ސިއްސައިގެން ގޮސް މީހާ ހައެއްކަ ސިކުންތައް ހުއްޓުން އަރަ އެވެ. ބައެއް ފަހަރު ކުޅެން އިނދެފައި ވެސް ބިންމައްޗަށް ވެއްޓި ދާނެ އެވެ. އެކަމާ ހުރެ، އެތައް ޓެސްޓެއް ހަދައި، އެތައް ފަހަރު ޑޮކްޓަރަށް ދެއްކިޔަސް މިއަދާ ހަމައަށް ވެސް ނޭނގޭ ކަމަކީ ހުޒެއިލަށް ފިޓް ޖެހެނީ ކީއްވެ ކަމެވެ.

އުމުރުން މިހާރު އެންމެ ހަ އަހަރުގެ ހުޒެއިލް ބިން ހޫދު އަބްދުލްގަފޫރު، އެންމެ ފުރަތަމަ ފިޓް ޖެހުނީ އުމުރުން ހަތަރު އަހަރުގަ އެވެ.

ގދ. ފަރެސްމާތޮޑާ އަށް އުފަން، ހުޒެއިލްގެ މަންމަ ވަފާ އަބްދުﷲ، "މިހާރު" އަށް ކިޔައިދިން ގޮތުގައި 2019 ގައި އެންމެ ފުރަތަމަ ގޮތްތަކެއް ވާން ފެށުމުން ހުޅުމާލޭ ހޮސްޕިޓަލަށް ދެއްކި ނަމަވެސް ހުޒެއިލަށް ވާގޮތެއް އެތަނަކަށް ނޭނގުނެވެ. އެންމެ ފަހުން އައިޖީއެމްއެޗަށް އެ އަހަރު ދައްކައިގެން ހެދި ޓެސްޓުތަކުން އެނގުނީ ކުއްޖާ ހުއްޓުން އަރާފައި އެ ވާގޮތްތަކަކީ ފިޓް ޖެހޭތީ ވާގޮތެއް ކަމެވެ.

އޭރު އައިޖީއެމްއެޗުން ހެދި އެމްއާރުއައި އިން ދައްކާ ގޮތުގައި ހުޒެއިލްގެ ސިކުނޑީގައި ލޯވަޅެއް އިނދެ އެވެ. އަދި ނާރުތައް ވެސް ބްލޮކްވެ ފިޓް ޖެހެން މެދުވެރިވަނީ އެވެ.

"އައިޖީއެމްއެޗުން އޭރު ބުނީ ދުނިޔެއަށް އުފަންވީ އިރު ވެސް އިން ލޯވަޅެއް ކަމަށޭ ބެލެވެނީ އަދިވެސް ނުބެދި އިނީމަ ފިޓް ޖެހެނީއޭ. ނާރުތައް ވެސް ބްލޮކް ވަނީއޭ ބުނެފައި އިނީ އެ ހޮސްޕިޓަލުން،" ރެހެންދި ސްކޫލުގެ ގްރޭޑް އެކެއްގައި ކިޔަވަމުން އަންނަ އެ ކުއްޖާގެ ހާލަތު މަންމަ ކިޔައިދޭން ފެށި އެވެ.

ކުރިން ދެ ހަފްތާއިން އެއް ފަހަރު ފިޓް ޖެހޭކަން ފާހަގަކުރެވުނަސް މިއަހަރު ވަކިން ގިނައިން ފިޓް ޖެހޭ ކަން ފާހަގަކުރެވޭ ކަމަށް ވަފާ ބުންޏެެވެ.

ކުރިން ދެ ހަފްތާ އިން އެއް ފަހަރު ފިޓް ޖެހެނީ. ސިއްސައިގެން ގޮސްފައި ހުރެފައި ގާތްގަނޑަކަށް ހައެއްކަ ސިކުންތު ހުންނާނީ އެގޮތަށް. އަނެއްކާ ވެސް ބެކް ޓު ނޯމަލް ވާނެ. އެކަމަކު މިއަހަރު އިތުރުވާކަން ފާހަގަވޭ. މާޗު މަހު އެކަނި ވެސް 15 ފަހަރު ފިޓް ޖެހުނު. މިހާރު ހޭނާރާ ފަސް ވަރަކަށް މިނެޓް ހުރޭ. އެއީ މިއަހަރުވާން ފެށި ގޮތެއް -- ހުޒެއިންގެ މަންމަ

ހުޒެއިލަށް ވާގޮތެއް ނޭނގިގެން 2020 ގައި ވެސް އާސަންދަ ހޯދައިގެން އާއިލާ އިން ވަނީ އިންޑިއާގެ ޓްރިވަންޑްރަމް އަށް ގޮސް ޑޮކްޓަރަށް ދައްކައިފަ އެވެ. އެކަމަކު ޓެސްޓްތައް ހެދުމަށް ފަހު، ތިން މަސް ފަހުން ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް އެންގިޔަސް އެފަހަރު އެ މުއްދަތަށް އާއިލާއަށް އެގައުމަށް ނުދެވުނީ ކޮވިޑާ ގުޅިގެން އައި ލޮކްޑައުންގެ ސަބަބުންނެެވެ.

ހުޒެއިލް.
ހުޒެއިލް.

އެ އަހަރުގެ ނޮވެމްބަރުގައި ޑޮކްޓަރަށް ދައްކަން ދިޔަ ނަމަވެސް ޑޮކްޓަރު ވަނީ "ލިޔެކިޔުންތައް ވެސް ބަލައިނުލާ" އަލުން ތިން މަސް ފަހުން ދައްކަން ދިއުމަށް ބުނެފަ އެވެ.

"ކޮވިޑާ ހެދި އަޅުގަނޑުމެންނަށް އެފަހަރު ދެވުނީ ނޮވެމްބަރުގައި. އެ ޑޮކްޓަރު ރޫމަށް ވެސް ނުވައްދާ އަދި މިކޮޅުން [ރާއްޖެއިން] ދައްކާފައި ހުރި ލިޔުންތައް ވެސް ނުބަލާ ބުނީ އިތުރަށް ތިން މަސް ފަހުން އަންނާށޭ ދައްކަން. އެހެންވެ އަޅުގަނޑުމެން ދެން ނުދަން އެ ޑޮކްޓަރު ކައިރިއަށް އެގޮތަށް ކަންތައް ކުރީމަ."

އޭގެ ފަހުން މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ހުޒައިލް ގޮވައިގެން ދިޔައީ ކޮޗިންނަށެވެ. އަލުން ހުރިހާ ޓެސްޓުތަކެއް އެ ހޮސްޕިޓަލުން ހެދި އެވެ. އެގޮތަށް ހެދި އީއީޖީއިން އެނގުނު ގޮތުގައި އެންމެ އަށް ގަޑިއިރުގެ ތެރޭގައި ހުޒެއިލަށް 11 ފަހަރު ފިޓް ޖެހިފައިވެ އެވެ.

"އިންޑިއާއިން ހެދި އެމްއާރުއައި އަކުން ނުދައްކާ ބޮލުގައި ލޯވަޅެއް އިން ކަމަކަށް ވެސް. ނާރުތައް ބްލޮކްވާ ކަމަކަށް ވެސް. އައިޖީއެމްއެޗުގެ ޓެސްޓުން ދެއްކި. ފިޓް ޖެހޭތީ ހަ މަސް ދުވަހުގެ ބޭސް ދީފައި ހުރީ އެފަހަރު،" ހުޒެއިލަށް ވާ ގޮތެއް އަދި ނުހޯދޭ ކަމަށް ބުނެ އޭނާގެ މަންމަ ބުންޏެވެ.

އޭގެ ފަހުން ބޭސް ހުސްވި ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އިންޑިއާއަށް ނުދެވުނީ އައިޖީއެމްއެޗުގައި އެވަގުތު ކުޑަކުދިންގެ ނިއުރޯ ޑޮކްޓަރެއް ހުރުމުން އާސަންދަ ނުލިބިގެންނެވެ.

ހުޒެއިލް އޭނާގެ މަންމައާ އެކު.
ހުޒެއިލް އޭނާގެ މަންމައާ އެކު.

އެކަމަކު މިދިޔަ ޖުލައި މަހުގެ ތެރޭގައި އައިޖީއެމްއެޗުގެ ކުޑަކުދިންގެ ނިއުރޮލޮޖިސްޓަށް ދެއްކުމުން ވަނީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް އިންޑިއާއަށް ދިއުމަށް އާސަންދަ ހަމަޖައްސައިދީ ލިޔުންދީފަ އެވެ. އެހެންވެ އޮޕަރޭޝަން ކުރުމަށް ތައްޔާރުވެގެން ޖުލައި މަހު އާއިލާ އިން ވަނީ އިންޑިއާއަށް ގޮސްފަ އެވެ. އެކަމަކު އެފަހަރު ދިޔައިމަ ޑޮކްޓަރުން އޮޕަރޭޝަން ކުރުމަށް ދެކޮޅު ހެދީ ސިކުނޑީގެ އެތަން މިތަނުން ފިޓް ޖެހޭތީ އެވެ.

"ޑޮކްޓަރު ބުނީ ސިކުނޑީގެ އެއް ތަނަކުން ނޫނޭ ފިޓް ޖެހެނީ. އެކި ތަންތަނުން ފިޓް ޖެހޭތީ ތިމަންނަމެންނަށް އޮޕަރޭޝަން ކޮށްފައި ނުކުރާނެ ތަނެއް ނޭނގެއޭ. އެހެންވެ އެއް މަހުގެ ބޭސް ދީފައި ހުރީ އަލުން އެއް މަސް ފަހުން ދައްކަންދާން ބުނެފައި،" އޭނާ ބުންޏެވެ.

މިދިޔަ ޖުލައި މަހުގެ 29 ގައި ކާން ފެށި އެ ބޭސް މިދިޔަ މަހުގެ 29 ގައި ހުސްވެ، އާއިލާ އިން މިވަގުތު މަސައްކަތްކުރަމުން ދަނީ ވީއެންމެ އަވަހަކަށް ހުޒެއިން ގޮވައިގެން އިންޑިއާއަށް ދިއުމަށެވެ.

"އާސަންދަ ހަމަޖެހިފައި އިނީ. އެކަމަކު އެހާ އަވަހަށް އަނެއްކާވެސް އެކޮޅަށް [އިންޑިއާ] އަށް ދާންޖެހޭތީ ކެއުމާއި ހުރުމަށް ވެސް ހަރަދުތައް ހިނގާނެތީ އާއި ހުޒެއިލަށް އެހާ އަވަސް އަވަހަށް ފިޓް ޖެހޭތީ އިތުރު އެހީތެރިއަކު ގެންދަން ވެސް ބޭނުންވާތީ އެހީ ހޯދަނީ މި،" އޭނާގެ މަންމަ ބުންޏެެވެ.

ހުޒައިލަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް.
ހުޒައިލަށް އެހީތެރިވާން ބޭނުން ފަރާތްތަކަށް.

ފިޓް ޖެހުން ފިޔަވައި ހުޒެއިލްގެ އިތުރު ސިއްހީ މައްސަލައެއް ނެތެވެ. ހިނގާބިނގާވެ ހަދައި ފުރިހަމައަށް ވާހަކަ ދެއްކެ އެވެ. އެކަމަކު އާދައިގެ ކުއްޖެއްގެ ދިރިއުޅުން ހުޒެއިނަށް އުޅެވެން ނެތީ އަވަސް އަވަހަށް ފިޓް ޖެހުމާއި އާދަޔާ ހިލާފަށް ބޮލުގައި ރިއްސާތީ އެވެ.

"ރޭގައި ވެސް ނުނިދިގެން އުޅުނީ ހަމަ ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ. ބޮލުގައި ރިއްސާ ގަޑީގައި މީހަކު ވާހަކަ ދެއްކިޔަސް އުނދަގޫވާނެ. ބުނާނެ ކުއްޖަކު ހުއްޓާނުލާ ބޮލުގައި ތަޅާހެންނޭ ހީވަނީ."

ފިޓް ޖެހޭ ކޮންމެ ފަހަރަކު ހަކުރު ވެސް މަތިވެ، ކެއުން ބުއިމުގައި ވެސް ހުޒެއިލަށް އުޅެން ޖެހެނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. ވަފާއަށް، އޭނާގެ އަނެއް ދެ ކުދިންނަށް ވުރެ ބޮޑަށް ދޮށީ ދަރިފުޅު ހުޒެއިނަށް ބަލަން ޖެހިފައި ވަނީ އެތެރެ ފުށުން ފިޓް ޖެހި، ކުއްލިއަކަށް ވެއްޓި ތަނެއްގައި ބޯޖެހި އަނިޔާއެއް ވެދާނެތީ އެވެ.

އެހެންވެ، އާއިލާ އިން އެދެނީ ހުޒެއިންގެ އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އާންމުންގެ އެހީ އެވެ.