މާލޭ ވިޔަފާރިބަނދަރު ތިލަފުއްޓަށް ބަަދަލުކުރަނީ އިންޑިއާ ބަޔަކަށް ދޭން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެ ވާހަކަ ދޮގުކުރައްވައި ރައްދުދެއްވައިފި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ކަނޑުބަނދަރު ދީފައިވާ ކަމަށާއި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މާލޭ ވިޔަފާރިބަނދަރުގައި ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންތައް އެނގޭނީ އެ ތަފްސީލު ލިބުނީ ކަމަށް ވިދާޅުވި އެވެ. 

"އެމްޕީއެލްގެ ބޭނުން ދިޔައީ، [އެކުންފުނީގައި ތިބި] ހުރިހާ ދިވެހިންގެ ވަޒީފާ އެ ދިޔައީ. އަޅުގަނޑުމެންނަށް މި އިވެނީ މިދިޔަ ހަފުތާގައި ފެނަކައިގެ އެތައް ބަޔަކު ކަނޑަމުން ދިޔަ ވާހަކަ. މިހާރު މި ހެދި ގޮތަކީ މިއޮއް ބޮޑު ޕޯޓްގެ ބޭނުން ނައްތާލީ،" ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންއެފް
ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީއެންއެފް

ތިލަފުށީގައި ހަދާ ވިޔަފާރިބަނދަރު އިންޑިއާ ބަޔަކާ ހަވާލުކުރަނީ އެކަމުގެ ބޮޑެތި މަސައްކަތްތަކެއް ކޮށް، ބޭރު ބަޔަކާ ހަވާލުނުކޮށް ރާއްޖެއިން އަމިއްލައަށް އެ މަސައްކަތް ނިންމާލެވޭ ހިސާބުގައި އޮއްވައި ކަމަށް ވެސް ޔާމީން ތުހުމަތުކުރެއްވި އެވެ.

ޔާމީނުގެ އެ ތުހުމަތުތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރަައްޔިތުންގެ 100 ޕަސެންޓް މިލްކެއް ކަމަށެވެ

"ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް ޑރ. މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި. އެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަން،" ސައީދު ވިދާޅުވި އެވެ. 

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ފަށައި، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ މަޝްރޫއަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫއަށް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ވާނެ. މި ބޮޑު ހަގީގަތް ދެކެން ނުކުޅެދި، ރޯ ބުހުތާނު ދޮގު ތިލަފުށީ ބަނދަރާ މެދު ނުފެތުރުމަށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ވަނީ މިއަހަރު ކުރީކޮޅު ބޮޑު މަޝްރޫއެއް ފަށައި އޭގެ ބައެއް މަސައްކަތްތައް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެކަމަކު އެ ބަނދަރު ބޭރު ބަޔަކާ ހަވާލުކުރަން އުޅޭ ކަމަށް ޔާމީނާއި ޕީއެންއެފްގެ  އެހެން ބައެއް އިސްބޭފުޅުން މީގެ ކުރިން ވެސް ތަކުރާރުކޮށް ތުހުމަތުކުރެއްވި އެވެ.