ނެޝަނަލް އާޓް ގެލެރީން މިދިޔަ ހަފުތާ ބަންދުގައި ފެނުނީ ގަރުނެއް ފުރޭ މަޖީދިއްޔާގެ އިސް ހިދުމަތްތެރިންނެވެ. އެ ސްކޫލުގެ ދިގު ތާރީހުގައި ޕްރިންސިޕަލްކަން ކުރެއްވި 25 ބޭފުޅުންގެ ފޮޓޯ އާއްމުންނަށް ދައްކާލަން އަތުރާލީ ހުރިހާ ގޮތަކުން ވެސް އެ ބޭފުޅުންގެ ހިދުމަތް އެ ސްކޫލަށް ހާއްސަވީމަ އެވެ. ބޭނުމަކީ މީގެ 200 ދުވަސް ފަހުން އެ ސްކޫލަށް 100 އަހަރު ފުރޭއިރު މަޖީދިއްޔާގެ ކާމިޔާބީގެ ފަހަތުގައި ތިއްބެވި އެ ބޭފުޅުންގެ އަގު ވަޒަންކުރުމެވެ.
މަޖީދިއްޔާގެ ހަތަރު ފާރު ތެރެއިން ތައުލީމީ ހަޔާތް ނިންމި އެތައް ދަރިވަރުންގެ ކުރިމަގު ބައްޓަން ކުރީ އެ ޕްރިންސިޕަލުންނެވެ.
ދެ ދުވަހަށް ހުޅުވާލި ފޮޓޯ ގެލަރީގައި އެ ސްކޫލުގައި 1927 ވަނަ އަހަރު ހުންނެވި ހުސެއިން ސަލާހުއްދީނާ ހިސާބުން ފެށިގެން މިހާރުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދުއާ ހަމައަށް 25 ޕްރިންސިޕަލުންގެ ފޮޓޯ އާއި މައުލޫމާތު ހިމެނެ އެވެ. ވަރަށް ފަހަކާ ޖެހެންދެން ހަމައެކަނި ފިރިހެން ކުދިންނަށް ހާއްސަ އެ ސްކޫލުގެ ޕްރިންސިޕަލުންގެ ތެރޭގައި ހިމެނިވަޑައިގަތީ އެންމެ އަންހެން ބޭފުޅެކެވެ. އެއީ އާއިޝަތު މުހައްމަދު ސޯލިހު އެވެ.
މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގެ ފެށުމެވެ. ޖުމްލަ 69 ދަރިވަރުންނާ އެކު މަދްރަސަތުލް ސަނިއްޔާގެ ނަމުގައި އެ ސްކޫލް ފުރަތަމަ ހުޅުވީ އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3ގެ އިސްނެންގެވުމާއެކު 1927 ވަނަ އަހަރުގެ އޭޕްރިލް 19ގަ އެވެ. މަދްރަސަތުލް ސަނިއްޔާގެ ނަމުން މަދްރަސަތުލް މަޖީދިއްޔާގެ ނަމަށް ބަދަލު ކުރީ 1947 ވަނަ އަހަރެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލުން
ފަޟީލަތުއްޝައިހް ހުސެއިން ސަލާހުއްދީން
ރާއްޖޭގެ ރަސްމީ ތައުލީމުގައި ހުސެއިން ސަލާހުއްދީން ބިންގާ އަޅުއްވައިދެއްވީ އެތައް ޖީލެއް ބިނާކޮށްދެއްވި މަޖީދިއްޔާގަ އެވެ. އެމަނިކުފާނުގެ ބުރަ މަސައްކަތްޕުޅާއެކު މަޖީދިއްޔާ ސްކޫލު ފުޅާވެ މި ގައުމުގެ ރަސްމީ ތައުލީމީ ބިނާއަށް ބަދަލުވެގެން ދިޔަ އެވެ.
އެ ސްކޫލުގެ ބާނީ އަދި ފުރަތަމަ ޕްރިންސިޕަލުގެ ހައިސިއްޔަތުން އެމަނިކުފާނުގެ ދުރު ވިސްނުންފުޅު ވެގެން ދިޔައީ އުނގެނުމާއި އިލްމުވެރިކަމާއި ގައުމީ ހިދުމަތް އެ މަދަރުސާގެ އަސާސް ކަމުގައި ހެއްދެވި ސަބަބަށެވެ. އެމަނިކުފާނުގެ ޒައާމަތަކީ ތައުލީމީ ގަރުނެއްގެ ފެށުމެވެ.
ހުސެއިން ސަލާހުއްދީން މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1927 ވަނަ އަހަރުން ފެށިގެން 1932 އަހަރާ ހަމައަށެވެ.
އައްނަބީލް މޫސާ މުހައްމަދު ދީދީ
މަޖީދިއްޔާ ސްކޫލުގެ ދެވަނަ ޕްރިންސިޕަލް މޫސާ މުހައްމަދު ދީދީ ވަނީ ރާއްޖޭގެ ރަސްމީ ތައުލީމުގެ ކުރީކޮޅުގައި އެޅުނު ބިންގާ އިތުރަށް ހަރުދަނާ ކުރައްވައި ކުރިއަށް ގެންދަވައިފަ އެވެ. އެ ދުވަސްވަރު ގައުމުގައި އުފެދެމުން އައި ތައުލީމީ ޒައާމަތުގެ ގަދަރުވެރި މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ހިމެނިވަޑައިގަތީ ތައުލީމާއި ވެރިކަން ހިންގުމާއި ގައުމުގެ ތަރައްގީއަށް އާ ވިސްނުންތަކެއް ގެނެސްދިނުމުގައި އެހީތެރިވެދެއްވި ޖީލުގެ ތެރޭގަ އެވެ.
ޕްރިންސިޕަލް މޫސާ މުހައްމަދު ދީދީ މަޖީދިއްޔާގެ ހުންގާނާ ހަވާލުވެވަޑައިގަތީ އެ ސްކޫލު އާލާވަމުން އައި ދުވަސްވަރުގަ އެވެ. އަދި އެމަނިކުފާނު ވެވަޑައިގަތީ އެތައް ދިވެހި ދަރިންތަކަކަށް ތައުލީމު އުނގަންނައިދީ ހިތްވަރުދޭނެ މުއައްސަސާއެއްގެ ގޮތުގައި އެ ސްކޫލު ދެމެހެއްޓުމުގެ މުހިންމު ބައިވެރިއަކަށެވެ. އެމަނިކުފާނު ކުރިއަށް ނެރުއްވައި ގައުމީ ފަހުރަކަށް ވާން ތައްޔާރުވަމުންދިޔަ ޅަފަތުގެ މުއައްސަސާއެކެވެ.
ޕްރިންސިޕަލް މޫސާ މުހައްމަދު ދީދީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1932 ވަނަ އަހަރުން ފެށިގެން 1940 އަހަރާ ހަމައަށެވެ.
އިބްރާހިމް ރުޝްދީ
އިބްރާހިމް ރުޝްދީއަކީ މަތީ ދަރަޖައިގެ އިލްމުވެރިއެކެވެ. ބަހާއި އަދަބިއްޔާތުގެ ވެސް މާހިރެކެވެ. މަޖީދިއްޔާ ސްކޫލު ފެށިގެން އައި ދުވަސްވަރު އެ ސްކޫލުގެ ހާއްސަ މަގާމެއް ފުރުއްވައިފަ އެވެ. އޭގެ އިތުރުން އެ ސްކޫލުގެ ފުރަތަމަ މުދަރިސުންގެ ތެރޭގައި ވެސް ހިމެނެ އެވެ.
އައްޝައިހް މުހައްމަދު ނަސީރު މަނިކު
އިލްމީ ގޮތުން ފާހަގަކޮށްލެވޭ ހިދުމަތްތެރިޔާ އައްޝައިހް މުހައްމަދު ނަސީރު މަނިކު މަޖީދިއްޔާ ސްކޫލާ ހަވާލުވީ 1941ގަ އެވެ. އާންމުކޮށް ނައިބު މަނިކުގެ ނަމުން މަޝްހޫރުވެފައިވާ ޝައިހް ވަނީ ފަހުން ރާއްޖޭގެ ޝަރުއީ ދާއިރާގެ އެންމެ އިސް މަގާމުތައް ވެސް ފުރުއްވައިފަ އެވެ. އެއީ އިލްމާއި އަހުލާގާއި ހިދުމަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ހަޔާތްޕުޅެއްގެ ހެއްކެކެވެ.
މަޖީދިއްޔާގެ ތިން ވަނަ ޕްރިންސިޕަލްގެ ހައިސިއްޔަތުން ޝައިހް މުހައްމަދު ނަސީރު މަނިކު ހިމެނިވަޑައިގެނެވީ ރާއްޖޭގައި އަލަށް ތައާރަފްވި ރަސްމީ ތައުލީމީ ނިޒާމުގެ ބިންގާ ވަރުގަދަ ކޮށްދެއްވި އިސްވާރު ތައުލީމީ ޖީލުގެ ބޭފުޅުންގެ ތެރޭގަ އެވެ.
އެ ސްކޫލުގެ ޕްރިންސިޕަލްކަން ޝައިހް މުހައްމަދު ނަސީރު މަނިކު ވަނީ ފަސް އަހަރު ކުރައްވައިފަ އެވެ. އެއީ 1946 ވަނަ އަހަރާ ހަމައަށެވެ.
ސުމުއްވުލްއަމީރު މުހައްމަދު އަމީން ދީދީ
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި މަޖީދިއްޔާ ސްކޫލާ ދެމެދު އޮތީ ވަރަށް ވަރުގަދަ ގުޅުމެކެވެ.
މަޖީދިއްޔާ ސްކޫލް އެންމެ ފުރަތަމަ އުފެދުނު މަދަރުސަތުއް ސަލާހިއްޔާގެ ނަމުން މަދަރުސަތުއް ސަނިއްޔާގެ ނަމަށް ބަދަލުވެފައި އޮތުމަށްފަހު، އެ ސްކޫލުގެ ނަން މަދަރުސަތުލް މަޖީދިއްޔާގެ ނަމަށް ބަދަލުކުރެއްވީ މުހައްމަދު އަމީން ދީދީގެ ވެރިކަމުގަ އެވެ.
އެ ނަން ނިސްބަތްވަނީ އައްސުލްތާން އަބްދުލް މަޖީދު ދީދީއަށެވެ.
މުޙައްމަދު އަމީން ދީދީ ވަނީ 1946 އިން 1953 އަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަން ވެސް ކުރައްވާފަ އެވެ. އެމަނިކުފާނުގެ ދައުރުގައި މަޖީދިއްޔާ ސްކޫލުގެ ތައުލީމީ ފެންވަރު މަތިކުރުމަށާއި ޒަމާނީ ތައުލީމު ރާއްޖެއަށް ތައާރަފުކުރުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އެވެ. އަދި އޭރުގެ ސްކޫލު ހިންގުމުގެ ނިޒާމު ވަރުގަދަކޮށް، ދަރިވަރުންގެ ކިބައިގައި އަދަބުއަހުލާގާއި ހުނަރު އަށަގެންނެވުމަށް ހާއްސަ އިސްކަމެއް ދެއްވި އެވެ.
އައްނަބީލް އިބްރާހިމް ފަރީދު ދީދީ
އައްނަބީލް އިބްރާހިމް ފަރީދު ދީދީއަކީ ރާއްޖޭގެ ތާރީހުގައި ފާހަގަކޮށްލެވޭ ޝާހީ އާއިލާގެ ބޭފުޅެކެވެ. އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ފަހުގެ ރަސްކަލުން އައްސުލްތާން މުހައްމަދު ފަރީދު ދީދީގެ ކޮއްކޯފުޅެވެ. އަދި އެމަނިކުފާނުގެ ބައްޕާފުޅަކީ މަޖީދިއްޔާ ސްކޫލް ނިސްބަތްވާ ސުމުއްވުލް އަމީރު އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނެވެ.
އައްނަބީލް އިބްރާހިމް ފަރީދު ދީދީ ވަނީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީގެ އެންމެ އިސް މަގާމު، ކަމުގައިވާ ވަޒީރުލް މައާރިފް (މިނިސްޓާ އޮފް އެޑިޔުކޭޝަން) ކަން ކުރައްވާފަ އެވެ. މަޖީދިއްޔާ ސްކޫލް ހިމެނޭހެން ރާއްޖޭގެ ތައުލީމީ ކަންކަން ހިންގެވުމުގައި އިސް ދައުރެއް ވެސް އަދާކުރެއްވި އެވެ.
މީގެ އިތުރުން، މަޖީދިއްޔާ ސްކޫލަކީ އެމަނިކުފާނުގެ ބައްޕާފުޅުގެ ނަންފުޅަށް ނިސްބަތްކޮށް ނަންދެވިފައިވާ، ރާއްޖޭގެ އެންމެ ދުވަސްވީ ތައުލީމީ ބިނާ އެވެ.
އައްނަބީލް އިބްރާހިމް ފަރީދު ދީދީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވީ 1953 ވަނަ އްހަރުން ފެށިގެން 1954 ވަނަ އަހަރާ ހަމައަށެވެ.5
އަލީ އަހުމަދު
އަލީ އަހުމަދު މަޖީދިއްޔާގެ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1954 ވަނަ އަހަރުން ފެށިގެން 1956 ވަނަ އަހަރާ ހަމައަށެވެ.
އެ މުައްދަތުގައި ރާއްޖޭގެ ރަސްމީ ތައުލީމު މައިބަދައިގެ ގޮތުގައި މަޖީދިއްޔާގެ ދައުރު އިތުރަށް ހަރުދަނާ ވެގެން ދިޔަ އެވެ. އެއީ ކުރިއަށް އޮތް ޖީލުތަކަށް އޭނާ ބިނާކޮށްދެއްވި އަގުހުރި ދައުރެކެވެ.
އައްޝައިހް އަބްދުﷲ ފަހުމީ ދީދީ
ފަލީލަތުއްޝައިހް އަބްދުﷲ ފަހުމީ ދީދީ (ނުވަތަ އަބްދުﷲ ޖަލާލުއްދީން) އަކީ ދިވެހިރާއްޖޭގެ ތާރީހުދުށް އެންމެ މަޝްހޫރު އެއް ދީނީ ޢިލްމުވެރިޔާ، އަދީބު ޝާކިރެވެ. ޖަލާލުއްދީން ވަނީ މަޖީދއްޔާގެ ޕްރިންސިޕަލް ކަމުގެ މަގާމު ފުރުއްވާފަ އެވެ.
މަޖީދއްޔާ ސްކޫލާ ގުޅިވަޑައިގެންވީ 1956 ވަނަ އަހަރު އެވެ. އަވަހާރަވީ 1958 ވަނަ އަހަރު މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކަމުގައި ހުންނަވަނިކޮށެވެ.
މަޖީދިއްޔާގެ އިތުރުން، އެމަނިކުފާނަކީ ޅ. ހިންނަވަރުގައި ހުންނަ، ރާއްޖޭގެ ދެވަނައަށް އެންމެ ދުވަސްވީ ތައުލީމީ މުއައްސަސާ ކަމަށްވާ މަދުރަސަތުލް އިފްތިތާހް ގެ ބާނީވެސް މެއެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި އުއްތަމަ ފަނޑިޔާރުކަން ވެސް ކުރެއްވި އެވެ.
އައްޝައިހް މުހައްމަދު ޖަމީލު ދީދީ
އައްޝައިހް މުހައްމަދު ޖަމީލު ދީދީ އަކީ ރާއްޖެ ދެކުނު އެންމެ ފުންނާބު އުސް އިލްމުވެރިޔާ، އަދީބު އަދި ޅެންވެރިޔާ އެވެ. އެމަނިކުފާނަކީ ރާއްޖޭގެ ގައުމީ ސަލާމުގެ ޅެން 1948 ވަނަ އަހަރު ލިޔުއްވި ބޭފުޅާ އެވެ.
މުހައްމަދު ޖަމީލު ދީދީ ތައުލީމު ހާސިލްކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އެއަށް ފަހު މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން މަތީ ތައުލީމު ހާސިލްކުރެއްވި އެވެ.
މިސްރުން ކިޔަވާ ވިދާޅުވެގެން އެނބުރި ރާއްޖެ ވަޑައިގަތުމަށް ފަހު، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދީނީ އިލްމާއި ދިވެހި ބަސް އުނގަންނައިދެއްވުމުގައި ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި އެވެ.
މަޖީދިއްޔާ އާއި ރާއްޖޭގެ އެހެނިހެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރި ދިވެހި ބަހުގެ ގަވާއިދު ފޮތްތަކާއި (އަލްފިލާވަޅު)، ދީނިއްޔާތު ފޮތްތައް (ތައުލީމުއްދިޔާނާ) ލިޔުއްވީ އެމަނިކުފާނެވެ.
މަޖީދިއްޔާގައި ޖަމީލު ދީނީ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1958 ވަނަ އަހަރުން ފެށިގެން 1959 ވަނަ އަހަރާ ހަމައަށެވެ.
ޖޭވީ ހިލް
މަޖީދިއްޔާ ސްކޫލުގެ 10 ވަނަ ޕްރިންސިޕަލްގެ ހައިސިއްޔަތުން މިސްޓާ ޖޭވީ ހިލް ސްކޫލު ހިންގެވީ ކްލާސްރޫމުން ބޭރުގެ ތައުލީމަށް އިތުރު އަހައްމިޔަތުކަމެއް ދެމުންދިޔަ ދައުރެއްގަ އެވެ. އޭނާގެ ޒައާމަތުގައި 1961 ވަނަ އަހަރު މަޖީދއްޔާގައި ކަބް ސްކައުޓިން ތައާރަފްކުރި އެވެ. މިއީ އޭގެ ފަހު އަހަރުތަކުގައި ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ސްކައުޓިން ހަޔާތުގެ ބިންގާ އެޅިގެންދިޔަ ކަމެކެވެ.
އެމަނިކުފާނުގެ ދައުރުން ދައްކުވައިދެނީ ސްކޫލުގެ މާހައުލާމެދު ގެންގުޅުއްވި ތަރައްގީވަމުން އައި ތަސައްވަރެވެ. އެއީ ހަމަ އެކަނި ފޮތުގެ އިލްމަށް ނޫނަސް އަހުލާގާއި އަދަބުވެރިކަމާއި ގުޅިގެން މަސައްކަތް ކުރުމުގެ ރޫހާއި ލީޑާޝިޕަށް ވެސް އަގުދިން ތަސައްވުރެކެވެ.
އޭނާ ވަނީ 1960 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރަށް އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
ޖޯން ހައުސްލީ
ޖޯން ހައުަސްލީ މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1971 ވަނަ އަހަރުން ފެށިގެން 1974 ވަނަ އަަހަރާ ހަމައަށެވެ. އެއީ އެ ސްކޫލުގެ 11 ވަނަ ޕްރިންސިޕަލެވެ.
އޭނާ ޕްރިންސިޕަލް ކަމާ ހަވާލުވި އަހަރު ވެގެން ދިޔައީ މަޖީދއްޔާގެ ދަރިވަރުން ޕްރިފެކްޓް ފެށިގެން ދިޔަ އަހަރަށެވެ.
މިއީ އެ ސްކޫލު މަޝްހޫރުވެގެން ދިޔަ އަހުލާގާއި ޒިންމާދާރުކަމާއި ލީޑާޝިޕާއި އާދާކާދަތަކުގެ މައްޗަށް ބައްޓަންވެގެން ދިޔަ ޖީލެއްގެ ހަނދާނެކެވެ.
އަލީ އަހްތަރު ޒައިދީ
އަލީ އަހްތަރު ޒައިދީ މަޖީދިއްޔާ ސްކޫލުގައި ހުންނެވީ 1975 ވަނަ އަހަރުން ފެށިގެން 1979 ވަނަ އަހަރާ ހަމައަށެވެ. އެއީ މަޖީދިއްޔާ ސްކޫލުގެ 13 ވަނަ ޕްރިންސިޕަލެވެ.
އެންޑީ އަބްދުލް ހަމީދު
އަބްދުލް ހަމީދު އެ ސްކޫލުގައި ހުންނެވީ 1980 ވަނަ އަހަރުން ފެށިގެން 1982 ވަނަ އަހަރާ ހަމައަށެވެ. އޭނަގެ ޕްރިންސިޕަލް ކަމުގައި ދިވެހި ޒުވާނުން ބިނާކުރުމަށް އެ ސްކޫލުން ޒަމާނުއްސުރެ ގެންގުޅު މަސައްކަތް ފުޅާކުރެއްވާ ކުރިއަށް ގެންދެވި އެވެ.
ރެކޯޑުތަކުން ދައްކާ ގޮތުން އެ ދުވަސްވަރު ވެގެން ގޮސްފައި ވަނީ ރާއްޖެއިން ބޭރުން ވަޑައިގެންނެވި ބޭފުޅުން އެ ސްކޫލުގެ ދަރިވަރުންނަށް ބަހުގެ އިލްމު ވެސް އުގަންނަވައިދެއްވަން ފެއްތެވި ދުވަސްވަރަކަށެވެ.
ޕީއެލްކޭ ޕަތީރާޖް
ޕީއެލްކޭ އެ ސްކޫލުގެ ޕްރިންސިޕަލް ކަމުގައި ހުންނެވީ 1983 ވަނަ އަހަރުން ގެށިގެން 1984 ވަނަ އަހަރާ ހަމައަށެވެ.
އެ ސްކޫލުގެ ވެރިންގެ ޖީލުތަކާއެކު މަޖީދިއްޔާގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ޒަމާންޗީ ސަގާފަތް ދަމަހައްޓަމުންއެ ސްކޫލު ދިޔައީ މެދުކެނޑުމެއްނެތި ކުރިއަރަމުންނެވެ.
އެސްޖީ ސެމިއުލް
އެސްޖީ ސެމިއުލް ވެގެން ދިޔައީ އެއް ފަހަރަށްވުރެ ގިނަ ފަހަރު އެ ސްކޫލުގައި ޕްރިންސިޕަލްކަން ކުރެއްވި ހަމަ އެކަނި ޕްރިންސިޕަލަށެވެ. އޭނާ ފުރަތަމަ ޕްރިންސިޕަލްކަން ކުރެއްވީ 1985 ވަނަ އަހަރުން ފެށިގެން 1989 ވަނަ އަހަރާ ހަމައަށެވެ. އެއަށްފަހު 1991 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރާ ހަމައަށް ވެސް ވަނީ އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރައްވައިފަ އެވެ.
އެގޮތުން ފުރަތަމަ ހުންނެވީ އެ ސްކޫލުގެ 15 ވަނަ ޕްރިންސިޕަލުގެ ގޮތުގަ އެވެ، އެއަށްފަހު 17 ވަނަ ޕްރިންސިޕަލުގެ ގޮތުގަ އެވެ.
ސްކޫލުގެ ދިގު ރާސްތާގެ ތަފާތު ދެ ބާބެއްގައި އޭނާއަށް ކުރެއްވި އިތުބާރާއި އަދާކުރެއްވި ޒިންމާ ދައްކުވައިދެ އެވެ.
ބީޖީ ޗަންދަރަސޭކަރަ
ބީޖީ ޗަންދަރަސޭކަރަ އެ ސްކޫލުގައި ހުންނެވީ 1990 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމައަށެވެ.
އޭނާގެ ޕްރިންސިޕަލްކަން ވެގެން ދިޔައީ އެ ސްކޫލުގެ އުނގެނުމާއި އަދަބު އަހުލާގާއި ޝަހުސިއްޔަތު ބިނާކުރުމުގެ ޒަމާންވީ ސަގާފަތް ކުރިއަރައިގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅަކަށެވެ.
ޑރ. އަބްދުލް މުހިސިން މުހައްމަދު
ޑރ. އަބްދުލް މުހިސިން މުހައްމަދު އެ ސްކޫލުގެ ޕްރިންސިޕަލްކަން ކުރެއްވީ 1995 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރަށެވެ.
އަބްދުލް މުހިސިން މުހައްމަދު ވަނީ އެމްކިޔުއޭގެ ވެރިޔާގެ މަގާމާއި އެޑިޔުކޭޘަން މިނިސްޓްރިގެ ޕާމަނަންޓް ސެކްރަޓަރީގެ މަގާމު ފުރުއްވައިފަ އެވެ.އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް ފުރުއްވި އެވެ.
އޭނާ އަކީ މިހާރު ވެސް ރާއްޖޭގެ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ، އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޑިޕާޓްމަންޓް އޮފް އިންޖިނިއަރިންގައި ސީނިއާ ލެކްޗަރާއެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އޭނާ ވަނީ ފިޒިކްސްގެ ދާއިރާއިން ބީއެސްސީ އޮނާސް ހާސިލްކުރައްވާފަ އެވެ. އަދި 1994 ވަނަ އަހަރު ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކާޓޯއިން ޕީއެޗްޑީ ހާސިލްކުރެއްވި އެވެ.
ސީބީ ރަތަނަޔަކަ
ސީބީ ރަތަނަޔަކަ މަޖިދިއްޔާ ސްކޫލުގައި ހުންނެވީ 1999 ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ހަމައަށެވެ. އެ ސްކޫލުގެ 19 ވަނަ ޕްރިންސިޕަލަކީ އެ ސްކޫލުގެ އެތައް ޖީލެއްގެ މެދުގައި ސްކޫލުގެ ޝަހުސިއްޔަތު ބައްޓަން ކޮށްދީ އުނގެންނުމާއި އަހުލާގާއި ސުލޫކުގެ އަގުހުރި ހަމަތައް ދެމެހެއްޓުމެވެ.
އާރްއެމްބީޕީ އެމްބޮގަމަ
އެމްބޮގަމަ މަޖީދިއްޔާ ސްކޫލުގައި ހުންނެވީ އެއް އަހަރު އެވެ. އެއީ 200 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާ ހަމައަށެވެ.
އޭނާ ކުރެއްވި އެންމެ މުހިންމު އެއް މަސައްކަތަކީ ތައުލީމީ ތާރީހުގައި ފުންމިނަށް ބިންވަޅު ނަގާފައިވާ މުއައްސަސާއަކަށް މަގުދައްކަވައިދިނުމެވެ.
މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ ތައުލީމީ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ. އެތައް ޖީލެއްގެ ދަރިވަރުންނަށް ހިދުމަތްކުރުމުގައި މަޖީދިއްޔާއިން ކުރަމުންދާ ދަތުރުގެ މުހިންމު ބައިވެރިއެކެވެ.
ޖޯން މެތިއު
އެނާ ޕްރިންސިޕަލްކަން ކުރެއްވީ 2003 އިން ފެށިގެން 2007 ވަނަ އަހަރާ ހަމައަށެވެ.
ރާއްޖޭގެ ތައުލީމަށް 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ޖޯން ވަނީ ބައިނަލް އަގުވާމީ ފެންވަރުގައި ބަލައިގަންނާނެ ފެންވަރުގެ ސާނަވީ ތައުލީމު ފޯރުކޮށްދެއްވައިފަ އެވެ. އެގޮތުން މަޖީދިއްޔާގައި ހުންނެވި ދުވަސްވަރު ފާހަގަ ކޮށްލެވެ އެެވެ.
ޑރ. އަބްދުﷲ ރަޝީދު
ޢަބްދުﷲ ރަޝީދު އަހުމަދުއަކީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ، ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ މާލޭގެ މަޝްހޫރު މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މަޖީދިއްޔާގެ ޕްރިންސިޕަލްކަން ކުރެއްވީ 2016 އިން ފެށިގެން 2017 އަށެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްޓޭޓް މިނިސްޓަރުކަމާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިސްވެރިޔާގެ މަގާމު ފުރުއްވާފަ އެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލްކަމާއި، ތަފާތު ކޮލެޖުތަކުގެ (އެވިޑް ކޮލެޖް، ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް) ވައިސް ރެކްޓަރ އަދި އެސިސްޓަންޓް ޕްރޮފެސަރުކަން ކުރައްވާފައިވެ އެވެ. އޭގެ އިތުރުން 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ޕްރިންސިޕަލްގެ ލަގަބު އެމަނިކުފާނަށް ލިބިވަޑައިގެންފައިވެ އެވެ.
އާއިޝަތު މުހައްމަދު ސޯލިހް
އާއިޝަތު މުހައްމަދު ސޯލިހް އަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދައްތަ އެވެ.
އާއިޝަތު މުހައްމަދު ސޯލިހް ވަނީ ތައުލީމީ ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އޭނާ ވަނީ މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް ކަމާއި ތާޖުއްދީން ސުކޫލުގެ ޕްރިންސިޕަލްކަން ވެސް ކުރައްވާފަ އެވެ.އޭނާ މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް ކަމުގެ މަގާމުން ރަސްމީކޮށް މުސްކުޅިކުރައްވާފައި ވަނީ ޖެނުއަރީ 2025 ގައެވެ.
އަހުމަދު މުޖާހިދު
މަޖީދިއްޔާ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް އަހުމަދު މުޖާހިދު ޕްރިންސިޕަލްކަމުގެ މަގާމަށް އައްޔަންކުރެއްވީ ފެބްރުއަރީ 18، 2025 ވަނަ ދުވަހު އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު މުހައްމަދު ސޯލިހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
މުޖާހިދު ވަނީ މިއަދާ ހަމައަށް ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކަކު ހިދުމަތްކުރައްވާފަ އެވެ. އަދި މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
އެ ސްކޫލާ ހަވާލުވި ފަހުން މުޖާހިދުގެ ޕްރިންސިޕަލް ކަމުގައި އަންނަންް އޮތް ޖީލުގެ މުސްތަގުބަލަށް ތައްޔާރުވުމުގެ ގޮތުން ވަނީ އާ ބާބެއް ފަށައިފަ އެވެ.
އެގޮތުން އެ ސްކޫލަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ.
ފޮޓޯ ގެލަރީއާ ގުޅޭގޮތުން، މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އަހުމަދު އަފްއާލް ވިދާޅުވީ އެ ޕްރިންސިޕަލުންނަކީ އެ ސްކޫލަށް ހިދުމަތް ކުރެއްވިކަން ރަސްމީ ތާރީހުތަކުންނާއި ލިޔެކިޔުންތަކުން ފެންނަން ހުރި ބޭފުޅުން ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން ހިދުމަތް ކުރެއްވި ޕްރިންސިޕަލުންގެ ފޮޓޯ ހެދުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް އިންހޭންސް ބޭނުން ކޮށްފައިވާނެ ކަމަށެވެ.
މަޖީދިއްޔާ ސްކޫލަށް އަންނަ އަހަރު 100 އަހަރު ފުރޭތީ، އެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް އެ ސްކޫލުން އަންނަނީ ތައްޔާރުވަމުންނެވެ. އެ ސްކޫލަށް ގަރުނެއް ފުރުން ފާހަގަކުރުމަށް 2024 ވަނަ އަހަރު ވަނީ ހާއްސަ ކައުންޓްޑައުނެއް ވެސް ފަށައިފަ އެވެ.