ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާ ދެކޮޅު ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފި އެވެ.
އިދިކޮޅު ޕާޓީން ބޭއްވި ގައުމީ މަޖިލީހުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގަރާރެއް ހުށަހަޅުއްވައިފަ އެވެ. އެ ގަރާރުގައި ހިމެނޭ ބައެއް ކަންބޮޑުވުންތަކަކީ؛
- ރައްޔިތުންނާ ގުޅުން ހުރި މި ފަދަ މުހިއްމު ކަމެއްގައި އާއްމުގެ ހިޔާލު ނުވަތަ ބަސް ހޯދަން މަޝްވަރާކުރުމަކީ މުހިއްމު ކަމަކަށް ވިއަސް، ގާނޫނުއަސާސީ ބަދަލުކުރަން މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެއްވެސް ވަރަކަށް މަޝްވަރާނުކުރުން
- ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލު ދިރާސާކުރުމާއި އެ ބިލާ މެދު މަޝްވަރާ ކުރަން އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި އަވަސް އަރުވާލައިގެން ފާސްކުރަން މަސައްކަތްކޮށްފައިވާތީ ރަނގަޅު ނިޔަތެއް ނެތްކަން
- ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ވޯޓު ނަގަން ނިންމާފައިވަނީ ކައުންސިލް އިންތިހާބާއެކު ވިއަސް، ހިޔާލު ނެގުމުގެ ވޯޓަށް އެކަށީގެންވާ މުއްދަތެއް ނެތުން
އެ ކަންކަމާ ހެދި މީކާއިލް ހުށަހެޅުއްވީ ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ގޮތެއް ނިންމައިދިނުމަށެވެ. އޭނާ ހުށަހެޅުއްވި ގަރާރަށް އިސްލާހެއް ގެނެސް، ހިޔާލު ހޯދުމުގެ ވޯޓަށް ދެކޮޅު ހެދުމަށް ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.
އޭގެ އިތުރުން، މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހަައްމަދު ރާއީ ހުށަހެޅުއްވި ގަރާރު ވެސް، ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ރާއީ ހުށަހެޅުއްވީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަގުމަތީގެ ހަރަކާތްތައް ފެށުމާ މެދު ޕާޓީގެ ގޮތެއް ނިންމުމަށެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ބާއްވާ އިންތިހާބު ވެސް އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
އެ ރިފަރެންޑަމް ބާއްވަނީ މި ފަހަރުގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ އެކުގަ އެވެ.