ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގައި ސަރުކާރަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް ބަދަލުތައް ގެންނަވަން ފައްޓަވާފައިވާ މި ދަނޑިވަޅުގައި ފެނަކައިގެ ޑީއެމްޑީ އާރިފު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވިއިރު، އެ ކުންފުނީގެ އެހެން އިސް ދެވެރިއަކު ވަނީ މިއަދު މަގާމުތަކުން ވަކިކޮށްފަ އެވެ. އެއީ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ޖިހާދާއި ޗީފް ރިސޯސަސް އޮފިސަރު އަބްދުﷲ ސަނޫން އެވެ.
އެ ކުންފުނީގެ އިސް އޮފިޝަލަކު ވަނީ އިސްވެރިންތަކެއް މިއަދު މަގާމުން ވަކިކުރިކަން ކަށަވަރު ދެއްވައިފަ އެވެ. ނަމަވެސް، އޭގެ ސަބަބެއް ވިދާޅެއް ނުވެ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވެސް ވަނީ އިއްޔެ މަގާމުން ވަކިކޮށްފަ އެވެ. އަދި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަކަށް ރޭ އިސްތިއުފާ ދެއްވައިފަ އެވެ.
އޭގެ އިތުރުން، އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރު ހުސައިން ދީދީ އާއި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހިދާއި ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސެއިން ޝަރީފާއި ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް އިއްޔެ މަގާމުން ވަކިކުރި އެވެ.
މުންދުއަކީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދުދާއިރާގެ ޕީއެންސީގެ މެމްބަރު އަސްމާ ރަޝީދުގެ ދަރިިކަލުންނެވެ. އަދި ސަލްމާއަކީ އަސްމާގެ ކޮއްކޮއެކެވެ.
އެ ދެ ބޭފުޅުންނާ މެދު ފިޔަވަޅު އެޅި ސަބަބެއް ސަރުކާރުން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޕީއެންސީ އަށް ވޯޓު ނުދިނުމަށް އެދިވަޑައިގެން އަސްމާ މީހަކާ ވާހަކަ ދައްކަވާ އޯޑިއޯއެއް ދާދި ފަހުން ވަނީ ސޯޝަލް މީޑިއާ އަށް ލީކުކޮށްލައިފަ އެވެ.