ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
08 ޖުލައި 2025 - 09:20
ނުވަ މަހުގެ ބަނޑާ އެކު ގޮސް ކުދިންތަކެއްގެ މާރާމާރީއެއްގެ ތެރެއަށް އެ ދުވަހު ވަދެ އެ މާރާމާރީ ހުއްޓުވަން އައިމިނަތު ޒީނިޔާ މަސައްކަތް ކުރެއްވީ ކުދިންގެ މުސްތަގުބަލަށްޓަކަ އެވެ. އެއީ އެ ކުދިންގެ އަހުލާގު ރަނގަޅު ކުރެވޭނެ ޕްރިންސިޕަލެއް ކަމުގެ ޔަގީންކަން އޮތުމުންނެވެ. ބައެއް ރޭރޭ ނިދި ނަންގަވާލައްވާފައި، ހޭލާ ވެސް އުޅުއްވަނީ އެ ކުދިންގެ ފަރާތުން ސްކޫލަށް ދީފާނެ ގެއްލުމެއް ނޭނގޭތީ އެވެ.
ފަންކާތަކުގެ ފިޔަ ބިންދާފައި ހުރެދާނެ އެވެ. ފާރުގައި ކުރަހައި ހަޑި އެއްޗެހި ލިޔެ އެވެ. ތަންތަނުގައި ހުޅުޖަހައި ރޯކުރެ އެވެ. ސްކޫލުގެ އެއްވެސް ކްލާހެއްގެ ދޮރެއް، ކުޑަދޮރެއް، މޭޒުގެ ކަބަޑެއްހާ ހިސާބު ވެސް ނުހުރެ އެވެ. ފާސްވަނީ ހާހަކުން ކުއްޖެކެވެ. މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި ސ. އަތޮޅު މަދަރުސާ ދޫކޮށް 28 ޕްރިންސިޕަލުން ދުރަށް ވަޑައިގަންނަވަން ޖެހުނީ އެފަދަ އެތައް ނާތަހުޒީބީ ކަންތައްތަކާ ހެދި އެވެ.
އެއީ އައްޑޫގައި ވަކިން އޮންނަ ދެ އަވަށް، ހުޅުދު އާއި މީދޫ މެދުގައި ހުންނަ ސ. އަތޮޅު މަދަރުސާ އަށް ޓީޗަރެއްގެ ގޮތުގައި ޒީނިޔާ ފުރަތަމަ ވަޑައިގެންނެވިއިރު އެ ސްކޫލުގެ ހާލަތު އޮތް ގޮތް ވެސް މެ އެވެ. ޖެނުއަރީ 1، 2009 އާ ޖެހެންދެން ކަން ހިނގަމުން އައި ގޮތެވެ.
އެ ސްކޫލްގައި ޓީޗަރެއްގެ ގޮތުގައި އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު ޖެހިހެން އައި އަަހަރު ޕްރިންސިޕަލެއްގެ ޒިންމާ ނަންގަވަން ފެއްޓެވި އެވެ. އެއީ އެ ސްކޫލް އިސްލާހު ކުރުމުގެ މަސައްކަތުގެ ފެށުމެވެ.
"އަޅުގަނޑު ހަވާލުވިއިރު ވަރަށް ހާލުގައި އޮތް ސްކޫލެއް އެއީ. ސްކޫލުން ނަތީޖާއެއް ނުނެރެވޭ، އަބަދު މާރާމާރީތަކާއި ތަޅާފޮޅުން. ރަށުގެ ވަރަށް ގިނަ މީހުން ރަށް ދޫކޮށް ބަދަލު ވެސް ވެއްޖެ އޭރު އިތުބާރު ނެތީމަ،" ޒީނިޔާ ވިދާޅުވި އެވެ.
"ސްކޫލުގެ ވަސީލަތްތައް ވެސް ހަލާކު ކޮށްފައި ހުންނާނީ. ޓީޗަރުންނަށާއި ކުދިންނަށް ވަރަށް އަނިޔާ ލިބޭ."
އެކަމަކު، ޒީނިޔާ އެ ކަންކަމާ ކުރިމަތިލެއްވީ ވަރުގަދަ އަޒުމެއްގަ އެވެ. ޒީނިޔާގެ ކުރިން ސ. އަތޮޅު މަދަރުސާގައި ޕްރިންސިޕަލްކަން ކުރެއްވީ މުޅިން ވެސް ފިރިހެން ޕްރިންސިޕަލުންނަށް ވުން އެއީ ވެސް އެ ސްކޫލްގެ ބެލެނިވެރިންނަށް ޒީނިޔާއާ މެދު އުންމީދު ނެތެން ދިމާވި އެއް ސަބަބެވެ. "ހަށިގަނޑު ވަރުގަދަ" ފިރިިހެނުންނަށް ނުވި ކަމެއް ޒީނިޔާ އަށް ކާމިޔާބު ވެދާނެ ކަމާ މެދު ބެލެނިވެރިން ސުވާލު އުފެއްދި އެވެ.
"ފުރަތަމަ ދުވަހު ސްކޫލަށް [ޕްރިންސިޕަލެއްގެ ގޮތުގައި] ދިޔައީމާ ބުނީ މިތަނަށް އަންހެނެއް ނޫނޭ ބޭނުންވަނީ. މިތަނަށް ބޭނުންވަނީ ހަށިގަނޑުގައި ވަރަށް ވަރު ހުރި ފިރިހެނެކޭ. ސްކޫލަށް 25 އަހަރު އޭރު ވީ އިރު 28 ޕްރިންސިޕަލުން މަސައްކަތް ކުރެއްވި، ވަރަށް ޗެލެންޖިން ސްކޫލެކޭ މިއީ،" ޒީނިޔާ ވިދާޅުވި އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
ސެކަންޑްރީ ޓީޗިން އިން ބެޗްލާސް އާއި މާސްޓަސް އޮފް އެޑިޔުކޭޝަން އިން ސްކޫލް މެނޭޖްމަންޓް އަދި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ކިޔަވައިގެން ހުންނެވި ޒީނިޔާ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އަމީނިއްޔާ ސްކޫލުގެ ޓީޗަރަކަށެވެ. އެ އަށް ފަހު އަހުމަދިއްޔާ ސްކޫލުގައި ވެސް ޓީޗަރަކަށް މަސައްކަތް ކުރެއްވި އެވެ.
އެކަމަކު، އޭނާގެ ކާމިޔާބީގައި އެންމެ ބޮޑު ދައުރެއް އަދާކުރި ތަނަކީ ސ. އަތޮޅު މަދަރުސާ އެވެ. ގޮންޖެހުންތަކާ ކުރިމަތިލައްވައި ކަންކަން ހަމަޔަކަށް އެެޅުވުމުގެ ކާމިޔާބީ އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ޓީޗަރުންނާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
"ވަރަށް ހެވިލީ ޕްރެގްނެންސީ، އޭރު 9 މަހުގައި، ވަރަށް ބޮޑު މާރާމާރީއެއް ހިންގީ ސްކޫލުގައި. އެއް އަވަށު ބެލެނިވެރިން މި އައީ އަނެއް އަވަށު ކުދިންތަކެއް ގައިގައި ޖަހަން. އެއްވެސް މީހަކަށް ނުކެރުނު ހުއްޓުވަން އެ ދެމެދަށް ވަންނާކަށް، އަޅުގަނޑު ހިތައް އެރީ އެއީ ޕްރިންސިޕަލްގެ ޒިންމާއެކޭ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުން. އެހެންވެ ވަނީ، އައި މީހާ އަށް ވެސް ނުކެރުނު ޖަހާކަށް،" ކުދިންތަކެއްގެ މެދުގައި ހިންގި ވަރުގަދަ މާރާމާރީއެއްގެ ތެރެއަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ގޮތް ހިއްސާ ކުރައްވަމުން ޒީނިޔާ ވިދާޅުވި އެވެ.
ޕްރިންސިޕަލް ޒީނިޔާއަށް، އެ ސްކޫލުގެ ދަރިވަރުން ދެއްވި ހާއްސަ އެސެމްބްލީގައި ކެޑޭޓުންގެ ގާޑް އޮފް އޮނާގައި މަރުހަބާ ކިޔަނީ.--
ބެލެނިވެރިން ވެސް ތިބީ ފިރިހެނަކަށް ނުވި ކަމެއް އަންހެނަކަށް ނުވާނެ ކަމަށް ގަބޫލު ކޮށްގެންނެވެ. އަންހެނަކަށް ވިޔަސް އެ ކަހަލަ ކުދިންތަކެއްގެ އަހުލާގާއި ސްކޫލުގެ ނަތީޖާ ބަދަލު ކުރެވޭނެކަން ޒީނިޔާ ދެއްކެވީ އަމަލުންނެވެ.
އޭނާ ޕްރިންސިޕަލް ކަމާ ހަވާލުވެވަޑައިގެންނެވިއިރު، ސ. އަތޮޅު މަދަރުސާ ސްކޫލުގައި ފާސްވާ ކުދިންގެ އަދަދު އުޅެނީ އެންމެ 15 ޕަސެންޓުގަ އެވެ. އޭރު އެ ސްކޫލުގައި އޯލެވެލް ހަދާތާ 10 އަހަރު ވެއްޖެ އެވެ. އޯލެވެލްގެ ގަދަ 10 ގައި ހިމެނުނީ ވެސް އެ ސްކޫލުގެ އެންމެ ކުއްޖެކެވެ.
ކުދިންގެ ނަތީޖާ އާއި އަހުލާގަށް އައި ބަދަލު ފެންނަން ފެށީ 2010 ވަނަ އަހަރު އެވެ. ކުދިންގެ ނަތީޖާތައް ރަނގަޅު ވާން ފެށި އެވެ. އެހެން ސްކޫލުތަކަށް ކިޔަވަން ހިޖުރަ ކުރުމުގެ ބަދަލުގައި އެ ސްކޫލުގައި ތިބެގެން ކިޔަވާ ކުދިންގެ އަދަދު އިތުރުވަމުން ގޮސް މިހާރު 500 އަށް ވުރެ ގިނަ ކުދިން ކިޔަވަ އެވެ.
"އޭގެ ފަހުން ކޮންމެ ބެޗެއްގެ ކުދިން ގައުމީ ގަދަ 10 އަދި ދުނިޔޭގެ ވަނަތަކުގައި ވެސް ހިމެނޭ. ރާއްޖެ އިން ބޭރުގެ އެކި މުބާރާތްތަކުގައި ކުދިން ބައިވެރިވާން ވަރަށް ބައިވަރު ފުރުސަތުތައް ހޯދައިދެވުނު. ވަރަށް ގިނަ ލީޑާސް އަޅުގަނޑަށް އުފެއްދުނު ކަމުގެ އިހުސާސް ކުރެވޭ،" ޒީނިޔާ ވިދާޅުވި އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
އޭނާ ވިދާޅުވިގޮތުގައި، ސ. އަތޮޅު މަދަރުސާއާ ފުރަތަމަ ހަވާލުވެވަޑައިގެންނެވިރު ވެސް އެ ސްކޫލު ވެސް އޮތީ ވީރާނާ ވެފަ އެވެ. ކިޔަވައިދޭނެ ގޮނޑި އާއި މޭޒުތަކުގެ އިތުރުން އެންމެ އާދައިގެ އެއްޗެހި ވެސް ހުރީ ހަލާކުކޮށްލައިފަ އެވެ. އެކަމަކު، މިހާރު އެ ސްކޫލު ވަނީ އެއްކޮށް ބަދަލު ކޮށްފަ އެވެ. އެއީ ވެސް ޒީނިޔާގެ އިސް ނެންގެވުމެވެ.
ހަލާކުވެފައިވާ އެއްވެސް ފަރުނީޗަރެއް މިހާރަކު ނެތެވެ. ކްލާސްރޫމުތަކުގައި ހުންނަނީ ސްމާޓް ބޯޑު ބަހައްޓައިފަ އެވެ. ޓީޗަރުންނާއި ކުދިން އަދި ބެލެނިވެރިން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކުރެ އެވެ.
"އަޅުގަނޑުމެން ވަރަށް ކެމްޕޭނު ކޮށްގެން އެކި ކަހަލަ ވެލިޔުސް ދަސްކޮށްދިނީ ކުދިންނަށް. މުޅި ސްކޫލު މާހައުލުން ވެސް އެކަން މިހާރު ފެނޭ،" ސ. އަތޮޅު މަދަރުސާ އިން ކިޔަވައި ނިންމި ޒީނިޔާ ވިދާޅުވި އެވެ.
އަންހެނަކަށް ވީތީ ނުވާނެއޭ ބުނި ހުރިހާ ކަމަކަށް ވެސް އެކަން ވާނެކަން ޒީނިޔާ އަށް ބުނެދެނީ އޭނާގެ އާއިލާ އެވެ. ހާއްސަކޮށް މަންމަ އެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
އެކަމަކު، ސ. އަތޮޅު މަދަރުސާ ބަދަލުކޮށްލި ޕްރިންސިޕަލް މިދިޔަ ބުރާސްފަތި ދުވަހު އެންމެންނަށް ދެއްވީ ބޮޑު ސައިޕްރައިޒެކެވެ. އެ ސްކޫލް ދޫކުރައްވާފައި ވަޑައިގަންނަވާކަން އިއުލާން ކުރެއްވި އެވެ. އެޑިއުކޭޝަން މިނިސްޓަރީގެ ޑެޕިއުޓީ ސުޕްރިންޓެންޑެންޓްގެ މަގާމަށް ވަޑައިގަންނަވާކަން އިއުލާން ކުރެއްވުމުން ބެލެނިވެރިންނާއި ކުދިންނަށް ވެސް ލިބުނީ ބޮޑު ސިހުމެކެވެ.
ޕްރިންސިޕަލް ކަމުގެ މަގާމު ދޫކޮށްލީ އެ މަސައްކަތް މިހާރު ފަސޭހަ ވުމުން އާ ކަމެއް ތަޖުރިބާ ކުރެއްވުމަށް ކަމަށް ޒީނިޔާ ވިދާޅުވި އެވެ. ސ. އަތޮޅު މަދަރުސާ އިން ވެސް އާ ބޭފުޅަކަށް ފުރުސަތު ދެއްވާށެވެ.
ޒީނިޔާ އަށް، އަލްވަދާއު ކިޔުމަށް ބުރާސްފަތު ދުވަހު ބޭއްވި އެސެމްބްލީ އަށް ވަޑައިގަތުމުން އެ ސްކޫލުން މަރުހަބާ ކިޔާފައިވަނީ ކެޑޭޓުންގެ ގާޑް އޮފް އޮނާއަކުންނެވެ. ދަރިވަރުންގެ މެދުގައި އެ ޕްރިންސިޕަލަށް އޮތް ވަރުގަދަ ލޯބި ހާމަވެގެން ދިޔަ އެއް ކަމަކީ، ސްކޫލުގެ ހުރިހާ ދަރިވަރުންގެ ހިތުގެ ޝުއޫރު ފާޅުކޮށްފައިވާ ކާޑުތަކާއި މަލުގެ ގުލްދަސްތާތަކުން ބަންޑުން ކޮށްލުމުންނެވެ.
ސ. އަތޮޅު މަދަރުސާގައި 16 އަހަރު މަސައްކަތް ކުރެއްވި ޕްރިންސިޕަލް އައިމިނަތު ޒީނިޔާއަށް އެ ސްކޫލުން ދިން ފެއާވެލްގައި ދަރިވަރުންތަކަކާއެކު.-- ފޮޓޯ: ސ. އަތޮޅު މަދަރުސާ
"[ޕްރިންސިޕަލްކަން ދޫކޮށްލާފައި] ދާ ވާހަކަ ބުންނަން ވަރަށް އުނދަގޫވި، ވަރަށް އިމޯޝަނަލް ވަގުތުކޮޅެއް އަސްލު. އަޅުގަނޑުގެ ހޯމް އެއީ. ދުވަހަކު ވެސް ލީވެއް ނުނަގަން. ވަރަށް ލަސްވަންދެން ސްކޫކުގައި އުޅޭނީ. ވަރަށް ބުރަ މަސައްކަތުން ސ. އަތޮޅު މަދަރުސާ، ސްކޫލެއްގެ ގޮތުގައި މިހާރު އެ ފެންނަނީ،" ޒީނިޔާ ވިދާޅުވި އެވެ،
ޒީނިޔާ އެ ސްކޫލުން ވަކިވެވަޑައިގަތީ ކުދިންތައް އިސްލާހު ކުރި އަންހެން ޕްރިންސިޕަލްގެ ޝަރަފާ އެކު އެވެ. އެތައް މަންމައަކާއި ބައްޕައެއްގެ އިތުބާރު ހޯދައިގެންނެވެ. ޓީޗަރުންނާއި ދަރިވަރުންގެ ލޯބި ހޯދައިގެންނެވެ. އެ ސްކޫލު ބަދަލުކޮށްލި "މަންމަ" ގެ މަގާމު ވެސް ހޯދައިގެންނެވެ.
ތައުލީމީ ކެރިއަރުގައި ޒީނިޔާ މި ލިބިވަޑައިގެންނެވި ކުރިއެރުމަށް ޓީޗަރުންނާއި ބެލެނިވެރިން ވެސް މަރުހަބާ ކިޔަ އެވެ. ނަމަވެސް، އެ އެންމެން ވެސް ގަބޫލުކުރާ ކަމެއް އެބައޮތެވެ، އޭނާ ނެތް ތަން ސްކޫލުން ދައްކާނެ އެވެ. އެ ލެގެސީ އަބަދަށް ދެމި އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުއްބޫހު
10 July 2025
މިދެރަށުމީހުން ދުވަހަކުވެސް އިސްލާހެއްނުވާނެ. މިތާ މިއޮތީ ޕްރިންސިޕަލްގެ ވާހަކަ. ކޮމެންޓް ސެކްސަނުގަ މިއޮތީ ދެރަށުމީހުންގެ ތަޅާފޮޅުން. މަޖިލީހުގަ ތިއްބަވާ އަބުދުއާއި ސާޑުވެސް އެހެން. އަބަދު ޒުވާބެއްގަ. ދެން ޒުވާބު ހުއްޓަލަބަލަ. ތި ދެރަށް އެއްކޮށް މުޅިން އާނަމެއްކިޔަންވީ. ފޮނި ނަމެއް. މިސާލަކަށް ލައްޑޫ. ވަޓް ޔޫ ސޭ؟
ކަތްދައްތަ
09 July 2025
ބައެއް ސްކޫލްތައް އެބަހިނގާ ދިވެހި ޕްރިންސިޕްލުން ތިބެގެން ބޭރު ޓީޗަރުން ލައިގެން. ބޭރު ޗީޓަރުން ދިވެހި ދަސްކޮށްގެން ދަރިވަރާ ދިމާއަށް ދިވެހިން އެބަ ބަވާލާ. އެކުއްޖާއަށް އިގިރޭސި ބަސް ދެއަކުރު އެއްކޮށްލަން ނޭގެ. އެކަމު ހަމަ ޕްރިންސިޕަލް ހުރޭ..
އިއްލި
09 July 2025
އަޅުގަނޑަކީވެސް 2009 ގެ ކުރިން ތިޔަ ސްކޫލް އިން ކިޔަވައިގެން ނިމުނު ސ.އަތޮޅު މަދަރުސާގެ މުސްކުޅި ދަރިވަރެއް، ހަމަ ގައިމުވެސް އަޅުގަނޑުމެން ކިޔެވި ދުވަސްވަރު މި ލިއުމުގަ އެބުނާވަރުގެ ކަންކަމެއް ނުދެކެން. މި ލިޔުން ކިޔާލުމުނެ ސިފަވަނީ މުޅިން އެހެން މަންޒަރެއް. ކަންކަން އިސްލާހުކޮށް ތަރައްގީ ކުރިކަމުގެ ކްރެޑިޓް ނަގަން މުޅި މަދަރުސާ އިން ކިޔެވިި ހުރިހާ ދަރިވަރުން ބަދުނާމު ކުރުން ވަރަށް ދެރަވަރު ކަމަށް ދެކެން.
ލަޔާއިލް
09 July 2025
މިދޫއަކީ މޮޅުޓީޗަރުން ތިބި، ފެންވަރުގެ ވެރިންނާއި އުފެއްދުންތެރި ޕްރިންސިޕަލުން ގެ ވެސް އުފަންރަށް. ވިލާ ކޮލެޖްގެ ޑރއަންވަރ، ޑރ.ޞޯދިގް، ޑރ. ޖެކް، ޑރ. ޒަމީރު ފަދަ ބޭފުޅުން އަރިހުން ތިތަން ހިންގަން ޚިޔާލު ހޯދާނަމަ ތިފެންވަރަށް ނުދިޔައީސް. ދެން އަންނަ ޕްރިސިޕަލަކަށް ދަންނަވަން މިދިޔަތާގައި ޒިންދު ހެން ޓްރަމްޕްވެ، ދެންވެސް ތިސްކޫލުނުހިންގަވާ، ދެރަށުގެ މުސްތަޤުބަލަށްޓަކައި އިޚުލާސްތެރިވާށޭ.ފަންކާޑެސްކެއްނޫން މުހިއްމީ ބޭނުމީރަނގަޅުޖީލެއް
މުރުޒިމް
09 July 2025
ޒީނިޔާ ކުދިން ގެ ބޯކޮށުވި،މަތިމަަސް ބޭލުވި، ވޭޕް މަނާ ކުރި. އުސޫލު ހިފެހެއްޓި. ގަދަވާ.
މީދޫ މީހާ
08 July 2025
އަހަރެން ސ.އަތޮޅު މަދަރުސާގެ ހާލަތެއް ނުދެކެމެވެ. އެކަމަކު އެބުނާ ދުވަސްވަރު މާލޭގައިހުރި ފިރިހެންކުދީންގެ ސެކަންޑަރީ އެންމެބޮޑު ދެ މަދަރުސާކަމަށްވާ މަޖީދިއްޔާ އާއި ދަރުމަވަންތައިގެ ހާލަތު ވަރަށް ގާތުން ވަރަށް ހެޔޮކޮަށް ދުށީމެވެ. އަދި ޕްރައިމަރީ ސްކޫލްތަކުގެ ތެރެއިން ތާޖުއްދީން ސްކޫލްވެސް ދުށީމެވެ. ތާޖުއްދީނުގެ ކަންކަންއޮތީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ.
ސަޢީދު
08 July 2025
މިފަދަރިޕޯރޓުން އެނގެނީރައްޔަތުން ނިކަމެތިކަން. ރާއްޖޭގެ ސްކޫލަކުން ގްރޭޑް 8ނިންމާފައި ރަށަށް ބަދަލުވި ކުއްޖަކަށް ސްކޫލުން ފުރުޞަތުނުދިންކަން. އެކުއްޖާގެ މަންމަ ދުނިޔޭގައިއެބަހުރި. ދެން އެކުއްޖާގެ ޢާއިލާއިންޖެހުނީ މީދޫގައިނުބަހައްޓާ އެހެންރަށެއްގެ ސްކޫލަކަށް އެދަރިފުޅުފޮނުވަން. ގިނިކަންޏާ. އެކުއްޖާމިހާރު ބޮޑުވެ ފްލައިޓްކެޕްޓަނަކަށްވިޔަސް އެޢއިލާއިން އަދިވެސް އެހިތާމައިގެ ދުވަސްވަރުގެވާހަކަ އެބަދައްކާ. މީބައެއްގެ ޙައްޤަކަށް އެރުންތޯ އިހުމާލެއްތޯ؟
ކޮޅުފުށި
08 July 2025
ސުކޫލުން ކަނޑާލީމަ ފުރުސަތެއް ނުލިބޭނެ. ބަސްއަހައިގެން ސުކޫލުގަ ހައިޖާނު ނުހިންގާ އުޅުނު ނަމަ މީދޫގަ ހުރެ ސުކޫލު ނިންމާލާނީ. ޕައިލެޓުކަން ކިޔަވައިގެންވެސް އުޅެން ނޭގިގެން ވަޒީފާއިން ކަނޑާލީމަވެސް މެޑަމްތަ ކުއްވެރިވަނީ؟
ފަރީޝާ
08 July 2025
ޚުޝާމަދު ކުރުވުމަކީ، ސިވިލްސާވިސް މުވައްޒަފުން ކުރަން ޖެހޭކަމެއް ނޫން. ވަޒީފާ އަށް ވަނީ އަމިއްލައަށް ފައިސާ ހޯދަން. ވަކިވީ އަމިއްލަ ކުންފުނީނެ ސީއީއޯ ކަމުން ނުން. އަހަރެމެން ނުޖެހޭ ވެރިންނަށް ސަޖިދަ ޖަހާކަށް. ސަނާކިޔާކަށް. ހިލޭ ކުރިކަމެއް އޮތިއްޔާ އައްސަރިބަސް. ފެންނާކަށް ނެތް.
ހަސަންބޭ..
08 July 2025
ޕްރިންސިޕަލް އިން ސްކޫލްތަކުގައި މަސައްކަތް ކުރަން ވަކި މުއްދަތެއް ކަނޑައަޅަން ފެންނަނީ. މިހެން މިބުނީ ބައެއް ޕްރިންސިޕަލް އިން ޢުމުރު ދުވަސް އެބަ ހޭދަކޮށްލާ އެއް ސްކޫލެއްގައި.. ސްކޫލް ކުރިއެއް ނަރާ.. ސްކޫލަކީ އަމިއްލަ ތަނަކަށް ހަދައިގެން އުޅެނީ..
ހަސަންބޭގެ އެސިސްޓެންޓް
08 July 2025
ރަނގަޅު ގޮތަކީ ޕްރިންސިޕަލުން". "ޕްރިންސިޕަލް އިން' މިހެން އޮތީމަ ބޮލަށްއުދަނގޫވެގެން އަޅުގަނޑު ހިތުން ރަނގަޅުގޮތް ލިޔެލީ.
ހަސަން ޢަލީ
08 July 2025
ކޮންމެ ކަމެއްގެވެސް ދެކޮޅު އޮންނާނެއެވެ.އަހަރެމެން އަބަދުވެސް މިދައްކަނީ ޕަބްލިކް ބޭނުންވާ ފޮޓޯއެވެ.މިކަމުގައިވެސް އަނެއްކޮޅެއް ނުފެނުނެވެ.ކިޔަވައިދޭންތިބި ޓީޗަރުންގެ މެންޓަލްހެލްތާއި، އެމީހުންގެ ސްޓްރެސްއަށް ވައްޓާލައި، މަސައްކަތް ކުރުވާގޮތާއި،މީޓިންގތައް ކޮންޑަކްޓްކުރުމުގައާއި،ކަންކަން ނިންމުމުގައި ގެންގުޅުނު ހަރުކަށިކަމަކީ ބަލައިގަނެވޭނެކަންކަމެއް ނޫނެވެ.