ރިޔާސީ އިންތިހާބަށް ލީޑަރުން ބާއްވާ ސިއްރު ބައްދަލުވުންތަކާއި ޑީލުތަކުގެ މޫސުމުގައި މިހާރު މި ފެންނަނީ ވަރަށް ތަފާތު އޮއިވަރެކެވެ؛
އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވައި ޓިކެޓު ހަވާލު ކޮށްފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރްއެމް އަދި މިހާރު އެމްޑީއޭ އާއެކު ވެސް ކޯލިޝަން ހަދައިގެން ވާދަ ކުރުމެވެ.
އެކަން ކުރެވެން އޮތީ 2018 ވަނަ އަހަރު ހެން އެ ހުރިހާ ޕާޓީއެއް ރިޔާސީ ރޭހަށް ކެނޑިޑޭޓަކު ނުނެރެން ނިންމުމެވެ. މިހާތަނަށް އެ ނިންމުން ނިންމީ ރިޔާސީ އިންތިހާބެއްގައި ބުރަދަން ކުޑަ، އަދާލަތު ޕާޓީ އާއި އެމްޑީއޭ އެކަންޏެވެ.
ރައީސްގެ އެ ފޯމިއުލާ ކާމިޔާބު ވާން އޮތް އެންމެ މުހިންމު ކާޑަކީ ޖޭޕީ އެވެ. ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް ފަހު ވަގުތު އެ ޕާޓީ އަރާ ކޮޅެއް މޮޅު ވާތީ، ޖޭޕީން ކެނޑިޑޭޓެއް ނުނެރި ރައީސްގެ ފަހަތަށް އަރަން އެއްބަސްވެއްޖެ ނަމަ ދެވަނަ ދައުރެއް ކާމިޔާބު ކުރަން ވަރަށް ފަސޭހަ ވާނެ އެވެ.
އެހެން ނަމަވެސް މި ދުވަސްވަރު ހުރިހާ ކޮޅަކުން ވެސް އޮތީ ގާސިމަށް "ކޭކު ފޮއްޗެއް" ދޭން އެއްބަސްވެގެންނެވެ. އެންމެ ބޮޑު ފޮތީގެ ވާހަކަ ދައްކަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ނަޝީދުގެ އޮފާ އަކީ ގާސިމަށް ސީދާ ވެރިކަން ދިނުމެވެ. ރައީސްގެ ޑީލަށް ވުރެ ނަޝީދުގެ އޮފާ ގާސިމަށް މާ ބޮޑަށް ޝައުގުވެރި ވާނެ ސަބަބަކީ ސިޔާސީ މަސްރަހުގައި އަދިވެސް ވަރަށް ޕޮޕިއުލާ ކެނޑިޑޭޓެއް ކަމަށްވާ ނަޝީދު ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބަށް ނުނިކުންނަން އަމިއްލަ އަށް ނިންމަވައި ގާސިމްގެ ފަހަތަށް އަރަން ހުންނެވީ ތައްޔާރަށެވެ.
"ކިހިނެއްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު [ޖޭޕީން] ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ [ނަޝީދު] ރަނިން މޭޓަކަށް އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން،" ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުގައި އިސްކޮށް އުޅުއްވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވި އެވެ.
މާޒީގައި ހިނގި ކަންކަމަށް ބަލާއިރު ޖޭޕީން މިފަދަ "ޔޫ ޓާން" އެއް ނަގާފާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އެހެން ނަމަވެސް ގާސިމް މިހާރު ދައްކަވާ ވާހަކަތައް ވަރަށް ތަފާތެވެ. އޭނާގެ ރާގު ބަދަުވެއްޖެ އެވެ. ސިޔާސީ ވިސްނުމާއި މިސްރާބު ހުރީ މުޅިން އެހެން ދިމާލަކަށް އެނބުރިފަ އެވެ.
ކޯލިޝަންގެ މައްސަލަ: އެހާރާއި މިހާރު!
ރިޔާސީ އިންތިހާބަށް ރައީސްގެ ހުށަހެޅުން ވަރަށް ސާފެވެ. ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވެން އޮތީ މިހާރު ސަރުކާރު ކޯލިޝަންގައި ތިބި ސިޔާސީ ޕާޓީތަކުން ފުރަތަމަ ބުރުގައި ވެސް އެމަނިކުފާނާ ގުޅިގެން ނިކުމެގެންނެވެ. ފުރަތަމަ ފަހަރަށް ކޯލިޝަން ރޫޅައި ނުލައި ފަސް އަހަރުގެ ދައުރެއް ނިންމާލި ލީޑަރަކީ ރައީސް އެވެ. ދެން ވެސް އެކަން ވާނީ އެމަނިކުފާނަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ނޫން މަގަކުން ދާން އުޅެފި ނަމަ "އަނިޔާވެރި" އިދިކޮޅު ސަރުކާރެއްގެ އަތް މައްޗަށް ވެރިކަން ފުރޮޅިދާނެ ކަމުގެ އިންޒާރު ރައީސް ތަކުރާރުކޮށް އެބަ ދެއްވަ އެވެ. އެކަމަށް މަގު ފަހި ކުރަން އެމްޑީޕީގެ ތެރެއިން ވެސް ވަކި ފިކުރެއް މަސައްކަތް ކުރާ ކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ރައީސް އާއެކު ކޯލިޝަނެއް ހެދުން ކަމަށް އެމަނިކުފާނު މި ފަހުން ވެސް ވިދާޅުވި އެވެ.
ރައީސްގެ އެ ހުށަހެޅުއްވުމާ މެދު ގާސިމްގެ އޮތީ ދެތިން ޝަކުވާއެކެވެ. އެމަނިކުފާނާ މިހާރު ވަރަށް އަރިސްކޮށް އުޅުއްވާ މެންބަރަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް މައްސަލައަކީ 2018 ވަނަ އަހަރު ހެދި ކޯލިޝަން އެއްބަސްވުމުގައި ޖުމްހޫރީ ޕާޓީ އަށް ލިބެން ޖެހޭނެ ކަމަށް އެއްބަސްވި ޕަސެންޓް އެ ޕާޓީ އަށް ނުލިބުމެވެ.
ކޯލިޝަން އެއްބަސްވުމުގައި އޭރު ލިޔުނީ އެމްޑީޕީ އަށް 40 ޕަސެންޓު، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓު، އަދާލަތު ޕާޓީ އަށް 15 އަދި އެމްއާރްއެމް އަށް 20 ޕަސެންޓު ދިނުމަށެވެ. ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތައް އެގޮތަށް ބެހުމަށާއި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކާއި ކައުންސިލްތަކުގެ ސްލޮޓުތަކަށް ވެސް އެ ޕަސެންޓޭޖުން ވާދާ ކުރުމަށް އެއްބަސްވި އެވެ.
"އެއާ ގާތް ކުރާ އަދަދަަކަށް ވެސް ޖޭޕީ އަށް ނުލިބޭ. އަދި ލީޑަރު ފާހަގަ ކުރެއްވި ގޮތަށް ޖޭޕީގެ ވަޒީރުން ކުރައްވާ މަސައްކަތް ބަލައި ވެސް ނުގަނޭ، އެއީ ހަމަ ސިޔާސީ ގޮތުން މިވަރުގެ ޕާޓީއަކަށް ދެވޭ އަނިޔާއެއް،" އޭނާ ވިދާޅުވި އެވެ.
އެ އުޒުރު ދެއްކެވުމަށް ފަހު ގާސިމް ނަޝީދާއެކު މަސައްކަތް ކުރައްވަން ވިސްނަވާއިރު މީގެ އަހަރުތަކެއް ކުރިން ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ.
ކޯލިޝަން އެއްބަސްވުން ރޫޅާލައި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރަން އެންމެ ބޮޑަށް ބާރު އަޅުއްވައި ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދެވީ ނަޝީދެވެ. އެކަން ކާމިޔާބު ކުރުމަށް ފަހު އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ޖުމްހޫރީ ޕާޓީގެ މިނިސްޓަރުން މަޖިލީހަށް ދަމައި އެކި ގޮތް ގޮތަށް ޖެއްސުން ކުރުމާއި އިތުބާރު ނެތް މައްސަލަތައް ވެއްދުން ފަދަ ޖެއްސުންތައް ކުރަމުން ދިޔައީ ނަޝީދު މުގުލުގައި ހުންނަވައިގެންނެވެ. އެ ތުހުމަތު އޭރު ކުރެއްވީ ވެސް މުހައްމަދު މަލީހު މެން ފަދަ ޖޭޕީގެ މިނިސްޓަރުންނެވެ.
ނަމަވެސް މިއަދު އެ ހަނދާނެއް ނެތެވެ. ކޯލިޝަން އެއްބަސްވުމަށް އިހްތިރާމް ނުކުރާ ކަމަށް ބުނެ ސަރުކާރާ މެދު ހިތްހަމަނުޖެހުމަށް ފަހު ހުރިހާ ތައުރީފެއް އޮއްސަނީ ނަޝީދަށެވެ.
ސިޔާސީ ޕާޓީއެއްގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި ގާސިމްގެ ވިސްނުމަށް އައި އެ ބަދަލުގެ ފަހަތުގައި އޮތީ ކޯލިޝަންގެ މައްސަލައެއް ނޫނެވެ. އެއީ ވެރިކަަމަށް އާދެވޭނެ އަލިމަގެއް ފެންނަން އޮތުމެވެ.
"މިކަހަލަ ފުރުސަތެއް ދެނެއް ޖޭޕީ އަށް ނުލިބޭނެ. ޔާމީން ހުރީ މަންޒަރުން ގެއްލުވާލާފައި, ނަޝީދު ހުރީ ގާސިމްގެ ފަހަތަށް އަރާ ގޮތަށް. ބޮޑު ދެ ޕްލެޔަރުން ނެތް. މިވަގުތު އެންމެ ފުރުސަތު ބޮޑީ ގާސިމް އަށް،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ވެސް މިހާރު ގޯހެއް ނޫން!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި ސިޔާސީ އަނިޔާ އާއި ވޭނުގެ ވާހަކަ ގާސިމަށް ވުރެ ބޮޑަށް ތަހަންމަލު ކުރި އެހެން ބޭފުޅަކު ނެތެވެ. އެއީ އެމަނިކުފާނަށް ކުރިމަތިވެވަޑައިގަތީ އެހެން ސިޔާސީ ލީޑަރުންނަށް އައި ޖަލު ހުކުމް އެކަންޏެއް ނޫނެވެ.
ދަރިފުޅު ސިޔާދު ގާސިމް ޖަލަށްލައި އާއިލާ އިން އެތައް ވޭނެއް ތަހަންމަލު ކުރަން ޖެހުނެވެ. ގާސިމްގެ ވިޔަފާރި އަށް އެތައް ފިއްތުންތަކަކާއި ގެއްލުން ކުރިމަތި ކުރުވައި އިރުއިރުކޮޅައި ރިސޯޓުތަކަށް ފުލުހުން ފޮނުވައިގެން އެތައް ގެއްލުމެއް ދިނެވެ. ރާއްޖެ އާދެވޭނެ ގޮތެއް ނެތި އުޅުނު ހާލު ލޮލުން ކަރުނަ އޮހޭ ހާލުގައި ހުންނަވައިގެން މިއަދު ވެސް ގާސިމް ކިޔައިދެއްވަ އެވެ.
އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި ޖުމްހޫރީ ޕާޓީގެ ގައުމީ ކޮންފަރެންސްގެ ތެރެއިން އެ އަނިޔާގެ ވާހަކަ އާއެކު ވެސް ގާސިމް ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި މިހެން އުޅުއްވާ އިރު އެފަދަ ކަންކަން ހިނގާނެ އެވެ. އެއީ އެއްގޮތަކަށް ވެސް "ހިތުގައި ލައިގެން އެއާ ނުނެއްޓިގެން މޫނުކެނޑި ވާހަކަ ނުދެކެވޭ ހިސާބަށް" ދާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިތް ސާފު. އެއިން އެއްވެސް ބޭފުޅަކާ މެދު ހިތްބުރަކަމެއް އަޅުގަނޑުގެ ނެތް ވާހަކަ މިއަދު ވެސް ދަންނަވާލަން," ޖޭޕީގެ ގައުމީ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތުގައި ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ހިތުގައި ޕީޕީއެމް އަށް މިވަރުގެ ޖާގައެއް މި އުފެދުނު ސަބަބާ މެދު ވެސް ފުންކޮށް ވިސްނާލުން މުހިންމެވެ.
ޕީޕީއެމްގެ ކުރީގެ މެންބަރަކު "މިހާރު" އާ ވާހަކަ ދައްކަވަމުން އެކަން ސިފަ ކުރެއްވީ އެހެން ގޮތަކަށެވެ.
ޕީޕީއެމް އިން މިހާރު ވަނީ މަޝްވަރާ އަށް އައުމަށް ގާސިމަށް ވެސް ދައުވަތު ދީފަ އެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމާ ގުޅިގެން އެހެން ކެނޑިޑޭޓަކު ނެރެން ޖެހިއްޖެ ހާލަތެއްގައި އިންތިހާބު ކާމިޔާބު ކުރަން ގާސިމްގެ "އެހީއެއް" ބޭނުން ވެދާނެ އެވެ.
އެހެންވެ އިދިކޮޅުން ވެސް ގާސިމަށް ބޮޑު "ކޭކު ފޮއްޗެއް" ދޭން އެއްބަސްވެދާނެ އެވެ. އަދި ގާސިމް މިހާރު އެންމެ ގާތް ކޮށް އުޅުއްވާ ނަޝީދަށް ވެސް މިހާރު ޕީޕީއެމް ގޯހެއް ނޫނެވެ. ރައީސާ ދެކޮޅަށް އެ ތިން ފިކުރުގެ އެއްތަން ވުމަކީ ވެސް "ނުވާނެ" ކަމެކޭ މިހާރު ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާސިމްގެ އަރިހުގައި އެ ތިއްބެވީ ހުސް ޕީޕީއެމް މެންބަރުން. އެ ފަރާތްތަކަށް ފެންނަނީ އޮޕޮޗުނިޓީ އެއް." އޭނާ ވިދާޅުވި އެވެ.
ރައީސްގެ ކޮންމެ ނާކާމިޔާބީއަކީ ނަޝީދަށް ކާމިޔާބެއް!
ނަޝީދަށް ސިޔާސީ ގޮތުން އަލިމަގެއް ހޯދޭނެ ފަސޭހަ ހުރިހާ މަގެއް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވި ދުވަހުން ފެށިގެން ބަންދު ވެއްޖެ ކަން އެމަނިކުފާނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އެމަނިކުފާނު ހުންނެވީ ކޮންމެ ގޮތެއް ހަދައިގެން އަދި ވަކާލާތު ކުރެއްވި ހުރިހާ ކަމަކާ އިދިކޮޅަށް މަސައްކަތް ކޮށްގެން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ވިޔަ ނުދޭން ކަން ސަފުވާ އެތައް ކަމެއް ހިނގައިފި އެވެ.
ސިޔާސީ ގޮތުން ގަދަ ބަސް ވިދާޅުވާ ނަޝީދަކީ އަބަދުވެސް ރައްޔިތުންގެ ވޯޓުން އިންތިހާބު ކާމިޔާބު ކުރުމުގެ ބަދަލުގައި ކޯޓުން އިންތިހާބު ކާމިޔާބު ކުރުމާ ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ޔާމީން އާއި ގާސިމް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލް ކުރަން ކޯޓަށް ވަޑައިގަތުމުން ނަޝީދާއި އެމްޑީޕީން ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.
ނަމަވެސް މިއަދު އެ ޕާޓީގެ އެތެރޭގެ އެންމެ ވާދަވެރި އިންތިހާބުން ނަޝީދަށް ލިބިވަޑައިގަތް ބޮޑު ނާކާމިޔާބީ އަދިވެސް މުޅިއަކުން ގަބޫލެއް ނުކުރައްވަ އެވެ. އެ އިންތިހާބު ބަތިލް ކުރުމަށާއި ރައީސަށް ރިޔާސީ ޓިކެޓު ހަވާލު ކުރުން ފަސް ކުރަން އެދި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރަކު ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.
އެއީ ސީދާ ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލައެއް ނޫނަސް އެކަމުގައި ބަހެއް ވިދާޅުނުވެ ނަޝީދު ހުންނެވީ އެ ގޮތް ވެސް ވަރިހަމަ ކަމަށް ދޫކޮށްލައްވައިގެންނެވެ.
މިހާރު ދެން ދައްކަވަނީ އަދި ވަރަށް ތަފާތު ވާހަކައެކެވެ. ކޯލިޝަން މަސައްކަތް ނުކުރާނެ ކަމާއި އެމްޑީޕީ ރިޔާސީ އިންތިހާބަށް އެކަނި ނިކުމެގެން ވެސް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަޝީދު މިހާރު ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ފަހަތަށް އަރާ ވާހަކަ އެވެ.
އެކަމާ ނަޝީދުގެ ސަޕޯޓަރުން ވިސްނަން ދޫކޮށްލި އިރު ޖުމްހޫރީ ޕާޓީއާއެކު މި ސަރުކާރު ކޯލިޝަނެއްގައި އޮތުމުން އެމްޑީޕީގެ މެންބަރުންނަށް "ހައްގު މިންވަރު" ނުލިބޭ ކަމުގެ ޝަކުވާ ވެސް އެންމެ ގަދައަށް ކުރެއްވީ ނަޝީދެވެ.
ނަޝީދުގެ ފަރާތުން މިހާރު ދައްކަވަނީ ގާސިމް އިސްވެ ހުރެ އުފައްދާ ކޯލިޝަނެއް ފަހަތަށް އެމްޑީޕީ އެރުމަށެވެ. އޭރުން އެމްޑީޕީ އަށް މިހާރަށް ވުރެ މާ ރަނގަޅު ގޮތެއް ވެދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ޖުމްހޫރީ ޕާޓީގެ ސަރުކާރެއްގައި އެ ޕާޓީ އަށް ވުރެ ބޮޑު ހިއްސާއެއް އެމްޑީޕީ އަށް ލިބޭނެ ގޮތެއް ވާނެ ހެއްޔެވެ؟ ނަޝީދު އެ ޖައްސަވާ ހިސާބު ދިމާވަނީ ކިހިނެއް ހެއްޔެވެ؟
ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ބޭރު ފުށުން ގާސިމް އާ ކޯލިޝަނެއް ހަދަން އުޅޭ ކަމުގެ މަންޒަރު ނަޝީދު ދެއްކެވިޔަސް އެމަނިކުފާނު ޖައްސަވާ ހިސާބަކީ އެމްޑީޕީގެ ވޯޓު ބައިބައި ވާނެ ގޮތެކެވެ. އެއީ ގާސިމް ނުވަތަ ފަހު ވަގުތު ޕީޕީއެމްގެ ކެނޑިޑޭޓެއް ފަހަތަށް އަރައިގެން ވިޔަސް ނުވަތަ އެމްޑީޕީން ޑރ. މުނައްވަރު ފަދަ އިތުރު ކެނޑިޑޭޓުން ނެރެގެން ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު މަދުވާނެ ކޮންމެ ގޮތެއް އެއީ ނަޝީދަށް ކާމިޔާބެވެ.
ނަޝީދު މިވަގުތު ދެއްކެވި ވާހަކަތައް ދެކޮޅު ނުޖެހުނަސް ރައީސް ނަކާމިޔާބުވެ އެމްޑީޕީ އަށް އަންނަ އަހަރު ވެރިކަމަށް ނާދެވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެއިލް ވާނެ ކަމަށް ނަޝީދު ވިދާޅުވި ވާހަކަ ހަގީގަތަކަށްވުމެވެ. އަދި އެ މަނިކުފާނަށް އެމްޑީޕީގެ ތެރެއިން އަލުން އަލިމަގެއް ފެންނަން އޮތީ އެ މޭރުމުން މަސައްކަތް ކޮށްގެން ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
ސިޔާސީ މޫސުމުގައި މި ހިނގާ ހުރިހާ ވާހަކަ އަކާއި ޑީލްތަކެއްގެ ފަހަތުގައި އޮތީ އެ ބޭފުޅުންގެ ބަހުން ނަމަ "ރައްޔިތުންގެ ލާބަޔާއި މަންފާ" އެވެ. އެކަމަކު އެ އިރެއްގެ ހާލަތާ އެއްގޮތަށް މި ބަދަލުވާ ރާގާއި މިސްރާބުން ސާފުވާ ކަމަކީ ގިނަ ލީޑަރުންގެ ސިޔާސަތާއި ވިސްނުން ބައްޓަން ވަނީ އެ އިރެއްގައި ވެރިކަމަށް އައުމުގެ ފުރުސަތު އެންމެ ބޮޑުވާ ގޮތަށެވެ.
އެއީ ހަމައެކަނި ގާސިމާއި ނަޝީދުގެ ފަރާތުން ފެންނަ މަންޒަރެއް ނޫނެވެ. ކޯޓުތައް ގަތުމާއި ރިޝްވަތާއި ގައުމު ވިއްކުމުގެ އެތައް ތުހުމަތެއް ކުރުމަށް ފަހު މިއަދު ޕީޕީއެމް އިން ޖޭޕީ އަދި ނަޝީދު ފެކްޝަންގެ މެންބަރުން އެ ފާޓީ އާއެކު ކޯލިޝަނެއް ހަދަން ދައުވަތު ދިނުމަކީ ވެސް އެކަހަލަ ކަމެކެވެ. ކޮރަޕްޝަނާއި ވައްކަމުގެ ކަންކަމުގައި ޒީރޯ ޓޮލަރެންސް ގެންގުޅުއްވާނެ ކަމުގެ ވައުދު ވެވަޑައިގަތުމަށް ފަހު މަނީ ލޯންޑަރިން ދައުވާ އުފުލާފައިވާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސަން ސިޔާމް ކުންފުނީގެ ވެރިޔާއާ އެކު ވެސް ސިޔާސީ ޑީލެއް ހަދަން ފަހެއް ނުޖެހެ އެވެ.
މިއީ ހައްތަހާ ވެސް ރިޔާސީ އިންތިހާބާ ކައިރި ވާ ވަރަކަށް ގިނަ ސިޔާސީ ލީޑަރުންގެ ހަނދާނުން ކައްސާލާ ކަންކަމެވެ. މި ދުވަސްވަރު ކޮންމެ މަންޒަރެއް ދެއްކިޔަސް ހުރިހާ ކަމެއް ގޮސް ގުޅި ނިމޭނީ ވެރިކަމަށް އެންމެ ފަހިވާ ފަޅިއަކަށެވެ. ރައްޔިތުންނާ މެދު ވިސްނާނީ އޭގެ ފަހުންނެވެ.