ގާތްގަނޑަކަށް 50 އަހަރު ވަންދެން ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވި އަދި ގިނަ ބަޔަކަށް މަޝްހޫރު ދިވެހި މުދައްރިސް، މޫސާ އަލީ މިއަދު ނިޔާވެއްޖެ އެވެ.

މޫސާ އަލީ ނިޔާވީ ބަލިވެ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަނިކޮށެވެ.

މޫސާ އަލީ ވަނީ މެދުކެނޑުމެއްނެތި 49 އަހަރާއި 10 މަހާއި 14 ދުވަހު ދައުލަތަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ހިދުމަތުން ރިޓަޔާ ކުރެއްވީ 2008 ގައި ގާނޫނަށް ގެނައި ބަދަލަކާ އެކު މޭ 1، 2008 ގަ އެވެ. 

އުމުރުން އެންމެ 16 އަހަރުގައި ޖޫން 17، 1958 ގައި ދައުލަތުގެ ވަޒީފާއަށް ވަދެވަޑައިގެންނެވި މޫސާ އަލީ ފުރަތަމަ މަސައްކަތް ކުރެއްވީ ހަމީދިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގަ އެވެ. އެ މަގާމުގައި 14 މަސް ވަންދެން ހުންނެވި އެވެ. 

އޭގެ ފަހުން ވެސް ސަރުކާރުގެ އެކިއެކި މަގާމުތައް ފުރުއްވައި ސްރީ ލަންކާގައި ތިބޭ ދިވެހި ކުދިންނަށް ކިޔަވައި ދެއްވަން 8 އަހަރު ވަންދެން އެ ގައުމުގައި އުޅުއްވި އެވެ.

އޭނާ އަމީނިއްޔާ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި ހަމަޖެއްސީ ނޮވެމްބަރު 7، 1967 ގަ އެވެ. ގާތްގަނޑަކަށް ހަތަރު އަހަރާއި ބައިގެ މުއްދަތަށް އަމީނިއްޔާގައި ހިދުމަތް ކުރެއްވުމަށް ފަހު، އޭރުގެ އެއާޕޯޓް އޮފީހާއި ޓެލެކޮމިޔުނިކޭޝަންސް ޑިޕާޓްމަންޓުގައި ހަތް އަހަރާއި ތިން މަސްދުވަހުގެ މުއްދަތަށް، ވަޔާލެސް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ.

ދިވެހިބަހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ނޮވެމްބަރު 25، 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭރުގެ ރައީސް މައުމޫންގެ އަތްޕުޅުން މޫސާ އަލީއަށް ދެއްވަނީ.
ދިވެހިބަހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން ނޮވެމްބަރު 25، 1996 ގައި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އޭރުގެ ރައީސް މައުމޫންގެ އަތްޕުޅުން މޫސާ އަލީއަށް ދެއްވަނީ.

އޭގެ ފަހުން އަނެއްކާ ވެސް އަމީނިއްޔާގެ މުދައްރިސަކަށް ބަދަލުކުރުމުން އެ ސްކޫލްގައި 28 އަހަރާއި ނުވަ މަހަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި އެވެ. އެ މުއްދަތުގެ ތެރޭގައި މުދައްރިސް ކަމާއި ދިވެހި މުދައްރިސް ކަމާއި ސުޕަވައިޒަރުގެ މަގާމު ފުރުއްވި އެވެ.

އަމީނިއްޔާގެ ސަގާފީ ހަރަކާތްތަކަށް އެހީވެދެއްވާ މުދައްރިސްގެ މަގާމު ވެސް 24 އަހަރާއި ތިން މަސް ދުވަހު އަދި ދިވެހި ހެޑް އޮފް ޑިޕާޓްމަންޓުގެ މަގާމު 20 އަހަރު ދުވަސް ވަންދެން މޫސާ އަލީ އަދާކުރެއްވި އެވެ.

އަމީނިއްޔާގައި އުޅުއްވަމުން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ އިމްތިހާނު ކޮމިޓީގެ މެންބަރުކަން 15 އަހަރާއި 10 މަސް ދުވަހު އަދާކުރެއްވި އެވެ.

އަމީނިއްޔާގެ ދިވެހި އަދަބީ ޖަމިއްޔާ "އެކުވެރިކަމުގެ ޗޭނު" އުފައްދަވައި، މޫސާ އަލީގެ މަސްއޫލުވެރިކަމުގެ ދަށުން މެދުނުކެނޑި 25 އަހަރު ހިންގެވި އެވެ. މީގެ އިތުރުން، 1980 ވަނަ އަހަރު ފެށި އަސާސީ ތައުލީމުގެ މަޝްރޫއުގެ ކުލާސްތަކުގައި ކިޔަވައިދެއްވި އެވެ. އަދި އެ ދުވަސްވަރު މާލޭގައި ހިންގި އަމިއްލަ އެންމެ މަޝްހޫރު އެއް ސްކޫލް އީޕީއެސްއެސްގައި 25 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދިވެއްސާއި އިސްލާމް މާއްދާ ކިޔަވައި ދެއްވާފައި ވެ އެވެ.

ކިޔަވައި ދެއްވުމުގެ އިތުރުން ފޮތްތައް ލިޔުއްވުމުގައި ވެސް އެއީ ކުޅަދާނެ ބޭފުޅެކެވެ.

މޫސާ އަލީއަށް ވަނީ މިނިވަން 25 ގެ އިނާމާއި ދިވެހި ބަހަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ. އޭނާއަށް އެންމެ ފަހުން 2023 ގައި ލިބިވަޑައިގަތީ ދިވެހި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމެވެ.