ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ބޭފުޅަކު ޗެއާޕާސަންކަމަށް ހޮވިއްޖެ ނަމަ އަނެއްކާ ވެސް އެމްޑީޕީ ދެބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ވެސް އެ ޕާޓީ އަށް ގެއްލުމުގެ ފުރުސަތު ބޮޑުކަމަށް އެ މަގާމަށް ވާދަކުރައްވާ މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އާންމު މެމްބަރުންނަށް މީކާއިލް ފޮނުއްވަމުން ގެންދަވާ އެ ސިޓީގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އެ އިޝާރާތް ކުރައްވަނީ އޭނާއާ ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. 

ކުރިއަށް އޮތް 2028 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގެންނަން ތާއީދު ކުރައްވާކަން ނަޝީދު ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި ފައްޔާޒާ އެކު ނަޝީދު ގެންދަވަނީ ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރައްވަމުންނެވެ. 

ނަޝީދުގެ ވާދަވެރި ކެންޑިޑޭޓް މީކާއިލް އެމްޑީޕީގެ އާންމު މެމްބަރުންނަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފޮނުއްވަމުން ގެންދަވާ ސިޓީގައި ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ނަތީޖާއާ މެދު އެމްޑީޕީގެ މެމްބަރުން ތިބީ މާޔޫސްވެ، ހިތްހަމަނުޖެހިފައި ކަމަށެވެ.

އެ ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުންނާ ދެމެދު އޮންނަންޖެހޭ ގުޅުން ހީނަރުވެފައިވާ ކަމަށް އާއްމު މެމްބަރުން ގަބޫލުކުރާ ކަމަށާއި ޕާޓީގެ އެތެރޭގައި އުފެދިފައިވާ އެކި ފެކްޝަންތަކުގެ މެދުގައި ހުރި ބައިބައިވުންތަކާއި ލީޑަރުން ޕާޓީ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތު އިސްކުރާކަމުގެ ތަސައްވަރު މެމްބަރުންނަށް ކުރެވޭ ކަމަށް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކަންކަމުގެ ސަބަބުން ޕާޓީއަށް އެންމެ ރަނގަޅު ގޮތް އިހުތިޔާރު ކުރަން ދަތިވެ، މެމްބަރުންގެ ހިތްވަރާއި ޕާޓީގެ ފޯރިއަށް ނޭދެވޭ އަސަރުކުރެ އެވެ.

ނަމަވެސް، އެ ހާލަތުގައި ވެސް މިދިޔަ އޭޕްރީލް މަހު ބޭއްވި ކައުންސިލް އިންތިހާބާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި ޕާޓީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައިކަން މީކާއިލް ފާހަގަކުރެއްވި އެވެ.

"މިއީ، ޕާޓީ އެކަތިގަނޑަކަށް ވެއްޖެ ނަމަ ހާސިލްކުރެވޭނެ ކަންކަން ހާމަވެގެންދިޔަ ކަމެކެވެ،" ސިޓީގައި ވެ އެވެ.

އިއްޔެ ރޭ ބޭއްވި ނަޝީދުގެ ކެމްޕެއިން ބައްދަލުވުމުގައި އެ މަނިކުފާނާ ސިޔާސީ ގޮތުން މިހާރު އެންމެ ގާތް ކުރީގެ ޗެއާޕާސަން ފައްޔާޒާ ސަލާން ކުރައްވަނީ: އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ނަޝީދު ބޭނުންފުޅުވަނީ ފައްޔާޒަށް.
އިއްޔެ ރޭ ބޭއްވި ނަޝީދުގެ ކެމްޕެއިން ބައްދަލުވުމުގައި އެ މަނިކުފާނާ ސިޔާސީ ގޮތުން މިހާރު އެންމެ ގާތް ކުރީގެ ޗެއާޕާސަން ފައްޔާޒާ ސަލާން ކުރައްވަނީ: އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޭން ނަޝީދު ބޭނުންފުޅުވަނީ ފައްޔާޒަށް.

މީކާއިލް ވިދާޅުވީ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ކޮށްގެން ހުންނެވި ކެންޑިޑޭޓަކު ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ޕާޓީ އަނެއްކާ ވެސް ބައިބައިވެ، 2028 ގެ ރިޔާސީ އިންތިހާބު ގެއްލުމުގެ ފުރުސަތު ބޮޑުވެ، ޕާޓީ އަނެއްކާ ވެސް މަގުމަތިވުމުގެ ބިރު ބޮޑު ކަމަށެވެ.

އެހެންވެ، އޭނާ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެއްޖެ ނަމަ އެ ޕާޓީގެ ސަފުތައް ބަދަހިކޮށް، ޕާޓީ ތެރޭގެ އެއްބައިވަންތަކަން އާލާކޮށް ދެން ބާއްވާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ވަގުތުން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންނަށް އޭނާ ސަތޭކަ ޕަސެންޓު އިތުބާރު ކުރައްވާނެ ކަމަށެވެ. އަދި އޭނާގެ ޗެއާޕާސަންކަމުގައި 2028 ގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީއަށް ކާމިޔާބާ ހަމައަށް ގެންގޮސްދޭނެ ކަމަށް ވިދާޅުވި އެވެ.

އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މީކާއިލާއެކު ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ލ. ފޮނަދޫ، ހުދުވިލާގެ، އިބްރާހިމް މުހައްމަދު (ވާޑު) އެވެ.