އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވިޔަފާރި ބަނދަރު، ތިލަފުއްޓަށް ބަދަލު ކުރުމުގެ މަޝްވަރާތައް މީގެ ހަތް އަހަރު ކުރިން ވެސް ކުރި އެވެ. ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމަކީ ހުރިހާ ސަރުކާރަކުން ވެސް ވިސްނުން ގެންގުޅުނު ނަމަވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޑޮމެސްޓިމް ޕޯޓު ތިލަފުއްޓަށް ބަދަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލް އާއި ޕޭވްކުރުމުގެ މަސައްކަތާއި އިމާރާތް ކުރުމުގެ މަސއްކަތްތައް މިއަހަރުގެ މެދުތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށެވެ. 

އެ މަސައްކަތްތައް އެއްކޮށް ނިންމައި، އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު މިއަދު ދެއްވި އެވެ. 

މިހުރިހާ މަސައްކަތްތައް ނިންމައި 11 ނޮވެމްބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނަން
ރައީސް މުއިއްޒު

ރައީސް ވިދާޅުވީ ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން ހަތް ދުވަހުން ހުސްކުރެވޭ މުދާ، 48 ގަޑިއިރުގެ ތެރޭގައި ހުސް ކުރެވޭނެ ކަމަށެވެ. އަދި ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ގެނައުމަށް ހިނގާ ހަރަދުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ހުރިހާ ބަދަލުތަކާ އެކު، މުދަލުގެ އަގު ހެޔޮވެ އޭގެ ފައިދާ ރައްޔިތުންނަށް ކުރާނެ އެވެ. އެ ބަދަލާ އެކު މާލޭގައި ގުދަން ކުރާ މުދާތަކާއި މާރުކޭޓު ސަރަހައްދުގައި ކުރާ ހޯލްސޭލް ވިޔަފާރިތައް ވެސް އެކީހެން ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން މަޖިލިހުގެ ރައީސް އަބްދުއްރަހީމާ އެކު.
ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލިހަށް މިއަދު ވަޑައިގެން މަޖިލިހުގެ ރައީސް އަބްދުއްރަހީމާ އެކު.

އެމަނިކުފާނު ވިދާޅުވީ އެފަދަ ބަދަލެއް ގެނައުމުގެ ސަބަބުން މުދާ އުފުލާ ދޯނި ފަހަރަށް ފަސޭހަކަމާ އެކު ބަނދަރުކުރެވި، މުދާ އުފުލައި ބޭލުމަށް ބަނދަރުގައި މަޑުކުރަންޖެހޭ މުއްދަތު މަދުވާނެ ކަމަށް ވިދާޅުވި އެވެ. ރަށްރަށަށް މުދާ ގެންދިއުން ވެސް އޭގެ ސަބަބުން އަވަސް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ގުދަންތައް ހުރުމުން ދިމާވާ އުނދަގޫތައް ހައްލުވާނެ ކަމަށެވެ. އަދި މާލޭގެ އެންމެ ކާރޫބާރު ބޮޑު މާރުކޭޓު ސަރަހައްދާއި އެމްޕީއެލް ސަރަހައްދުން އުޅަނދު ފަހަރު ދުއްވުމަށް ވެސް އެ ބަދަލާ އެކު ލުއި ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

މިހާރުގެ މާލޭ ވިޔަފާރި ބަނދަރަކީ 1985 ވަނަ އަހަރު ތަރައްގީ ކުރި ބަނދަރެކެވެ. އެހެންކަމުން، ޒަމާނީ ވަސީލަތްތަކާ އެކު، ބަނދަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ކުރުމަށް ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވެ އެވެ. އަދި ބަނދަރުން މުދާ ނުނެރެވި، ގިނަ ވަގުތު ނަގާތީ ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމުގެ ޝަކުވާ ބޮޑެވެ.