28 ޑިސެމްބަރ 2023 - 07:14
ކުރީގެ ސަރުކާރުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ޔުޓިލިޓީ ކުންފުނި، ފެނަކަ ކޯޕަރޭޝަން އާ ގުޅުވައި ތަފާތު ތުހުމަތުތަކާއި ޝަކުވާތަކުގެ އަޑު ގަދަވި އެވެ. ސަޕްލަޔަރުންނަށް އެތައް މިލިއަން ރުފިޔާއަކުން ދަރާފައި އޮތް ކަމެވެ. ސިޔާސީ ވެރިން ރުއްސަން އެ ކުންފުންޏަށް ހާހުން މުވައްޒަފުން ނަގާ ވާހަކަ އެވެ. ޕްރޮޖެކްޓުގެ ނަމުގައި އެތައް މިލިއަން ރުފިޔާއަށް މަދު ބައެއްގެ ޖީބަށް ވައްދަމުންދާ ކަމުގެ ތުހުމަތެވެ.
އެކި ގޮތް ގޮތަށް، އެކި އަދަދުތައް ވަށައިގެން މި ސީރިއަސް ތުހުމަތުތައް އެނބުރެމުން ދަނިކޮށް، ވެރިކަން ބަދަލުވެ، ފެނަކަގެ އާ މެނޭޖްމަންޓުން އިއްޔެ ހަވީރު އޮއްސައިލި މައުލޫމާތުތަކުން، ފާއިތުވި ފަސް އަހަރު އެ ކުންފުނީގެ ތެރެއިން ހިންގާފައި ހުރި ބޮޑެތި ޖަރީމާތައް ވަނީ ހާމަވެފަ އެވެ.
ފެނަކަ ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
އެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބިޔަ ވެފައިވަނީ، ބުއްދިއަށް ގަބޫލުނުކުރެވޭ ބާރު މިނުގަ އެވެ.
މިވަގުތު 3.29 ބިލިއަން ރުފިޔާގައި ހުރި ދަރަނި އެ އަދަދަށް އިތުރުވީ، އޭގެ ފަސް އަހަރު ކުރިން 2019 ގައި 768 މިލިއަން ރުފިޔާގައި އޮތުމަށްފަހު އެވެ. އެ ޓްރެންޑަށް ބަލާއިރު، 1.4 ބިލިއަން ރުފިޔާގައި 2021 ވަނަ އޮތް ދަރަނި، އޭގެ ވިދިގެން އައި އަހަރު ގާތްގަނޑަކަށް ދެ ގުނައަށް ވަނީ ބޮޑުވެފަ އެވެ.
އެއީ ތަފާތު 765 ފަރާތަކަށް ނުދީ ހުރި ފައިސާ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތައް މިހާރު ބަނގުރޫޓުވެސް ވެއްޖެ އެވެ.
ފެނަކައިގެ ދަރަނީ ހާލަތު ވަޒަންކޮށްލަން އާމްދަނީ އާ އަޅާކިޔާނަމަ، ދައްކަންޖެހޭ ކޮންމެ ރުފިޔާ އަކަށް އެ ކުންފުނީގައި ހުރީ އެންމެ 32 ލާރި އެވެ.
އާ މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވެ މިހާތަނަށް ބެލި ބެލުމުން، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައިވަނީ، މުއާޒް ވިދާޅުވި ގޮތުގައި ވަރަށް ޒިންމާދާރުކަންކުޑަ ގޮތަކަށް ބޭނުންވާ އަދަދަށް ވުރެ އިތުރަށް ކުންފުންޏަށް މުވައްޒަފުން ވައްދާފައިވުމެވެ.
މިވަގުތު ކުންފުނީގައި ތިބި މުވައްޒަފުންގެ އަދަދާއި މީގެ ފަސް އަހަރު ކުރިއާ އަޅާބަލާއިރު، ސިއްސައިގެންދާހާ ވަރަށް ގިނަ އެވެ.
ދެހާސްއަށާރަ ވަނަ އަހަރު ނިމުނު އިރު، ފެނަކަގެ ވަޒީފާގައި ތިބީ 2،756 މުވައްޒަފުންނެވެ. އެކަމަކު ރިޔާސީ އިންތިހާބު އޮތް މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ އަދަދު ވަނީ 8،126 އަށް މަތިވެފަ އެވެ.
އޭގެ ތެރޭގައި 2022 ވަނަ އަހަރާ ހަމައަށް ނަގާފައި ނެތް، ހާހަކަށް ވުރެ ގިނަ ކޮންޓްރެކްޓު ސްޓާފުން ހިމެނެ އެވެ. ނިމުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ވެރިކަމުގެ ފަހު ދުވަހާ ދެމެދު އެކަނިވެސް، ޖުމްލަ 238 މީހުން ކޮންޓްރެކްޓު ސްޓާފުންގެ ގޮތުގައި އެކި ރަށްރަށުގައި ހުރި ފެނަކަގެ އޮފީސްތަކަށް ވަނީ ވައްދާފަ އެވެ.
މުވައްޒަފުންގެ އަދަދު އެ މިންވަރަށް ބިޔަވުމުގެ އަސަރު، މުސާރައަށް ކުރަންޖެހުނު ހޭދައިން ވަރަށް ސާފުކޮށް ފެނެ އެވެ.
ދެހާސްއަށާރަ ވަނަ އަހަރު މުވައްޒަފުންނަށް މުސާރަ ދޭން ހަރަދުވީ 20.56 މިލިއަން ރުފިޔާ އެވެ. އެކަމަކު މި އަހަރު ހަމައެކަނި މަހު މުސާރާއަށް ފެނަކައިން 74.6 މިލިއަން ރުފިޔާ ދަނީ ހޭދަކުރަމުންނެވެ. އެއީ މުޅި އަހަރުގެ ޖުމްލައަށް ބަލާނަމަ، ގާތްގަނޑަކަށް 900 މިލިއަން ރުފިޔާ އެވެ.
މުއާޒް ވިދާޅުވީ 2021 ވަނަ އަހަރު ފެނަކައިން އަމިއްލައަށް އިމާރާތްތައް ހަދަން ނިންމުމުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެކަން ބޯޑުން ނިންމިކަން ވެސް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްރަށުގައި އިންޖީނުގެ އާއި އޮފީސް އަދި އެހެނިހެން އިމާރާތް ކުރުމުގެ މަސައްކަތްތައް ފެނަކައިން އަމިއްލައަށް ކުރާ 60 މަޝްރޫއުގެ އަގު ހުރީ 923 މިލިއަން ރުފިޔާގަ އެވެ. އެކަމަކު އޭގެ ތެރެއިން އެއްކޮށް ނިންމިފައިވަނީ އެންމެ 14 މަޝްރޫއެވެ.
މުއާޒް ވިދާޅުވި ގޮތުގައި ހއ. ދިއްދޫގައި ހަދަމުންދާ އިމާރާތަކަށް 23 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިންޖިއަނަރުން އަންދާޒާކުރާ އިރު، އެ މަޝްރޫއު ނިމޭއިރު އެތަނަށް 115 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެ އެވެ.
އެ މަޝްރޫއުތަކުގެ ކޮންމެ އަކަފޫޓަކަށް 1،450ރ. ޖެހޭނެ ކަމަށް އިންޖިނިއަރުން ލަފާކުރިޔަސް، އެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އޭގެ އެތައް ގުނައެއް ބޮޑުކޮށް 2،163ރ. ގެ މަގުންނެވެ. އެ މަޝްރޫއުތަކުގެ ދެ ބައި ކުޅަ އެއްބައި ވެސް ނިމިފައިނުވާ އިރު، މިހާރު ވެސް އެ ތަންތަނަށް ކުރި ހޭދަ ވަނީ 618 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.
އެ ބައްދަލުވުމުގައި ކުންފުނީގެ ޑީއެމްޑީ ހުސެއިން ޒުހުރީ ވިދާޅުވީ ފެނަކައިން 70 ރަށެއްގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ އިރު، ޖަނަރޭޓަރުތައް ގަވާއިދުން މަރާމާތު ކުރުމުގެ ޕްލޭނެއް ކުންފުނީގައި ނެތް ކަމަށެވެ.
ފާއިތުވި ފަސް އަހަރުގެ ތެރޭގައި 299 ޖަނަރޭޓަރު ގަނެ، ޖުމްލަ އަދަދު 498 އަށް އަރާފައި ވިޔަސް، ގަވާއިދުން މެއިންޓެނަންސް ނުހިންގާތީ އޭގެ ތެރެއިން 261 ޖަނަރޭޓަރު ހުރީ ވަރަށް ދެރަވަރު ހާލަތުގަ އެވެ. އަދި 168 ޖަނަރޭޓަރު ހުރީ މުޅިން އޯވަހޯލް ކުރަންޖެހިފަ އެވެ.
އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 27 ރަށެއްގެ ކަރަންޓުގެ ހާލަތު ކްރިޓިކަލް އެވެ. އަދި އޭގެ ތެރެއިން 18 ރަށަކަށް ކުރިއަށް ރޯދަ މަހުގެ ކުރިން އާ ޖަނަރޭޓަރު ބޭނުންވެ އެވެ.
މުއާޒް ވެސް ވިދާޅުވި ގޮތުގައި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޖަނަރޭޓަރުތައް ގަނެފައިވަނީ ރަށްރަށަށް ބޭނުންވާ ކެޕޭސިޓީއަށް ވުރެ ބޮޑުކޮށެވެ. އެހެންކަމުން، އެ ޖަނަރޭޓަރުތައް ތެޔޮ އަންދާ މިންވަރާއި މަރާމާތު ކުރަންދާ ހަރަދު ވަނީ ބޮޑުވެފަ އެވެ.
މުއާޒް ވިދާޅުވި ގޮތުގައި ކުންފުނީގެ މުދާ އުފުލުން ފަދަ ލޮޖިސްޓިކްސްއަށް ވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި 200 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
"މިއީ ކުންފުންޏަށް ފައިދާ ލިބޭނެ ކަންކަމަށް އިންވެސްޓް ކުރެވެން އޮތް 200 މިލިއަން. އެކަމަކު އެ ވެސް ވޭސްޓު ވެގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.
އެ ކުންފުނީގެ ފާއިތުވި ފަސް އަހަރުގެ ޓްރާންސްޕޯޓު ހަރަދަށް ބަލާއިރު، 2019 ގައި 20.2 މިލިއަން ރުފިޔާގައި ހުރި ހަރަދެއް، މިއަހަރު ވަނީ 97.8 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
ފެނަކައިގެ ޕްރޮކިއުމަންޓުގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަން ފާހަގަކުރައްވައި މުއާޒް ވިދާޅުވި ގޮތުގައި، ކުންފުންޏަށް ބޭނުންވާ ސަމާނު މުޅިންހެން ގަނެފައިވަނީ އެމަޖެންސީ ޕްރޮކިޔުމަންޓުގެ ގޮތުގައި ޓެންޑާނުކޮށް އަގުބޮޑުކޮށެވެ.
ފެނަކައިން 70 ވަރަކަށް ރަށުގައި ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ އިރު، ހުއްދަތައް ލިބުން ލަސްވެގެން 21 ރަށެއްގައި ގޭބީސީތަކަށް ބިލެއް ނުކުރެވެ އެވެ. އެއީ 12.4 މިލިއަން ރުފިޔާގެ ގެއްލުމެވެ.
އަދި ބޭނުންވާ ސާމާނު ލަސްވެގެން 64 ޕަސަންޓު ގޭބީސީތަކަށް ހައުސް ކަނެކްޝަންސް ހުރީ ނޭޅި އެވެ.
މި މައުލޫމާތުތައް ހިއްސާކުރުމަށްފަހު މުއާޒް ވާހަކައެއް ވިދާޅުވި އެވެ.
"ކުންފުނި މި ވަރަށް ދަރާފައި އޮތީ މިހެންވެ."
އޭނާ، މެނޭޖްމަންޓު ޓީމާ ގުޅިގެން އަންނަނީ މި ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި އެވެ. ސަޕްލަޔަރުންނަށް ފައިސާ ވީއެންމެ އަވަހަކަށް ދެވޭނެ ގޮތްތައް ހޯދަމުންނެވެ. ކުންފުނީގެ މެނޭޖުމަންޓު އޮޑިޓެއް ހަދައި ދެންވެސް ހުރި މައްސަލަތައް ދެނެގަތުމަށެވެ. އަދި އޭގެ ފަހުން ދައުވާ ކުރެވެން ހުރި ފަރާތްތަކުގެ މައްޗަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ އިއްޔެ ދެއްވާފަ އެވެ.
އެ ކަން ހަގީގަތުގައި ވެސް ކުރަންޖެހެ އެވެ. އިއްޔެ ހާމަކުރި މައުލޫމާތުތަކުން ވެސް އެކަން ސާފެވެ. ދައުލަތުގެ ކުންފުންޏެއް ދޮވެ، ހުސްކޮށްލި އިރު ކޮންމެވެސް ބަޔަކު ޒިންމާ ކުރުވަންޖެހެ އެވެ.
ނަމަވެސް، އެއާ އެކު އާ މެނޭޖުމަންޓުން އެއަށް ވުރެ މާ މުހިންމު ކަމެއް ކުރަންޖެހެ އެވެ. މިފަދަ ކަމެއް ދެން ނުކުރެވޭނެ ގޮތަކަށް ކުންފުނީގެ އޮނިގަނޑާއި އުސޫލުތައް ހަރުކަށި ކުރުމެވެ. ބަދަލުވާ ސަރުކާރާ އެކު ބޭނުންހާ ގޮތަކަށް ދައުލަތުގެ ކުންފުންޏަކާ ކުޅޭވޭނެ މަގު ބަންދު ކުރުމެވެ.
އެހެން ނޫން ނަމަ، މީގެ ފަސް އަހަރު ފަހުން އަނެއްކާ ދައްކަންޖެހޭނީ ހަމަ އެއް ވާހަކަ އެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮރުމީ
29 December 2023
ޢެސޮރު ކީއްކުރާނީ ޢުބޫ ބުނީމާ ކުރީ
އަހައްމަދޫ
28 December 2023
އެކަމަކުވާ. އެންމެނައް އެނގޭ ކަމެއް.އެންމެން ދައްކަމުން އައިވާހަކައެއް. ކޮބާ އޯޑިޓް އޮފީސް. ކޮބާ ޕްރައިވަޓައިޒޭޝަން ބޯޑު. އެންމެން ޒިންމާ ކުރެވެން ޖެހޭނެ
ތިލަދުންމަތި
28 December 2023
ސައީދު މީ ވަރަށް ކިންގު ހެދިގެން ތެޅުނު ބޮޑާ ގޮލައެއް. މަވަރު މާހަކު ނެތިގެން ތެޅުނީ. ރަށް ރަށަށް ގޮސް އަޅުން ހެން ފެނަކަ މުވައްޒަފުން މީނައަށް ކުރުނީސް ކުރުވީ.
ސައިފޮދު
28 December 2023
ފެނަކަ ސައީދު ކަރުގައި ހިފަހައްޓާ ބަހައްޓާފައި ފެލި މީހުން ޕީޕީއެމް/ޕީއެންސީއާއި ގުޅި ލާމެހިގެން ވައްކަމުގެ އާބާބެއް މުއާޒްއާއި އެކު މިރޭ ފެށެން އުޅޭ ވާހަކައިން ރަށުތެރެ ގުގުމާލާފިއެވެ. ތިޔަ ނޫސް ކޮންފަރެންސް ބޭއްވުމުގެ ބޭނުމަކީ ނޫސްވެރިންގެ ވަގުތު ބޭކާރުކުރުމެވެ.
ލޮއްލަ
28 December 2023
މިއަހަރު 8000 މީހުންގެ މުސާރައަށް 74 މިލިއަން. އަންނަ އަހަރު 87 މީހުންގެ މުސާރައަށް 104 މިލިއަން. މިހާލަތުގައި 8000 މުވައްޒަފުން އެހުރިގޮތަށް ބަހައްޓަފައި ބޭކާރު ޚަރަދު ބޮޑު 87 މެމްބަރުން އުވާލަން ރައީސް މުއިއްޒުއަށް ގޮވާލަން.
ލަދުހަޔާތް
28 December 2023
މިހެންވެ ކެބިނެޓަށް ރުހުން ނުދީ ސޯލިހު ފެކުޝަން މަޖްލިސް .. 2 މަހުގެ ޗުއްޓީއަށް އެދިޔައީ. އެބަ އިގޭނު މިވާ ގޮތް. ކައިފަ އޮތް ވަރާ ކޭ ގޮތް ހަޑީ.
ހައުލަތް
28 December 2023
ފެނަކައަކީ ނިމިޔަދިޔަ ސަރުކާރުގެ އެންމެބޮޑު އެއް ސްކޭމް.
މުޖާހިދް
28 December 2023
ސައީދު އާ އެއްވަރަށް މިކަމުގެ ޒިންމާ ނަގަންޖެހޭނެ މިއުޅޭ އިބުރާހިމް ވެސް. މިދެމީހުން ހައްގު އަދަބުދޭން ޖެހޭނެ
ނާއިފްް
28 December 2023
ރައީސް މުއިޒް ވެރިކަމުގަ އިރާދަކުރެއްވިއްޔާ ފެނަކައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. ހެޔޮ މީހުން ކަނޑާލައިގެން ވިޔަސް
އަގުރަމް
28 December 2023
ކިތަށް ސަޕްލަޔަރުން އެބަތިބި ތޯ ބޮޑު ލާރިއެއްހާ މިންވަރު ނުލިބި އަދިވެސް ފެނަކަ ސައީދު މެން ހެވިފަ ތިބެން ފުރުސަތު ދޭންވީތޯ