ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދު ކަނޑައަޅާއިރު ފުށުއަރާ ސަރަހައްދު ދެ ގައުމަށް ބަހާލުމުގެ މައްސަލަ މާދަމާ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމާނެ އެވެ. މިއީ ރާއްޖޭން ބައެއް ގެއްލިގެން ދިއުން ކަމުގެ ކަންބޮޑުވުމާ އެކު އެކި ވާހަކަތައް ދެކެވެ އެވެ.

އެކަމަކު، މިއީ ރާއްޖެއަށް މިނިވަންކަން ލިބުނު ހިސާބުން ފެށިގެން ވެސް އަދި މިހާތަނަށް ރަސްމީކޮށް އިން ވަކިކޮށްފައި ނެތް ސަރަހައްދެއްގެ އިން ކަނޑައެޅުމެވެ. ބަހާލަން އުޅެނީ ރާއްޖޭން ވެސް އަދި މޮރިޝަސް އިން ވެސް ދައުވާކުރާ ސަރަހައްދެކެވެ. މިއީ ރާއްޖޭން 2000 ވަނަ އަހަރު ބައިވެރިވެފައިވާ ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) އިން ލާޒިމްކުރާ ގޮތެވެ.

މޮރިޝަސްގެ އިމާ ފުށުއަރާ ގޮތަށް ރާއްޖޭގެ އުތުރުން ސްރީ ލަންކާ އާއި އިންޑިއާއާ ވެސް ފުށުއަރަ އެވެ. އެހެންވެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޖުލައި 31، 1976 ގައި ސްރީ ލަންކާ އެކު އެއްބަސްވުމެއް ހަދައި އިން ވަކިކުރި އެވެ. އަދި އިންޑިއާއާ އެކު ޑިސެމްބަރު 28، 1976 ސޮއިކޮށް އެރެބިއަން ސީގައި އިން ވަކިކުރި އެވެ. އެކަމަކު މި އެއްބަސްވުމަށް އަމަލުކުރަން ފެށީ ޖޫން 8، 1978 ގަ އެވެ. މިގޮތަށް އިން ކަނޑައެޅިއިރު އިންޑިއާ އާއި ސްރީ ލަންކާ އަދި ރާއްޖެއަށް ވެސް އިގްތިސާދީ ހާއްސަ ސަރަހައްދުން 200 މޭލު ނުލިބި އެބަހުއްޓެވެ. އެހެންވެ އިކުއި-ޑިސްޓެންސް ނުވަތަ ވަކި ޕޮއިންޓަކުން ބަލައިގެން ދެ ފަޅިއަށް ހަމަޔަށް ބައި އަޅާ ގޮތަށް ކަނޑުގެ ސަރަހައްދު ބަހާލީ އެވެ.

އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރާ ވަކީލުންގެ ޓީމް
އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރާ ވަކީލުންގެ ޓީމް

އެކަމަކު ރާއްޖޭގެ ދެކުނުން ފޯޅަވައްސާއި މޮރިޝަސް ހިމެނޭ ހިސާބު ދޫކޮށްލާފައި އޮތީ އެވެ. މޮރިޝަސް އިން ވެސް އެ ގައުމުގެ އިމާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ ތިބީ އެވެ. އެއީ ޗާގޮސް އަކީ އިނގިރޭސިންގެ އިސްތިއުމާރުގެ ދަށުގައި އޮތް ތަނަކަށް ވާތީ އެކަމުގައި ބަސް ބުނުމުގެ ބާރު އޮންނާނީ ކޮން ގައުމަކަށް ކަމެއް ޔަގީން ނުވާތީ އެވެ.

ފުރަތަމަ މަޝްވަރާ އިނގިރޭސި ވިލާތާ އެކު

އިނގިރޭސި ވިލާތުން އެމެރިކާގެ އަސްކަރީ މަރުކަޒެއް ހިންގަން ކުއްޔަށް ދީފައި އޮންނަ ފޯޅަވައްސާ އިން ފުށުއަރާ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިނގިރޭސި ވިލާތާ އެކު 1992 ވަނަ އަހަރު މަޝްވަރާކުރި އެވެ. އެ މަޝްވަރާތަކާ ބެހޭ ގޮތުން ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މަޝްވަރާކުރީ ލަންކާ އާއި އިންޑިއާއާ އެކު ވެސް އެއްބަސްވި ގޮތަށް އިކުއި ޑިސްޓެންސް އުސޫލުން އިން ވަކިކުރާށެވެ. އެކަމަކު މަޝްވަރާތަކުގައި އެއްބަސްވި ގޮތަށް އެކަމާ ގުޅޭ ރަސްމީ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް އޮތީ ނުކޮށެވެ.

އޭގެ ފަހުން އެކަން އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް އޮތުމަށް ފަހު، އަންކްލޮސް ގައި ރާއްޖޭން ސޮއިކުރި އެވެ. އެހެންވެ އޭގެ ފަހުން މިފަދަ މައްސަލަތަކުގައި ރާއްޖޭން އަމަލުކުރަން ޖެހޭނީ އެ މުއާހަދާއަށެވެ.

ނަޝީދުގެ ވެރިކަމުގައި ވެސް ވާހަކަ ދެއްކީ ހަމަޔަށް ބަހާލަން

ކުރީގެ ރައީސް މުހައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށް ފަހު ސަރަހައްދުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ފެއްޓެވި މަސައްކަތުގައި މޮރިޝަސްއަށް ވެސް ވަޑައިގަތެވެ. އޭގެ ފަހުން އިމުގެ މައްސަލާގައި މަޝްވަރާކުރެއްވުމަށް މޮރިޝަސްގެ އޭރުގެ ކެބިނެޓް ސެކްރެޓަރީ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދާ އެކު މަޝްވަރާތަކެއް ކުރެއްވި އެވެ.

މި މަޝްވަރާތަކުގެ މައުލޫމާތު އެނގޭ ބައެއް އޮފިޝަލުން ވިދާޅުވި ގޮތުގައި މައުމޫންގެ ވެރިކަމުގައި އިނގިރޭސި ވިލާތާ އެކު މަޝްވަރާކޮށްފައި ވިޔަސް އިން ވަކިކުރުމާ ބެހޭ ގޮތުން އެ ގައުމާ އެކު އެއްބަސްވުމެއް ނެތްކަމަށާއި އެހެންވެ ބައިނަލްއަގުވާމީ މުއާހަދާތަކާއި އުސޫލުތަކުގެ މައްޗަށް ބަލައިގެން ދެ ގައުމަށް އިން ކަނޑައެޅިދާނެ ކަމަށް ދެންނެވި އެވެ. އަދި މިކަމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކޮށް އެއްބަސްވުމަކަށް އައުމާ ބެހޭ ގޮތުން އޮތީ ވާހަކަ ދެކެވިފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިމުން ފުށުއަރާ ހިސާބު ފެންނަ ޗާޓެއް
ރާއްޖެ އާއި މޮރިޝަސްގެ އިމުން ފުށުއަރާ ހިސާބު ފެންނަ ޗާޓެއް

ނަޝީދުގެ ވެރިކަމުގައި ދެ ވަނަ ފަހަރަށް 2011 ވަނަ އަހަރު މޮރިޝަސްއަށް ވަޑައިގަތެވެ. މޮރިޝަސްގެ ސަރުކާރުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ފޯޅަވަހީގެ ސަރަހައްދުގައި އިނގިރޭސިވިލާތުން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ކަނޑައަޅަން އުޅޭތީ އެކަމަށް ދެ ގައުމުން ދެކޮޅު ހަދާ ކަމަށް ވަނީ ބުނެފަ އެވެ. ދެ ގައުމުގެ އެކްސްޓެންޑެޑް ކޮންޓިނެންޓަލް ޝެލްފާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ވެސް ނިންމާފައިވެ އެވެ.

އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ބާރާ ދެކޮޅުހަދައި، ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ވިލާތާ އެކު ވާހަކަ ދެކެވިފައި ވިޔަސް އިން ކަނޑައެޅުމުގައި އިނގިރޭސި ވިލާތާ މަޝްވަރާނުކޮށް މޮރިޝަސް އާއި ރާއްޖޭން ބޭނުންވާ ގޮތަށް މަޝްވަރާކޮށްގެން އެކަމުގައި ގޮތެއް ނިންމަން ދެ ގައުމުގެ ވެރިން އެއްބަސްވެ ވަޑައިގަތް ކަމަށް ބަޔާނުގައިވެ އެވެ.

ޔާމީންގެ ވެރިކަމުގައި މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި 2017 ވަނަ އަހަރު މޮރިޝަސް އިން ވަނީ ޗާގޮސް އަކީ އެ ގައުމުގެ ތަނެއް ކަމަށް ކަނޑައެެޅުމުގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އިސްތިޝާރީ ލަފަޔަކަށް އެދިފަ އެވެ. މި މައްސަލަ ހިނގަމުން ދިޔަ ނަމަވެސް އޭރުގެ ސަރުކާރުން މި މައްސަލައިގެ ތެރެއަށް ވަދެ މޮރިޝަސްގެ ހުށަހެޅުން ފެއިލްކޮށްލަން ކަމެއް ކޮށްފައެއް ނުވެ އެވެ.

ނަމަވެސް އައިސީޖޭ އިން މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރު އެކަމުގައި ނެރުނު ލަފަޔާ ދެކޮޅަށް އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން ވޯޓު ދިނެވެ.

އިމުގެ މައްސަލާގައި މި ނޫން ކަމެއް ޔާމީންގެ ސަރުކާރުގައި ހިނގައިފައެއް ނުވެ އެވެ.

ޗާގޮސްގެ މައްސަލަ ހޫނުވެ، ސަރުކާރުން މަސައްކަތް ފެށުން

ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށުނު އިރު ގައުމުތަކުން މޮރިޝަސް އަށް ކުރާ ތާއީދު އޮތީ ބޮޑުވެފަ އެވެ. އދ.ގެ އާންމު މަޖިލީހުން އަނެއްކާވެސް އައިސީޖޭގެ ލަފަޔާ މެދު ވޯޓަކަށް އެހި އިރު 116 ގައުމަކުން އެ ލަފަޔަށް ތާއީދުކޮށް އިނގިރޭސި ވިލާތުން ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވައިލި އެވެ. އެކަމަކު އެފަހަރު ވެސް ޔާމީންގެ ސަރުކާރުން ވޯޓު ދިން ގޮތަށް މި ސަރުކާރުން ވެސް ވޯޓު ދިނީ މޮރިޝަސްއާ ދެކޮޅަށެވެ.

ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ހިލާފް އުފެދޭ ސަރަހައްދު ދަނބުކުލައިން ފާހަގަކޮށްފައި
ރާއްޖެ-މޮރިޝަސް އިމުގެ މައްސަލާގައި ހިލާފް އުފެދޭ ސަރަހައްދު ދަނބުކުލައިން ފާހަގަކޮށްފައި

ޔާމީންގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް މިގޮތަށް ވޯޓު ދީފައި އޮތީ ޗާގޮސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ގަބޫލުކުރާތީއެއް ނޫނެވެ.

އައިސީޖޭ އިން މޮރިޝަސްއާ އެއްކޮޅަށް ނެރުނު ލަފަޔަށް ފަހު މޮރިޝަސް އިން އެ ގައުމުގެ އިން ވަކިކުރުމަށް ފެށި މަސައްކަތުގައި ބޮޑު ބައި ހޯދުމަށް ހިފި އެވެ. އެކަމަކު ސަރުކާރުން ނިންމީ މިކަމުގައި މޮރިޝަސް އަށް ދޫ ނުދީ ރާއްޖެއަށް ހޯދުނު އެންމެ ބޮޑު ބައެއް ހޯދަން މަސައްކަތް ކުރުމަށް ނިންމައިފަ އެވެ. މިކަމާބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކުރި ކަމަށް ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ މޮރިޝަސް އިން މިމައްސަލަ އިޓްލޮސް އަށް ހުށައެޅުމުން މިކަމާ ގުޅޭ ގޮތުން ރާއްޖެއިން އަމަލު ކުރަންވީގޮތާ މެދު ކެބިނެޓުގައި މަޝްވަރާކުރި. އަދި ވަޒީރުންގެ މަޖިލިހުގެ ލަފައަކަށް ވީ ސަރުކާރުން މިމައްސަލާގައި ވަކާލާތުކޮށް ވަކީލުންގެ ޓީމެއް ނަގައި މިކަމުގައި ރާއްޖެއަށް އިޓްލޮސްގައި މޮރިޝަސްއާ ވާދަކުރަން،" އޮފިޝަލް ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް މޮރިޝަސް އިން ބޭސްލައިން ކަނޑައަޅާނެ ސަރަހައްދު ހުށަހެޅުމުން އެކަމަށް އެއްބަސްނުވާން ސަރުކާރުން ނިންމި ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މޮރިޝަސް އިން ބޭނުންވީ ބްލެންހައިމް ރީފުން ފެށިގެން، އިން ވަކިކުރާ ރޮނގު ދަމަން ކަމަށް ވިޔަސް އޭރުން ރާއްޖެއަށް ލިބޭ ބައި ކުޑަވާނެތީ ރާއްޖޭން ދެކޮޅު ހަދައި އިޓްލޮސްގައި ވަކާލާތުކުރި އެވެ. އެހެންވެ ދެބަޔަށް ހަމަޔަށް ބެހުމުގައި އެއްބަސްވުމަކަށް ނާދެވެނީ ފުށުއަރާ 95،000 އަކަކިލޯމީޓަރުގެ ތެރެއިން 4،687 އަކަކިލޯމީޓަރާ މެދުގަ އެވެ.

ފުށުއަރާ ސަރަހައްދު ބަހަން ރާއްޖޭން މި ބުނާ ގޮތަށް އިޓްލޮސް އިން ނިންމައިފި ނަމަ މި 4،687 އަކަކިލޯމީޓަރުގެ ސަރަހައްދު ވެސް ރާއްޖެ އަށް ލިބޭނެ އެވެ.

މާދަމާ މި ނިމެނީ ރާއްޖެ އަށް މިނިވަންކަން ލިބުނީއްސުރެ މިހާ ހިސާބަށް އައި އިރު ވެސް ނުނިންމި އޮތް ކަމެކެވެ. އެ ހިސާބުން ރާއްޖޭގެ ދެކުނުން ރަސްމީކޮށް އިގްތިސާދީ ސަރަހައްދު ކަނޑައެޅޭނެ އެވެ.