ރާއްޖެ އިން ގަތަރަށް ކަނޑައެޅި އާ ސަފީރު އާދަމް ޝަރީފްގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ޘާނީ އަށް މިއަދު އަރުވައިފި އެވެ.
ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައި ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު، ގަތަރުގެ އަމީރާ އެކު ބޭއްވި ބައްދަލުވުމުގައި ކުރީގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އަމީރާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސް ކުރައްވައިފަ އެވެ.
އާދަމް ޝަރީފް ވަނީ ރާއްޖެ އާއި ގަތަރާ ދެމުދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަ ކުރައްވައި، ތަރައްގީގެ މަޝްރޫއުތަކަށް އެ ގައުމުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުު ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގަތަރުގެ އަމީރާ އެކު އާދަމް ޝަރީފް މަޝްވަރާ ކުރެއްވި ކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ގަތަރުގެ އަމީރުގެ ވާހަކަފުޅުގައި އާދަމް ޝަރީފަށް މަރުހަބާ ދެންނެވުމާ އެކު، ސަފީރުގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި ކާމިޔާބީ އަށް އެދިވަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އެ ރަސްމިއްޔާތުގައި ގަތަރުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުހައްމަދު ތަހްސީން ވެސް ބައިވެރިވެވަޑައިގަތެވެ.