ހަލާލު ޓޫރިޒަމަށް ހާއްސަ ހަތަރު ރަށަކާއި އާންމު އުސޫލުން ޓޫރިސްޓް ރިސޯޓު ހެދުމަށްޓަކައި 13 ރަށެއް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކުރި އިއުލާނުގައިވާ ގޮތުން ހަލާލު ޓޫރިޒަމަށް ހުޅުވައިލީ، ހދ. މަކުނުދޫ ފަޅުން ބަޔަކާއި ލ. ފޮނަގާދޫ އާއި ސ. ދޮންހެރަ އާއި އެ ރަށުގެ ކައިރީގައިވާ ކުޑަ ރަށެކެވެ.
އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ލީޒް އެކުއިޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މަކުނޫފަޅަށެވެ. ދުއިއްސައްތަ ހެކްޓަރުގެ އެ ފަޅަށް އެންމެ މަދު ވެގެން 1.3 މިލިއަން ޑޮލަރު (20 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. އެންމެ ކުޑަ އަގެއް ހުށަހަޅަން އޮތީ، އައްޑޫން ކުއްޔަށް ދޫކުރާ ރަށަށެވެ. ގާތްގަނޑަކަށް ނުވަ ހެކްޓަރުގެ އެ ސަރަހައްދަށް އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި 498،000 ޑޮލަރު (7.7 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.
އާންމު އުސޫލުން ޓޫރިޒަމަށް ހުޅުވާލީ ހއ، ހދ، އަދި ށ. އަތޮޅުގެ 13 ރަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅަން ޖެހެނީ ހއ. މާދުނިފަޅުގެ ތިން ސަރަހައްދަކާއި ށ. އަތޮޅުގެ ގޮނާ ފަޅުގެ ތިން ސަރަހައްދެކެވެ. އެ އިން ކޮންމެ ސަރަހައްދެއްގެ ބޮޑު މިނުގައި 200 ހެކްޓަރު ހުންނާނެ ކަމަށް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވެ އެވެ. އެ ހަ ފަޅުގެ އެކުއިޒިޝަން ކޮސްޓަކީ 2.1 މިލިއަން ޑޮލަރު (32 މިލިއަން ރުފިޔާ) އެވެ.
މީގެ އިތުރުން ހއ. ކެލާ ފަޅުން ދެ ސަރަހައްދަކާއި ހދ. މަކުނުދޫ ފަޅުން ދެ ސަރަހައްދެއްގެ އިތުރުން ހދ. މާފަރު ފަޅުގެ ތިން ސަރަހައްދެއް ޓޫރިޒަމް ތަރައްގީ ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. ހއ. ކެލާގެ ފަޅުން 169 ހެކްޓަރުގެ ސަރަހައްދުގެ އެކުއިޒިޝަން ކޮސްޓް ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔަ) އަށް އަރާ އިރު 159 ހެކްޓަރުގެ ސަރަހައްދުގެ އަގު 1.9 މިލިއަން ޑޮލަރު (29 މިލިއަން ޑޮލަރު) އަށް އަރަ އެވެ.
ހދ މަކުނުދު އާއި އެ އަތޮޅު މާފަރު ފަޅުން ދޫކުރަނީ 200 ހެކްޓަރު ފަޅުން ބައެކެވެ. އެ ތަންތަނުގެ އަގު އުޅެނީ 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ގަ އެވެ.
މި ބިޑަށް ޑޮކިއުމެންޓް ހުށަހެޅުމުގެ ފުރުސަތު އަންނަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފަ އެވެ.
ހަލާލު ޓޫރިޒަމް ތަރައްގީ ކުރަން ބޭނުންވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 35،000 ޑޮލަރު ހުށަހަޅަން ޖެހޭ އިރު އާންމު އުސޫލުން ރިސޯޓު ތަރައްގީ ކުރާ ރަށްތަކުގެ ބިޑް ސެކިއުރިޓީއަކީ 40،000 ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީން މި ފަހަރު ހުޅުވާލީ ރާއްޖޭގައި ޓޫރިޒަމް އެހާ ބޮޑަށް ކުރިނާރާ އަތޮޅުތަކުގެ ރަށްތަކެވެ.
މިދިޔަ އަހަރުގެ މެދުތެރޭގައި ޓޫރިޒަމް މިނިސްޓްރީން ވަނީ 32 ރަށެއް ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވާލައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ބިޑަށް ހުށަހެޅީ މަދު ރަށްތަކަށެވެ.