ރިޕޯޓް

ޔާމީން ނޫނީ މި ތަނުން ކޮން ބޭފުޅެއް؟

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވާނެ އެވެ. އެއާ އެކު، ޔާމީންގެ މައްޗަށް އައިސްފައިވާ 11 އަހަރުގެ ޖަލު ހުކުމް އޮތުމުން، އެ މަނިކުފާނުގެ ނަން އެ ކޮމިޝަނަށް ބަލައިނުގަތުމުގެ ފުރުސަތު ވެސް ވަރަށް ބޮޑެވެ. އޭގެ ފަހުން އޮތީ ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތުގައި ދެން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމެވެ. އެ ބަހުސެވެ.

ޕީޕީއެމާ އެކު މަސައްކަތްކުރާ ޔާމީންގެ އަނެއް ސިޔާސީ ޕާޓީ ޕީއެންސީގެ ފަރާތުން ވެސް ރިޔާސީ ކެންޑިޑޭޓަކު ދެއްކުމަށް އެ މަނިކުފާނު އަންގަވާފައި ވަނީ އެ ހާލަތަށް ތައްޔާރުވާން ކަމަށް ބެލެވެ އެވެ. ޕީއެންސީގެ ކެންޑިޑޭޓަކާ މެދު ޕީޕީއެމް/ޕީއެންސީން މަޝްވަރާ ކުރިޔަސް އެ ކެންޑިޑޭޓަކު ފައިނަލް ކުރުމުގެ ބާރު އެ ލީޑަޝިޕުން ދީފައި އޮތީ ސީދާ ޔާމީނަށެވެ. ސެނެޓެއް ނުވަތަ އެހެން ތަނެއްގައި ބަހުސް ކުރުމެއް ނެތެވެ. އެހެންވެ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޔާމީނަށް ފުރުސަތު ގެއްލޭ ނަމަ ދެން ނުކުންނަވާނެ ކެންޑިޑޭޓަކީ ވެސް ޔާމީންގެ "ބޭފުޅަކަށް" ވާން ޖެހެ އެވެ.

މިހާތަނަށް ބަލާއިރު ޔާމީން ކަނޑައަޅުއްވާނެ ކަމަށް ބެލެވޭ ނަންތަކެއް އާންމުންގެ ތެރޭގައި އެބައުޅެ އެވެ. ތުންތުންމަތިން އެ ނަންތަކުގެ ވާހަކަ ދެއްކިޔަސް ޔާމީން ހައްދަވާނެ ގޮތެއް އެހާ ސާފެއް ނޫނެވެ. ޔާމީނަށް އިންތިހާބަށް ކުރިމަތިލެވޭ ހާލަތުގައި ނައިބު ރައީސަކަށް ޑރ. މުހައްމަދު ޖަމީލްގެ އަހުމަދުގެ ނަން ދެއްވުން ވެސް ވީ ޝޮކަކަށެވެ. ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖެއްސެވުމަކީ ބެލެވޭ ގޮތުން ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވެސް ވިސްނައިގެން ތިއްބެވި ކަމެއް ނޫނެވެ.

އެހެންވެ، ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަންނަ ހިސާބުން ދެން ނެރޭނެ ކެންޑިޑޭޓަކަށް މުޅި ގައުމު ވެސް އަންނަނީ އިންތިޒާރު ކުރަމުންނެވެ

ޔާމީން މިނިވަންކުރަން، މި ފަސް އަހަރު މަގުމަތީގައި ހޭދަކުރެއްވި މެމްބަރުންގެ ތެރޭގައި ވެސް ޓިކެޓުގެ ވާދަވެރިކަން އިންތިހާއަށް ބޮޑެވެ. އެމަނިކުފާނަށް ވާދަނުކުރޭކަން ޔަގީންވާ ހިސާބުން ފަށާ "ޕްލޭން ބީ" އަށް ވެސް ސިއްރިއްޔާތުގައި އެކި ފެކްޝަނުން އޮތީ ތައްޔާރުވެފަ އެވެ. ޔާމީނަށް ވާދަނުކުރެވޭތީ މި އިންތިހާބަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ނުނެރުމަކީ ޔާމީނަށްޓަކައި މުޅި ޕާޓީ ފުނޑާލުން ކަަމަށް ވާތީ، ލީޑަޝިޕުގެ އެއްބާރުލުން އެކަމުގައި ލިބޭނެ ކަމަކަށް ނުބެލެވެ އެވެ.

ޔާމީންގެ ބަދަލުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހް މުހައްމަދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދެވެ.

އެއިން ކޮންމެ ބޭފުޅަކު ވެސް ޔާމީނާ ގާތެވެ. އެމަނިކުފާނަށް ވަފާތެރި އެވެ.

އަބްދުﷲ މަސީހް މުހައްމަދު

ޔާމީންގެ އެންމެ ފަހުގެ ރިޔާސީ ބަޔާން އިއްވެވުމަށް ފެބްރުއަރީ 2018 ގައި ދަރުބާރުގެ އަށް ވަޑައިގަތުމުން، މަޖިލީހުގެ އޭރުގެ ރައީސް މަސީހް މަރުހަބާ ވިދާޅުވަނީ.---ފޮޓޯ: ރައީސް އޮފީސް

މަސީހްގެ ނަން މި ލިސްޓަށް ގެނައުމުން ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެކަމަކު، ޔާމީންގެ ނާކާމިޔާބީ އަށް ފަހު އާއިލާއާ އެކު އޮސްޓްރޭލިއާގައި ދިރިއުޅުއްވާ މަސީހަކީ ޔާމީންގެ ޗޮއިސްއަކަށް ވެދާނެ ކަމުގެ އަޑުތައް މީގެ މަސްތަކެއް ކުރިން ވެސް އިވުނެވެ. ޔާމީނަށް ނުނިކުމެވޭ ހާލަތުގައި ނުވަތަ އެ މަނިކުފާނުގެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ އެކު، ދެން ފެންނާނީ މަސީހްގެ ނަން ކަމަށް ބުނެ ވާހަކަތަކެއް ދެއްކި އެވެ.

އެ ވާހަކަތައް ވަކި ހިސާބަކުން ހިނދިފައި އޮތުމަށް ފަހު އަނެއްކާވެސް ވަނީ މަސީހްގެ ނަން އިވެން ފަށައިފަ އެވެ. މަސީހް މި ލިސްޓަށް އެރުމާ އެންމެ ގާތީ ބެލެވޭ ގޮތުގައި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ބަލައިފަ އެވެ. ވެރިކަމުގެ ކޯޅުމުގެ އަޑުތައް އުޅޭތީ ޕާޓީއާ ދުރުގައި ހުންނެވި ބޭފުޅަކު ހިޔާރު ކުރުމުން ލޮޅުން އެރުން ކުޑަވެދާނެ ކަމަށް ބަލައިފަ އެވެ.

މި ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި މަސީހް ރާއްޖެ ވަޑައިގަންނަވަން ތައްޔާރުވަމުން އަންނަ ކަމަށް ވެ އެވެ. ސަބަބެއް ނޭނގެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އަދި ހާރިޖީ ތަޖުރިބާ ހުރި މަސީހަކީ ޔާމީންގެ ވެރިކަމުގައި މަޖިލިހުގެ ތެރެއިން ޔާމީން ދިފާއު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާ އެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން، އޭރުގެ އިދިކޮޅު ފަރާތްތަކުން މަޖިލިހުގެ ތެރެއިން ޔާމީންގެ ސަރުކާރަށް ކުރި ހުރިހާ ޕްރެޝަރުތަކުން ސަލާމަތް ކޮށްދެއްވަން މަސައްކަތް ކުރެއްވި އެވެ. އޭގެ ބޭނުން ޔާމީން ވެސް ހިއްޕެވުމުގެ ނަތީޖާއަކީ ގާނޫނާއި ގަވާއިދުތަކުގެ ބޭރުން ވެސް އެތައް ކަމެއް ކުރެއްވުމުގެ އިލްޒާމް ބޮލުގައި އެޅުމެވެ. އެހެންވެ، އިތުބާރު ނެތްކަމުގެ މައްސަލައާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެކަމުން ސަލާމަތް ވުމަށް މަޖިލިހުގެ ގަވާއިދު ބަދަލުކުރުން ފަދަ އެތައް ކަމެއް ކުރެއްވި އެވެ

ޑރ. މުހައްމަދު މުއިއްޒު

ތ. ކަނޑޫދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އޮގަސްޓް 13، 2018 ގައި ބޭއްވި ރަސްމިއްޔާތުގައި އޭރުގެ ރައީސް ޔާމީނާއި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ނަމަ އެއީ އެންމެ ބޮޑު ތަފާތެއް އޮތް ކެންޑިޑޭޓަށް ވާނެ އެވެ.

އިންތިހާބަށް މުއިއްޒު ނުކުންނަވާނެ ކަމުގެ އަޑުތަކާ ހެދި ޕާޓީގެ ލީޑަޝިޕާއި އާއްމު މެމްބަރުން މާޔޫސްވާ ހިސާބަށް ދިއުމުން ޔާމީނަށް ވަފާތެރި މިންވަރު ވެސް އޭނާ ޖެހިވަޑައިގަތީ ހާމަކުރައްވާށެވެ. އެ ވާހަކަތައް އަޑު އެހި ގިނަ ބަޔަކު ގަބޫލުކުރާ ގޮތަށް، މިއީ މުއިއްޒަށް ޕާޓީގެ ލީޑަޝިޕުން މަޖުބޫރުކުރުވައިގެން ދައްކަވަން ޖެހިވަޑައިގަތް ވާހަކަތަކަކަށް ވެދާނެ އެވެ. ސަބަބުތައް ވެސް ބައިވަރެވެ.

ޕީޕީއެމްގެ ޓިކެޓް ދޭން ގާބިލް ބޭފުޅުންގެ ތެރެއިން މުއިއްޒަކީ އެހެން ބޭފުޅުންނާ އަޅާބަލާއިރު ހިދުމަތުގެ ޓްރެކް ރެކޯޑެއް އޮތް ބޭފުޅެކެވެ. ޔާމީންގެ ފަސް އަހަރުގައި ހިންގެވި ތަރައްގީގެ މަޝްރޫއުތަކުގައި ނަތީޖާ ނެރެދެއްވި ބޭފުޅެކެވެ. އެއާ އެކު މާލެއަށް ވަރުގަދަ އެމްޑީޕީ 63 ޕަސެންޓުން ބަލިކޮށް، މޭޔަރުގެ ގޮނޑި ކާމިޔާބު ކުރެއްވުމަކީ ސިޔާސީ ހަޔާތުގައި މުއިއްޒު ހޯދި ވަރުގަދަ ކާމިޔާބީއެކެވެ. އެމްޑީޕީގެ ސަރުކާރެއް އޮވެމެ، މާލޭގެ މޭޔަރުކަމުގެ ގޮނޑި އިދިކޮޅުގައި ހުންނަވައިގެން މުއިއްޒު ހޯއްދެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

މި މަގާމާ އެކު އޭނާގެ ބާރާއި ނުފޫޒު އެހެން ބޭފުޅުންނަށް ވުރެން ގަދަ އެވެ.

މުއިއްޒަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރާއި ޔާމީންގެ ފަސް އަހަރުގެ ސަރުކާރުގައި ހައުސިން މިނިސްޓަރެވެ. މި ދެ ދައުރުގައި ވެސް ބޮޑެތި މަޝްރޫއުތައް ނިންމަވައި ދެއްކެވި އެވެ. ސިނަމާލެ ބްރިޖު އޭގެ ހެއްކަކަށް ފުދެ އެވެ.

ކަނޑުމެދުގައި ބްރިޖެއް އެޅުމަކީ ގޮންޖެހުން ބޮޑުކަމުން ސުވާލު އުފެއްދި ކަމެކެވެ. މި ޝައްކުތަކާއި ވަހުމްތަކަށް ޖަވާބު ދެއްވައި އެ މަޝްރޫއުގެ އިތުބާރު ދެމެހެއްޓެވުމުގައި އިސް ދައުރެއް އަދާކުރެއްވީ ވެސް މުއިއްޒެވެ. އޭނާއަކީ ސިވިލް އިންޖިނިއަރަކަށް ވުމުން ބްރިޖްގެ ވަރަށް ގިނަ ކަންކަން ކައިރިން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބައްލަވައި އެ ވަގުތަކު ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ލަފާ ދެއްވައި އިސް ދައުރެއް އަދާކުރެއްވި އެވެ. ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތް ވަރަށް ގިނައިން މީޑިއާ އަށް ދެއްކެވި އެވެ. މާލޭގެ ސަލްޓަން ޕާކާއި ރަސްފަންނާއި އިންޑަސްޓްރިއަލް ޒޯން ހެދުން ފަދަ އެތައް ކަމެއް ޔާމީންގެ ވެރިކަމުގައި ނިންމުމުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ މުއިއްޒެވެ.

ޔާމީންގެ ވެރިކަމުގެ މަޝްރޫއުތަކުގެ ކާމިޔާބީއާ ގުޅިފައި އޮތް އެއް ނަމަކީ މުއިއްޒެވެ. ޕީޕީއެމްގައި ދެން ތިއްބެވި އެހެން ހުރިހާ ބޭފުޅުންނަށް ވުރެން ވެރިކަމަށް ވިއްކަން ފަސޭހަ ބޭފުޅަކަށް މުއިއްޒު ވަނީ މި ސަބަބުތަކާ ހެދި އެވެ.

ޕީޕީއެމްގެ ސެނެޓްގައި ވެސް އެންމެ ވަރުގަދަ ކަމަށް އިވެނީ މުއިއްޒުގެ ނަމެވެ. ގިނަ ވޯޓުތަކެއްގެ ކޮންޓްރޯލް އޮތީ މުއިއްޒަށް ކަމަށް އަޑު އިވޭތާ ކިތަންމެ ދުވަހެކެވެ. ކެންޑިޑޭޓް ކަނޑައަޅަން ޕީޕީއެމްގެ ސެނެޓަށް ވައްދައިފި ނަމަ މުއިއްޒު ކޮޅަށް އަނބުރާލަފާނެ ކަމުގެ ބިރު އޮތް ވާހަހަކަ އަބަދުވެސް އިވެ އެވެ.

މުހައްމަދު ޣައްސާން މައުމޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޣައްސާން މައުމޫން

މިއީ ޔާމީންގެ ޗޮއިސް ކަމަށް އިވޭ ނަންތަކުގެ ތެރެއިން ކުރީގައި އެއް ނަމެވެ. ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ދެއްވާނެ ކަމަށް އަޑު އިވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. ބައެއް ފަހަރު އެ އަޑު ކެނޑުނަސް މި ފޯރީގައި އަނެއްކާ ވަނީ އިވެން ފަށައިފަ އެވެ.

ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާންގެ ސަޕޯޓަރުންނަށް އެ ޔަގީންކަން އިތުރަށް ބޮޑުވީ، ޔާމީންގެ ރަނިންމޭޓް ކަނޑައެޅުމަށްޓަކައި ޕީޕީއެމްގެ ލީޑަޝިޕްގެ މަޝްވަރާ އަށް ޔާމީން އެދިވަޑައިގަތުމުން އައި ތިން ނަމުގެ ތެރޭގައި އޭނާގެ ނަން ހިމެނުމުންނެވެ. ރަނިންމޭޓަކަށް އެ ނަން އަތުވެދާނެ ކަމަށް އޭރު ބެލެވުނެވެ.

ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދި ފަހުން ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު ޣައްސާން ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީންނެވެ. އެ ޕާޓީގައި އިސްކޮށް އުޅުއްވި އެވެ.

ޔާމީންގެ ވެރިކަމުގައި ޣައްސާނަށް ރައީސް އޮފީސް ތެރެއިން ބޮޑެތި ބާރުތަކެއް ދީފައި އޮތެވެ. ރައީސް އޮފީހުގެ ތެރެއިން ސިއްހީ ދާއިރާގެ ކަންކަން ވިލަރެސް ކުރައްވަން ޔާމީން ހަވާލު ކުރެއްވީ ޣައްސާންއާ އެވެ. ގައުމީ ތަރައްގީގެ ބައެއް މުހިންމު ކަންކަން ވެސް ސީދާ ޣައްސާންގެ ބެއްލެވުމުގެ ދަށުން ރައީސް އޮފީސް ތެރެއިން ހިންގި އެވެ.

ޔާމީންގެ ވެރިކަމުގައި ބައްޕާފުޅު މައުމޫން ހައްޔަރު ކުރުމުން ވެސް އާއިލާގެ އެހެން ބޭފުޅުންނާ ހިލާފަށް ޣައްސާން ފެނުނީ ޔާމީނާ އެކު ހުންނެވި ތަނެވެ. އެހެންވެ، މި ހިސާބަށް ވެސް ޣައްސާން ސިޔާސީ ދާއިރާ އިން ފެނުނީ ޔާމީންގެ ބޭފުޅެއްގެ ގޮތުގަ އެވެ.

ޔާމީންގެ ހިތްޕުޅުގައި ޣައްސާންގެ އިތުބާރު ބޮޑުވި އެއް ސަބަބަކީ ދެ ގޮތެއް ނުވެ އެ ގޮތުގައި ޣައްސާން ހުންނެވުން ކަމަށް ވެސް ބެލެވެ އެވެ.

ޑރ. މުހައްމަދު ޖަމީލް

ޔާމީނާއި އެ މަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޖަމީލް ޖޫން 2022 ގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި.--- ފޮޓޯ/ މިހާރު

މިއީ މިއަދު ޔާމީންގެ ކެންޑިޑެސީ ފޯމާ އެކު އެ މަނިކުފާނުގެ ރަނިންމޭޓް ކަމަށް ހުށަހަޅުއްވާ ބޭފުޅާ އެވެ. ރަނިންމޭޓް ކަމަށް ޔާމީން ނަންގަވާނެ ކަމަށް ގިނަ ބަޔަކަށް ހީވި ނަންތަކުގެ ކުރިއަށް އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ނައިބު ރައީސް ޑރ. ޖަމީލްގެ ނަން އައި ސަބަބެއް އަދިވެސް ސާފެއް ނޫނެވެ. އެކަމަކު، އެއީ ޔަގީނުން ވެސް ޔާމީންގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. ޖަމީލަށް އޮތް އިތުބާރު ބޮޑުކަން ދައްކައިދޭ ކަމެކެވެ.

ޔާމީންގެ ވެރިކަމުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ނާއިބު ރައީސްކަމުން ވަކިކުރުމުން ޔާމީނާ ދިމާ އަށް ޑރ. ޖަމީލް ވިދާޅުވި ވާހަކަތަަކާ މެދު ޔާމީން ވިސްނަވާ ގޮތެއް ނޭނގެ އެވެ. އެހާ ވެސް އޭރު "ހަޑި" އެވެ. އެކަމަކު މިހާރުގެ ސިޔާސީ މަސްރަހުން ފެނުނީ އެއީ މާޒީ ކަމެވެ. އެ ވާހަކަތައް އޮޔާދިޔައީ އެވެ.

ޑރ. ޖަމީލް ގަބޫލު ކުރައްވާ ގޮތުގައި ވެސް މި ފަހަރު ވެސް ޔާމީންގެ ރަނިންމޭޓަކަށް އޭނާ ހަމަޖެއްސެވުމުން ފެނުނީ ޔާމީންގެ އިތުބާރުގެ ބޮޑު ކަމެވެ. ޔާމީންގެ ގާނޫނީ ޓީމަށް ވެސް އޮތް އިތުބާރެވެ. ޑރ. ޖަމީލް އެ ހޯއްދަވައިފި ކަމަށް ބެލެވިދާނެ އެވެ.

ޔާމީންގެ ރަނިންމޭޓަކަށް ޑރ. ޖަމީލް ހަމަޖައްސަވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ފަހު، ދެން އެ ފޯމު ރިޖެކްޓް ވާ ހާލަތުގައި ކެންޑިޑޭޓް ކަމަށް ވާނީ ރަނިންމޭޓް ކަމަށް ބުނާ ބަޔަކު ވެސް އެބަތިއްބެވެ. އެހެންވެއްޖެ ނަމަ ޑރ. ޖަމީލަށް ޔާމީން ފުރުސަތު ދެއްވާނެ ބާވަ އެވެ؟ މިއީ ވެސް ޑރ. ޖަމީލްގެ ބައެއް ސަޕޯޓަރުންގެ ވިސްނުމެވެ.

ޑރ. ޖަމީލަށް ޕީޕީއެމްގެ ޓިކެޓް ހޯދައި ދިނުމަށް އާއިލީ ގޮތުން ގާތް ބައެއް ބޭފުޅުން އިސްވެ މަސައްކަތް ކުރާ ވާހަކަ ދޭތެރެއަކުން ފެންމަތިވެ އެވެ. އެކިއެކި ބައްދަލުވުންތަކުގެ ވާހަކަ ވެސް ތިލަވެފައި އެބަހުއްޓެވެ. ޕީޕީއެމްގެ ސެނެޓްގެ ވޯޓާ "ކުޅެން" މަސައްކަތް ކުރާ ވާހަކަ ވެސް ގަދަވާ ދުވަސްވަރު ދިޔަ އެވެ.

ކުރީގެ ގައުމީ ޕާޓީން ސިޔާސީ ދާއިރާ އަށް ނުކުންނެވި ޑރ. ޖަމީލާއި ޔާމީނާ ދެމެދު އުފެދުނު ސިޔާސީ ކޯޅުމުގައި ނައިބު ރައީސްކަމުން ދުރުކުރުމުން ދެން އުޅުއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ ގުޅިވަޑައިގެން ޔާމީނާ ދެކޮޅަށެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ވެސް އިސްކޮށް މަސައްކަތް ކުރެއްވި އެވެ.

މިހާރުގެ ރައީސަށް ވެރިކަން ލިބިވައިގެންނެވި ފަހުން ވަކި ހިސާބަކުން މި ސަރުކާރާ ދެކޮޅަށް ނުކުންނެވި އެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ފެބްރުއަރީ 2020 ގައި އެ ޕާޓީ ދޫކޮށްލެއްވި އެވެ. ޖޭޕީން ވަކިވެވަޑައިގެންނެވިއިރު ވެސް ޑރ. ޖަމީލް ގެންދެވީ ޕީޕީއެމާ އެކު މަސައްކަތް ކުރައްވަމުންނެވެ. ޔާމީނަށް ތައުރީފު ކުރައްވަމުންނެވެ.

ޖޫން 2020 ގައި ޕީޕީއެމަށް އަލުން ސޮއިކުރައްވައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރަށް ވެ ވަޑައިގަތެވެ. ނަމަވެސް ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން އެހާ ހަރަކާތްތެރިއެއް ނޫނެވެ. ބޮޑަށް ފޯކަސް ކުރެއްވީ ޔާމީންގެ ގާނޫނީ ޓީމުގެ ކަންކަމަށެވެ. ސިޔާސީ ޖަލްސާތަކުގައި ވެސް އާންމުކޮށް ޑރ. ޖަމީލް ވާހަކައެއް ނުދައްކަވަ އެވެ.

ޑރ. މުހައްމަދު ވަހީދު

ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަޑައިގެން ޑރ. ވަހީދު ވާހަކަ ދައްކަވަނީ.

ޕީޕީއެމްގެ އެޑްވައިޒަރު ކުރީގެ ރައީސް ޑރ. ވަހީދުގެ ނަން އަންނަ މައިގަނޑު ސަބަބަކީ މި ހާލަތުގައި އެންމެން ގޮވައިގެން، އެކުވެރި ކޮށްގެން ކުރިއަށް ވަޑައިގެންނެވޭނެ އެއް ބޭފުޅަކަށް ވާތީ އެވެ. ޑިޕްލޮމެސީ އާއި ތަޖުރިބާ އެ މަނިކުފާނުގެ ވެރިކަމުގެ ދެ އަހަރެއްހާ ދުވަހު ދައްކަވާފައިވާތީ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެ، އުފެދުނު ހަލަބޮލި ކަމުގެ ތެރެއިން ފެބްރުއަރީ 7، 2012 އިން ނޮވެމްބަރު 16، 2018 އަށް ވެރިކަން ކުރެއްވި އިރު އޭރު އޮތް ކޯލިޝަންގެ މަޝްވަރާ ހޯއްދެވުމުގެ ތަޖުރިބާ އެބަހުއްޓެވެ. ޑރ. ވަހީދަކީ ސިޔާސީ މާ ބޮޑު ބާރެއް އޮތް ބޭފުޅަކަށް ނުވާތީ ވަރަށް ގިނަ ކަންކަމުގައި ޔާމީން ނުވަތަ ޕީޕީއެމްގެ މަޝްވަރާ ހޯއްދެވި އެވެ. ޑރ. ވަހީދުގެ ސިޔާސީ އެންމެ ބޮޑު ބާރަކަށް އޭރު އޮތީ ޔާމީނާއި ޕީޕީއެމެވެ.

ވެރިކަމުގެ ދައުރު ހަމަވާން ކައިރި ވުމުން 2013 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ބޮޑު ނާކާމިޔާބީ އަށް ފަހު ޑރ. ވަހީދު ހުންނެވީ ސިޔާސީ ކަންކަމާ ދުރުގަ އެވެ. ފަހުން 2014 ވަނަ އަހަރުގެ ކުރީކޮޅު ޕީޕީއެމާ ގުޅިވަޑައިގަތެވެ. ދެން ފެނުނީ އެ ޕާޓީގެ ސްޕެޝަލް އެޑްވައިޒަރަކަށް ޖޫން 2020 ގައި އައްޔަން ކުރެއްވި ތަނެވެ. އެއީ ޔާމީން ބޭނުންފުޅުވުމުންނެވެ. ސްޕެޝަލް އެޑްވައިޒަރަކަށް ޑރ. ވަހީދު އައްޔަންކުރެއްވިކަން އިއުލާންކުރި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޑރ. ވަހީދަކީ ޔާމީންގެ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ.

ނަމަވެސް ޕާޓީގެ ގިނަ ހަރަކާތްތަކުން ޑރ. ވަހީދު އާންމުކޮށް ނުފެނެ އެވެ. ވަރަށް ހާއްސަ، ބޮޑެތި ހަރަކާތްތަކުން ފެނެ އެވެ. ގިނައިން ހުންނަވަނީ ހިމޭނުންނެވެ. އެކަމަކު، އެ މަނިކުފާނަކީ ޔާމީންގެ "ޗޮއިސް" ކަމަށް ހައްދަވައިފި ނަމަ ހުންނެވި ކަމަށް ވަނީ ފަހަތަށް ޖެހިވަޑައިގަންނަވަ ގޮތަކަށް ނޫން ކަމަށް އަރިސް ބޭފުޅުން ވިދާޅުވެ އެވެ.

މޫސާ ޒަމީރު

ހދ. ކުޅުދުއްފުށި އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމީން އަތް ޖައްސަވާއިރު އަރިހުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު.---ފޮޓޯ: ރައީސް އޮފީސް

މިއީ ވަރަށް ސަޕްރައިޒް ނަމެކެވެ. އެއް ސަބަބަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ނަން ޕީޕީއެމްގެ ރިޔާސީ ޓިކެޓާ ގުޅިގެން ގިނަ ދުވަސްތަކެއް ފަހުން އިވުމެވެ. ޔާމީންގެ ރަނިންމޭޓަކަށް ގެންނަ އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންގެ ފުރަތަމަ މަޝްވަރާގެ ތެރެއަށް އައި ތިން ނަމުގެ ތެރޭގައި ޒަމީރުގެ ނަން ހިމެނުނު ކަމަށް ވެ އެވެ.

ޔާމީންގެ ވެރިކަން 2018 ގައި ބަދަލުވި ހިސާބުން ފެށިގެން ސިޔާސީ މައިދާނުން އެއްކޮށް ޒަމީރު ގެއްލުނަސް އެއީ ޔާމީންގެ ވަރަށް ގާތް ބޭފުޅެކެވެ. ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ދެބަސްވުމުގެ ތެރެއިން ޔާމީން ޕީއޭ އުފެއްދެވިއިރު ވެސް ޒަމީރަކީ ޔާމީން އިތުބާރު ކުރައްވާ ބޭފުޅެކެވެ. އޭގެ ކުރިން ވެސް މެ އެވެ. ފަހުން ޕީޕީއެމް އުފެދުމުން އެ ޕާޓީގެ ނައިބު ރައީސްކަން ވެސް ޒަމީރު ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި އެވެ. ޔާމީންގެ ވެރިކަމުގައި އޮކްޓޫބަރު 2015 ޓޫރިޒަމް މިނިސްޓަރަކަށް ޒަމީރު ހަމަޖެއްސެވީ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްސަލާގައި ވަރަށް ގިނަ ބޭފުޅުންތަކަކަށް ޔާމީންގެ އިތުބާރު ގެއްލިފައި ވަނިކޮށެވެ. އެ ދަނޑިވަޅުގައި ޓޫރިޒަމް މިނިސްޓަރެއްގެ މަގާމު ޒަމީރަށް ދެއްވާނީ ވަރަށް އިތުބާރު އޮތީމަ އެވެ. އޭގެ ފަހުން ޓޫރިޒަމް ޑައިވާސިފައި ކުރައްވައި އިތުރު ރަށްތަކަށް ޓޫރިޒަމް ފުޅާ ކުރެއްވުމުގައި އިސް ދައުރެއް ޒަމީރު ކުޅުއްވި އެވެ.

ރިސޯޓްތައް ތަރައްގީ ކުރަން އެ ދުވަސްވަރު ރަށްތައް ލިބުނު މީހުންގެ މައްސަލަ ހައްލުކޮށް، އެ މީހުންގެ އިތުބާރު ސަރުކާރަށް ހޯއްދަވައި ދެއްވި އެވެ.

ޔާމީންގެ ވެރިކަން ބަދަލުވުމަށް ފަހު ގިނަ ދުވަސްތަކެއް އަމިއްލަ ވިޔަފާރީގައި އުޅުއްވީ ރާއްޖެ އިން ބޭރުގަ އެވެ. އެކަމަކު، ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނާ ސިޔާސީ ގުޅުން ބާއްވަވަ އެވެ. ބައެއް ބޭފުޅުންނާ ވަރަށް ގާތެވެ. ޔާމީނާ ވެސް ބައްދަލުކުރެއްވި އެވެ. އެކަމަކު، ޕާޓީގެ ކަންކަމަށް ގޮތް ކިޔުއްވުން ފަދަ ކަންކަމާ ހުންނަވަނީ ދުރުގަ އެވެ.

މި ފަހަރު ލިސްޓަށް އެރީ ދެ ކަމަކާ ގުޅިގެން ކަމަށް ބެލެވެ އެވެ. އެއްކަމަކީ ޔާމީންގެ އިތުބާރެވެ. ދެން އޮތީ ޒަމީރަކީ ގިނަ ބަޔަކާ ގުޅުން ހުރި އަދި މި ހާލަތުގައި ފައިސާގެ ގޮތުންނާއި އެކި ފަރާތްތަކާ އޮންނަ ގުޅުމަށް ބަލާ ނަމަ ރިޔާސީ އިންތިހާބަށްޓަކައި ޕީޕީއެމް ނަގައި ކޮޅަށް ޖެހިދާނެ ބޭފުޅަކަށް ވާތީ އެވެ.

މުހައްމަދު ސައީދު

ކުރީގެ ރައީސް ޔާމީނާއި އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް

ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އެ މަނިކުފާނު ފުރުސަތު ދެއްވާނެ އެއް ބޭފުޅަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށް އަބަދުވެސް ވާހަކަ ދެއްކެވެ އެވެ. އެހެން ބައެއް ބޭފުޅުންނެކޭ އެއްގޮތަށް އެ އަޑު ބައެއް ފަހަރު އެއްކޮށް ހުއްޓެ އެވެ. މި ހައްސާސް ދަނޑިވަޅުގައި ސައީދުގެ ނަން އަނެއްކާވެސް އެބައުޅެ އެވެ.

ޔާމީންގެ ސަރުކާރު ވެރިކަމަށް ގެނައުމަށް ޖޭޕީއާ ގުޅިގެން އުފެއްދި ކޯލިޝަންގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވި ސައީދުގެ ވާހަކަ މި ރިޔާސީ އިންތިހާބާ ގުޅުވައިގެން އެހާ ބޮޑަށް ދެއްކެވޭ މައިގަނޑު ސަބަބުތަކެއް އެބަހުއްޓެވެ.

ޕީޕީއެމާ ގުޅިވަޑައިގެންނެވި ފަހުން ދެ ގޮތެއް ނުވެ ހުންނެވީ ޔާމީނާ އެކު އެވެ. ޔާމީންގެ ސަރުކާރުގެ ތެރެއިން އަދީބުގެ މައްސަލަގަނޑާ އެކު އެކިއެކި ބައިބައިވުން އުފެދުނުއިރު ވެސް ހުންނެވީ ޔާމީނާ އެވެ. އޭގެ ފަހުން ވެރިކަން ގެއްލި އެކި ދިމަދިމާ އަށް އެކި ބޭފުޅުން ވަޑައިގެންނެވިއިރު ވެސް އޭނާ ހަމަ އެ ގޮތުގަ އެވެ.

ސައީދަކީ ޔާމީނެކޭ އެއްގޮތަށް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އަހުމަދުގެ އިތުބާރު ވެސް ވަރަށް ބޮޑަށް ހޯއްދަވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ބައެއް ސިޔާސީ މީހުން ކިޔަމުން އައީ ވެސް އެއީ "މެޑަމް" ގެ ބޭފުޅެއްގެ ގޮތުގަ އެވެ. އޭރުގެ ފަސްޓް ލޭޑީ ވެސް އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ ސައީދެވެ. ޔާމީންގެ ވެރިކަމުގައި ފާތުންއަކީ ފިރިކަލުން ޔާމީންގެ ސިޔާސީ ހަޔާތް ވަރުގަދަ ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. އެހެންވެ، ބައެއް ފަހަރު ސިޔާސީ ގޮތުން ވެސް އެކި ބޭފުޅުންގެ ބޭނުން އެ ކަމަނާ ހިއްޕެވި އެވެ. ޕާޓީ ތެރޭގައި މެޑަމް ފާތުންގެ އާރާއި ބާރާއި ނުފޫޒަކީ ސިއްރެއް ނޫނެވެ.

ޔާމީން ޖަލަށް ލުމުން ވެސް އެ މަނިކުފާނުގެ ހައްގުގައި މި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ސައީދުގެ އަޑެއް ނުކެނޑެ އެވެ. އެއްވަރެއްގައި އެކަން ގެންދަވަ އެވެ. މަޖިލިހުގެ ތެރެއިން މި ސަރުކާރަށް އެތައް ފިއްތުންތަކެއް ކުރިމަތި ކުރައްވަ އެވެ. ޔާމީނަށް އިންސާފު ހޯދައި ދޭން އެންމެ ކުރީ ސަފަށް ވަޑައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެކިއެކި މުއައްސަސާތަކުގެ ދޮރުގައި މެދުކެނޑުމެއް ނެތި ސައީދު ޓަކި ޖައްސަވަ އެވެ.

ބަލަން ތިބި މީހުންގެ ވިސްނުމަކީ ސައީދަކީ ވެސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ބޭނުންވާ ބޭފުޅެއް ކަމަށެވެ. އެހާ ބޮޑަށް އެ މަސައްކަތުގައި އުޅުއްވަނީ އެހެންވެ ކަމަށް ވެސް ބުނެ އެވެ. އެކަމަކު، ފެންނަން އޮތް ހަގީގަތަކީ ސައީދުގެ ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ޔާމީނާއި ޕީޕީއެމަށް ދެމުން އަންނަ ކަމެވެ. ޕީޕީއެމްގެ ވެރިކަން އޮތް އިރާއި ނެތް އިރު ވެސް އެ ތަފާތެއް އޭނާ ނުދެއްކެވި އެވެ.

ޓިކެޓުގެ ނަސީބުވެރިޔާ ސުވާލެއްގެ ތެރޭގައި!

ޔާމީން ނޫން ނަމެއް ނޯންނާނެ ކަމަށް ކިތަންމެ ފަހަރަކު ވިދާޅުވިޔަސް އެއީ ބަދަލުވާނެ ހަގީގަތެކެވެ. އިންތިހާބުގެ ކުރިން ޕާޓީ ބައިބައިވެ، ސަރުކާރު މިހާރު ހިންގާ އެމްޑީޕީއަށް އެޑްވާންޓޭޖް ބޮޑުވެދާނެ ކަމުގެ ބިރަށް ޔާމީން ނޫން ނަމެއް ނެތް ކަމަށް ވިދާޅުވިޔަސް އިންތިހާބުގައި ވާދަކުރެއްވޭނެ ކެންޑިޑޭޓް ޕީޕީއެމުން އަދި އިއުލާންކުރާނެ އެވެ.

113 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 9%
icon angry icon angry 27%
icon wow icon wow 45%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟަމްއޫން

02 August 2023

ސައީދު. ޒަމީރު. ޢައްސާން. މަސީހު. ތީ ދެންތިބި ބޭފުޅުންނާ އެކު އެކުގައި ނަން ކިޔަން ކަމުދާ ބައެއް ނޫން.

The name is already taken The name is available. Register?

ހައްގުބަސް.

02 August 2023

އެމްޑިޕީ އައުޓް ދިވެހިން ބޭނުންވަނީ އެމްޑިޕީ ބަލިކުރަން.

The name is already taken The name is available. Register?

ޢިހްސާސް

02 August 2023

ތިތާ އެންމެ ރަގަޅުވާނި ވަހީދު.

The name is already taken The name is available. Register?

ގުލުމީ

01 August 2023

އިބޫނުން ކޮންމެ މީހަކުވެސް އޯކޭ އާވެރިޔަކު ބޮޑައް ބޭނުމީ

The name is already taken The name is available. Register?

ޢަރުތަ

02 August 2023

އަހަރުމެންވެސް މިދައްކަނީ ތިވާހަކަ، ޔާމީނު / އިބޫ / ނަޝީދު ނޫން ކޮންމެ މީހަކުވެސް ރަނގަޅުވާނޭ، މީގެން މީހަކަށް ދެވަނަ ފުރުސަތެއް ދޭން ހަމަ ހެޔޮނުވާނޭ.

The name is already taken The name is available. Register?

އަބުރޭ

01 August 2023

ތިތާކު ނެތް ލީޑަރެއް، ހުސްފައިސާ ފައިސާ ތިޖޫރީ ތައް ތީ

The name is already taken The name is available. Register?

ސަރާސަރު

01 August 2023

މަ އެޅުވި ފަންޏެއް އިނގޭ ޔާމީނު ލައްވާ ޖަމީލުގެ ނަން ހުށަހެޅުން.

The name is already taken The name is available. Register?

ހޯހޯ

01 August 2023

މުއިއްޒު މޮޅުކަމުން މަގުތަކުގާ އިންދި ގަސްތައް އަލުން ނަގަންޖެހުނީ. މަޖީދީ މަގުގާ ކުރިއަށްވުރެ ބޮޑަށް ފެން ހެދެނީ މުއިއްޒު މިމަގު ހެދިފަހުން. ސިޓީ ކައުންސިލް ހިންގާކަށްވެސް މީނާއަކަށް ނޭންގެ. ހުޅުމާލެ 2 ގައި ކޮންކުރީޓު ޖަންގައްޔެއް ހެދުމަށް ބާރުދިނީ މުއިއްޒު. މީނަ ރަނގަޅީ ބުރިޖު ހަދާއިރު އޭނަ ދަސްކުރި ބައި އަދާކުރަން ސުޕަވައިޒަރަކަށް ހެދުން. ސިނަމާލެ ބުރިޖުވެސް ހަދަން ޖެހޭގޮތަށް ބަދަލު ގެނެސް ލޭން މަދުކުރީ މީނަ. މިހާރު އަނެއްކާ 2 މިލިއަން ރުފިޔާ ހޭދަކޮށްގެން އުންދި ކަދުރު ދަނޑު އެއޮޢް މަރުވަނީ. ވިޔަފާރީގެ ހުއްދައެއްނެތި ގަސްވިއްކާ ފިހާރައެއް ހެދުމާއި ބޭކާރު ބަގީތަކެއް ވިލިގިއްޔަށް ގެނައުމާއި މިހެންގޮސް ލައްކަގިނަ ކަނޑުކޮސް ކަންކަން މީނާވަނީ ކޮށްފަ.

The name is already taken The name is available. Register?

ސިއްތިފުޅު

01 August 2023

ޔާމީން އަށް ކުރިމަތި ނުލެއްވޭނަމަ އެންމެރަނގަޅުވާނީ ޑރ،މުއިއްޒު ނޫނީ ޢައްސާން މައުމޫން މި ދެބޭފުޅުންނަކީ ވަރަށް ޤާބިލް ދެބޭފުޅުން ޔާމީން އަށް އެންމެ ވަފާތެރިވާނީވެސް ޢައްސާން އާއި މުއިއްޒު މީކޮންމެ ބޭފުޅަކު ކުރިމަތިލެއްވިނަމަވެސް ރަނިންމޭޓް އަކަށް ފެންނަނީ ޑރ. ޖަމީލް މީ އަޅުގަނޑަށްފެންނަގޮތް

The name is already taken The name is available. Register?

‫ދަރި

01 August 2023

‫ޔާމީނު ނޫނީ އުރައްޕެއް ހުރި އިންސިއަކު ތިޔަ ފޮޓޯގަނޑަކު ނެތް!

The name is already taken The name is available. Register?

ވަރަބިންދާލި

01 August 2023

ޔަގީންވާއެއްކަމަކީ ޑރ މުހައްމަދު މުއިއްޒު ރިޔާސީރޭހަށް ނިކުންނަވާފިނަމަ ހިންވަރުގެ މެޖޯރިޓީލިބޭނެ . ބާބުއްލަވާލީ މުހައްމަދު ހާޖީ ގެ ދަރިކަބަލަކާ ކައިވެނި ބައްލަވައިގެން މުއިއްޒު އުޅުވާއިރު އެއީ ފިސާރި ބޮޑު އާއިލާއެއް . އެމީހުން ނަކީހާޖީއަށް މައުމޫނު ސަރުކާރުގަ ކުރެއްވި އަނިޔާގެ ސަބަބުން އެމްޑީޕީއަށް ތާއީދު ކުރާ ބޮޑު އާއިލާއެއް . އެދުވަސް ވަރުގަ އަނިޔާލިބިވާ ގިނައާއިލާތައް ސަޕޯޓް ކުރާނީ އެމްޑީޕީއަށް .

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454