ހަ ރަށެއްގެ 22 ގެސްޓު ހައުސްއެއް މާދަމާ ހުޅުވާނެ

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް މާދަމާ އިން ފެށިގެން އަލުން އޮޕަރޭޝަނަށް ނެރޭއިރު، މިހާތަނަށް މާދަމާ އަށް ހުއްދަ ދީފައި ވަނީ ހަ ތަނަކަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.


ގެސްޓު ހައުސްތައް އަލުން ހުޅުވަން ސަރުކާރުން ހުއްދަ މި ދިނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު، އެ ތަންތަން ބަންދު ކޮށްފައި ހުންނަތާ ދުވަސްތަކަކަށް ފަހު އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ މިހާތަނަށް ޝަރުތު ހަމަވާ ހަ ރަށެއްގެ ގާތްގަނޑަކަށް 22 ގެސްޓު ހައުސް މާދަމާ ހުޅުވަން ހުއްދަ ދީފައިވާ ކަމަށެވެ. މިހާރު ވެސް ގިނަ އަދަދެއްގެ ގެސްޓު ހައުސްތައް ހުޅުވަން ފޯމު ލިބެމުން އަންނަ ކަމަށާއި ވީހާ ވެސް އަވަހަކަށް އެ ތަންތަނަށް ވެސް ހުއްދަ ދޭން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަހުރި ބައިވަރު އެޕްލިކޭޝަންތައް ލިބިފައި. މީގެ ތެރެއިން މިހާރު ރަށް ފެންވަރުގައި ހުންނަޖެހޭ މިންގަޑުތަކަށް ފެތިފައިވާ ގެސްޓު ހައުސްތަކަށް ހުއްދަ މި ދެނީ،" ރައްޒާން ވިދާޅުވި އެވެ.

މާދަމާ ގެސްޓުހައުސްތައް ހުޅުވާ ރަށްތައް:

- ކ. މާފުށި

- ކ. ހުރާ

- ވ. ތިނަދޫ

- އއ. މަތިވެރި

- ނ. ފޮއްދޫ

- ތ. ގާދިއްފުށި

މި ރަށްތަކުުގެ އިތުރުން މާދަމާއަށް ބުކިން ހައްދާފައި ހުރި ގެސްޓު ހައުސްތަކަށް ވެސް ހުއްދަ ދޭން ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގެސްޓު ހައުސްތައް ހުޅުވޭނީ އެ ރަށަކީ އެޗްޕީއޭ އިން ކަނޑައަޅައިފައިވާ މިންގަނޑުތަކަށް ފެތޭ ރަށެއްކަން ރަށު ކައުންސިލުން ޔަގީން ކޮށްދިނުމުންނެވެ. މިގޮތަށް ހުއްދަ ދޭ ރަށްތަކުގައި ދިރިއުޅޭ މީހުން އެ ރަށެއްގެ ގެސްޓު ހައުސް ހުޅުވާ ދުވަހުން ފެށިގެން މާސްކު އެޅުން މަޖުބޫރުވާނެ އެވެ.

ރަށްރަށުގެ ގެސްޓު ހައުސްތައް މާދަމާ އިން ފެށިގެން ހުޅުވައިލި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވާ ގޮތުގައި މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވަން ހުއްދަ ދޭނީ ކޮވިޑަށް ޕޮޒިޓިވްވާ ޕަސެންޓު ދެ ހަފުތާ ވަންދެން ފަސް ޕަސެންޓަށް ދަށްކުރުމުންނެވެ. އެއީ ދުވާލަކު ހަދާ 1000 ޓެސްޓުގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު 50 އަށް ވުރެ މަދު ކުރުމެވެ.