އެމްޑީޕީން ޒުވާން އާ ޖީލަކަށް ފުރުސަތު ދޭންޖެހޭ ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ދާއިމީ ޗެއާޕާސަން އިންތިހާބުކުރަން ގޮވާލާ އަޑުތައް ގަދަވެފައިވަނިކޮށް، އެ މަގާމާ ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ މީކާއިލް، ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ވީޑިއޯގައި ވިދާޅުވީ، އެ ޕާޓީގެ އަމާޒަކަށް ވާން ޖެހޭނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުން ކަމަށެވެ.
ނަމަވެސް، އެ އަމާޒަށް ދިއުމަށް އެމްޑީޕީގެ މެމްބަރުންގެ މެދުގައި ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދައި ސަފުތައް ބަދަހި ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ އެކަން ހާސިލްވާނީ ވަކިވަކި ލީޑަރުންނާއި ވަކި ފަރުދުންގެ މަސްލަހަތަށް ވުރެ، ޕާޓީގެ އާއްމު މެމްބަރުންގެ މަސްލަހަތު އިސްކޮށްދޭނެ ބޭފުޅަކު ޕާޓީގެ ހުންގާނާ ހަވާލުވެގެން ކަމަށެވެ. އެއީ މޫނަކަށް، ކަނދުރާއަކަށް ނުބަލައި ޕާޓީ ހިންގައިދޭނެ މީހަކަށް ވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދު އެއް މޫނުތަކެއް، އެއް ފިކުރެއް، އެއް ވިސްނުމެއްގައި ޕާޓީ ހިންގުމުގެ ބަދަލުގައި އާ ޒުވާން ޖީލަކަށް ޕާޓީގެ ލީޑަޝިޕުން ފުރުސަތު ދީގެން،" މީކާއިލް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީގެ އެތެރޭގައި އޮތް ކޯޅުން މި ފަހަރު ފަޅައިގެން ދިޔައީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފުލާއާ ގުޅިގެންނެވެ.
އެ ހަފުލާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ވާހަކަ ދެއްކެވުމުގެ ފުރުސަތު ދެއްވުމަށް ފަހު، ފަހު ވަގުތު ކެންސަލްކުރީ ކަމަށް، އެ ބޭފުޅުންގެ ސަޕޯޓަރުން ބުނެ އެވެ. ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އަމަލުކުރެއްވި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، އޭނާގެ އިސްތިއުފާއަށް ވަނީ ގޮވާލައިފަ އެވެ.
މަޖިލީހުގެ މެމްބަރުކަން ދެ ވަނަ ދައުރު ފުރުއްވަމުން އަންނަ މީކާއިލް ވިދާޅުވީ، ޗެއާޕާސަންގެ މަގާމަށް އޭނާ ނުކުމެވަޑައިގަތީ 16 އަހަރުގެ ތަޖުރިބާއާ އެކު ކަމަށެވެ.
"އަޅުގަނޑު މި އެދެނީ އާ ޒުވާން ޖީލަކަށް އެމްޑީޕީގެ ލީޑަޝިޕުން ފުރުސަތު ދެއްވުން. ހަގީގަތުގައި ވެސް ތި ބޭފުޅުންނާއެކު ވީ ހާލެއްގައި ވާން އަޅުގަނޑު ދެމިހުންނާން،" އޭނާ ވިދާޅުވި އެވެ.