މި ސަރުކާރުގެ ތިންވަނަ ފިނޭންސް މިނިސްޓަރަކަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މިއަދު އައްޔަން ކުރައްވައިފި އެވެ. 

ފިނޭންސް މިނިސްޓަރަކަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޒަރީރު މި އައްޔަން ކުރެއްވީ ސެޕްޓެމްބަރު 30، 2024 އިން ފެށިގެން އެ މަގާމު ފުރުއްވި މޫސާ ޒަމީރު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޒަރީރު، ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. 

ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވި އެވެ. 

ފައިނޭންސާއި އެކައުންޓިންގެ ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ޒަރީރު ވަނީ ފިނޭންސް މިނިސްޓްރީ އާއި މީރާގައި ކުރިން ވެސް މަސައްކަތް ކުރައްވައިފަ އެވެ. އެގޮތުން 2010 އިން 2019 އަށް ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމު ފުރުއްވި އެވެ. އަދި ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިއުގެ މަގާމު 2007 އިން 2010 އަށް އަދާކުރެއްވި އެވެ. 

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގް އެވެ. ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު އޭނާ އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އެ މަގާމު ފުރުއްވީ ޒަމީރެވެ.