ރިޕޯޓް

ވ. ތިނަދޫ: ޓޫރިސްޓުންގެ އަދަދު އާބާދީ ފަހަނައަޅައި ހިނގައްޖެ!

"މިހާރު މި ރަށަކީ ލާރި ނަގާ، ސަރުކާރު އޮފީސްތަކަށް އެނގޭނެ ކިހާ ވަރެއްގެ ކެޕޭސިޓީއެއް ހުރި ރަށެއްކަން. ހަމައެކަނި ކަރަންޓު ބިލަށް ބެލިޔަސް."

24 ޑިސެމްބަރ 2021 - 10:05

40 comments

މީގެ 13 އަހަރު ކުރިން، އާބާދީ ކުޑަވުމުގެ ސަބަބުން ވ. އަތޮޅު ތިނަދޫ އޮތީ "ގެއްލިފަ" އެވެ. އޭރު އެ ރަށުގައި ބަޔަކު ދިރިއުޅޭހެން ވެސް ހީނުވެ އެވެ. ރަށުގެ ތަނަކުން މީހެއްގެ ހިލަމެއް ވެސް ނުވެ، އޮތީ ގާތްގަނޑަކަށް ފަޅުވެފަ އެވެ. އެކަމަކު މިހާރު އެ ރަށަށް ފައިބައިގެން ދާއިރު، ރަށުގެ އެތަން މިތަނުން ހޭބޯނާރަ، ބައިވަރު މީހުން އުޅޭ ތަން ފެނެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ޓޫރިސްޓުންނެވެ.

"ގެއްލިފައި" އޮތް ތިނަދު އަށް ލޯކަލް ޓޫރިޒަމާ އެކު، މިހާރު ވަނީ އާ ދިރުމެއް ލިބިފަ އެވެ. ސަތޭކައެއްހާ މީހުން ވެސް ހަމަނުވާ، އެ ރަށުގެ އާބާދީ އަދިވެސް ވަރަށް ކުޑަ އެވެ. ނަމަވެސް، ގެސްޓް ހައުސްގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، އެ ރަށުގެ އެންމެންހެން މިހާރު އާމްދަނީ ހޯދަން ކުރަނީ މި މަސައްކަތެވެ. އެ އެންމެ ވެސް ބުނީ މިހާރު ދިރިއުޅެނީ ވަރަށް ފުދިގެން، ހިތްހަމަޖެހިގެން ކަމަށެވެ.

ވ. ތިނަދޫ ބީޗުގައި ހުރި ޖޯއްޔެއްގައި ޓޫރިސްޓުންތަކެއް އިށީނދެލައިގެން.-- ފޮޓޯ: މިހާރު

ރާއްޖޭގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް، އަންނަ މަހު ރާއްޖެ އަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކުރުމުގެ ކުރިން އެކަމަށް މީހުން ހޭލުންތެރިކުރުވުމަށް ޓޫރިޒަމް މިނިސްޓްރީން މި އަހަރުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ދިޔައީ ވ. އަތޮޅަށެވެ. އެ އަތޮޅަށް ކުރި ދެ ދުވަހުގެ ދަތުރުގައި، އޯވަނައިޓް ކުރަން ހަމަޖެއްސީ ތިނަދޫގަ އެވެ.

އެ ރަށަށް ފައިބައިގެން ދާއިރު މިހާރު ކުރެވޭނީ ކުޑަ ރިސޯޓަކަށް ދެވުމުގެ އިހުސާސެކެވެ. ތިނަދޫގައި 200 އަށް ވުރެ ގިނަ އެނދާ އެކު އަށް ގެސްޓް ހައުސް ހިންގަ އެވެ. މިއީ އެ އަތޮޅުގައި ވެސް ދެ ވަނަ އަށް އެންމެ ގިނަ އެނދު ހުންނަ ރަށެވެ. އަދި އެންމެ ޕީކް ސީޒަންތަކުގައި އެ ރަށުގައި އެއް ފަހަރާ ގާތްގަނޑަކަށް 300 ޓޫރިސްޓުންނަށް ހިދުމަތް ދެވެ އެވެ.

ބާކީވެފައި އޮތުން ބަދަލުކޮށްލީ ލޯކަލް ޓޫރިޒަމް

ތިނަދޫގައި އެންމެ ފުރަތަމަ ގެސްޓް ހައުސްގެ ވިޔަފާރި ފެށި ނުވަތަ އެ ރަށުގެ ލޯކަލް ޓޫރިޒަމްގެ ބާނީގެ ގޮތުގައި ރަށުގެ މީހުންގެ ސިފަކުރާ މުހައްމަދު ނާޒިމް (މުންޗި) ބުނި ގޮތުން 2007 ގެ ކުރިން އެ ރަށަކީ ދިރުމެއް އޮތް ތަނެއް ކަމަކަށް ވެސް ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެ ރަށުގައި ކިޔަވާ ކުއްޖަކު ނެތް އިރު، އެންމެ 25 މީހުން ދިރިއުޅުނު އެ ރަށުގައި ގިނަ ވަގުތުތަކުގައި ކަރަންޓެއް ވެސް ނުހުރެ އެވެ.

ވ. ތިނަދޫގައި ހުންނަ ގެސްޓް ހައުސްއެއް: އެ ރަށުގައި 8 ގެސްޓް ހައުސް ހިންގަ.-- ފޮޓޯ: މިހާރު

ދެ ރޫމާ އެކު "ކާޒާ ބަރާބަރު"ގެ ނަމުގައި 2008 ގައި އެ ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރި ފެށި މުންޗި ކިޔައިދިން ގޮތުގައި، އެންމެ ކުޑަމިނުން މާލެ އަށް ދަތުރުކުރާ ބޯޓެއް ވެސް އެ ރަށުގައި ނުޖައްސައި، އެ މީހުން ތިބީ ވަރަށް ބޮޑަށް ބާކީވެފަ އެވެ. އެކަމަކު މިހާރު، އެ ރަށުގެ ފަޅުގެ ބޯޓެއް ޖައްސާނެ ޖާގަ ނެތިގެން، ފަޅު ވެސް ބޮޑުކުރަން ވަނީ ޖެހިފަ އެވެ.

"ބިސްމި ކިޔާފައި އަޅުގަނޑު މި ރަށް ފެށީ ވެސް މިއަށް އަލި މަގެއް ލިބުނީމަ، މިއީ ރާއްޖޭގައި އޮތް ސާމްޕަލް ރަށަކަށް ހެދުމަށް. ކުދި ރަށްރަށް ވެސް ދިރުވިދާނެ ކަން، އަނެއްހެން މާ ބޮޑު އެހީތަކެއް ނެތަސް،" ގިނަ އަހަރުތަކެއް ވަންދެން ރިސޯޓުތަކުގައި މަސައްކަތް ކުރި މުންޗި ބުންޏެވެ.

"މިހާރު މި ރަށަކީ ލާރި ނަގާ، ސަރުކާރު އޮފީސްތަކަށް އެނގޭނެ ކިހާ ވަރެއްގެ ކެޕޭސިޓީއެއް ހުރި ރަށެއްކަން. ހަމައެކަނި ކަރަންޓު ބިލަށް ބެލިޔަސް."

ވ. ތިނަދޫ ބީޗުގައި ހުރި ހަޓެއްގައި ޓޫރިސްޓުންތަކެއް އިށީނދެލައިގެން.-- ފޮޓޯ: މިހާރު

އެ ރަށުގެ ޒުވާނުންނާއި މަސައްކަތުގެ އާބާދީ 90 ޕަސެންޓް މިހާރު ހިއްސާ ވަނީ މި ވިޔަފާރީގަ އެވެ. ކުރިން ރިސޯޓުތަކުގައި މަސައްކަތް ކުރަމުން ދިޔަ އެ ރަށުގެ ބައެއް ޒުވާނުން ވެސް އެނބުރި ރަށަށް އައިސް، މިހާރު އުޅެނީ މިކަމުގަ އެވެ. ގިނަ ގޭގެގައި ގެސްޓް ހައުސް އާއި ސުވެނިއާ ޝޮޕްތައް ވެސް ހަދާފައިވާއިރު، ގޭގެ ކުއްޔަށް ދޫކޮށްގެން ވެސް ގެސްޓް ހައުސްތައް ހިންގަ އެވެ.

ތިނަދޫގައި އެންމެފަހުން ގެސްޓް ހައުސްއެއް ހުޅުވި ޒުވާނެއް ކަމަށްވާ ހުސެއިން އަޒްމީލް ކިޔައިދިން ގޮތުގައި، މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާ އެންމެ ފުރަތަމަ އެ ރަށަށް ދިޔައިރު އެކަން ކުރަނީ އެންމެ ބައެކެވެ. އެ ރަށުގެ މީހަކާ އިނދެގެން އުޅޭ އަޒްމީލް އެންމެ ފުރަތަމަ މަސައްކަތްކުރީ މުންޗިގެ "ކާޒާ ބަރާބަރު"ގަ އެވެ. ކުރިން ރިސޯޓުތަކުގައި މަސައްކަތް ކުރި އަޒްމީލް އަށް ގެސްޓް ހައުސް ވިޔަފާރީގެ ތެރެއަށް ވަދެވުނީ މުންޗިގެ ފަރާތުންނެވެ.

ވ. ތިނަދޫ އަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދަތުރުގައި އެ ރަށުގެ ކައުންސިލްއާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

"އޭގެ ފަހުން އައި ބަދަލުތަކުގައި، މިހާރު މި ރަށުގައި މި ވިޔަފާރި ފުޅާވެ، ވަޒީފާގެ ފުރުސަތުތައް ވެސް އިތުރުވެ، އެންމެހެން މުޅިން އެހެން ލައިފަކަށް ބަދަލުވެއްޖެ،" އޭނާ ބުންޏެވެ.

ގެސްޓް ހައުސް ވިޔަފާރީގައި ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު ބްރޭންޑުތައް ކަމަށްވާ ކާނި އާއި ޕްލޫމޭރާ އަދި އެރީނާގެ ގެސްޓް ހައުސްތައް ވެސް އެ ރަށުގައި ހިންގަ އެވެ.

ތިނަދޫގައި "ލޯ ވޮލިއުމް" ޓޫރިޒަމް

ވ. އަތޮޅުގެ އެހެން ރަށްތަކާ އެއްގޮތަށް، ތިނަދޫގައި ވެސް އޮތީ "ލޯ ވޮލިއުމް" ޓޫރިޒަމެކެވެ. ގިނަ ވިޔަފާރިވެރިން ބޭނުންވަނީ ވެސް އެގޮތަށް އެކަން ކުރާށެވެ. ބޮޑެތި އިމާރާތްތަކެއް ހަދައިގެން، ގެސްޓް ހައުސް ހިންގުމުގެ ބަދަލުގައި ޓޫރިސްޓުންނަށް ރަށްފުށުގެ އިހުސާސްތަކެއް ކޮށްދޭނެ ގޮތަށް، ފަރުމާކޮށްގެން، މި މަސައްްކަތް ކުރުމަށެވެ.

"ޓޫރިސްޓުން މި ރަށަށް އަންނައިރު ރަށުގެ ރުއްތަކަށް ވުރެ ވެސް މާ މަތިން އިމާރާތްތައް ފެންނަން ނަމަ އެއީ މައްސަލައެއް. އެއީ އެ ޓޫރިސްޓުން މި އަންނަނީ އެކަން ތަޖުރިބާ ނުކުރަން. އެ މީހުން ވެސް ބޭނުންވަނީ އަހަރެމެން ރަށްފުށުގައި މި ދިރިއުޅޭހެން ދުވަސްކޮޅަކު އުޅެލަން،" މުންޗި ބުންޏެވެ.

ވ. ތިނަދޫ ބީޗު: އެ ރަށަކީ އަތޮޅުގައި ދެވަނަ އަށް އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގާ ރަށް.-- ފޮޓޯ: މިހާރު

އެހެން އެކަން ވިޔަނުދިނުމަށްޓަކައި ތިނަދޫގައި ވަނީ ތިން ފުލޯ އަށް ވުރެ އުހަށް އިމާރާތްކުރުން ވެސް މަނާކޮށްފަ އެވެ.

އެ ރަށަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ފެނާއި ނަރުދަމާގެ ނިޒާމެއް ނެތުމެވެ. އެކަމަކު މި ސަރުކާރުން އެ މައްސަލަ އަށް ވެސް މިހާރު ހައްލު ހޯދައިދީފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވި އެވެ. އެ ރަށުގައި ނަރުދަމާގެ އަމަލީ މަސައްކަތް އަންނަ މަހު ފަށަން މިހާރު ވަނީ ތައްޔާރުވެފަ އެވެ.

ރަށުގެ ބަނދަރު ބޮޑުކުރުމަށް އަންނަ އަހަރަށް ވަނީ ބަޖެޓުކޮށްފަ އެވެ. ސިއްހީ އެއްވެސް ހިދުމަތެއް ކުރިން ލިބެން ނެތް ރަށުގައި ހެލްތު ޕޯސްޓެއް ހަދައިފި އެވެ. ކުދިންނަށް ކިޔެވޭނެ އެއްވެސް ގޮތެއް ނެތްއިރު، އެ މައްސަލަ ހައްލުކުރަން އަންނަ މަހު ސެޓްލައިޓް ސްކޫލެއް ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ. މިހާރު 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ވެސް ލިބެ އެވެ.

ވ. ތިނަދޫ އަށް ޓޫރިޒަމް މިނިސްޓްރީން ކުރި ދަތުރުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: މިހާރު

"މި ވާހަކަ އަޅުގަނޑުމެން އެބަ ޖެހޭ ދައްކަން. އެއްވެސް ބަޔަކު އަޅުގަނޑުމެންނާ އަޅާނުލާ ތިއްބާ ކިހާ ގިނަ ގިނަ ކަމެއްތޯ ސަރުކާރުން އަޅުގަނޑުމެންނަށް މިކޮށްދިނީ. މި ރަށުގެ ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައި ދީފި،" ޝިފާގު ވިދާޅުވި އެވެ.

"ސަރުކާރުން ކުޑަ އާބާދީތައް ވެސް ބާކީ ނުކުރާނެކަން ހާމަވެއްޖެ."

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި، ތިނަދު އާއި ވ. އަތޮޅުގެ އެހެން ރަށްތަކުގައި ވެސް މިހާރު ލޯކަލް ޓޫރިޒަމް ވަރަށް ފުޅާވެފައި ވާތީ، މިހާރު ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ވިޔަފާރީގައި މި ރަށްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށެވެ. އަންނަ މަހު ތައާރަފުކުރާ، ހޯމް ސްޓޭ ޓޫރިޒަމްއާ އެކު، މި ރަށްތަކަށް އަނެއްކާ ވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ފުދުމަކީ ވަރަށް އުފާވެރިކަމެއް. އެހެންވެ އަޅުގަނޑު މި ވިދާޅުވީ ވ. އަތޮޅުގައި މިހާރު މި އޮތީ ފަތުރުވެރިކަން އޭގެ ޒާތުގައި ރައްޔިތުންނަށް ތަޖުރިބާކުރަން ލިބި އެކަށީގެންވާ މުއްސަނދިކަމެއް ލިބިފައޭ،" އޭނާ ވިދާޅުވި އެވެ.

"ފުދުން ރަނގަޅު، އެކަމަކު ވަރަށް މުއްސަނދިވުން އެއަށް ވުރެ ރަނގަޅުވާނެ."

މިނިސްޓަރު ވިދާޅުވީ ތިނަދު އަކީ ކުޑަ އާބާދީއެއް އޮތް އެހެން ރަށްތަކަށް ފުރިހަމަ މިސާލެއް ކަމަށެވެ.

40 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 0%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 19%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕުރިންޓޭ

26 December 2021

އަޅުގަނޑު "މިވިދާޅުވަނީ" މީހުންދިރިއުޅޭ ތަނެއްގައި ތައުލީމެއް ސުކޫލެއް ، ނެތި ބޭނުންކުރާ ފެންވަޅު ބުޑަށް ނަޖިސް ހިންދައިގެން އުޅުމަކީ އަދި ޑޮލަރުލިބުނަސް ކުރިއެރުމެއްނޫން، ނިކަމެތިކަމެއް ނޯ ސްކޫލް ނޯ ސިވިލައިޒޭޝަން

The name is already taken The name is available. Register?

މަޑުލު

26 December 2021

"އަޅުގަނޑު ވިދާޅުވީމާ" ދެން އިތުރު ތަފްސީލެއްނުދިނަސް ހެޔޮ، ފެންވަރު އެނގިއްޖެ.

The name is already taken The name is available. Register?

ކިޔު

25 December 2021

ރާއްޖޭގައި 1000 ފަޅު ރަށް އެބަ އޮތް. މީހުން ދިރިއުޅޭ ރަށްރަށަށް ޓުއަރިޒަމް ގެންދިއުމުން، ސަގާފީ، އިޖްތިމާއީ އަދި ދީނީ ބޮޑެތި މައްސަލަތައް ދިމާވުން ގާތް. ވަރަށް ދެރަ. ޓުއަރިސްޓް ރިސޯޓެއްގައި އުޅޭ އާއިލާއެއްގެ ކުޑަކުދިންގެ ތަރުބިއްޔަތާ އުޅުމަށް ކުރާނެ އަސަރު ވިސްނާލުން ހުރި.

The name is already taken The name is available. Register?

ޖަޒީރާ ގެސްޓުން

25 December 2021

އަހަރެންގެ އަތޮޅުގައި ބައިވަރު ރިސޯޓް އެބަހުރި. ޢެކަމަކު އެނގޭތަ. ސްވެނިއަރ ވިޔަފާރިން ވަނީ މަހުރޫމުކޮށްލާފައި. އަތޮޅުގެ އެއްވެސް ރަށަކުން އެމީހުންޏަކަށް ވިޔަފާރިއެއް ނުކުރެވޭ. ޥަރަށްސަޅިކަމެއް ދިމާވަނީ. ގެސްޓުން އަންނަ ދޯންޏަށް އެމީހުން ގަންނަ ތަކެތި އެރުވުން މަނާކޮށްފައި އޮންނަނީ އެރިސޯޓުން. ޜަށްތައް ލިބިފައިހުރީ ގުލޭޗަންޕާމަލަށާ ގުލޭ ނޫރަންމަލަށް. އުޞޫލުންބޭރުން އަދީބު ވިއްކާލީ މުޅިއަތޮޅުއެކަށް.

The name is already taken The name is available. Register?

މިސްޓރ އައިޑިއަރ

25 December 2021

އަސްލު ރަށުގައި ކުދި ކުދި ގެސްޓް ހުންނަންވާނީ. ރަށުގެ ރައްޔިތުންނަށް ކުޑަ ލޯނަކުން ހެދޭވަރުގެ ގެސްޓްހައުސް. ރެސްޓޯރެންޓާއި ލޯންޑްރީ ވެސް އެއީ ކުރެވިދާނެ ކަންކަން. ކޮންމެ ގެސްޓްހައުސްއެއްގައި ހުރުމުގެ ބަދަލުގައި ރަށުގައި 2-3 ލޯންޑްރީ ހެދީމަ އެކަން ހަމަ ޖެހުނީ. ކޮމިއުނިޓޮ ޓޫރިޒަމް ކުރި އަރުވަންވީ. އެހެން ރަށްރަށުގެ ވިޔަފާރި ވެރިން އިންވެސް ކުރިޔަ ނުދީ ރަށު އެންމެ ގުޅިގެން އަމިއްލައަށް ކުރަންވީ.

The name is already taken The name is available. Register?

ވޯލް

25 December 2021

މާފުށި އެއޮތީ މުއްސަންދިން ހަރާބުކޮށްފަ.15 ބުރި އަށް މީހުން ގެސްޓްހައުސް ހަދާތަ؟؟؟ ލާރީއާގެން ހޭބަލިވީނުން ރަށުގެ އޮތް ރީތިޖަން ގެއްލިއްޖެ.10 އަހަރު ތެރޭ އެރަށުގެ ޑިމާންޑް ވެއްޓޭނެ. މި މާކެޓުގައި ސަވައިވު ވާނީ. ޖަޒީރާ ވަންތަ ކުދި ގެސްޓްހައުސް ހަދާގެން. ރާއްޖޭގެ ރަށްރަށުގައި 2 ބުރިއަށް ބުރެ އިސްކޮށް އިމާރަތް ކުރުން މަނާ ކުރަންޖެހޭ. ބީޗް ފުރަންޓް ރޫމް ހަދަންޔާ ބީޗުގައި ހުރި ގެތަން ކުއްޔަ ހިފާނީ.

The name is already taken The name is available. Register?

މަގޭމަގޭ

24 December 2021

މީގެ އަހަރު ތަކެއް ކުރިން ތިނަދޫ އައް ދިޔައިން އޭރު ސްކޫލްގަ އުޅެނީ އެންމެ ކުއްޖެއް ސްކޫލް ގައި ހުރީ 12ގޮނޑި ހެލްތްޕޯސްޓެއް ހުރި 1 ފިހާރަ ހުރި 30 މީހުން ދިރިއުޅޭ ފަޅުގެތައް ނިސްބަތުން ގިނަ ބަނދަރު ވަނީ ހެދިފަ މަސް މާރުކޭޓެއް ވެސް ހުރި

The name is already taken The name is available. Register?

ފުރެންޑޫ

24 December 2021

ނަމަނަމަ މާފުށް ޓަކަށް ނުހަދާތި. މާފުއްޓަކީ ހަލާކު ވެފަ އޮތްރަށެއް. ހައްދެއްނެތި 10 ބުރިއަށް ދަންދެން އިމާރާތްކޮށްފައި ގެސްޓް ހައުސް ކީމަ ލޯކަލް ރަށެއްގެ އެއްވެސް ކަމެއް ނެތް. މުޅި މާފުށި ހަލާކުވެއްޖެ.

The name is already taken The name is available. Register?

ޟަތުރަ

24 December 2021

ލޮލް. ސަރުކާރުން ކްރެޑިޓް ނެގި ލެއް އަވަހެއްނު. ރަށް ވީރާނާވާން ދޫކޮށްލާފަ އޮއްވާ ރަށުގެ ރައްޔިތަކު އިސްވެ ހުރެ ރަށުގެ އިގްތިސާދު ކޮޅަށް ޖެހީމަ ދެން ސަރުކާރުން އޭގެ ކްރެޑިޓް ނެގީމަ ވަރަށް ޖޯކު

The name is already taken The name is available. Register?

އެޑްމުންޑޯ

24 December 2021

ފޮޓޯގެ އެހެރެ ގެޔަކީ ބަޔަކު ދިރިއުޅޭ ގެޔެއްނަމަ ތިރަށުގެ މީހުންގެ ހާލަތު އަދިވެސް އުޅެނީ ވަރަށް ނިކަމަތިކޮށްކަން ދޭހަކޮއްދެނީ ،،، ގެސްޓް ހައުސްތައް ރީތި ، ގެސްޓް ހައުސްތައް ހިންގާފަރާތްތަކަށް ލިބޭ އާމްދަނީވެސް ގިނަވާނެ ، އެކަމަކުަ ރަށުގެ ރައްޔިތުންގެ ހާލަތު ހީނުވޭ ރަގަޅުހެން ....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454