ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ، ހުދުކޫޑި ކޮންޓްރޯލްކުރާ ބޭސް ލާން ފަށައިފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރުއްތަކުގައި ހުދުކޫޑި އަޅާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކޮށްދިނުމަށް ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ "މޯލްޑިވްސް ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލުކުރުމަށް ގެނެސްފައިވާ ޔޭޖިއާޗިންގް (އެސެޓަމިޕްރިޑް + މޮނޯސަލްޓެޕް) ޕެސްޓިސައިޑު ޕެކެޓް ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކޮށްފައިވާ ކަމަށެވެ.
އެ ތަޖުރިބާތަކުގެ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލްކުރުމަށް ހުރިހާ ކައުންސިލުތަކަށް ޕެސްޓިސައިޑް ހަވާލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބިނާކޮށް ކޮންމެ ކައުންސިލަކަށް ވެސް ޕެސްޓިސައިޑް ޕެކެޓް ހަވާލުކުރަން ވަނީ ނިންމައިފަ އެވެ.
އެ ޕްރޮގްރާމުގެ ދަށުން ޕެސްޓިސައިޑް ފުރަތަމަ ހަވާލުކޮށްފައި ވަނީ ހއ. ބާރަށު ކައުންސިލާ އެވެ. އެ ރަށުގައި ވަނީ ރުއްތަކަށް ޕެސްޓިސައިޑް ލުމުގެ ޕްރޮގްރާމެއް ހިންގައިފަ އެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގެ ދަށުން ހއ. އާއި ހދ. އަދި ށ. އަތޮޅުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ޕެސްޓިސައިޑް ހަވާލުކުރުމުގެ ސިޓީތައް ކައުންސިލުތަކަށް ފޮނުވާފައިވާ ކަމަށާއި ޕެސްޓިސައިޑް ދޫކުރާނީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުން ކަމަށެވެ. އެ ނޫން އަތޮޅުތަކުން އެ ތަކެއްޗާ ހަވާލުވާންޖެހެނީ މާލެއިންނެވެ.
މިނިސްޓްރީން ބުނީ ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ހައްލުކޮށްދިނުމަށް ލ. ކަލައިދޫ އާއި ގދ. ފިޔޯރީ އަދި އައްޑޫ މީދޫން މިނިސްޓްރީގައި އެދިފައިވާއިރު އެ ރަށްރަށަށް ވެސް ޕެސްޓިސައިޑު ހަވާލުކުރުމުގެ ސިޓީތައް ފޮނުވާފައިވާ ކަމަށެވެ. އަދި އިތުރު އަތޮޅުތަކަށް ޕެސްޓިސައިޑު ހަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުންޏެެވެ.