އެމްޑީޕީގެ ފަރާތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭ ކެންޑިޑޭޓަކު ހޮަވަން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އަރިސް ބޭފުޅުންގެ އިތުރުން އެ ޕްރައިމަރީގައި ވާދަކުަރައްވާނެ ކަމަށް ބެލެވޭ ބޭފުޅުންނާ އެކު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) މަޝްވަރާތައް ފަށްޓަވައިފި އެވެ. 

އިބޫގެ އަރިސް ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާ މެދު އިބޫ ފުޅާ ދާއިރާގައި މިހާރު މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. 

"މިހާރު ވާދަކުރައްވަން ތިއްބެވި ގިނަ ބޭފުޅުންގެ ތާއީދު އޮތް ނަަމަ ކުރިމަތިލައްވާނެ. މި ހަފުތާގައި ޝާހިދު [ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު] ފިޔަވާ ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ރުހުން ހޯއްދެވި،" އެ މައުލޫމާތު އެނގިވަޑައިގަންނަވާ އިބޫގެ އަރިސް ބޭފުޅަކު "މިހާރު" ވިދާޅުވެދެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިބޫ މިއަދު ޝާހިދާ ބައްދަލުކުރައްވާނެ އެވެ.

"ޝާހިދު ވިދާޅުވަމުން ގެންދަވަނީ ކޮންމެ ބޭފުޅަކު ކުރިމަތިލެއްވިޔަސް ޝާހިދު ވާދަކުަރައްވާނެ ކަމަށް،" އިބޫގެ އަރިަސް ފަރާތުން ވިދާޅުވި އެވެ. 

އެމްޑީގެ ރިޔާސީ ޓިކެޓްގައި އިންތިހާބު ކާމިޔާބު ކުރައްވައި 2018 ވަނަ އަހަރުން ފެށިގެން 2023 އަށް ރައީސްކަން ކުރެއްވުމަށް ފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އިބޫ ޓިކެޓް ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރެއްވައި، ނަޝީދު ބަލިކުރައްވައިގެންނެވެ.

އެ ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދައި، ނަޝީދު އެމްޑީޕީ ދޫކުރައްވައި ވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. އަދި އެ ޕާޓީން ވެސް 2023 ވަނަ އަހަަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނުއިރު، އިބޫ ދެވަނަ ދައުރަކަށް އިންތިހާބު ނުވި އެއް ސަބަބަށް އެކަން ވި އެވެ. 

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން އިބޫ ނިންމެވިއިރު ނަޝީދު މިހާރު ވިދާޅުވަމުން ގެންދަވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއް  ނެތް ކަމަށެވެ. އޭގެ ބަދަލުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރައްވާނެކަން ނަޝީދު ވަނީ ހާމަކުރައްވައިފަ އެވެ.