އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް އާދޭހާ އެކު މުހިންމު ވާހަކަފުޅެއް ވިދާޅުވި އެވެ؛

އޭރު ވެސް ޕާޓީގެ ތެރޭ އޮތް ދެބައިވުން އިތުރަށް ބޮޑު ވެދާނެ ގޮތަކަށް މެންބަރުން ކޮންގްރެސްގައި ވޯޓު ނުދެއްވުމަށް އެދިވަޑައިގެން ނަޝީދު ވިދާޅުވީ އެ ނޫން ނަމަ ޕާޓީގެ ތެރޭގައި ބޮޑު ހައިޖާނެއް އުފެދޭނެ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ވޯޓު މި ކޮންގްރެސްގައި ވޯޓެއް ނެގީމާ އޭގެ ނަތީޖާ އޮންނާނެ ގޮތް. އަޅުގަނޑު ނޭދެން އެ ހައިޖާނުގެ މަންޒަރެއް ދެކެން. އަޅުގަނޑު އެއްގޮތަކަށް ވެސް ނޭދެން އެހެން ޕާޓީތައް ބައިވެގެން ދިޔަ އިރު، ކުރިމަތީ ހުރި މޭޒު ތަޅައިގެން ދިޔަ މަންޒަރު މި ޕާޓީން ފެންނަން،" ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި އަހުމަދު ތަސްމީން އަލީ ހުންނެވި ދުވަސްވަރު އުމަރު ނަސީރާ ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތަކުގެ ތެރޭގައި ޖަލްސާއެއްގައި މޭޒުގެ ބިއްލޫރިގަނޑު ތަޅައިލި ހާދިސާ އިން މިސާލު ނަންގަވައި ނަޝީދު ވިދާޅުވި އެވެ.

މިއަދު މި ފެންނަނީ ނަޝީދު އޭރު ވިދާޅުވި ހައިޖާނު އެމްޑީޕީގެ ތެރޭގައި ހިނގާ މަންޒަރެވެ. ނަޝީދަށް ލިބިވަޑައިގެންފައި އޮތް ހަމައެކަނި ބާރު ބޭނުން ކުރައްވައިގެން މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ބޮޑު އެމްޑީޕީގެ މެންބަރުން "ސައިޒު" ކުރައްވާ ތަނެވެ. ބޭނުންފުޅުވާ ގޮތަށް ސަރުކާރުން ކަންކަން ނުގެންދަވާތީ ހައިޖާނު ހަދައި ގަޑުބަޑުކޮށް މަޖިލިސް ޑެޑްލޮކަކަށް ގެންދާ މަންޒަރެވެ!

ކޮންގްރެސްގައި ނަޝީދު ވިދާޅުވީ، މި ހައިޖާނުގެ ކަންކަމަށް މިހާރު ބެލުމުގެ ފުރުސަތު ބޮޑެވެ. އެ މަނިކުފާނު ހިންގަވަން ބޭނުންވާ ހައިޖާނުގެ ކަންކަން އޭރު ވެސް ތަސައްވަރު ކުރެއްވި އެވެ.

އެންމެ ފަހުން އިއްޔެ ފެނުނީ "ނަޝީދު ވީތީ" އެއްވެސް ފިޔަވަޅެއް ނާޅަން ތިއްބެވި ޕާޓީގެ ލީޑާޝިޕްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ ތަނެވެ. ކުރިން ޑިމޮކްރަސީގެ ޗެމްޕިއަންގެ ގޮތުގައި ސިފަ ކުރަމުން ދިޔަ މެންބަރުން ނަޝީދަށް "ހުދުމުހުތާރު" އަދި "މުގާބޭ" އަށް ގޮވި އެވެ. ކުރިން އެއީ "މަންޑޭލާ" އެވެ. އެހާ ވެސް ޑިމޮކްރެޓެވެ.

އެކަމަކު، ރައްޔިތުންގެ މަޖިލިހުގައި ނަޝީދުގެ އަސްލު ސިފަ ކޮންމެ ދުވަހަކު ފެންނަން ފެށުމުން އެ މަނިކުފާނުގެ ހުދުމުހުތާރުކަމާއި ގޮތް ދޫނުކުރުން ދިޔައީ ފެންނަމުންނެވެ. މަޖިލިސް ކޮންޓްރޯލް ނުކުރެވި، މަޖިލިހުގެ ގަވާއިދު ބޮލާލައި ޖަހަމުން ގެންދަވަނީ އެނގިވަޑައިގެން ނޫން ކަމަށް ބައެއް މެމްބަރުން ގަބޫލު ކުރައްވަ އެވެ. އިއްޔެގެ ހައިޖާނު ނިމިގެން ދިޔައީ ނަޝީދު މަގާމުން ވަކި ކުރަން ނިންމައިގެންނެވެ.

އެމްޑީޕީން ނަޝީދު ރިޔާސަތުން ބާލުވަން ނިންމިޔަސް މައްސަލަ އަދިވެސް އޮތީ ސުވާލެއްގެ ތެރޭގަ އެވެ. ސަބަބަކީ މަޖިލީހުގައި މިހާރު ކަންކަން ހިނގަނީ އެ އޮންނަންވާ ގާނޫނީ ތަރުތީބަކުން ނޫން ކަމަށް ގިނަ މެންބަރުން ގަބޫލު ކުރައްވާތީ އެވެ.

މަޖިލީހުގެ ގަވައިދާއި "ފަހު ކިޔުމަކީ" ވެސް ނަޝީދު ވިދާޅުވާ ގޮތެއް ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ. އެހެންވެ ކިތަންމެ ގިނަ މެންބަރުން ސޮއި ކުރެއްވިޔަސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ދުރު ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.

މަޖިލިހުގެ ގަވާއިދުގެ ބޭރުން މިދިޔަ ދެ ދުވަހަށް އެކަނި ބަލާލިޔަސް ނަޝީދު އެތައް ކަމެއް ކުރައްވައިފި އެވެ. ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުށަހަޅާފައި ވަނިކޮށް، އިދިކޮޅުން އަނެއްކާވެސް ބަންޑަރަ ނައިބާ ގުޅުވައިގެން އިމްތިޔާޒުގެ މައްސަލައެއް އިއްޔެ ހުށަހެޅުމުން ވެސް ރިޔާސަތުގައި އިންނެވި ނަޝީދު ހުންނެވީ "ވާނުވާ" ގަ އެވެ. ފެނުނީ އޮޅުންބޮޅުގަނޑަކުން ސަލާމަތް ނުވެގެން އުޅުނު ރިޔާސަތެކެވެ.

އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅުމުން މަޖިލިހުގައި އެ ނޫން އެއްވެސް ކަމެއް އިސް ނުވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި އޮވެ އެވެ. މަޖިލިހުގެ އެހެން މެމްބަރުން އެ ކަން ހަނދާން ކޮށްދެއްވުމުން ވެސް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ނަޝީދު ކުރިއަށް ގެންދެވި އެވެ. އެކަމަކު، ނިޒާމީ މައްސަލަ ނަންގަވައި، އެކަން އެހެން ނުކުރެވޭނެ ކަމަށް ނަޝީދަށް ދެންނެވުމުން ބަންޑާރަ ނައިބު މަގާމުން ވަކިކުރާ މައްސަލަ އެ ވަގުތައް ޕާކް ކުރެއްވި އެވެ.

އެކަމަކު، ދެން އުޅުއްވީ ނަޝީދުގެ ގާތް ބޭފުޅުން އުފައްދަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ އިސް މެމްބަރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލަ ކުރިއަށް ގެންދާށެވެ. އެ ވެސް ގަވާއިދާ ހިލާފު ކަމެއް ކަމަށް މެމްބަރުން ހަނދާން ކޮށްދެއްވި އެވެ. އެކަމަކު ވެސް އުޅުއްވީ ހަސަން ހުށަހެޅުއްވި މައްސަލަ ކޮންމެހެން ހަދާފައި ވެސް ކުރިއަށް ގެންދާށެވެ. މަޖިލިސް ގަޑުބަޑު ކޮށްލެއްވީ އެވެ.

"މިއީ މަޖިލީހުގައި ބޮޑު ތަޅު އެޅުވުން"

އެންމެ ހުދުމުހުތާރު ކަމަށް އެމްޑީޕީން ސިފަ ކުރެއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އަބްދުﷲ މަސީހު ހުންނަވަނިކޮށް ގިނަ މެންބަރުންތަކެއް ނެރެ މަޖިލީހުގައި ބޮޑު ތަޅު އެޅުވި ދުވަސް ވެސް ފެނިއްޖެ އެވެ.

އެމްޑީޕީގެ ބައެއް މެންބަރުން މިދިޔަ ދެ ދުވަހު ހިނގި ހާދިސާތައް ސިފަ ކުރައްވަނީ އެފަދަ އަނދިރި ދުވަސްތަކެއްގެ ގޮތުގަ އެވެ.

އޭޖީ ރިފްއަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ ހާޒިރުވެ ޖަވާބުދާރީ ވިޔަސް އިދިކޮޅު މެންބަރުންނާއި ނަޝީދު ހުންނެވީ އެ މައްސަލަ ނިންމާ ގޮތަކަށް ނޫނެވެ.

މެންބަރުންގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ގަވައިދުގެ 183 ވަނަ މާއްދާގައި ބުނަނީ އިތުރު އެއްވެސް ކަމަކަށް ވުރެ އިސްކަން ދޭން ޖެހޭނީ އިމްތިޔާޒްގެ މައްސަލަަ އަށް ކަމަށެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން މަޖިލީހުގެ ތަޅުމުގައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވެ އެވެ. އަދި ކޮމިޓީތައް އެކުލަވާލާފައި ނުވާތީ އިމްތިޔާޒްގެ މައްސަލަ ވެސް ކުރިޔަށް ގެންދެވޭ ތަން ނުފެންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގެ ހުރިހާ މަސައްކަތެއް ހުއްޓުމަކަށް ގެނެސްފައިވާ ސަބަބާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދެއްކެވި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މަޖިލީހުގެ މަސައްކަތް ތާށި ކޮށްފައި އޮތީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުﷲ ވަކި ކުރުމުގެ މައްސަލަ ހުށަހަޅާފައި އޮތުމުންނެވެ.

އެ މައްސަލަ ނަގަން ނަޝީދު މެންބަރުން އަރިހު ޑިމާންޑު ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ ނެގުމުން މިހާރު މަޖިލީހުގައި އޮތް އޮޅުންބޮޅުންތައް ފިލުވައި އަލުން ހަމައަކަށް އަޅުއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަޝީދު ބޭނުން ވަނީ އީވާގެ މައްސަލަ ނަގަން. އެ މައްސަލަ ނެގީމަ މި ތަޅު ނައްޓުވާލާނެ ކަމަށް އެބަ ބުނޭ. އެގޮތަށް ކަންތަކެއް ނުކުރެއްވޭނެ. ބިރެއް ނުދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.

މަޖިލިހުގެ މަންޒަރު ކޮންމެ ދުވަހަކު ބަލަން ތިބޭ މީހުންނަށް ވެސް ފަހުމް ވާ ވަރަށް ނަޝީދު އުޅުއްވަނީ މަޖިލިހުގެ ގަވާއިދުގެ ބޭރުންނެވެ. އެ މަނިކުފާނު މަޖިލިހުގެ ރައީސްކަމަށް އައްޔަންކުރި ދުވަހުން ފެށިގެން އެ ވާހަކަ އެތައް މެމްބަރުންނެއް ދައްކަވައިފި އެވެ. ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމާއި މެމްބަރުން ބަހުސްގައި ދައްކަވާ ވާހަކަތަކަށް ޖަވާބު ދެއްވުމާއި ރިޔާސަތުގައި އިންނަވައިގެން އެހެން މެމްބަރުންނާ ޒުވާބު ކުރެއްވުން ފަދަ އެތައް ކަމެއް ކުރައްވައިފި އެވެ. މިއީ މިދިޔަ ދެ ދުވަހުގެ ޖަލްސާގެ ކަމެއް ނޫނެވެ. ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން މިހާރުގެ ސިޔާސީ އޮއިވަރުގައި ނަޝީދާ އެކު ތިއްބެވިޔަސް މީގެ ކުރިން އެ ބޭފުޅުން ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީ އޮތީ ނަޝީދަށް ދޫދޭ ގޮތަކަށް ނޫން!

ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅިޔަސް އެކަމަށް ހުރަސް އަޅުއްވާ ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަން އެމްޑީޕީގެ މެންބަރުންނަށް އެނގެ އެވެ. ނަމަވެސް މި ފަހަރު އެ މެންބަރުން ތިއްބެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ކޮންމެ ބަހަނާއެއް ދެއްކެވި ނަމަވެސް ގާނޫނުގެ ތެރެއިން ނަޝީދު ވަކި ކުރައްވާނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި އީވާގެ އިތުބާރު ނެތް މައްސަލާގައި ދިން 14 ދުވަހުގެ ނޯޓިސްގެ މުއްދަތު ހަމަވުމުން ވަގުތުން އެ ޖަލްސާ ބާއްވަން ރިޔާސަތަށް މަޖުބޫރު ވާނެ އެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން މޭ 2019 ގައި ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ނަޝީދާއި އީވާ އަދި އަސްލަމް.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު
މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސް ކަމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅަން މޭ 2019 ގައި ބޭއްވި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ބައްދަލުވުމުގައި ނަޝީދާއި އީވާ އަދި އަސްލަމް.---ފައިލް ފޮޓޯ: ނިޝާން އަލީ| މިހާރު

އެކަމަކު، ނަޝީދުގެ އިތުބާރު ނެތް މައްސަލަ ވެސް ހުށަހަޅާފައިވާތީ ދެން ރިޔާސަތާ ހަވާލު ވާން ޖެހޭނީ އެންމެ ދުވަސްވީ މެންބަރު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އެ ދުވަހު ރިޔާސަތުގައި އިންނަވާނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް ކަމަށް އަމީންއާންމު ނިންމަވާނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް ގާނޫނުތަކުގައި ސީދާ އެކަން ހިނގަން ޖެހޭނީ އެގޮތަށް ކަމެއް ބުނެފައެއް ނެތެވެ. ގާނޫނުއަސާސީގެ 82 ވަނަ މައްދާގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ބަހުސް ހިނގާ އިރު މަޖިލީހުގެ ރައީސް ރިޔާސަތު ބަލަހައްޓައިގެން ނުވާނެ އެވެ. އަދި ނައިބު ރައީސް ވަކި ކުރެވޭ އިރު ނައިބު ރައީސް ރިޔާސަތު ބަލަހައްޓައިގެން ނުވާނެ އެވެ.

ރިފްއަތުގެ އިތުބާރުގެ މައްސަލަ މަޑުޖައްސާލަން ރިޔާސަތުން ނިންމުމާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ކުރަނީ.
ރިފްއަތުގެ އިތުބާރުގެ މައްސަލަ މަޑުޖައްސާލަން ރިޔާސަތުން ނިންމުމާ ގުޅިގެން، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ކުރަނީ.

މަޖިލީހުގެ ގަވައިދުގައި ބުނެފައި އޮންނަނީ ރައީސް ވަކި ކުރެވޭ އިރު ރިޔާސަތުގައި އިންނަވާނީ ނައިބު ރައީސް އެވެ. އަދި ނައިބު ރައީސް ވަކި ކުރާ އިރު ރިޔާސަތުގައި އިންނަވާނީ ރައީސް އެވެ. ދެ ބޭފުޅުންގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ވައްދާފައި އޮތް ނަމަ އަމަލު ކުރާނެ ގޮތެއް ލިޔެފައެއް ނެތެވެ.

އެހެންވެ އަނެއްކާވެސް ޝައްކެއް ނެތް މިންވަރަށް މިހާރު ޔަގީން ވާ ކަމަކީ ގާނޫނުގައި އެފަދަ ބާގަނޑެއް އޮތް ނަމަ ނަޝީދު އޭގެ ބޭނުން ނުހިއްޕަވައި ކުރިޔަށް ވަޑައިނުގަންނަވާނެ ކަމެވެ. އެކަން މިދިޔަ ޖަލްސާތަކަށް ބަލައިލުުމުން އެނގެ އެވެ.

އެމްޑީޕީ މިހާރު އޮތީ އެ ޕާޓީގެ ކޮންގްރެސް ބޭއްވި ދުވަސްވަރު އޮތް ގޮތަކަށް ނޫނެވެ. އެ ޕާޓީގައި ނަޝީދު ހުންނެވީ އެކަންޏެވެ. ތާއީދު ކުރައްވާ އެއްވެސް ބޭފުޅަކު ލީޑާޝިޕްގައި ނެތެވެ. ޕާޓީގެ ރައީސް ކަމާއި މަޖިލިސް ރައީސް ކަން ފިޔަވައި އިތުރު އެއްވެސް ބާރެއް ނެތެވެ.

ނަމަވެސް އެ އޮތް ބާރެއް ބޭނުން ކުރައްވައިގެން ފަހު ދުވަހާ ޖެހެންދެން ނަޝީދު ގަޑުބަޑު ކުރައްވާނެ އެވެ! އެމްޑީޕީ އަށް ނަޝީދާ އެކު ވެސް އަދި އެ މަނިކުފާނާ ނުލައި ވެސް އުޅެވޭ ވަރު ވިޔަ ނުދެއްވާނެ އެވެ! ކޮންމެ ބާރެއް ލިބޭއިރު ނަޝީދުގެ މާޒީން ފެނިފައި ވަނީ އެ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކުރެއްވި ތަނެވެ. މަޖިލިހުގެ ކޮންޓްރޯލް މިހާރު އަތްދަށުން ދޫވެ، ޕާޓީ ވެސް ގެއްލުމުން އެ މަނިކުފާނު މިހާރު ވަނީ މާޒީ ތަކުރާރު ކުރައްވަން ފައްޓަަވައިފަ އެވެ. އެއީ ގޮތްދޫނުކުރެއްވުމާއި ގަޑުބަޑު ކުރެއްވުމެވެ.