ކުޑަކުދިންނާ ގުޅޭ ގޮތަށް، ކިންޑްލްގެ އާ ވައްތަރެއް، އެމެޒޯން އިން އުފައްދައިފި އެވެ. ކިޔުންތެރިކަމާ ގުޅޭ ގޮތުން ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ފޮތުގެ ބަދަލުގައި، ކިންޑްލް ކަހަލަ "އީބުކް ރީޑާ"އެއް ކުޑަކުދިންނަށް ހޯދައިދިނުމަކީ މުޅިން ރަނގަޅު ވިސްނުމަކަށް ނުވެދާނެ އެވެ.

އެމެޒޯން ކިންޑްލް އަކީ ޓެބްލެޓް ސްޓައިލް އާލާތެކެވެ. މައިގަނޑު ބޭނުމަކީ އިލެކްޓްރޯނިކް ފޮތްތައް ކިޔުމެވެ. މިއީ ވަރަށް ފުޅާ ވިޔަފާރިއެކެވެ. ކިންޑްލް އަށް ޚާއްސަ އެކި ކަހަލަ ފޮތްތައް، ތަފާތު ގިނަ މައުލޫތަކަށް ލިޔެ، ތައްޔާރުކޮށްފައި ހުރެ އެވެ.

އެމެޒޯން ކިންޑްލްގެ ކުޑަކުދިންނަށް ޚާއްސަ އަދަދުގައި، ހަގު ކުދިންނަށް ގިންތިކޮށް ފޮތްތައް، ފިލްމް އަދި ގޭމްތައް ވަނީ ހިމަނައިފަ އެވެ. މި ޚިދުމަތް ހޯދުމަށް ފީއެއް ދައްކަން ޖެހުނު ނަމަވެސް، ގިނަ ފަސޭހަތަކެއް މި ޕެކޭޖާ އެކު ލިބެ އެވެ.

ކުޑަކުދިންގެ ކިބައިގައި ކިޔުންތެރިކަން އަށަގަންނަ ގޮތް ދަސްކޮށް އަދި ގުޅުން ހުރި ދިރާސާތައް ކުރާ މީހުން ދެކޭ ގޮތުގައި، ޗާޕްކުރި ފޮތްތައް ދޫކޮށް އީރީޑަރުތަަކަށް ޖަމާވާން ކުޑަކުދިންނަށް ދަސްކޮށްދިނުމަކީ، ނަފުސާނީ ގޮތުން ދުޅަހެޔޮ ކަމަކަށް ނުވެދާނެ އެވެ. މިކަމުގައި ހުރީ ކޮންކޮން ނޭދެވޭ އަސަރުތަކެއްކަން އަދި މުޅިން ކަށަވަރުވެފައި ނެތް ނަމަވެސް، ފޮތް ކިޔުމަކީ އާއިލާ ތެރޭގައި ގުޅުން ބަދަހިވާ ކަމެއް ކަމަށް ރެކޯޑްކުރެވިފައިވެ އެވެ.

އީރީޑަރުތަކުން ފޮތް ކިޔައި، އަވަދިނެތިވުމަށް ދޫކޮށްލުމުން، ސްމާޓްފޯނަށް މީހުން ދެވިހިފައި ގެއްލި ދިއުމަށް މަގުފަހިވި ފަދަ ގޮތެއް ވެދާނެ ކަމަށް ދިރާސާކުރާ މީހުން ދެކެ އެވެ. ނަމަވެސް، ކިޔުންތެރިކަން މުޅިން ދޫވެ ދިއުމަށް ވުރެ، އީރީޑަރެއް ބޭނުންކުރުން، ހާލަތަށް ބަލާއިރު، ރަނގަޅު ކަމަށް ބުނެ އެވެ.

ޗާޕްކުރި ފޮތްތަކަށް ވުރެ، އީބުކް ރީޑަރުތައް، ކުޑަކުދިންނަށް ކަމުނުދާނެ ކަމަށް ބުނެވެނީ، ކިޔުންތެރިކަމަށް ވުރެ އޭގެ ސަބަބުން އެހެން ކަމަކަށް މަގުފަހިވެދާނެތީ އެވެ. އީބުކް ރީޑަރުތަކަކީ އިލެކްޓްރޯނިކް ޑިވައިސްއެކެވެ. އޭގައި ފިތްބަރިތަކެއް ހުރެ އެވެ. ކިޔަން ހަވާލުކުރާ ސަފުހާތައް ދޫކޮށް، އެ ޑިވައިސްއާ ކުޅުމުގައި ކުދިން ވަގުތު ހޭދަކުރުމަކީ އޮތް ނުތަނަވަސް ކަމެކެވެ. އަދި ސްކްރީން އެނިމޭޝަންތަކުން ފޫހިފިލުވުމަކީ ވެސް، އެންމެ ރަނގަޅު ގޮތުގައި ވަގުތު ހޭދަކުރަން ހުރަސްއެލޭ ކަމަކަށް ވެދާނެ އެވެ.