ރިޕޯޓް

ޔާމީނަށް ދެނީ ޔަގީން ކަމެއް ނެތް އުންމީދެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެންމެ ފުރަތަމަ އިއްވި މަނީ ލޯންޑަރިންގެ ކުށުގެ ހުކުމުން މިނިވަންވުމުން ޑިސެމްބަރު 3، 2021 ގައި ބޭއްވި އުފާ ފާޅުކުރުމުގެ ޖަލްސާއެއްގައި ސަޕޯޓަރަކު "ރައީސް ޔާމީން 2023" ލިޔެފައިވާ ޕޯސްޓަރެއް ދައްކާލަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު

މަނީލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައި ވިޔަސް އެ މަނިކުފާނުގެ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އެއީ އެވެ. ތަންފީޒުކުރާ ހުކުމާ މެދު ކުރާކަށް ފިކުރެއް ނެތެވެ. އެ މަނިކުފާނު މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ އެވެ. އެ ބޮޑު ޔަގީންކަމާ އެކު އެ ޕާޓީން ޔާމީންގެ ބަދަލުގައި އެހެން ކެންޑިޑޭޓަކަށް ނުވެސް ވިސްނާނެ އެވެ. ޔާމީންގެ ބަދަލުގައި ނުކުންނަވަން ޝައުގުވެރިކަމެއް ހުރި ބޭފުޅަކު އަމުދުން ނުވެސް ނެތެވެ. އެހެންވެ ޕްލޭން ބީއެއް, ސީއެއް ކިޔާކަށް ނުޖެހެ އެވެ.

ޖަލުގައި އޮންނެވި ނަމަވެސް ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ އެވެ. ކާމިޔާބު ކުރައްވާނީ ވެސް އެ މަނިކުފާނެވެ. އެކަމުގައި އޮތް ޔަގީންކަމަކީ ސައްތައިންސައްތަ ކަމަށް ޕާޓީގެ އިސް ބޭފުޅުން އެ ގެންދަވަނީ ވިދާޅުވަމުންނެވެ.

މިއީ ޕީޕީއެމް/ޕީއެންސީން ތަކުރާރުކުރާ ވާހަކަތަކެވެ. އެހެންވެ އިތުރަށް އެ މައުލޫއުގައި އެ ބޭފުޅުންނާ ސުވާލެއް ކުރިމަތިކުރިޔަސް އެހެން ޖަވާބެއް އަންނާނެ ކަމަކަށް ނުފެނެ އެވެ. ދެން ބަލަން ޖެހެނީ މި ހިސާބު ދިމާވޭތޯ އެވެ.

މިއަދުން ފެށިގެން ގުނާ ނަމަ މި އަހަރުގެ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން އޮތީ 88 ދުވަހެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޖުލައި 23 ގައި ހުޅުވާލުމަށް ފަހު ވަގުތު ހަމަވާނީ އޯގަސްޓް 3 ގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ޔާމީންގެ އިސްތިއުނާފް ފެށުމަށް ފަހު ވަރަށް އަވަހަށް ނިމެނޭ ކަމަށް ވަކީލުން ވިދާޅުވެފައިވޭ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ މުއްދަތު ތެރޭގައި ހަފްތާ ބަންދުގެ ދުވަސްތަކުގެ ޖުމްލަ މަސް ދުވަހަކާ އެއްވަރެވެ. އެ ދުވަސްތައް ކަނޑާލައިފި ނަމަ މި 88 ދުވަސް 57 އަށް ކުރުވެ އެވެ. ބޮޑު އީދު ބަންދު ފަދަ ރަސްމީ އެހެން ބަންދުތަކާ އެކު އިތުރަށް ހަފްތާއެއް ވަރު އުނިވެ އެވެ. އެހެންވެ ރަސްމީ ދުވަހުގެ އަދަދަކީ 50 ކަމަށް ބަލަން ހިނގާށެވެ.

މިހެން އަދަދުތަކެއް ޖެހި ނަމަވެސް ބަންދު ދުވަސްތަކުގައި ވެސް ޝަރީއަތް ހިންގޭނެ އެވެ. އެކަމަކު އެގޮތަށް އާންމު ގޮތެއްގައި އަމަލުކުރަނީ ގާނޫނުތަކުގައި، ވަކި މުއްދަތަކަށް ނިންމަން ކަނޑައަޅާފައިވާ މައްސަލަތަކުގަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ޔާމީން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ހިފައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފް، ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭތޯ ބަލަން އަވަހަށް ނިންމަން ލާޒިމުވާނެ ހެއްޔެވެ؟

ގާނޫނީ ބަހުސެއް ނެތް

އިންތިހާބަށް ކުރިމަތިލަން ރަސްމީކޮށް އިއުލާނުކޮށް އެ މީހެއްގެ ކެންޑިޑެސީ ބަލައިގަތުމުން ނޫނީ އެ މީހަކު އަދި ގާނޫނުގެ ކުރިމަތީ ކެންޑިޑޭޓަކަށް ނުވާނެ އެވެ. އެހެންވެ، ޔާމީނަކީ އިދިކޮޅު ލީޑަރު ކަމަށާއި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަމަށް ބެލުމުން ވެސް އަންނަނީ އިތުރު ހުރަހެކެވެ.

ޖިނާއީ ހުކުމެއް ތަންފީޒުކުރަމުން ދާތީ ޔާމީނަކީ ގާނޫނީ ގޮތުން ބަލާއިރު ޕާޓީއެއްގެ ލީޑަރެއް ވެސް ނޫނެވެ. އަދި ޕާޓީއެއްގެ މަސްއޫލުވެރި އެއްވެސް ހައިސިއްޔަތެއް ލިބޭނެ ބޭފުޅެއް ވެސް ނޫނެވެ. އެއީ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރުކުރި މާއްދާއަކުން ވެފައި އޮތް ގޮތެވެ. ވެރިކަމުގެ އާރާއި ބާރު އޮތް ދުވަސްވަރު އަމިއްލަފުޅު ނިންމެވުމަކުން ހޯއްދަވައިގަތް ކަމެކެވެ. ގާނޫނަށް އިތުރުކުރި އެ މާއްދާގައި އޮންނަނީ؛

"ސިޔާސީ ޕާޓީ އާއި ޖަމިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކުރެވިފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ."

އެހެންވެ ޝަރީއަތުގެ ކުރިމަތީގައި ޔާމީން ހާއްސަވާ ގާނޫނީ ސަބަބެއް އޮތް ކަމަކަށް ނުފެނެ އެވެ. އެކަމަކު އާންމު މަސްލަހަތަށް ރިއާޔަތްކޮށްފައި އަވަސްކުރާނީ ކަމަށް ބެލިދާނެ އެވެ. ދެން އޮތިއްޔާ އޮންނާނީ އެކި ސަބަބުތަކާ ހެދި އެހެން ނޫނަސް ރާއްޖޭން ބޭރުން ކުރިމަތިވާ ޕްރެޝަރެވެ.

އެ ވިދާޅުވާހާ އަވަހަށް އިސްތިއުނާފް ނިމޭނެ؟

މާޗް މަހު ޔާމީން މިނިވަންވާނެ ކަމުގެ ބޮޑު ޔަގީންކަމެއް ޔާމީންގެ ވަކީލުން ކުރިން ދެއްވި އެވެ. އެ ބޭފުޅުން ޖެއްސެވި ހިސާބުގައި ވިދާޅުވެފައި އޮތީ އިސްތިއުނާފަކީ މާ ގިނަ ދުވަސް ހިންގާ ކަމެއް ނޫން ކަމަށާއި މަހެއްހާ ދުވަސް ތެރޭ ނިމޭނެ ކަމަށެވެ.

"އިސްތިއުނާފީ ކޯޓަކަށް ކުރަންޖެހޭ މަސައްކަތް މި ކުރަނީ ހަމަ ޑެސްކުގައި ތިބެގެން. އަޅުގަނޑުމެންގެ އިސްތިއުނާފު ފޯމު އަސްލު ދެން އެއީ އިސްތިއުނާފަކީ. ދެން ގޮސް އެ ޕްރެޒެންޓޭޝަން އެ ހަދަނީ. ފަނޑިޔާރުން ވިދާޅުވެސް ވާނީ ވީހާވެސް ކުރުކޮށް [ހުށަހަޅަން]. އަޅުގަނޑުމެން އަތުގައި ފޯމު އެބަ އޮތޭ. އެހެންވެ ހުލާސާއެއް ދެއްވިއްޔާ ރަނގަޅޭ،" ޔާމީންގެ ވަކީލުންގެ ޓީމު ލީޑުކުރައްވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މިދިޔަ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު ވިދާޅުވި އެވެ.

މި ނިމުނު މާޗް މަހު ޔާމީން މިނިވަންވާނެ ކަމުގެ ބޮޑު ޔަގީންކަމަކާ އެކު އެ ދުވަހު ޖަމީލް ވިދާޅުވީ ދެތިން އަޑުއެހުމަކުން އިސްތިއުނާފް މަރުހަލާ ނިމޭނެ ކަމަށެވެ.

"... ގަބޫލުކުރައްވާ، އަޅުގަނޑުމެން މި އުންމީދުކުރަނީ މި އިސްތިއުނާފް މަރުހަލާ ދޭއް ނުވަތަ ތިން އަޑުއެހުމަކަށް ވުރެ ދިގެއް ނުވޭ ދިވެހިރާއްޖޭގައި އިސްތިއުނާފް މަރުހަލާގައި. އެޕެލޭޓް ކޯޓެއްގައި ... އަޅުގަނޑުމެން އުންމީދުކުރަން، ހަމަ ވަރަށް ތެދަށް ދަންނަވާ ކަމަށްވާ ނަމަ މާޗު ހިސާބުގައި ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެ ކަމަށް،" ޖަމީލް ވިދާޅުވި އެވެ.

އެކަމަކު ހައި ކޯޓުގައި ވަކާލާތުކުރައްވާ އެހެން ބައެއް ވަކީލުންގެ ހިޔާލު ވަރަށް ތަފާތެވެ. އެ ބޭފުޅުން ވިދާޅުވީ ޔާމީންގެ މައްސަލަ ހައި ކޯޓުން އާންމު އުސޫލުން ބަލާއިރު ނިމޭނެ މުއްދަތެއް ލަފާކުރާއިރު ޔާމީންގެ ވަކީލުންގެ ޓީމުން ވޮޑަމުލާގެ މައްސަލާގައި ޔާމީންގެ ދިފާއުގައި މަސައްކަތްކުރި ގޮތަށް ވެސް ބަލަންޖެހޭ ކަމަށެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެ މަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް (ކ) ވާހަކަދައްކަވަނީ --. ފޮޓޯ: ނިޝާން އަލީ | މިހާރު

"ކުރީގެ މައްސަލައަށް ބަލާއިރު އިސްތިއުނާފީ ނުކުތާތައް ވަރަށް ގިނަ. އެހާ ދިގުކޮށް ވާހަކަ ދައްކާ. އެހެންވެ މި ފަހަރު ވެސް އެންމެ އަވަސް ވިޔަސް ދެ ދުވަހުން ކަންނޭނގޭ އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނިންމާލެވޭނީ ވެސް،" ޖިނާއީ ގިނަ މައްސަލަތަކެއް ބެއްލެވި ކުރީގެ ފަނޑިޔާޔަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަމީލް އެ ވިދާޅުވާ ގޮތަށް ދެތިން އަޑުއެހުމުން ނިންމާލެވެނީ އިސްތިއުނާފީ ދެތިން ނުކުތާއެއް ހުށަހަޅާ މައްސަލަތަކުގައި ކަމަށާއި ފަންސާހެއްހާ ނުކުތާ ހުށަހަޅާ ނަމަ އެ ހުރިހާ ކަމެއް ހުށަހަޅައި އެ ކަންކަމާ ދެ ފަރާތުން ވާހަކަ ދައްކައި އަދި ފަނޑިޔާރުން ވެސް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރުމަށް ވަގުތު ބޭނުންވާނެ ކަމަށެވެ.

"ލަފާކުރެވެނީ އެންމެ މަދުވެގެން ވެސް ދިހަ ވަރަކަށް އަޑުއެހުން ބާއްވަންޖެހޭނެ ކަމަށް. އެއީ މައްސަލަ ހުށަހެޅުމާއި ހުށަހެޅުންތަކަށް ދައުލަތުން ޖަވާބު ދިނުމަށާއި ސާފުކުރަންޖޭހެ ކަންކަން ދެ ފަރާތުން ސާފުކޮށް އަދި ފަނޑިޔާރުންގެ ސުވާލުތަކަށް ދެ ފަރާތުން ޖަވާބު ދިނުން ފަދަ ހުރިހާ ކަމަކަށް. މިހެން ބުންޏަސް މިއީ ވަރަށް ކުރުކޮށްލައިގެން މިކަން ވާނެ ކަމަށް ބެލެވޭ ވަރު،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގައި މައްސަލަ ހިންގާ ގޮތަށް، ދިގުދެމިގެންދާ ގޮތަށް އަޑުއެހުންތައް ބާއްވަން ވެސް ހައި ކޯޓުގެ ޖާގައިގެ ސަބަބުން ވެސް ގޮންޖެހުން ހުންނާނެ ކަމަށެވެ.

"ފަނޑިޔާރުންގެ ޗުއްޓީތަކާއި އެހެން މައްސަލަތަކުގެ ތާވަލާ ފުށުއެރުންތައް ހުރުމާއި މި ހުރިހާ ކަމަކާ ހެދި އާންމު އުސޫލުން ބަލާ ނަމަ ކޮންމެ ހަފްތާއަކު ދެތިން ދުވަހަށް ތާވަލް ކޮށްގެން ހައި ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަކަށް ނުފެނޭ. އެހެންވެ އަވަސްކުރަން ބޭނުން ނަމަ އާންމު އުސޫލު ދޫކޮށްލާފައި، އެހެން ޝަރީއަތްތައް ނިންމާފައި ޝަރީއަތް ބާއްވަން ޖެހޭނީ. އާންމު އުސޫލުގެ ބޭރުން ނޫނީ ދެން ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ނިންމާލެވޭނެ ކަމަކަށް ހަމަ ހިއެއް ނުވޭ،" ކުރީގެ ފަނޑިޔާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހައި ކޯޓުގައި ކުރިއާލައި މައްސަލަތައް ތާވަލް ކުރާތީ ބޭނުންހާ ދުވަހަކަށް އަވަސްކޮށްލާފައި ކޮންމެ ކޮންމެ މައްސަލައެއް ތާވަލްކުރުން ވެސް ދަތިވާނެ ކަމަށެވެ.

އަވަސްކުރަން ބޭނުން ނަމަ އާންމު އުސޫލު ދޫކޮށްލާފައި، އެހެން ޝަރީއަތްތައް ނިންމާފައި ޝަރީއަތް ބާއްވަން ޖެހޭނީ. އާންމު އުސޫލުގެ ބޭރުން ނޫނީ ދެން ރިޔާސީ އިންތިހާބަށް ވަގުތު އޮއްވައި ނިންމާލެވޭނެ ކަމަކަށް ހަމަ ހިއެއްނުވޭ: ކުރީގެ ފަނޑިޔާރެއް

އެހެންވެ އާންމު އުސޫލުން ހައި ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދާ ގޮތާއި ސްޕީޑަށް ބަލާއިރު ރިޔާސީ އިންތިހާބުގެ ސުންގަޑިއާ ހިސާބަށް އިސްތިއުނާފް ނިމޭނީ އާންމު އުސޫލުގެ ބޭރުންކަމާ މެދު ސުވާލެއް ވެސް ނެތެވެ.

މިހާ ގިނަ ސުވާލުތައް ހުއްޓަސް ޔާމީންގެ ވަކީލުން ދެއްވަނީ އިސްތިއުނާފް މަރުހަލާ، އިންތިހާބަށް ވަގުތު އޮއްވައި ނިމޭނެ ކަމުގެ ޔަގީންކަން އެކަންޏެއް ނޫނެވެ. މިނިވަންވާނެ ކަމުގެ ޔަގީންކަން ވެސް އެބަ ދެއްވަ އެވެ. އެހެންވެ، ޔާމީން ނޫން އެހެން އިހްތިޔާރަކާ މެދު ވިސްނަން ނުޖެހެނީ އެވެ. ދެން އަންނަނީ ނިހާއީ ހުކުމެއް ނެތިއްޔާ ޔާމީންގެ ކެންޑިޑެސީ ބަލައިގަންނާނެ ވާހަކަ އެވެ. މިގޮތަށް ވިސްނަނީ ސުޕްރީމް ކޯޓުގެ ވަރަށް ކުރީގެ ހުކުމަކާ ހަވާލާދީފައި ކަމަށް ވާއިރު އޭގެ ފަހުން މިކަން ބަދަލުވެދާނެ ގޮތްގޮތަށް ކުރި ހުކުމްތަކުގެ ވާހަކަ ނުވެސް ދައްކަ އެވެ.

އެ ވާހަކަ ކުރުކޮށްލާނީ އެވެ. ނިހާއީ ހުކުމެއް ނެތް ނަމަ ޝަރުތު ހަމަވާ ކަމަށް ބަލާ ނަމަ ބޮޑެތި ކުށްތަކުގައި ތިބި އެތައް ބަޔަކީ ވެސް ރައީސްކަމަށް ކުރިމަތިލާން ޝަރުތު ހަމަވާ މީހުންނެވެ. ނިހާއީ ހުކުމެއް ނެތް ކަމަށް ބުނެ އިންތިހާބުން ފުރުސަތު ދީ ކެމްޕެއިން ކުރަން ވެސް އެ މީހަކު ދޫކޮށްލައިގެން ގެންގުޅޭނީ އެވެ. ދެން އިންތިހާބުވާ ފަހުން ހުކުމް ދަމަހައްޓައިފި ނަމަ ހަދާނެ ގޮތަކީ ކޮބައިހެއްޔެވެ؟

76 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 11%
icon angry icon angry 28%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސޯ

08 May 2023

ހުރިހާކުދީންވެސް ކޮމެންޓުތަކަށް ލައިކްސް ލިބިފަހުރިގޮތްބަލާލާ. އެއިރުން ކަންތައްވަމުންދާގޮތާ ވާންއޮތްގޮތް ވަރަސްސާފުވާނެ.

The name is already taken The name is available. Register?

ނިއުމަތޫ

07 May 2023

ބޮޑެތި ކުށްތަކުގަ ތިބި ކިތައް މީހުންބާ ރިޔާސީ އިންތިހާބަށް ޝައުގުވެރިކަން ހުރީ؟ އެއިން ކިތައް މީހުންބާ އެކަމަށް ވަކާލާތުކޮށްގެން މައްސަލަ އަވަސްކޮށްދޭން ކިޔަނީ؟ ކުރީގަ ހައްޔަރުވި މިހާރު އިދިކޮޅުގަ އެތިބަ ސިޔާސީ ހުރިހާ އެންމެން މިނިވަންވީ ގަވައިދުން ކޯޓުގެ ދުވަސްތައް ގުނައިގެން އިސްތިއުނާފީ މަރުހަލާތަކާ އެހެން ކަންކަން ފުރިހަމަވެގެންތަ؟

The name is already taken The name is available. Register?

އަފީފް ލެގަސީ ސީޝެލްސް

07 May 2023

ޗާގޯސް އަކީ ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި ދެކި ސްވަދީޕް އަށް ދިނުމަށް އޭރު އިނގިރޭސީންނާއި މަޝްވަރާކުރެވިފަ ވަނީ. ރައީސް އިބްރާހިމް ނާސިރު ހެދި ގޯހަކުން އެކަމެއް ގެއްލި ދިޔައީ.

The name is already taken The name is available. Register?

އިބްރިހިމް ބެއްޔާގެ ހުތާ

07 May 2023

ހުވަދޫ ބަގާވާތުގެ ބޮޑު ސިއްރަކީ މާލޭގެ ވެރީން ބޮޑެތި ޖަރީމާ ހިންގާ ފަސްއަޅާ ފޮރުވި އަނިޔާވެރި ދުވަސް ތަކެއް. އިނގިރޭސީން ފާބަންޖެހުނު ހިސާބަކީ ޗާގޯސް ޗެޕްޓަރ ފޮހެވުމަށް ހިންގުނު އެންމެ ފަހުގެ ހަރަކާތް. ރައީސް ނާސިރު ދައުލަތުގެ ފައިސާ އެކު ސިންގަޕޫރަށް ފިއްލުވާ އެނބުރި ނައުމުގެ ސިއްރުތަކެއް އޮތް.

The name is already taken The name is available. Register?

އެދިއައީ

07 May 2023

ގެއްލުނީމަ އެ ގެއްލުނީ. އޭގެ ފަހުން އެކަކުވެސް އެ ހޯދަން ނުއުޅޭނީ ކަމެއްވެގެން.

The name is already taken The name is available. Register?

ޢެމެރިކާ

07 May 2023

ރައިސް ޔާމިންގެ ކުޝަކީ ރާއްޖެ ތަރައްގީ ކޮއްދިނުން.

The name is already taken The name is available. Register?

ލާލާގިރީ

07 May 2023

ބޮންދުން ކީއްކުރަންތަ މިތާ ކޮމެންޓް ކުރަނީ؟ ކުޝަކީ ދިވެހިބަހެއް ނޫން.. ދިވެހިބަހުގަ އޮންނަނީ "ކުށަކީ" މިހެން.

The name is already taken The name is available. Register?

އެޗް އެމް

07 May 2023

ޕީޕީއެމް އޮތީ ޔާމީނާއި އަދުރޭ ވާހާލެއްގަވާން. ޖަލުގައޮތް މީހަކަށް ލީޑަރޭ ކިއުމަކީވެސް ގާނުނޫނީ އަޚްލާގާ ފުށުއަރާ ކަމެއް. އެހެންވީމަ ޕީޕީއެމްގެ ވެރިންވެސް ޖެހޭ ގާނޫނީ ތަރަހައިންބޭރުނުވެ ހާއްސަކޮށް ތިމާމެންގެ ބާރުއޮތްދުވަހު ގާނޫނަށް ގެނައި ނަންއިތުރާއި ކަންއިތުރު ތަކަށް ބޯލަބައި ކިޔަމަންވެ އެހެންމީހުންނަށް މިސާލަކަށްވާން. މިނިވަންވެ ކުށުން ބަރިއްޔަ ވަންދެން އެއްވެސް ލަގަބެއް ޔާމީނުގެ ނަމުގެ ކުރިއަށް ނުލުމަށް ހަނދާން ކޮށްދެން.

The name is already taken The name is available. Register?

ލުތުފީ

07 May 2023

"އެއީ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިތުރުކުރި މާއްދާއަކުން ވެފައި އޮތް ގޮތެވެ. ވެރިކަމުގެ އާރާއި ބާރު އޮތް ދުވަސްވަރު އަމިއްލަފުޅު ނިންމެވުމަކުން ހޯއްދަވައިގަތް ކަމެކެވެ." އަމިއްލަޔަށް ފޭހުނު އިލޮށި އަމިއްލަ ލޮލަށް.

The name is already taken The name is available. Register?

ޢަރުތަ

11 May 2023

މިނަށްވުރެ ބޮޑަށް ފައިސާގެ އަވައިގަ ޖެހުނީމަ ލޮލަށް ނޫން އެހެން ތަންތަނަށްވެސް އަދި ހެރޭނެ.

The name is already taken The name is available. Register?

ލުތުފީ

07 May 2023

ކާރުތޯ ރައީސް ކަމުގެ މަޤާމު ބޭނުންނުވާނީ. ޕީޕީއެމްގެ ލީޑަރޝިޕްގަ ތިބި އެންމެންވެސް ބޭނުންވޭ ރިޔާސީ ޓިކެޓް. އެކަމަކުވެސް ކޮންމެވެސް މަޖުބޫރުކަމަކާހުރެ، ޔާމީން ނޫންމީހަކު ނެތޭނިޔައިގެން ތިބެނީ. މުއިއްޒު އެކަމާ އުޅޭކަން އެގިގެން، އެންމެފަހުން އޭނަލައްވާވެސް އެހެންބުނުވައިފި. ރިޔާސީ އިންތިޚާބަށް މިހާކައިރިވެފައިވާއިރު، ގޮތެއް އޮންނަންވާނީ ނިމިފަ. އެހެންނޫނީ މިހާރު އޮތް ފަހި ފުރުޞަތު ގެއްލޭނެ. ޔާމީން މިނިވަންވެދާނެކަމަށް މަޑުކުރުމަކީ މޮޔަކަމެއް.

The name is already taken The name is available. Register?

ކަރާސީނު

07 May 2023

ޔާމީނަށްވީމަ، އިސްތިއުނާފް މަރުހަލާތައްވެސް ލިބޭ!!! ޔާމީނު ވެރިކަމުގަ، އެއްބަޔަކަށް ކުރިމިނަލް ކޯޓުން، އަނެއްބަޔަކަށް ހައިކޯޓާއި ސުޕުރީމް ކޯޓުންވެސް ކުރީ އަދަބު ކަނޑައެޅޭ ހުކުމް. އިސްތިއުނާފުގެ ވާހަކަ ނުވެސް އާދޭ!!! ފަނޑިޔާރުންނަށްވެސް ހެދީ ހަދާނެ ގޮތެއް!!! ކޮންމެ ރިޔާސީ އިންތިހާބަކަށް ޓިކެޓްދީފަ ޖަލުގަ ބަހައްޓަންޖެހޭ މީހެއް އެއީ!!!

The name is already taken The name is available. Register?

ރިވާޔަތު މޫސާ ވަޒުލައިޚާ

07 May 2023

ދެން އެނބުރި އައިއްސިއްޔާ ގައުމުގެ ލަގޮނޑި ނަގާ ކާލާނެ. ދެން ކޮންއުންމީދެއްތޯ ކުރަންވީ. އުންމީދުކުރަންވީ ވީހާވެސް ގިނަދުވަހަކު އެތާ ބޭއްވޭތޯ. އޮންނާނެ ކަމެއްވެސް ނޭންގޭ. ބެކުބޯނަށް ތަދެއްއަރައިގެން އޮންނާނީ ބޭރުކުރާންވެފާ.

The name is already taken The name is available. Register?

ރިވާޔަތޫ

07 May 2023

އެނބުރި ނައިއްސިއްޔާ ގައުމުގެ ލަގޮނޑިއެއް ނޯންނާނެ. އިންޑިއާއިން އެކަން ޔަގީންކޮށްދޭނެ.

The name is already taken The name is available. Register?

ހަޑިގިއްލާ

07 May 2023

އެހެން ދޫކޮށްލެވިގެން ނުވާނެ. އަދި އަވަސް އަރުވާލައިގެން، ކުރުގަޅުވާލައިގެންވެސް ނުވާނެ! ޔާމީނަށްވެސް އިންސާފު ލިބެންވާނީ އޮންނަ ހަމަތަކުގެ ތެރެއިން، މިނަގަނޑުން ބޭރުނުވެ! ރިޔާސީ އިންތިހާބަށް އޭނާ ކުރިމަތި ލާން ބޭނުންވާތީ ޝަރީޢަތް އަވަސްކުރާނަމަ، މިސްކިތު މަސައްކަތު މީހެއްގެ މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުންގެ މައްސަލަތައްވެސް ނިންމަންޖެހޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454