ރ. ރަސްމާދޫގައި މޫދަށް އެރި އުޅުނު 28 އަހަރުގެ ޒުވާން ފިރިހެނަކު މިއަދު މަރުވެއްޖެ އެވެ.

ވ. ބެލްވިލް ޔޫސުފް ޝުއާއު މަރުވެފައިވަނީ، އޭނާގެ އަންހެނުންނާ އެކު މިއަދު ހަވީރު މޫދަށް ގޮސް އުޅެނިކޮށް ފިޓް ޖެހިގެންނެވެ.

ރަސްމާދޫ ކައުންސިލުން ބުނީ ޝުއާއު މޫދަށް އެރިއުޅެނިކޮށް ގޮތެއް ވާތީ އެއްގަމަށް އެރިތަނުން ފިޓް ޖެހި މަރުވީ ކަމަށެވެ. ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.

އެ ހާދިސާ އަށް ފަހު އޭނާގެ ހަށިގަނޑު ވަނީ އާއިލާގެ އެދުމުގެ މަތިން މާލެ ގެނެސްފަ އެވެ.

އާއްމުކޮށް ފީނަން ދާ އަދި ފުޓުބޯޅަ ކުޅެން މޮޅު އެ ޒުވާނާގެ އަނބިމީހާއަކީ ރަސްމާދޫ މީހެކެވެ. އޭނާ އެ ރަށަށް ދިޔައީ ދާދިފަހުންނެވެ. އެ މީހުންގެ ކައިވެންޏަށް އަހަރު ފުރުނީ މީގެ ދެ ދުވަސް ކުރިންނެވެ.

"އަދިވެސް ގަބޫލުނުކުުރެވިފައި މިހިރީ. ޝުއާއުއަކީ ވަރަށް މަޖާ، އާއްމުކޮށް އަހަރުމެންނާއެކު މޫދަށް ގޮސް އުޅޭ ޒުވާނެއް،" މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގައި މަސައްކަތް ކުރާ ޝުއާއުއާ ގުޅޭގޮތުން އޭނާގެ އެކުވެރިއަކު ބުންޏެވެ.

އެފްއޭއެމްގެ ޔޫތު ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީ ޓީމުން ވިދާލި ޝުއާއު ފަހުން ބޮޑަށް ފެނުނީ ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން ޓީމުތަކުންނެވެ. އޭނާ އަކީ މިހާރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އިން 2016 ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ފަަހަކަށް އައިސް އޭނާ ބޮޑަށް ފެންނަނީ ފުޓްސަލް މުބާރާތްތަކުންނެވެ. އާންމު ގޮތެއްގައި މާލެ ސަރަހައްދުގައި ކުޅޭ ގިނަ ފުޓްސަލް މުބާރާތްތަކުގައި އޭނާ އެކި ޓީމުތަކަށް ކުޅެ އެވެ.

މީގެ ކުރިން ޝުއާއު ވަނީ ސޮނީ ސްޕޯޓްސްގައި ވެސް ވަޒީފާ އަދާކޮށްފަ އެވެ.