ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެ، ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ ވެރިކަން ނިމުނީ އެ މަނިކުފާނުގެ ބޮޑާކަމުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީ، ޕީއެންސީގެ ޗެއަޕާސަން އަބްދުއްރަހީ އަބްދުﷲ މިރޭ ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މިނިވަންކަމެއް ނެތް ކަމަށް ވިދާޅުވެ، ޔާމީން ތަކުރާރުކޮށް ދައްކަވާ ވާހަކަފުޅުތަކުގެ ތެރެއިން އެންމެ ފަހުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ޕީއެންސީގެ މިރޭގެ ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ "ރައްޔިތުންގެ މަޖިލީހަކީ ކުއްތާ ކޮށްޓެއް" ކަމަށް ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ސިފަކުރެއްވުމުން ފެންނަނީ އެ މަނިކުފާނުގެ ބޮޑާކަން ކަމަށެވެ.

އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި ޔާމީނަކީ ރައީސްކަން ކުރެއްވުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި 21 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. 

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ބައެއް އިސްވެރިންނާއި ސަރުކާރުގެ ބައެއް ވެރިން
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ބައެއް އިސްވެރިންނާއި ސަރުކާރުގެ ބައެއް ވެރިން

"ރައްޔިތުން އިންތިހާބު ކޮށްފައި ހުރި ރައީސުލްޖުމްހޫރިއްޔާއަކަށް އެ މަގާމުގެ ނަން ގެންނަން ނުކެރޭ ހިސާބަށް، ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ފެންވަރު ދިޔައީމާ އެބަ އެނގޭ ނޫންތޯ އެ ބޭފުޅެއްގެ ހސަދަވަރިކަން ހިތުގައި އަށަގެންފައި އޮތް  މިންވަރު. ހަސަދަވެރިކަން ނޫން އެހެން ކޮން ކަމެއްތޯ މިއީ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވިޔަސް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވެސް އަބްދުއްހީމް ވިދާޅުވި އެވެ. އެކަމަކު ހަމަ އެ ނޭވާގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިޒުގެ ވެރިކަން ނުނިމޭ ކަމަށާއި ނިމުނީ ޔާމީންގެ ވެރިކަން ކަމަށެވެ.

"އެކަމަކު ފަލާހާ އަބްދުއްރަހީމާ މުއިއްޒުގެ ވެރިކަމެއް ނުނިމެޔޭ. ނިމުނީ އެ ބޭފުޅާގެ [ޔާމީންގެ] ވެރިކަން. ވެރިކަން ނިމުނީ ބޮޑާކަމުން. ވެރިކަން ނިމުނީ ކިބުރުވެރިކަމުން. ވެރިކަން ނިމުނީ ނުލަފާ ކަމުން. ވެރިކަން ނިމުނީ ބަސްނޭހީމާ. ވެރިކަން ނިމުނީ އަދުލުއިންސާފު ގާއިމްނުކުރީމާ. ވެރިކަން ނިމުނީ އަނިޔާވެރިވީމާ. ވެރިކަން ނިމުނީ ހިޔާނާތްތެރިވީމާ. ވެރިކަން ނިމުނީ ދިވެހިރައްޔިތުންގެ ބޭތުލްމާލު ދިރުވާލީމާ،" ޔާމީނަށް ވަރުގަދަ ރައްދުތަކެއް ދެއްވަމުން އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ބައިވެރިވަނީ.
ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ބައިވެރިވަނީ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވީ ރައީސް މުއިއްޒު އަރިހުަގައި "ގަދަކޮށް ނޫން ކަމަށް" ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅަށް ވެސް އަބްދުއްރަހީމް މިރޭ ރައްދު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ރައީސް މުއިއްޒާ އެކު ތިއްބެވީ ޔާމީންގެ އަރިހުގައި އުޅުއްވި ބައެއް ބޭފުޅުން ތިއްބެވި ގޮތަކަށް ނޫން ކަަމަށާއި އެ މެންބަރުން ތިއްބެވީ އިހުލާސްތެރި ކަމާ އެކު "ރައީސް މުއިއްޒާ އެކުގައި ގަދަކޮށް" ކަމަށެވެ.

ޕީއެންސީގެ މިރޭގެ ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.
ޕީއެންސީގެ މިރޭގެ ޖަގަހަ ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ.

"އަޅުގަނޑު ދަންނަވާނީ ޕީއެންސީގެ ތެރޭގައި ރެނދު އަޅުވާލާކަށް ހަދާނެ ހަމަ އެއްވެސް ފަންޑިތައެއް، އެއްވެސް ސިހުރުހާހޫރައެއް ރައީސް ޔާމީނަކަށް އެނގިވަޑައެއް ނުގަންނަވާނެއޭ. މިތިބީ ވަރަށް ގަދަކޮށް އިހުލާސްތެރިކަމާ އެކީގައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ތުހުމަތު ކުރެއްވި ގޮތުގައި ޕީއެންސީގެ އިސް ބޭފުޅުންނާ މެދު ޔާމީން ހިތްހަމަޖެހިވަޑައި ނުގަންނަވަނީ އެ މަނިކުފާނު ނޫން ބޭފުޅަކަށް ވެރިކަން ހޯދައިދޭން ކެމްޕެއިން ކުރެއްވުމުންނެވެ.