އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި ވާނެ މާދުރު ނޫން މާޒީގައި އިޒްރޭލާ ވަރަށް ބޮޑަށް ގާތްވެގެން ދިޔަތަން،" ރައީސް ވިދާޅުވި އެވެ.
އެކަން ހުއްޓުވަން ޖެހުނީ ރައްޔިތުން ނުކުމެގެން ކަަމަށާއި އެއީ ފަނާކުރަނިވި ފިކުރުގައި ކަން ހިނގި ގޮތް ކަމަށް ވެްސް އެ މަނިކުފާނު ވިދާޅުވި އެވެ. އެއީ ރައީސް ސިފަކުރެއްވި ގޮތުގައި ފަނާކުރަނިވި ފިކުރެވެ.
ނަޝީދުގެ ނަން ވިދާޅުނުވެ ރައީސް މުއިއްޒު ފާޑުކިއުންތައް އާޒުކުރައްވަމުން ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ފެނުނީ ދީނާ ދުރު ސިޔާސަތެއް ކަމަށެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ސިޔާސަތަކަށް ވެފައި އޮތީ އޯލްޓަނޭޓިވް ނެރޭޓިވް ހޯދުުމުގެ ސިޔާސަތު، ދީނީ އިލްމުވެރިން ދައްކާ ވާހަކަ ނޫން ގޮތެއް ހޯދުމުގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.