ރިޕޯޓް

ސުޕްރީމް ކޯޓުގެ ހުކުމެއް އެބައޮތް: ކޮން 3،000 އެއް؟

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ އިދިކޮޅު ކޯލިޝަނުން ޕާޓީތަކުގެ ލީޑަރުންގެ ފޮޓޯތައް ފާރެއްގައި ތަތްކުރަނީ: ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގުމަށް އޮތް އެންމެ ބޮޑު ހުރަހަކީ އާބާދީއާ އެކަށީގެންނުވާ އަދަދަކަށް މެންބަރުން ގެންގުޅެން ޖެހުން. -- މިހާރު ފައިލް ފޮޓޯ

ސިޔާސީ ޕާޓީއެއްގައި އެންމެ މަދުވެގެން 3،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގައި ކަނޑައަޅާފައި މި އޮންނަނީ ކޮން ހަމަޔަކުން، ކޮން ގޮތަކަށް ބަލައިގެން ހެއްޔެވެ؟ ގާނޫނުގައި މި އަދަދު އެންމެ ފުރަަތަމަ އޮތީ 10،000 ކަމަށެވެ. މިހާރު އެ އޮތީ މީގެ ނުވަ އަހަރު ކުރިން ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ހެދި އަދަދު ދަށްކޮށްލި ގޮތަށެވެ.

އެކަމަކު، މި އަދަދު ވެސް މާ މަތިކަމުން އެތައް ޕާޓީއެއް އުވިގެން ހިނގައްޖެ އެވެ. މޯލްޑިވްސް ރިފޯމް މޫމްވަންޓް (އެމްއާރްއެމް) އަށް މިހާރު އަނެއްކާ މި އޮތީ މި ދަތުރު ޖެހިފަ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދީ އެންމެ ފުރަތަމަ އެކަން ރެގިއުލޭޓްކުރީ ގަވައިދަކުންނެވެ. އެ ގަވައިދުގައި އޮތީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްދޭނީ 3،000 މެންބަރުން ހަމަވުމުން ކަމަށެވެ. އެކަމަކު 2013 ވަނަ އަހަރު ސިޔާސީ ޕާޓީގެ ގާނޫނެއް ހަދައި، ޕާޓީއެއްގައި 10،000 މެންބަރުން ތިބެން ޖެހޭނެ ކަމަށް ކަނޑައެޅި އެވެ. އޭރު ކަނޑައެޅީ ގާނޫނަށް އަމަލުކުރަން ފަށާއިރު މި އަދަދު ހަމަވެފައިވާ ޕާޓީތައް ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކަމަށެވެ. ދެން ހުރި ޕާޓީތަކަށް ލިބުނީ މެންބަރުން ހަމަކުރަން މުއްދަތެކެވެ.

މިކަމާ ހިތްހަމަނުޖެހި ކުދި ޕާޓީތަކުން ޝަކުވާކޮށް ސުޕްރީމް ކޯޓާ ހިސާބަށް ވެސް ދިޔަ އެވެ. އެކަމަކު ހުކުމެއް ކުރީ މި މައްސަލާގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެވެ.

އެ މައްސަލައިގައި ސެޕްޓެމްބަރު 1، 2013 ގައި ކުރި ހުކުމަށް ފަހު 2015 ގައި މެންބަރުންގެ އެންމެ މަދު އަދަދަކީ 3،000 ކަމަށް ބަދަލުކުރި އެވެ.

ގާނޫނުއަސާސީގައި އޮތް ހައްގު ހަނިކުރުން

ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަން ބަޔާންކުރާ ދެ ވަނަ ބާބުގެ ދަށުން 30 ވަނަ މާއްދާގައި ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ވަނީ ދީފަ އެވެ. އެ މާއްދާގެ ދަށުން ބުނަނީ "ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ" ލިބިގެންވާ ކަމަށެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން އަސާސީ އެއްވެސް ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީ އާ ތައާރުޒުނުވާ ގޮތެއްގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުންނެވެ. ގާނޫނަކުން ވެސް އެއިން ހައްގެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ޑިމޮކްރަޓިކް މުޖްތަމައެއްގައި މިފަދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ގަބޫލުކުރެވޭ މިންވަރަކަށް ކަމަށް އޮންނަނީ ބުނެފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެ ރަށުގައި އެކި ޕާޓީތަކުގެ ކުލަތައް: ރާއްޖޭގައި ސިޔާސީ އާ ފިކުރުތައް ދިރުވަން އާ ޕާޓީތައް ހިންގަން ފުރުސަތު ކުޑަ. -- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އެހެންވެ ސުވާލަކީ ސިޔާސީ ޕާޓީ އުފެއްދުމަށް ގާނޫނުއަސާސީން ދީފައިވާ ހައްގު ސިޔާސީ ޕާޓީގެ ގާނޫނުން ހަނިކޮށްފައިވަނި މި ހަމައިންތޯ އެވެ.

މާޗް 5، 2013 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އޭގެ ހަފްތާއެއް ފަހުން މާޗް 12 ވަނަ ދުވަހު ތަސްދީގުކުރި ސިޔާސީ ޕާޓީގެ ގާނޫނާ އެކު މެންބަރުންގެ އަދަދުގެ މައްސަލަ ސުޕްރީމް ކޯޓާ ހިސާބަށް ދިޔަ އެވެ. ބަންޑާރަ ނައިބުގެ އޮފީހުން މިކަމާ ގުޅިގެން ހުށަހެޅި ދުސްތޫރީ މައްސަލާގައި އެދުނީ އޭރު އޮތް ގޮތުން، 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެތީ، އޭރު ހިންގަމުން އައި އެއްވެސް ޕާޓީއެއް އުވިގެން ނުދާނެ ކަމަށް ކަނޑައެޅުމަށެވެ.

3،000 އަކީ ނިސްބަތުން ބޮޑު އަދަދެއް

އެ މައްސަލާގައި ދައުލަތުން ވެސް ބުނީ ގާނޫނުއަސާސީން ދޭ ހައްގެއް ގާނޫނަކުން ހިފަހައްޓައި ހަނިކުރެވުނަސް އެކަން ކުރެވޭނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ގަބޫލުކުރެވޭ މިންގަނޑަށް ކަމަށާއި "ސިޔާސީ ޕާޓީއެއްގައި ތިބެންޖެހޭ މެންބަރުންގެ އެންމެ ކުޑަ އަދަދެއް ކަނޑައަޅާފައިވަނީ ވަރަށް މަދު ގައުމެއްގައި" ކަމަށެވެ.

އެ މައްސަލާގައި ކަންކަން ސާފުކޮށްދެމުން ބުނި ގޮތުގައި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އާއި މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ފަދަ އިންސްޓްރޫމަންޓްތަކުގައި ޕާޓީތަކާއި ޖަމިއްޔާތައް އުފައްދައި މިނިވަންކަމާ އެކު ހިންގުމުން ކަށަވަރުކޮށްދީފައިވެ އެވެ. އަދި މި ހައްގު އެންމެ ފުޅާ ގޮތެއްގައި ލިބިދީފައިވާ ދައުލަތްތަކުގައި ސިޔާސީ ޕާޓީތައް އުފައްދައި ރަޖިސްޓްރީކުރުމުގެ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސާފައި ހުންނަކަން ފާހަގަކޮށްފައިވެ އެވެ.

"ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ފަރާތުން ނުފޫޒު ފޯރުވުން ވީހާ ވެސް ކުޑަކުރުމުގެ ގޮތުން ދަތި އުނދަގޫ އިޖުރާއަތު ނައްތާލުމަކީ ޑިނަ ޑިމޮކްރަޓިކް ދައުލަތްތަކުން ބާރުއަޅާ ގޮތް" ކަމަށް ސުޕްރީމް ކޯޓުގެ އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ ދައުރަށް ރިއާޔަތްކޮށް އެކަށީގެންވާ އުސޫލުތަކާއި މަނާކުރުމުގެ ފިޔަވަޅުތައް އަޅަންވާނީ ވީހާ ވެސް ހަނި ދާއިރާއަކުން ކަމަށެވެ.

"އެފަދަ މަނާކުރުންތަކާއި ފިޔަވަޅުތަކަކީ ޑިމޮކްރަޓިކް މުޖުތަމައެއްގެ އާބާދީއާ އަޅާބަލާއިރު ނިސްބަތުން ގިނަ މީހުންގެ ސޮއި ހޯދައިގެން މެނުވީ ސިޔާސީ ޕާޓީ ނުއުފެއްދޭ ގޮތަށް ހަރުކަށި އުސޫލުތަކެއް އެކަށައެޅުމަކީ ތަނާސުބު [ޕްރޮޕޯޝަނަލިޓީ] ގެ އުސޫލާ ހިލާފް ކަމެއް" ގެ ގޮތުގައި ބުނެފައިވެ އެވެ.

ޑިމޮކްރަޓިކް އެންމެ ބޮޑު އާބާދީ ކަމަށްވާ އިންޑިއާގައި ވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ބަލައިގަތުމަށް ކަނޑައަޅާފައި ހުންނަނީ މެންބަރުންގެ އަދަދުގެ ބަދަލުގައި އިންތިހާބުތަކުގައި ލިބޭ ކާމިޔާބީގެ މައްޗަށް އެކުލަވާލާފައިވާ މިންގަނޑުތަކަށެވެ. އިންތިހާބުތަކުގައި ވަކި އަދަދަކަށް ގޮނޑި ކާމިޔާބު ނުކުރެވޭ ނަމަ ސިޔާސީ ޕާޓީއެއްގެ ދަރަޖަ ރަސްމީކޮށް ނުލިބޭނެ އެވެ. ވިދިވިދިގެން ދެ އިންތިހާބުގައި މި އެހާ ވަރަށް ކާމިޔާބު ނުވެއްޖެ ނަމަ ސިޔާސީ ޕާޓީއެއްގެ ދަރަޖަ ގެއްލޭނެ އެވެ. ބިލިއަނުގެ އާބާދީއެއް އޮތް އިންޑިއާގައި 100 މެންބަރުން ތިބި ނަމަ ޕާޓީއެއް ހިންގެ އެވެ.

އިނގިރޭސި ވިލާތާއި އެމެރިކާ ވެސް ސިޔާސީ ޕާޓީއަކަށް ވަކި އަދަދަކަށް މެންބަރުން ހަމަކުރާކަށް ނުޖެހެ އެވެ.

ވަކި އަދަކަށް މެންބަރުން ހަމަކުރަން އޮންނަ ގައުމުތަކުގައި ވެސް އެއީ ވަރަށް ކުޑަ އަދަދެކެވެ. އާބާދީ 83 މިލިއަނުގައި އޮތް ޖަރުމަނުގައި 1،000، އާބާދީ 67 މިލިއަނުން މަތި ފްރާންސްގައި 200 އަދި 59 މިލިއަނުގެ އާބާދީއެއް އޮތް ދެކުނު އެފްރިކާގައި 500 އެވެ.

ސިޔާސީ ޕާޓީތައް އުފައްދައި ހިންގުމުގައި ހިމާޔަތާއި ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުގެ ފަރާތުން ނުފޫޒު ފޯރުވުން ވީހާވެސް ކުޑަކުރުމުގެ ގޮތުން ދަތި އުނދަގޫ އިޖުރާއަތު ނައްތާލުމަކީ ޑިނަ ޑިމޮކްރަޓިކް ދައުލަތްތަކުން ބާރުއަޅާ ގޮތް: ސުޕްރީމް ކޯޓުގެ ހުކުމް

އެކަމަކު ދިވެހި ރައްޔިތުންގެ އަދަދު ބައި މިލިއަނަށް ނާރާއިރު ސިޔާސީ ޕާޓީއެއްގައި މަދުވެގެން 3،000 ތިބެން ޖެހެ އެވެ. މި އާބާދީގައި ސިޔާސީ ޕާޓީތަކަށް ވަންނަން އުމުރު ހަމަވާ މީހުންގެ އަދަދު މި ވަގުތު އުޅެނީ 280،000 ގަ އެވެ. އަންނަ ރިޔާސީ އިންތިހާބު އޮންނަ ދުވަހާ ހަމައަށް ސީދާ އަދަދަކީ 283،272 އެވެ. އިލެކްޝަންސް ކޮމިޝަންގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި 18 އަހަރުން މަތީގެ ގިނަ މީހުންނަކީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުންނެވެ. އެއީ 58 ޕަސެންޓެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި، 10،000 މެންބަރުން ހަމަކުރުން ލާޒިމުވާ ގޮތަށް އޮތް ދެ މާއްދާ ބާތިލްކޮށް ބުނެފައި ވަނީ؛

"... މިފަދައިން މި މާއްދާގެ މި އަކުރުގައި ބަޔާންކޮށްފައިވާއިރު، ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) އިން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގު، މިނިވަން ދިމިގްރާތީ މުޖުތަމައުތަކުގައި ލިބިދެވޭ މިންވަރަށްވުރެ ބޮޑަށް ހަނިކުރެވިފައިވާކަން އިސްވެ ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން އެނގެން އޮންނަ" ކަމަށެވެ.

ހައްގުތަކާއި މިނިވަންކަން ލިބުމުގައި ތަފާތުކޮށްގެން ނުވާނެ ސަބަބުތައް ގާނޫނުއަސާސީގައި ބަޔާންކުރާއިރު އޭގެ ތެރޭގައި އެ މީހެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ވިސްނުމަކަށްޓަކައި ތަފާތު ނުކުރުން އޮވެ އެވެ. މިކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޕާޓީއެއްގައި ބައިވެރިވުމަކީ ފުޅާ ފުރުސަތެއް އަދި ހައްގެއް ކަމަށާއި "އެ މީހަކު ގަބޫލުނުކުރާ ޕާޓީއެއްގައި ބައިވެރިކުރުމަށް މަޖުބޫރުވާ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ނިޒާމު ބައްޓަންކޮށް، ޕާޓީތަކުގެ ދައުރު ހަނި ނުކުރެވޭނެ" ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމުގައި އަބަދުވެސް އެންމެ ކުޑަ ނުފޫޒަކުން ފުރިހަމައަށް ރެގިއުލޭޓްކުރެވޭނެ ގޮތްތައް އިހުތިޔާރުކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހުކުމް ސާފު

ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ސާފުކޮށް ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މަދުވެގެން 10،000 މީހުންގެ ސޮއި ހޯދައި ހުށަހަޅަންވާނެ ކަމަށް ގާނޫނުގައި ބުނާ މާއްދާތައް ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފް ކަމަށެވެ. އެހެންވެ އެ މާއްދާތައް ބާތިލްކޮށް އަމުރުކުރީ ގާނޫނުން ބާތިލް ކަމަށް ކަނޑައެޅި މާއްދާތައް އަލުން އިސްލާހުކުރެވެންދެން، ގާނޫނުގެ ކުރިން އޮތް ގޮތަށް، 3،000 މީހުންގެ ސޮޔާ އެކު ޕާޓީ ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.

މި ހުކުމާ އެކު ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހުކުރީ ޕާޓީއެއްގެ މެންބަރުންގެ އެންމެ މަދު އަދަދަކީ 3،000 ކަމަށެވެ. އެކަމަކު 3،000 އޭ ބުނެގެން އެ މާއްދާ ގާނޫނުއަސާސީއާ ހިލާފު ނުވަނީ ހެއްޔެވެ؟

ސުޕްރީމް ކޯޓުން އޭރު ހުކުމުގައި އެ 3،000 ޖަހާފައި އޮތް ކަމަށް ގަބޫލުކުރެވެނީ އެއީ ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޕާޓީތައް އުފައްދައި ތަބާވެގެން ތިބި ގޮތް ކަމަށް ވާތީ އެވެ. ހުކުމުގައި މެންބަރުންގެ އަދަދު 10،000 ހަމަވާން ޖެހޭނެ ކަމަށް ބުނުން ގާނޫނުއަސާސީއާ ހިލާފު ކަމަށް ސާފުކޮށް ބުނެ އެވެ. އެއީ ކޮންމެހެން ވަކި އަދަދެއް އޮވެގެން ބުނި ބުނުމެއް ނޫނެވެ. އެ ބުނަި އެގޮތަށް މެންބަރުންގެ އަދަދު ލިމިޓް ނުކުރެވޭނެ ކަމަށެވެ.

މައްސަލަ އަކީ 10،000 ނޫން ކަމާއި އަސާސީ ހައްގު ހަނިކޮށްފައި އޮތުންކަން އެ ހުކުމް އެނގޭ އެހެން އިބާރާތެއް ވެސް އެބަ އޮތެވެ. އެއީ އެ "ހުކުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނަށް އިސްލާހު ގެންނަންދެން" މެންބަރުންގެ އަދަދު ކުރިން އޮތް ވަރަށް ބަލަމުން ގެންދިއުމަށް އަމުރުކޮށްފައި ވުމެވެ.

ސުޕްރީމް ކޯޓް: ޕާޓީތަކުގައި ވަކި އަދަދަކަށް މެންބަރުން ތިބެންޖެހޭނެ ކަމަށް ގާނޫނުގައި ބުނާ ބުނުން ގާނޫނުއަސާސީއާ ހިލާފް ކަމަށް ހުކުމްކުރި. -- ފޮޓޯ/މިހާރު

ހުކުމުގައި ހުރި ނުކުތާތަކުގައި، 10،000 އަކީ މާ ގިނަ އަދަދެއް ކަމަށާއި އެޔަށްވުރެ އަދަދު ދަށްކޮށްލަންވީ ކަމަށް މާނަކުރެވޭ އެއްވެސް ނުކުތާއެއް ނެތެވެ. ޖުމްލަ ގޮތެއްގައި އޮތީ، އަސާސީ ހައްގު ހަނިކުރެވޭނީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ގަބޫލުކުރާ މިންވަރަށް ކަމަށާއި ޕާޓީއެއްގައި ވަކި އަދަދަކަށް މެންބަރުން ތިބުން ލާޒިމް ގައުމެއް ވަރަށް މަދު ކަމަށެވެ.

މިހާރު އުވިފައިވާ ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހް ވެސް މެންބަރުންގެ އަދަދުގެ މައްސަލަ މީގެ 10 އަހަރު ކުރިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުން ގޮތެއް ނުނިންމާ ބޭއްވުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު ހުކުމްކުރީ އެ މައްސަލަ ސުޕްރީމް ކޯޓުން ނުބެލޭނެ ކަމަށެވެ. އެއީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ސުޕްރީމް ކޯޓުން ފުރަތަމަ މަރުހަލާގައި ބަލަން ޖެހޭނީ ގައުމުގެ އާންމު މަސްލަހަތު ހިމެނޭ ނުވަތަ ދައުލަތުގެ ދެ ބާރެއްގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ކަމަށް ވާތީ އެވެ. އެ ނޫން ދުސްތޫރީ މައްސަލަތައް ހުށަހަޅަން ޖެހޭނީ ހައި ކޯޓަށް ކަމަށް ގާނޫނުގައި ބުނެފައި އެބަ އޮތް ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ހުކުމުގައި ވިދާޅުވި އެވެ. މައްސަލާގައި އެދުނު ކަންކަމަށް މި ހުކުމުގައި ގޮތެއް ނުނިންމަ އެވެ.

މާނަ އަކީ މި މައްސަލަ ފުރަތަމަ ބަލައި ގޮތެއް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށް ވުމެވެ. އަދި މައްސަލަ ނުނިމި އެތައް އަހަރެއް ވެގެން ދިއުމުން، ސުޕްރީމް ކޯޓުން އެހެން ހުކުމެއް ކޮށްފައި ވާތީ އާއި ސިޔާސީ ޕާޓީގެ ގާނޫނަށް އޭގެ ފަހުން އެތައް އިސްލާހެއް އައިސްފައި ވާތީ މައްސަލާގައި އޮތް ގާނޫނީ ސުވާލަށް ބަދަލުތައް އައިސްފައި ވުމަކީ ވެސް މައްސަލަ ބެލުމުގެ ބޭނުން ކެނޑުނު ސަބަބެކެވެ.

ގާނޫނު ތަސްދީގުކުރެއްވީ ގާނޫނީ ލަފަޔާ ހިލާފަށް

މިހާރު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ ކަމުގެ މަގާމުގައި ހުންނެވި އިމާދު ކުރެއްވި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުގައި ހިންގި އަޑުއެހުންތަކުގައި ދައުލަތުން ވަނީ ސިޔާސީ ޕާޓީއެއްގައި 10،000 މެންބަރުން ތިބެންޖެހޭނެ ކަމަށް 2015 ވަނަ އަހަރު ކަނޑައެޅި ގާނޫނު ތަސްދީގުކުރެއްވުމުގެ ކުރިން އެއީ ގާނޫނުއަސާސީއާ ހިލާފްވާ މާއްދާއެއް ކަމުގެ ގާނޫނީ ލަފާ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށް ބަންޑާރަ ނައިބު ދެއްވި ކަމަށް ބުނެފަ އެވެ.

ދައުލަތުން ބުނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 8، 11 އަދި 29 ވަނަ މާއްދާގައި 10،000 މެންބަރުން ކަމަށް ބަޔާންކޮށް ހުރި ކަންކަމުން ގާނޫނުއަސާސީގެ 30 ވަނަ މާއްދާއިން ލިބޭ ހައްގުތައް އުނިވާ ކަމަށެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން ލާޒިމްކޮށްފައިވާ 35 ވަނަ މާއްދާ އެ ގާނޫނުގެ އެހެން ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ދައުލަތުން އެރުވި ލަފާގައިވެ އެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށް ޝަރީއަތުގައި ބުންޏެވެ.

އެހެންވެ ސިޔާސީ ޕާޓީތަކުން ވަކި އަދަދަކަށް މެންބަރުން ހަމަކުރުން ލާޒިމުކުރުމާ މެދު އޮތް ސުވާލަށް ގާނޫނީ ހައްލެއް ދޭން ޖެހެ އެވެ. އެކަން ސުވާލެއްގެ ގޮތުގައި ބާއްވައިގެން ނުވާނެ އެވެ.

މިހާރު އޮންނަ ގޮތުން ސިޔާސީ ޕާޓީއެއްގައި 3،000 މެންބަރުން ހަމަވިޔަސް އަދި ދައުލަތުން އެ ޕާޓީއަކަށް ފައިސާ ލިބޭނީ 10،000 މެންބަރުން ހަމަވެގެންނެވެ. ވާދަކުރާ އިންތިހާބުތަކުން 100 ޕަސެންޓް ފެއިލް ވަމުން ދިޔަޔަސް މިހާރު އޮންނަ ގޮތުން ނަމަ ދަފްތަރުގައި 10،000 މެންބަރުން އޮތް ނަމަ ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނެ އެވެ. އެހެންވެ އެ ބަޔަކަށް ވީ ގޮތަކުން މެންބަރުންގެ އަދަދު ގިނަކޮށްގެން، ފައިސާ ބަހާ ދުވަހު ގިނައިން ލިބޭ ގޮތެއް ހޯދަނީ އެވެ. ބޯ ގުނައިގެން ފައިސާ ބެހުން ހުއްޓާލާ ނަމަ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ އެންމެ ތުރާ ބޮޑު ކަންކަން ވެސް ނިމުމަކަށް އަންނާނެ އެވެ. ދައުލަތުން ހަރަދު ނުކޮށް ޕާޓީތަކަށް އަމިއްލަ ފަންޑު ހޯދަންޖެހޭ ނަމަ ޕާޓީތައް އާދަޔާ ހިލާފަށް ގިނައެއް ވެސް ނުވާނެ އެވެ.

ޕާޓީތަކަށް ދައުލަތުން ފައިސާ ދިނުން އެއީ އަދި ވަކި ބަހުސެއް ކަމަށް ވާތީ އެ ވާހަކަ ދޫކޮށްލާނީ އެވެ.

52 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެޑަމް

05 June 2023

ރައްޔިތުން ޓެކުހައްދައްކާފައިސާ މަގުމަތީއަވުގުރާނަގޮވަމުން ޅަދަރީންގެ ޖީލްތައްހަލާކުކުރަމުންދުވާބަޔަކައް އެފައިސާ ޚަރަދުކުރަންޤަބޫލީ ކޮންރައްޔިތެއްތޯ? ހަމަމިހާރުންމިހާރައްޕާޓީތަކައް ދައުލަތުންފައިސާ ދިނުންހުއްޓާލަންޖެހޭ! އަދިޕާޓީހަދާ ހިންގަންްޖެހޭނީ އެފަދަޤާބިލްކަން ހުންނަމީހުންނެވެ މިހެނީ ވަކިޕާޓީއެއްގަ މީހުންގިނަވުމަކީ ރައްޔިތުންނައްމިސްޤާލެއްގެމިންވަރުގެފައިދާއެއްވެސްއޮތްކަމެއްނޫން! ތިއައްވުރެމާރަގަޅު,ތިފައިސާ ތަޢުލީމައްނުވަތަމަސްވެރިކަމައްޚަރަދުކުރިއްޔާ,ތީދުނިޔޭގައެއްވެސްޤައުމެއްގަކުރާކަމެއްނޫން!ރައްޔިތުންގެފައިސާޚަރަދުކޮއްގެން އަވުގުޜާނަގޮވަންމަގުމައްޗައްމީހުންނެރުމަކީ!!

The name is already taken The name is available. Register?

އިންސާފު

04 June 2023

500 މީހުންނަކީ ޕާޓީ ހަދަން އެކަށީގެންވާ އަދަދެއް. މިސާލަކަށް ފްރާންސް. ދެން ދައުލަތުން ފައިސާ ދޭނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ހޮވޭ ނިސްބަތުން. މިހާރު ނަމަކަށް ދިހަހާސް ހަމަކޮށްލައިގެން އަދާލަތުން އެ ތިބެނީ ފައިސާ ނަގަނަގާ. އެންމެ ގޮނޑިއެއް ވެސް އޮތީކީ ނޫން.

The name is already taken The name is available. Register?

އިންސޭ

04 June 2023

އަޖައިބެއް... ޕާރޓީ ސިސްޓަމް އުފައްދަން އެކަނިތަ ދަތި އުނދަގޫތައް ނައްތާލަން 3000 އަށް ހަދަން ޖެހެނީ. އެހައްޤު ނުލިބިގެން އެކަނިތަ ދަތި އުނދަގޫތައް ނައްތާލަން ޖެހެނީ ؟ ބަލަ ޤާނޫނުގައި ކުށްސާބިތުކުރަން ހުރި އުނދަގޫތައް ނައްތާލަބަލަ. އުނދަގޫ ބޮޑުވާކަމެއް ނެތިކޮށްލެވޭނީ އެއާއި އެއްވަރަށް ޤާނޫނުތަކުން ސާބިތު ކުރެވޭނޭ ލުއި ގޮތްތަކެއް އައިސްގެން. ވަބާތައް ވަނީ ގިނަ، ސާބިތުކުރަން ދުވަހެއް ދުވަހަކަށް އުނދަގޫވަމުން އަންނަނީ.

The name is already taken The name is available. Register?

އިހްސާސް..

04 June 2023

ދައުލަތުގެ ފައިސާއިން ސިޔާސީ ޕާޓީ ހިންގުން ހުއްޓުވުމަކަށް ގެންނަންޖެހޭ...

The name is already taken The name is available. Register?

އެކަމު ނުކެރޭނެ

04 June 2023

ސިޔާސީ ޕާޓީތަކަށް ދޭ ލާރި އެއްކޮށް އުނި ކޮށްލާ، ކޮންމެ 30 ހަކަށް މީހުނަށް ޕާޓީ ހެދޭގޮތަށް ހުޅުވާލާން ފެނޭ. މީ އެހެން ގައުމުތަކުގައި ވެސް ވަރަށް ހުޅުވިފައި އޮތްކަމެއް.

The name is already taken The name is available. Register?

ފިލޯސޮފަރ ޗަވީދު

04 June 2023

ތީގަ ގޯސް ފެށެނީ ވަކި އަދަދަކަށް މެމްބަރުން "ތިބެން ޖެހޭނެއޭ" ބުނާތީވެ. އޮންނަންވީ ހަމަހަމަ ގޮތަކީ އެންމެ ގިނަވެގެން މެމްބަރުންނަށް "ތިބެވޭނެ" އަދަދެއް އޮތުން. ސަބަބު: މެމްބަރުންގެ އަދަދަށް ބެލި ދައުލަތުން ރައްޔިތުންގެ ފައިސާ ޕާޓީތަކަށް ބަހަން ޖެހުން. މިގޮތަށް ބަދަލު ކުރެވިއްޖެ ނަމަ ދައުލަތުގެ އިސްރާފު ކުޑަވެގެން ދާނެ. ސަރުކާރާ ފައިސާ އަދި ނުފޫޒަށް ނިޒާމު ބަރުވުމަކީ ރަނގަޅު ސިޔާސަތުތައް ވިއްކުމަށް ހުރަސް އެޅުމެއް. ރައްޔިތުން ބަނދެލުމެއް.

The name is already taken The name is available. Register?

ކޮއްކޮޔާ

04 June 2023

ކޮއްކޯ. ޕާޓީތަކުގެ މެންބަރުންގެ އަދަދު މަދުވިޔަސް، ދައުލަތުން ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ އަދަދު މަދެއް ނުވާނެ. ދައުލަތުގެ ބަޖެޓުގެ ވަކި ޕަސެންޓެއް ޕާޓީތަކަށް ދޭން ޖެހޭނެކަމަށް ގާނޫނުގައި އޮންނަނީ. ޕާޓީތަކުގައި މީހުން މަދުވިޔަސް، 10000 މީހުން ހަމަވާ ޕާޓީތަކަށް އެ ޢަދަދު އެއްކޮށް ބަހަން ޖެހޭނެ. ޤާނޫނުގައި އޮންނަނީ މީހަކަށް މިވެނި ވަރަކަށް ރުފިޔާ ދޭކަށް ނޫން.

The name is already taken The name is available. Register?

އަބްދުއްރަޙްމާން ގާޒީ

04 June 2023

ކޮއްކޮޔާ އެއީ ބަދަލު ނުކުރެވޭނެ އެއްޗެއްތަ؟ މީ އެންމެ 3 ލައްކަ ރައްޔިތުންގެ ގައުމެކޭ. ބޮޑު ޕާޓީއަށް ގިނައިން ކުދި ޕާޓީއަށް މަދުން ލިބެނީ ދެން ކޮން ޕަސެންޓެއް ބެލިގެން؟ ތިއުޅެނީ އަމިއްލަ އަށް ތަޅުލެވޭކަށް ނޫންތަ؟ ކަލޯމެންތީ ކަލޯމެންނަށް ފައިދާ ހުރިގޮތަށް ޤުރުއާން ވެސް މާނަ ކުރާބައެއްކަން ދިވެހި އެންމެ ކުޑަކުއްޖާވެސް މިއަދު ދަނޭ.

The name is already taken The name is available. Register?

ވިކިލީކްސް

04 June 2023

މަދު ބަޔަކުވެގެން ގައުމުގެ ކޮންޓުރޯލް ނަަގަންވެގެން ހަދާފައިވާ އަދަދުތަކެއް ތިއީ.

The name is already taken The name is available. Register?

ޢެޑްމުންޑޯ

04 June 2023

3000 އަކީ ބޮޑު އަދަދެއްނޫން ، އެވަރު ހަމަނުކުރެވޭ މީހުން ޕާރޓީ ނުހަދާނީ ، ކޮންމެ ދެމަފިރިއަކަށް ޕޜޓީ އެއް އޮންނަން ޖެހޭނެކަމަށް މަށެއް ގަބޫލެއްނުކުރަން

The name is already taken The name is available. Register?

އަސްކޮ

04 June 2023

މިސާލު ނެގި ގިނަ ގައުމުތަކަކީ ވަރަށް ތަހުޒީބު މުޖުތަމަޢުތަށް އޮތް ގައުމުތަކެއް މީ ދިވެހިރާއްޖެ ނަމުން ޑިމޮކްރަސީ ނާތަހްޒީބް ބަޔެއް އުޅޭ ޤައުމެއް ދެން ދުނިޔޭގައި ބަޔަކު ކުރާހައި ކަމެއް ކުރަން ހެޔޮނުވާނެ. އަދި އެހިސާބަށް ދާން ގާތްވެސްނުވޭ

The name is already taken The name is available. Register?

އައްޓަމަސް

04 June 2023

ވީމައި ދެމަފިރިންނާއި ދެދަރިން ލައިގެން ވެސް ޕާޓީހެދޭނެދޯ? ގާނޫނުއަސާސީގައި ލިޔެވޭ ކޮންމެ އެއްޗަކީ ހައްގެއް ކަމަށް ނިންމަންޔާ ހައްގު ނޫން އެއްޗަކީ ކޮބާ? ކޮންމެހެން 10000 މެމްބަރުން ހަމަ ނުވިއަސް ޕާޓީތަކަށް ދޭ ފައިސާވެސް ލިބެންވާނެ ތާ?

The name is already taken The name is available. Register?

މޮޔަކަލޭގެ

04 June 2023

ޕާޓީތަކަށް ދޭ ފައިސާއަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްގެ ގޮތުގައި ޕާޓީތަކަށް ދޭ ފައިސާއެއްނޫނެވެ. އެއީ އޭރު މަޖިލީހުގައި ތިބި މެމްބަރުން އެމީހުންނަށް ފައިސާ ލބޭނެ މަގެއް ފަހި ކުރުމަށް ހިންގި ޖަރީމާއެކެވެ. މުޅި ދައުލަތުގެ ބަޖެޓުގެ 1 ޕަސެންޓް 4 ޕާޓީއަށް ބަހައިގެން ޕާޓީއަކަށް 10 ވަރަކަށް މިލިޔަން ރުފިހާ ރައްޔިތުންގެ އަތުން ނަގައިގެން އަޗާތަޅަނީއެވެ. އެއަކުން ރައްޔިތުންނަސް ވާ ކަމެއް ހަރަން، އެފައިސާއަށް ހަދާގޮތެއް އެގޭ ބަޔަކު ނެތް

The name is already taken The name is available. Register?

ޑރ. ވހދ

04 June 2023

ތިޔަހެން ތިކަން ނުހިނގާނެކަން ހަމަ ބުއްދިން ވިސްނާ ކޮންމެ މީހަކަށްވެސް ވިސްނޭނެ. ފިކުރަކީ، ހަރަކާތަކީ ވަކި އަދަދަކުން ފެއްޓެން ޖެހޭ އެއްޗެއް ނޫން. ދީނީ ނަޒަރިއްޔާ އަކުން ވިސްނާލާ ނަމަ އިސްލާމް ދީނަށް ގޮވާލަން ފެށީ 3000 ހަމަކޮށްގެނެއް ނޫން. ދައުލަތުން ފައިސާ ދޫކުރެވޭނެ އެންމެ މަތީ ސީލިންގެއް ކަނޑައެޅުމަށް އެންމެ ގިނަވެގެން އެކްޓިވް މެމްބަރުން ތިބެވޭ އަދަދެއް އޮންނަންވީ. ފިކުރާ ސިޔާސަތު ޕްރޮމޯޓް ވާނެ ކުރެވޭނެ ފޯމިއުލާއެއް އޮތުން ބުއްދިވެރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454