ސްވިމްސޯލް އިން ނ. ޗިވެލް ބްލޭންކް ރަންދެލި ރިސޯޓްގައި ޖެހި 2.4 މެގަވޮޓްގެ ސޯލާ ޕެނަލްތަކުން އެ ރިސޯޓްގެ ހުރިހާ ކަމަކަށް ފުދޭވަރަށް ކަރަންޓް އުފައްދަ އެވެ. އެ ކުންފުނިން ލަފާކުރާ ގޮތުގައި މި ކާމިޔާބީއާ އެކު ރަންދެލިން ޑީސަލަށް ކުރާ ހަރަދުން އަހަރަކު ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރު ސަލާމަތް ވާނެ އެވެ.

ސްވިމްސޯލްގެ ބާނީ އަދި ސީއީއޯ މާޓީން ޕުޓްޝެކް ވިދާޅުވީ އެ ކުންފުނިން 2014 ވަނަ އަހަރު ރާއްޖޭގައި ފުރަަތަމަ ސޯލާޕެނަލްގެ ޕްރޮޓޯޓައިޕް ޖަހަން ފެށި އިރު އެ މަސައްކަތުގެ މުސްތަގުބަލާ މެދު ގިނަ ސުވާލުތަކެއް އުފެދުނު ކަމަށެވެ. އެންމެ ބޮޑު ސުވާލަކީ ދިގު މުއްދަތަކަށް ޕެނަލްތައް ދެމިހުރެދާނެކަމާ މެދު އުފެދުނު ސުވާލެވެ. 

ނަމަވެސް އޭގެ ފަހުން 10 އަހަރު ފާއިތުވެ ދިޔަ އިރު ވެސް ރަންދެލީގައި ހަރުކުރި ސޯލާޕެނަލްތަކުން  އަދިވެސް އަންނަނީ ކަަރަންޓް އުފައްދަމުންނެވެ. ހަމަ އެއާ އެކު ސްވިމްސޯލް އިން ވަނީ ރާއްޖޭގައި އެފަދަ ކާމިޔާބު ގިނަ އެހެން މަޝްރޫއުތައް ވެސް ހިންގާ އެވެ. 

"ދިވެހިރާއްޖޭގެ ރީތިކަމަކީ ހިމާޔަތްކުރަން ޖެހޭ ހަޒާނާއެއް. ވަކި މިންވަރެއް ނެތި އިރުން ލިބޭ ހަކަތަ ބަލައިގަނެ، އަޅުގަނޑުމެން އިހުތިރާމްކުރަނީ ގުދުރަތުގެ ދީލަތިކަން، އަދި ފޮސިލް ވަސީލަތްތަކަށް ބަރޯސާމިންވަރު ކުޑަކުރަން،" ޗިވެލް ބްލޭންކް ރަންދެލިގެ ޖެނެރަލް މެނޭޖަރު ލަޔަނެލް ވަލާ ވިދާޅުވި އެވެ.

އެއީ އިއާދަކުރަނިވި ހަކަތައަކީ ހަމަ އެކަނި ޒިންމާއަކަށް ވުމުގެ އިތުުރުން މި ޕްލެނެޓަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ހެދުމަށް އޮތް ފިޔަވަޅެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

މޫދުގައި ސޯލާޕެނަލް ޖެހި ފުރަތަމަ ފަހަރު

ސްވިމްސޯލް އިން ބުނި ގޮތުގައި އެ ކުންފުނިން 2014 ވަނަ އަހަރު ރަންދެލީގައި ޖެހި ސޯލާ ޕްލެޓްފޯމަކީ މުޅި ދުނިޔޭން ވެސް އެގޮތަށް މޫދުގައި ޖެހި ފުރަތަމަ ޕްލެޓްފޯމެވެ. އެކަން އެގޮތަށް ކުރަން ޖެހުނު ސަބަބަކީ ރާއްޖޭގައި ހިކިފަސްތަނަކީ ރާއްޖޭގެ ސަރަހައްދުގެ އެންމެ އެއް ޕަސެންޓަށް ވުމެވެ. ގިނަ ރަށްތަކަކީ ބައިގަޑިއިރެއްހާ އިރުގެ ތެރޭގައި ވަށައިގެން ހިނގާލެވޭހާ ކުދި ރަށްތަކެވެ.

ރަށްތައް މިހާ ކުދި އިިރު 2.4 މެގަވޮޓްގެ ކަރަންޓް އުފެއްދޭ ވަރަށް ސޯލާޕެނަލް ޖަހަން ދެ ފުޓުބޯޅަދަނޑަށް ވުރެ ބޮޑު ސަރަައްދެއް ބޭނުންވެ އެވެ. "ސޯލާސީ" ޕްލެޓްފޯމް މޫދުގައި ހަދަން ޖެހުނީ އެހެންވެ އެވެ.

ސްވިމްސޯލްގެ ސޯލާ ޕްލެޓްފޯމްތައް މިހާރު 50 ރަށުގައި

ސްވިމްސޯލް އިން ބުނި ގޮތުގައި ރާއްޖޭގެ ރިސޯޓްތަކުގައި ސޯލާ ޕެނަލް ޖަހަން އެ ކުންފުނިން ފުރަތަމަ ހުށަހެޅި އިރު ގިނަ ރަށްތަކުން ބުނީ "ނޫނެކޭ" އެވެ. އެއީ ވައި ނުސާފުކުރި ނަމަވެސް ޑީސަލަކީ އިތުބާރު ހިފޭ ހަކަތަކައަކަށް ވާތީ އެވެ. ގެސްޓުން ދުވާލަކަށް 2،000 ޑޮލަރު ހަރަދުކޮށްގެން ތިބޭ ރިސޯޓަކުން ކަރަންޓް ކެނޑެން ރިސޯޓްތަކުގެ އިންޖިނޭރުން ބޭނުމެއް ނުވެ އެވެ. 

ސްވިމްސޯލް އިން ބުނި ގޮތުގައި އެ ކުންފުނީގެ ޓީމް ރާއްޖެއަށް އައީ މޫދުގައި ސޯލާޕެނަލް ޖެހުމުގެ ޓެކްނޮލޮޖީއާ އެކުގައި ކަމަށް ވިޔަސް ސޯލާޕެނަލްތައް ފުރަތަމަ ޖަހަން ޖެހުނީ ފުރާޅުތަކުގަ އެވެ. އެއީ ސޯލާއިން އެކަށީގެންވާ ވަރަށް ކަރަންޓް އުފެއްދޭ ކަމައި ޖަނަރޭޓަރުތައް ނިއްވާލެވޭނެކަން ކަށަވަރުކޮށްދިނުމަށެވެ.

އެގޮތަށް މަސައްކަތްކޮށް، ރިސޯޓެއްގައި ހިންގާނެ ބޮޑު ޕްރޮޖެކްޓެއް ހޯދަން އެ ކުންފުންޏަށް ހަ އަހަރު ދުވަސް ހޭދަވި އެވެ. އެއާ އެކު ޓޫރިޒަމް އިންޑަސްޓްރީގައި އެ ވާހަކަ ފެތުރި 50 ރިސޯޓަކަށް މިއަދު ކަރަންޓް ދެމުން އަންނަނީ ސްވިމްސޯލް ޕީވީ ސިސްޓަމްތަކުންނެވެ. އޭގެ ތެރޭގައި ފޯސީޒަންސް، ވޯލްޑޯފް އޮސްޓޯރިއާ، ވަން އެންޑް އޮންލީ އަދި ރިޒްކާލްޓަން ފަދަ މަޝްހޫރު ރިސޯޓްތައް ހިމެނެ އެވެ.