ރިޕޯޓް / މެދުސަފުހާ

ރަށުގެ މަލަމަތި ބޮޑެތި ހޮޓާތަކުން ޒީނަތްތެރިވަނީ؛ މާފުއްޓަކީ ސަތޭކައިގެ ބްރޭންޑެއް!

ްމާފުށީގެ ބައެއް ގެސްޓްހައުސްތައް. އެރަށުގައި 48 ގެސްޓްހައުސް ހުރޭ--ފޮޓޯ:ނިޝާން އަލީ/މިހާރު

މީގެ 13 އަހަރު ކުރިން، މި ރަށުގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހެދީ މަހަކު 10،000ރ. އަށް ގެއެއް ކުއްޔަށް ހިފައިގެން 300،000ރ. ގެ އިންވެސްޓްމަންޓަކާ އެކު އެވެ. އޭރު ބައެއް ގޭގޭގެ އިން ތިން ހަތަރު ކޮޓަރި ކުއްޔަށް ނަގައިގެން ވެސް މި ވިޔަފާރި ކުރި އެވެ.

އެކަމަކު އެކަން ބަދަލުވެއްޖެ އެވެ. ވާދަވެރިކަމުގެ ތެރޭގައި ގެސްޓް ހައުސްތައް މިހާރު ބަދަލު ވަމުން ދަނީ ބޮޑެތި ހޮޓާތަކަކަށެވެ. ޓޫރިސްޓުން އޮތީ ފުނި ޖެހިފަ އެވެ. މި ޑިމާންޑްގެ ތެރޭގައި އާދައިގެ އިންވެސްޓްމަންޓަކުން މި ރަށަކު މިހާރު ޓޫރިޒަމް ފެށޭކަށް ވެސް ނެތެވެ. ބާރަ، ތޭރަ ބުރީގެ ބޮޑެތި ހޮޓާތައް އަޅަން މަހަކު އެއް ލައްކަ ރުފިޔާގެ ކުއްޔަށް ވެސް ބިންތައް އެބަ ހޯދަ އެވެ. މާފުށީގައި ވިއްކާ ބިމެއްގެ އަގު މިހާރު އުޅެނީ އަކަފޫޓަކަށް 2،700ރ. ގެ ރޭޓުގަ އެވެ. އެއީ މާލޭގެ ވެސް ބިމުގެ އަގެވެ.

މާފުށި ބްރޭޑަކަށް ވެއްޖެ އެވެ؛ މިއީ ގަބޫލު ކުރަން ވެސް ދަތި، އެކަމަކު ހަގީގަތެކެވެ. އެ ހަގީގަތުގެ ފަހަތުގައި އޮތީ ވަރަށް ގިނަ ބައެއްގެ މަސައްކަތެވެ. މި ރަށަކީ މިހާރު ދުނިޔޭގައި ވެސް ބްރޭންޑެކެވެ.

ތިކަމެއް ނުވާނެއޭ، ނުވާނެއޭ ބުނެބުނެ އޮއްވައި މާފުށީގެ ޓޫރިޒަމް ކާމިޔާބުކޮށްފި އެވެ. އެކަމަށް ޖޯކު ޖެހި ބައެއް މީހުން ވެސް މިހާރު ހަމަ މި ރަށުގައި ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަދެއްޖެ އެވެ. ރާއްޖޭގެ ޒަވާންވީ "ވަން އައިލެންޑް، ވަން ރިސޯޓު،" ކޮންސެފްޓް މާފުށިން މުޅިން ބަދަލުކޮށްލައިފި އެވެ. މީހުން ދިރިއުޅޭ ރަށެއްގައި ވެސް ޓޫރިޒަމް ކުރިއަށް ގެންދެވިދާނެ ކަން މުޅި ދުނިޔެ އަށް ދައްކާލައިފި އެވެ.

މި ރަށުން މިހާރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. ކޮންމެ ދިމާލަކުން ފެންނަނީ ޓޫރިސްޓުންގެ ގުރޫޕްތަކެވެ. ބަނދަރުމަތިން އޮންނަނީ ހަލަބޮލިކޮށެވެ. އެއް ބަޔަކު ސްނޯކްލިންނަށް، އަނެއް ބަޔަކު އެކްސްކާޝަންތަކަށް ރަށުން ފުރަފުރައިގެންދާ އިރު ދެން ފެންނަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރަން ފުލުފުލުގައި މީހުން އަންނަ ލޯންޗުތަކެވެ.

އެތައް ބައިވަރު ރެސްޓޯރަންޓެކެވެ. އެތައް ބައިވަރު ސްވެނިއާ ޝޮޕެކެވެ. އެތައް ބައިވަރު ޒުވާނުން އެ މީހުންގެ ވަޒީފާތަކުގަ އެވެ. އެތައް ބައިވަރު ވޯޓާ ސްޕޯޓްސް ސާމާނާ އެކު ވޯޓާ ސްޕޯޓްސް ހަޓްތަކެވެ. މިއީ، ރާއްޖޭގެ ރަށަކުން ދުވަހަކު ފެނިދާނެ ކަމަށް މީގެ ކުރިން ހީކުރެވިފައިވާ މަންޒަރެއް ނޫނެވެ. މި ރަށަކީ، ބަލާލި ކޮންމެ ދިމާއެއްގައި ވެސް އެތައް ބައިވަރު ހަރަކާތެއް ފެންނަން އޮތް ރަށެކެވެ.

މާފުށީގެ ރެސްޓޯރެންޓެއް ކައިރީގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: އެ ރަށުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓް ހުރޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަށުގެ ރައްޔިތުން ވެސް އުންމީދު ނުކުރާ ހަލުއި ދުވެލީގައި ޓޫރިޒަމް ތަރައްގީވެގެން ދިއުމުން ރަށަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. ކުރިން މާ ބޮޑު އަގެއް ނެތް އެ ރަށުގެ ގެތައް 5،000 ޑޮލަރުން 10،000 ޑޮލަރަށް ކުއްޔަށް ދޭން ފެށުމުން، ރަށުގެ ވަކިވަކި މީހުންގެ ދިރިއުޅުމަށް ވެސް ވަނީ އުފާވެރިކަން އައިސްފަ އެވެ.

ވަޒީފާ ހުސްނުވެ އެބައޮތް

މި ރަށުގައި މި ވަގުތު ހިންގާ ގެސްޓްހައުސްތަކުގެ ބޮޑު ހިއްސާއެއް އޮތީ މި ރަށަށް އުފަން މީހުންގެ އަތުގަ އެވެ. ރަށުގައި ހިންގާ ގާތްގަނޑަކަށް 48 ގެސްޓްހައުސްގެ ތެރެއިން 70 ޕަސެންޓް ނިސްބަތް ވަނީ މި ރަށަށް އުފަން މީހުންނަށެވެ. އެއީ ގާތްގަނޑަކަށް 800 އެނދެވެ.

ދެހާހެއްހާ މީހުން ދިރިއުޅޭ މި ރަށުގައި ގެސްޓް ހައުސްތަކާއި ޓޫރިޒަމާ ސީދާ ގުޅޭ އެހެން ވިޔަފާރިތަކުގައި 1،000 ވުރެ ގިނަ ވަޒީފާ ވަނީ އުފެދިފަ އެވެ. އޭގެތެރެއިން ރަށުގެ އެންމެ ބޮޑު ތިން ގެސްޓްހައުސް ކަމަށްވާ އެރީނާ އާއި ކާނި އަދި ޓްރައިޓަން އިން އެކަނި 400 އަށް ވުރެ ގިނަ ވަޒީފާ ވަނީ އުފައްދައިފަ އެވެ. އަދި ގެސްޓްހައުސްތަކާއި ރެސްޓޯރެންޓްތަކާއި ވޯޓަ ސްޕޯޓްސް އާއި ދަތުރުފަތުރުގެ ހިދުމަތްތައް ދިނުމުގައި ހާހަކަށް ވުރެ ގިނަ ވަޒީފާ ވަނީ އުފެދިފަ އެވެ.

މާފުށީ މަގަކުން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: އޮކިއުޕަންސީ ވަރަށް ރަނގަޅު ރަށެއް-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާފުށީގައި ގެސްޓްހައުސް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ އެއް ބަޔަކީ ޓްރައިޓަން އެވެ. އެންމެ 10 ކޮޓަރިން ވިޔަފާރި އަށް ވަން ޓްރައިޓަންގެ ތިން ގެސްޓްހައުސްގައި 80 ކޮޓަރި އެބަހުއްޓެވެ. އެތަނުގައި ވެސް 100 ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ޓްރައިޓަންގެ އިސް ބޭފުޅެއް ކަމަށްވާ އިބްރާހިމް މުރުތަލާ ވިދާޅުވީ، ވަޒީފާ ނުލިބި އެތައް ބަޔަކު ކުރިން މާފުށީގައި ތިއްބަސް، ވަޒީފާ ނެތި، ނުވަތަ ކުރާނެ ކަމެއް ނެތިގެން އެކަކު ވެސް ހުންނަން ނުޖެހޭނެ ކަމަށެވެ.

"މާފުށީގައި ވަޒީފާތައް އެބަދޭ އިތުރުވަމުން. ވަޒީފާ ބައިވަރު އެބައޮތް. މި ވަގުތު ވެސް ރަށްރަށުން މީހުން އައިސް ވަޒީފާތަކުގައި އެބަދޭ އެކޮމަޑޭޓްވަމުން،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް މުރުތަލާ "މިހާރު" އާ ވާހަކަދައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ސޮލާހު ވިދާޅުވީ، އެ ރަށުގައި ވަޒީފާތަކުގައި މުސާރަ ރަނގަޅުވެ، ވަޒީފާތަކަށް އޮތް ޑިމާންޑް ވެސް ވަރަށް ބޮޑު ކަމަށެވެ. އަދި އުފެދޭ ވަޒީފާ އަށް ބޭނުންވާ އަދަދަށް ދިވެހިން ނުލިބޭތީ، ބިދޭސީން ހޯދަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ކުއްޖަކު ވެސް ނުހުންނާނެ ވަޒީފާ ނުލިބޭ. ބިދޭސީ މުވައްޒަފުންނާ ނުލައި ވެސް މި ވަގުތު ނެތް މިކަން ވާކަށް. އެއީ ހަމައެކަނި މިކޮޅަކު ނެތް މިކޮޅުގައި ހުރި ވަޒީފާތަކަށް ނުކުމެވޭ ވަރަށް މީހުންނެއް،" އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި އިތުރު ގެސްޓްހައުސްތައް މިހާރު ވެސް އަންނަނީ އަޅަމުންނެވެ. އެއީ ވެސް އެތައް ބައިވަރު ވަޒީފާ އެވެ.

ބުޓީކް ސްޓައިލުން ބޮޑެތި ހޮޓާތަކަށް

މާފުށީގެ ޓޫރިޒަމް ކޮންސެޕްޓް މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުންނެވެ. ކުރިން އާންމުކޮށް ގެތައް ހުންނަ ގޮތަށް އިމާރާތްކޮށްގެން ގެސްޓް ހައުސް ހެދިޔަސް، މިހާރު މާފުށީގައި ފެންނަނީ 12-13 ބުރީގެ އުސް އިމާރާތްތައް އިތުރުވަމުންދާ ތަނެވެ. އޭގެ ބައެއް ތަންތަން މިހާރު ހުޅުވައި ހިދުމަތް ވެސް ދޭން ފަށައިފި އެވެ. ކުރިއަށް އޮތްތާނގައި ހުޅުވަން ތައްޔާރުވާ ބޮޑެތި ހޮޓާތަކެއް ވެސް އެބަހުއްޓެވެ. އެއީ ގާތްގަނޑަކަށް 50 އެނދުގެ ނުވަތަ، އެއްފަހަރާ 100 ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ވަރުގެ ހޮޓާތަކެވެ.

ޓްރައިޓަން ގެސްޓްހައުސް: އެ ބްރޭންޑްގެ ތިން ގެސްޓްހައުސް ހުރޭ-- ފޮޓޯ:ނިޝާން އަލީ/ މިހާރު

އެ ރަށުގެ ގެސްޓްހައުސްތަކަށް އެހާ ބޮޑު ބަދަލެއް އައީ، ޓޫރިސްޓުންގެ ޑިމާންޑް ބޮޑުވެ، އެ ވިޔަފާރީގެ ވާދަވެރިކަން އިންތިހާ އަށް ބޮޑުވުމުންނެވެ. މިހާރު މާފުށީގައި އާދައިގެ ގެއެއްގައި ގެސްޓްހައުސް ހިންގާ މީހަކަށް މާބޮޑު ފައިދާއެއް ނުލިބެ އެވެ. ވާދަވެރި މާހައުލެއްގައި އެ ވިޔަފާރި ކުރަން ބޭނުން ނަމަ، ޖެހޭނީ ސިޓީ ހޮޓާ ލެވެލްގެ އިމާރާތްތަކުގައި އެ ވިޔަފާރި ކުރާށެވެ.

ގިނަ ގެސްޓްހައުސްތައް މިހާރު ހުންނަނީ ލަގްޒަރީ ލެވެލްގައި ހަދައިފަ އެވެ. އެ ހޮޓާތަކަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރަން ޖެހެ އެވެ. އެ ތަންތަނުގައި ޕޫލް އާއި ދުނިޔޭގެ ގިނަ ކުޒީންތަކުގެ ކެއުމާއި، ރިސޯޓުތަކުގެ ފެންވަރުގައި ރޫމް ސާވިސް ފޯރުކޮށްދެ އެވެ.

އެކަމަކު، މި ފެންވަރުގެ ޓޫރިޒަމެއް އޮތުމަކީ މި ވިޔަފާރީގެ ތެރޭގައި އުޅޭ އެންމެން ބޭނުންވާ ގޮތެއް ވެސް ނޫނެވެ. މި ވާދަވެރިކަމުގެ ތެރޭގައި މުޅި ކޮންސެޕްޓް ހަލާކުވެ، ގެސްޓް ހައުސް ޓޫރިޒަމްގެ ބިރު އެބައޮތް ކަމަށް މުރުތަލާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެން ވެސް ހޮޓާތަކާ ދިމާއަށް ދާން މި ޖެހުނީ ވާދަވެރިކަމުގެ ތެރޭގައި އެހެން ގޮތެއް ނެތިގެން. އެކަމަކު ގެސްޓް ހައުސް ޓޫރިޒަމަކީ މުޅިން އެހެން ޓޫރިޒަމެއް. އެއީ ރާއްޖޭގެ މި ރީތި ރަށްރަށުގެ ގުދުރަތީ ރީތިކަމުގެ ތެރެއިން ފައިދާ ހޯދުން،" އޭނާ ވިދާޅުވި އެވެ.

އެރީނާގެ ރޫމެއްގެ އެތެރެ: އެރީނާ އިން 130 އެނދު އޮޕަރޭޓް ކުރޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދަތުރުފަތުރު ފަސޭހަ، ވިޔަފާރިކުރަން އިތުރު ފުރުސަތުތައް

މި ރަށުގައި ޓޫރިޒަމް ފެށިއިރު، މާލެ އާއި މި ރަށާ ދޭތެރޭ އޮންނަނީ ދުވާލަކު އެންމެ ފެރީއެކެވެ. ދޮޅު ގަޑިއިރުން މާލެ ދަތުރުކުރާ އެ ފެރީއިން މާފުށިން މާލެއަށް މީހުން ފުރާނީ ހެނދުނު 7 ޖަހާއިރު އެވެ. އަދި މާލެއިން މީހުން އަންނާނީ މެންދުރު ފަހު 3:00 ޖަހާއިރު އެވެ.

ކިތަންމެ ހެނދުނުގެ ފްލައިޓަކުން ރާއްޖެ އަންނަ ޓޫރިސްޓު ވެސް ޖެހޭނީ މާލޭގައި ފެރީގެ ވަގުތު ޖެހެންދެން މަޑު ކުރާށެވެ. އަދި ރޭގަނޑު އޮންނަ ފްލައިޓަކަށް ވެސް މި ރަށަށް އަންނަ ޓޫރިސްޓުން ހެނދުނު ހެނދުނާ މާލެ އަންނަން ޖެހެ އެވެ.

އެކަމަކު މިހާރު ކޮންމެ ގަޑިއަކު، އަދި ބައެއް ވަގުތުތަކުގައި ބައި ގަޑިން ވެސް ފެރީ ލޯންޗުތައް އޮވެ އެވެ. ފްލައިޓްގެ ޗެކިން ވަގުތާ ދިމާކޮށް އެއްވެސް ދަތިކަމެއް ނެތި އެއާޕޯޓަށް ދެވެ އެވެ.

މާފުށި ޓްރައިޓަން ޕްރިސްޓީޖުގެ ޕޫލް އޭރިއާ: އެ ރަށުގެ ގިނަ ގެސްޓްހައުސްތަކުގައި ޕޫލް ހުރޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ރަށުގެ ޓޫރިޒަމާ އެކު ރަށު ރައްޔިތުންނަށް ވެސް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ، ބޭނުން އިރަކު މާލެ އަށް ގޮސް އައިސް އުޅުމުގެ ފަސޭހަކަން ލިބުމެވެ. އެއާޕޯޓާއި މާފުއްޓާ ދެމެދު، އަދި މާލެއާ ދޭތެރޭ ވެސް ދަތުރުފަތުރުގެ ފުރިހަމަ ނިޒާމެއް އެބައޮތެވެ.

ދަތުރުފަތުރުގެ ފަސޭހަކަމާއި، ޓޫރިސްޓުން ދާ ވަރު އިތުރުވުމުގެ ސަބަބުން، އެ ރަށުގެ ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ވިޔަފާރީގެ ފުރުސަތުތަކެވެ. އެ ރަށުގައި އޮތް ވޯޓާ ސްޕޯޓްސް ވެސް މިހާރު އޮތީ އެހެން ލެވެލްއެއްގަ އެވެ. ރެސްޓޯރެންޓެއް ވިޔަސް، ނުވަަތަ ސްވެނިޔާ ޝޮޕެއް ވިޔަސް، ކުޑަ އައިސްކްރީމް ސްޓޯލެއް ބަހައްޓައިގެން ވިޔަސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމާ މެދު އެއްވެސް މީހަކު މިހާރު ޝައްކެއް ނުކުރާނެ އެވެ.

މާފުށީގައި މިހާރު ފެންނަން އޮތް ހަގީގަތަކީ މި ރަށުގައި ހަމަ ކޮންމެ ކަމެއް ކުރިޔަސް އެ މީހަކު މުއްސަނދިވުމުގެ ފުރުސަތު އޮތް ކަމެވެ. މާފުށި އެންމެ 13 އަހަރުން މި ބަދަލުވީ އެއްކޮށެވެ. އެ ބަދަލު އައީ ހަމައެކަނި ރަށުގެ ޓޫރިޒަމަށް އެކަންޏެއް ނޫނެވެ. މި ރަށު ރައްޔިތުންގެ ވިސްނުން ވެސް މުޅިންހެން ބަދަލުކޮށްލައިފި އެވެ.

18 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 65%
icon wow icon wow 5%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓިނޭއްލި

30 November 2022

70 ޕަސެންޓް ކޮޓަރިއަކީ މާފުށި ރައްޔިތުންގެ އިންވެސްޓްމެންޓް އަދި ތިރީސް ޕަސެންޓަކީ ބޭރުން އައި މީހުންގެ އިންވެސްޓްމެންޓް . މާފުށިރައްޔިތުންގެ ހިއްވަރަށް ހަމަ ސާބަސް އަދި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ހާއްސަކޮށް ނަޝީދަށް ވެސް

The name is already taken The name is available. Register?

ކުނޯއި

29 November 2022

މާލޭގެ ބިމުގެ އަގު އުޅެނީ 9ކ އައް އަކަފޫޓް އެއް

The name is already taken The name is available. Register?

އެމްސް

25 November 2022

މާފުށްޓަކީވެސް ފަޤީރު ރަށެއް! މުއްސަނދީ ރަށުން ބޭރުން އަރާ ތިބި މީހުން! ރާއްޖެއަކީވެސް ފަޤީރު ޤައުމެއް! މުއްސަނދީ ރިސޯޓް ވެރިން!

The name is already taken The name is available. Register?

ރޯމް

25 November 2022

ތީ ގެންގް ބްރޭންޑެއް މިހާރު. ޏުދާނަން

The name is already taken The name is available. Register?

ޢަރުތަ

25 November 2022

ތިޔަށްވެސް ކިޔަނީ ލޯކަލް ޓުއަރިޒަމް އުތަ! މުޅި ކޮންސެޕްޓް ތިއޮތީ ތިރަށުގަ "އޮޅާލާފަ"، ފެންނަނީ ބޮޑެތި ސިޓީ ހޮޓާތަކެއް، ލޯކަލް ޓުއަރިޒަމްގެ މަޤްސަދުވެސް މިހާރު ތިރަށު މީހުން ހަނދާން ނުހުއްނާނެ.

The name is already taken The name is available. Register?

އެޑްމުންޑޯ

25 November 2022

ރަށުގައި ކޮންމެ ކަމެއްކޮއްގެން ވެސް މުއްސަދި ވުމުގެ ފުރުސަތު އޮތްކަން އެގުނީމާ ވަމުންދގޮތް އެބަފެނޭ އެއްނު ، މާފުށި މީހުންނަށް ފައިސާ އަކީ ހުރިހާ އެއްޗެއްނޫންކަން އެގޭނަމަ ހާދަރގަޅޭ

The name is already taken The name is available. Register?

މައި2ސެންޓްސް

24 November 2022

ރާއްޖޭގަ އެހާ ބައިވަރު ގުދުރަތީ ރީތިރަށްތައް ހުއްޓާ މިތަނަށް މިހާ ގިނަމީހުންދާ ނޫނީ ސަރުކާރުން ގެންދަން އުޅޭ ސަބަބެއް ނުވިސްނޭ. ރީތި ފަޅެއް، މޫދެއް، ބީޗެއް ނެތް. ބޮޑު ހިލަޔާ މޫދުވިނަ މުޅިތާނގަ. މީހުންނާ އިމާރާރްތައްވެސް އޯވާ ކްރައުޑެޑް. ރާއްޖޭގެ ޓުއަރިޒަމް ދުނިޔެއަށް އަސްލު މަޝްހޫރުވި ސަބަބުތަކާ މުޅިންވެސް ފުށުއަރާ ތަނެއް.

The name is already taken The name is available. Register?

އެންމެކަމެއް

24 November 2022

އެންމެ މަގްސަދެއް އޭގަ އޮތީ. ފަތުރުވެރިކަމުގެ ތެރެއިން މާލެއާ އެންމެ ކައިރީގަ އޮތް ރަށުގަ ވަކި ބަޔަކު ބޭނުންވާ ކަހަލަ ޚިދުމަތްތަކެއް ލިބުން. ފަތުރުވެރިކަމުގެ ނިވަލުގައި ތިބެ ދިވެހިން ބޭނުންވާ ހުއްދަ ނެތް އެތައް ކަމެއް ފުޅާކުރުން. ރާ ބޯން ބޭނުންވާ މީހުން ގިނަވެ އެކަން ފަސޭހައިން ކުރެވޭނެ މަގު ތަނަވަސްކުރަން އެމީހުން ބޭނުންވުން. ރަލަކީ މަސްތުވުމަކީ އެހެން ހުރިހާ ކަމަކަށް މަގުފަހިކޮށްދޭ ކަމެއް. ބާކީ އޮތްހާ ނުބައި ކަންކަން އުނދަގުލެއްނެތި ދެން ވާނެ.

The name is already taken The name is available. Register?

ނާތަހުޒީބު

24 November 2022

ނާތަހުޒީބު ވިސްނުމަށް ރައްޔިތުންގެ ވިސްނުން ބަދަލުވިކަމަށް ތިއޮތީ. ޑޮލަރަށްޓަކައި އާޚިރަތް ވިއްކައިލާވަރަށް ވިސްނުން ބަދަލުވީ. ތިޔަކަހަލަ ވިސްނުމެއް މަށަށް ނުދެއްވާތޯ ދުއާކުރަން.

The name is already taken The name is available. Register?

ހޭލާ

24 November 2022

އެންމެނެ ދެން ކުރަންވީ ކަމަކީ މާފުށިން ފަިބަންވީ އެހެން ރަށްރަށު މީހުންނަށް އުނދަގޫ ކުރަން. މިހާރުވެސް އެހެން ތަންތަނުން ގޯތި ނުލިބިގެން އުޅޭއިރު ރަށުގައި ހުންނަ ގެ ހުންނަނީ ކޮްންމެވެސް ބަޔަކަށް ވިއްކާލާފަ

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

24 November 2022

މަލަމަތި ރީތި، ބުރޭންޑް އަގުބޮޑު. އެހެނަސް ފޭރާން ވީދިއްޖެ.

The name is already taken The name is available. Register?

ނިކަމެތިރައްޔިތުމީހާ

24 November 2022

ފޭރާމެއް ނެތް ބަޔެއްގެ ވީދޭނީ ކޮން ފޭރާމެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454