އެތައް މިލިއަން ޑޮލަރެއްގެ މަސްތުވާތަކެތި އުފުލާ މީހުންނާ ކުރިމަތިލާންވީ ވެސް ގޮވާތަކެތި ހަދައި މީހުން މަރަން ތައްޔާރުވާ މީހުންގެ ކުރިމައްޗަށް އަރަންވީ ވެސް މުގުރުބުރިއަކާއި ޕެޕަސްޕްރޭ ފުޅިއެއް ހިފައިގެން ހެއްޔެވެ؟ އެހެންނެއް ނުވާނެ އެވެ. އެކަމަކު ރާއްޖޭގައި މިފަދަ ޖިނާއީ ތަހުގީގުތައް ކުރުމުގެ ބާރު ގާނޫނީ ގޮތުން އޮތް ފުލުހުންނަށް މިވަގުތަށް މި ނޫން ގޮތެއް ނެތެވެ.
ނަމަވެސް ފުލުހުންނަށް "ހަތިޔާރު" ގެ ބާރު އިތުރަށް ދިނުމާ ގުޅޭ ގޮތުން ވާހަކަ ދައްކާ ކޮންމެ ފަހަރަކު އެކަމާ ދެކޮޅަށް ސިޔާސީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ދެކޮޅުހެދުން އާދެ އެވެ. ސަބަބަކީ ފުލުހުންގެ މާޒީގައި ހިނގާފައިވާ ކަންކަމާއި މިހާރު ވެސް ތަކުރާރުވާ ބައެއް ކަންކަމަށެވެ. އެކަމަކު، ކުށްކުރާ މީހުން އެ މީހުންގެ ބާރު ގަދަކޮށް ފުޅާކުރަމުން ދިޔަޔަސް، ފުލުހުން އަދިވެސް ތިބީ ތިބިގޮތުގައި ކަމަށް ބަލާފައި އިތުރު ބާރެއް ނުދޭންވީ ހެއްޔެވެ؟
ފުލުހުން އެގޮތަށް ގަބޫލެއް ނުކުރެ އެވެ. އެކަމަކު ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުން ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިންތިޒާމެއް ނެތެވެ. އެހެންވެ ފުލުހުންނަށް މިހާރު އޮތް ހަމައެކަނި ބާރުގެ ތެރެއިން ތައްޔާރުވަމުން އެ ދަނީ ލެސް ލީތަލް ހަތިޔާރެއް ބޭނުންކުރަން ފެށުމަށެވެ. މި އަހަރު ތެރޭ ފުލުހުން ޓޭޒާ ބޭނުންކުރަން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހް ވިދާޅުވީ ރާއްޖޭގައި ކުށުގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ބަލާއިރު އެކަށީގެންވާ ބާރާ އެކު ފުލުހުން ހަރަކާތްތެރިވުމަކީ ރައްޔިތުން އުންމީދުކުރާ ކަމެއް ކަމަަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ފުލުހުން ޓޭޒާ ބޭނުން ކުރުމަކީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެއް އޮތް ކަމެއްކަން ފާހަގަވެފައި ނެތް ކަމަށް ވިދާޅުވި އެވެ.
ފުލުހުންނަށް މިހާރު ލިބިދޭ ލެސް ލީތަލް ހަތިޔާރުގެ އިތުރުން އެހެން ބާރެއް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ބުނާ މީހުން ދައްކަނީ ސިފައިންގެ އެހީ ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނު އޮތުމެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ނަމަ ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެ އެވެ. ސިފައިންގެ އެހީއަށް އެދޭ ހާލަތުގައި އަމަލުކުރުމަށް "ފުލުހުން ސިފައިންގެ އެހީތެރިކަން ހޯދުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އެއް ވެސް ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައި އެބަ އޮތެވެ. އެކަމަކު ޖުމްލަ ގޮތެއްގައި، އެއީ ދިމާވާ ބޮޑެތި ކަންކަމުގައި ބޭނުންކުރަން ހާއްސަވެފައި އޮތް ގަވައިދެކެވެ. ފުލުހުން 24 ގަޑިއިރު އެކި މައްސަލަތަކަށް އެޓެންޑްވަމުން ދާއިރު ކޮންމެ ފަހަރަކު ސިފައިން ގޮވައިގެން އުޅޭ ގޮތަށް ހަމަޖައްސާފައި އޮންނަ ކަމެއް ނޫނެވެ.
ޓޭޒާ ބޭނުންކުރާނީ ކޮން ހާލަތެއްގައި؟
ފަސް ވަރަކަށް ސިކުންތައް މީހެއްގެ ހަރަކާތްތައް ހުއްޓުވާލާ ޓޭޒާ ބޭނުންކުރަން ފެށުމުގެ ކުރިން ފުލުހުން ވަނީ "ކޮންޑަކްޓިވް އެނާޖީ ޑިވައިސް ގެންގުޅުމާއި ބޭނުންކުރުމުގެ އުސޫލު" އެއް ހަދައިފަ އެވެ. އޭގައި ބުނެފައިވަނީ ސީއީޑީ ނުވަތަ ޓޭޒާ ބޭނުންކުރާނީ ކަނޑައެޅޭ ވަކި ހާއްސަ ހާލަތްތަކެއްގަ އެވެ. އެ އުސޫލު ބުނާ ގޮތުން ނަމަ ޓޭޒާ ބޭނުންކުރުމުގެ ހުއްދަ، އަމިއްލަ ހަށިގަނޑަށް ޓޭޒާ ބޭނުންކޮށް އެއިން ވާގޮތް ތަޖުރިބާކޮށްފައި ނެތް ފުލުހަކަށް ނުލިބޭނެ އެވެ.
އުސޫލުގައި ކަނޑައަޅާފައިވާ ގޮތުން ޓޭޒާ ބޭނުންކުރުމުގެ ހުއްދަ ދޭނީ ޕޮލިސް ކޮމިޝަނަރު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ފުލުހަކު މަސައްކަތްކުރާ ކޮމާންޑެއް ހިންގުމާ ހަވާލުވެ ހުންނަ އެންމެ އިސް އޮފިސަރެވެ. ޓޭޒާ ބޭނުންކުރެވޭނީ އުސޫލުގައި ކަނޑައަޅަޅާފައިވާ މިންގަނޑަށް އެ ބޭނުންކުރުމުގެ ތަމްރީން ލިބިފައިވާ މީހުންނަށް އެކަންޏެވެ. އެ ފުލުހަކަށް ލިޔުމުން ހުއްދަ ދީފައި އޮންނަން ޖެހެ އެވެ.
● ބޮޑީވޯން ކެމެރާ ނެތް ފުލުހަކު ޓޭޒާ ބޭނުންކޮށްގެން ނުވާނެ
● ބޮޑީވޯން ކެމެރާއަށް މަންޒަރު ރެކޯޑް ނުވާ ގޮތަކަށް، ޓޭޒާ ބޭނުންކޮށްގެން ނުވާނެ
● ޓޭޒާ ބޭނުންކުރުމުގެ ހުއްދަ ލިބޭނީ އަމިއްލަ ހަށިގަނޑުގައި އެ ޑިވައިސް ޓެސްޓުކޮށްފައިވާ މީހުންނަށް އެކަނި.
މިފަދަ ހަރުކަށި އުސޫލުތަކާ އެކު ވެސް ޓޭޒާ އަކީ ކޮންމެ ހާލަތެއްގައި ބޭނުންކުރަން ހުއްދަ އޮތް އެއްޗެއް ނޫނެވެ. މި ޑިވައިސް ބޭނުންކުރެވޭނީ؛
● ޖިސްމާނީ ބޮޑު އަނިޔާއެއް ދޭން ނުވަތަ ފުރާނައަށް ނުރައްކާވާ އަމަލެއް ކުރުމަށް ނުވަތަ މުދަލަށް ގެއްލުން ދޭން އުޅޭ ކަމަށް، އެކަށީގެންވާ ސަބަބުތަކާ އެކު ގަބޫލުކުރެވޭ ނަމަ.
● މުޖުތަމައުއަށް ނުރައްކާވާ ގޮތަށް އުޅެ، ހައްޔަރުކުރަން އުޅުމުން ގަދަ ދައްކައި ކުރިމަތިލުމަކަށް ދާން އުޅޭ ދެކޮޅުވެރިކަން ދައްކާ ނަމަ.
● ޓެރަރިޒަމްގެ އަމަލެއް ހުއްޓުވަން ހިންގާ އޮޕަރޭޝަންތަކުގައި.
● ޓޭޒާ ބޭނުން ނުކޮށްފި ނަމަ ފުލުހަކަށް ނުވަތަ މީހަކަށް ޖިސްމާނީ ބޮޑު އަނިޔާއެއް ނުވަތަ ފުރާނައަށް ނުރައްކާވާ ފަދަ ކަމެއް ކޮށްފާނެ ކަމަށް ބެލެވޭ ސަބަބުތައް ހުރި ނަމަ.
● ފުލުހުން ބަންދުކޮށްފައިވާ ތަނަކަށް ގަދަކަމުް ވަންނައުޅޭ ނަމަ، ޓޭޒާ ބޭނުންކޮށްގެން ނޫނީ އެ މީހަކު ހުއްޓުވެން ނެތް ކަމަށް ބެލެވޭ ނަމަ.
● އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން އުޅޭ މީހާ ހުއްޓުވަން.
ޓޭޒާ ބޭނުން ނުކުރެވޭ ހާލަތްތައް
● އުޅަނދެއްގައި ދުއްވާފައި ދާ ނުވަތަ ދުވެފައި ދާ މީހެއްގެ ގަޔަށް
● މާބަނޑު މީހެއް ކަމަށް ބެލެވޭ ނަމަ އެ މީހެއްގެ ގަޔަށް-
● ހާއްސަ އެހީއަށް ބޭނުންވާ މީހެއްކަން އެނގޭ ނަމަ އެ މީހަކަށް
● ބުއްދި ފިލާގޮސްފައިވާ މީހަކަށް.
● ކުޑަކުއްޖެއްކަން ކަނޑައެޅިގެން އެނގޭ ނަމަ އެ ކުއްޖަކަށް.
● އުމުރުން ދުވަސްވީ އަދި ގައިބާރު ދެރަ މީހުންގެ ގަޔަށް.
● ހިތުގެ ބަލި ހުރިކަން އެނގޭ މީހެއްގެ ގަޔަށް.
● މަސްތުވެ، ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލުގައި ހުރި މީހަކަށް.
● ހޭ ނެތި ނުވަތަ ހަބަރު ހުސްވެފައިވާ މީހަކަށް.
● ބިޑި އަޅުވައި ނުވަތަ އެފަދަ ގޮތަކުން ރެސްޓްރެއިން ކޮށްފައިވާ ނަމަ.
● ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން، [ޕެޕަސްރޭ ފަދަ] ދިލަ ނުވަތަ ކެރުމުގެ އަސަރު ހުރި އެއްޗެއް ބޭނުންކުރުމުން އޭގެ އަސަރު ހުރި މީހެއްގެ ގަޔަށް.
● ފަސޭހައިން އަލިފާން ހިފާ ގޭހާއި ގޮވާތަކެތި ހުރި ތަނެއްގެ ތެރޭގައި.
ފުލުހުންނަށް ދޭ ކޮންމެ ބާރަކާ އެކު ސިޔާސީ ގޮތުން އެ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ތުހުމަތު އޮވެ އެވެ. ޓޭޒާ އަކީ ވެސް މުޒާހަރާތައް ހުއްޓުވަން ބޭނުންކުރާނެ އެއްޗެއް ކަމަށް އެއްބަޔަކު ބުނަނީ އެހެންވެ އެވެ. އެކަމަކު ޓޭޒާ ބޭނުންކުރުމުގެ އުސޫލު ހަދާފައި އޮތީ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުންތަކާއި ހިނގާލުންތައް ރޫޅާލުމަށް ޓޭޒާ ބޭނުންކުރުން މަނާކޮށްފަ އެވެ.
"ޓޭޒާ ބޭނުންކުރާނެ ގޮތަށް ބަލާއިރު މިއީ މުޒާހަރާ ނުވަތަ ޕަބްލިކް އޯޑާ ސިޓުއޭޝަންގައި އެއްފަހަރާ ގިބަ ބަޔަކަށް ބޭނުންކުރެވޭނެ އެއްޗެއްނޫން. މިއީ ނުކިޔަމަންތެރިކަން ދައްކާ ވަކިވަކި ފަރުދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާއިރު ބޭނުންކުރަން ހުންނަ އެއްޗެއް،" ފުލުހުންގެ ތަރުޖަމާނު ޔޫނުސް ވިދާޅުވި އެވެ.
ފުލުހުން ޖެހޭނީ އިތުބާރު ހޯދަން
ޔޫނުސް ވިދާޅުވީ ފުލުހުން ބޭނުންކުރަން ނިންމާފައި ވަނީ މިވަގުތު ދުނިޔޭގެ ކުރިއަރާފައިވާ އަދި ޒަމާނީ ޑިމޮކްރެޓިކް ޕޮލިސިން ހިދުމަތްދޭ ގައުމުތަކުގައި ހުރި ވަސީލަތްތަކުގެ ތެރެއިން ވެސް އެންމެ ރައްކާތެރި އެއްބާވަތް ކަމަށެވެ.
"އެތައް ހާސް ދިރާސާއެއް ކުރެވިފައިވޭ. ޓޭޒާ މިގޮތުން ބޭނުންކުރެވޭ އެންމެ ރައްކާތެރި ލެސް ލީތަލް އާލާތް. ދިވެހި ފުލުހުންގެ ހިދުމަތުން މިހޯދާ ޓީ-7 ގެ ބާވަތަކީ މިއީ މިވަގުތު ޓެކްނޮލޮޖިކަލީ އެންމެ ފަހުގެ ބާވަތް. ޓޭޒާ ބޭނުންކުރުމުން އޭގެ އަސަރު ހުންނަނީ ފަސް ވަރަކަށް ސިކުންތަށް. ދާއިމީ ގެއްލުމެއް ނުލިބޭކަން ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވޭ،" ޔޫނުސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ބޭނުންކުރާ ބޮޑީވޯން ކެމެރާ އަކީ ވެސް ޓޭޒާ އުފައްދާ އެކްސްއޮން ކުންފުނީގެ އުފެއްދުމެއް ކަމަށާއި އެ ހަދާފައި ވަނީ ޓޭޒާ ބޭނުންކުރާ އޮފިސަރު ކެމެރާ އޮން ނުކުރިޔަސް އޮޓޯއިން ބޮޑީވޯން ކެމެރާ އޮންވެ ރެކޯޑް ކުރެވޭ ގޮތަށް ކަމަށެވެ.
ފުލުހުން ދޭ ޔަގީންކަމާ އެކު ބޭނުންކުރަން ފަށާ މި ބާރަކީ ފުލުހުންނަށް އިތުރު ބާރެއް ދޭންވީ ކަމުގެ އިތުބާރު ހޯދަންޖެހެ އެވެ.