ރިޕޯޓް

މާޅޮހު މަރު: ގާތިލު ހޯދޭނެތޯ އެތައް ސުވާލެއް

މާޅޮހުގައި އަބްދުއްރަހުމާން އާދަމް ދިރިއުޅުނު މާހިޔަ ސަރަހައްދު ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

17 ޖުލައި 2025 - 08:37

30 comments

ނ. މަނަދޫގައި، އެކަނިމާއެކަނި ދިރިއުޅެމުން އައި ނައީމާ މޫސާ މަރާލަން އެ ގުރޫޕުގެ މީހުން އެ ގެ އަށް ވަނީ އެއްވެސް ހެއްކެއް ނުލިބޭނެކަން ކަށަވަރު ކުރުމަށްޓަކައި ހެޒްމެޓް ސޫޓް ލައިގެންނެވެ. އެެއީ ނައީމާ މަރާލަން ދުރާލައި ތައްޔާރުވެ ހޯދި ސާމާނެވެ. އޭގެ ތެރޭގައި ކޮވިޑް ތެރޭ އެ ރަށަށް ގެންގޮސްފައި ހުރި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް (ޕީޕީއީ)ގެ ސާމާނުތައް ހިމެނެ އެވެ.

ހެއްކެއް، ނިޝާނެއް ފެންނަން ނެތި ގިނަ ދުވަސްތަކެއް ވުމުން މަނަދޫގައި ހާސްކަން އިތުރުވި އެވެ. ގާތިލުން އާންމުންގެ ތެރޭގައި އުޅުމުގެ ކަންބޮޑުވުން އެ ރަށުގައި އިންތިހާ އަށް އޮތެވެ. އެކަމަކު، ވަރަށް ރަހުމުކުޑަގޮތަކަށް ނައީމާ މަރާލާފައި އޮއްވައި އޭޕްރީލް 7، 2023 ވަނަ ދުވަހު ފެނުނު ފަހުން ފުލުހުން ހިންގި އުނދަގޫ އަދި ބޮޑު އޮޕަރޭޝަނަށް މަހެއްހާ ދުވަސް ވީތަނާ، އެ ކަމުގައި ހިމެނުނު އެންމެން ހޯދި އެވެ.

އޭގެ ދޮޅު އަހަރު ފަހުން އަނެއްކާވެސް އެފަދަ "ރޭވުންތެރި" އަދި ރަހުމްކުޑަ ގޮތަކަށް އުމުރުން 65 އަހަރުގެ މީހަކު އއ. މާޅޮހުގައި މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރު މަރާލާފައި އޮއްވައި ވަނީ ފެނިފަ އެވެ. އެ ރަށު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނުތާ ހަފުތާއެއް ވާއިރު ވެސް އެއްވެސް ހެއްކެއް، ނިޝާނެއް ފެނުނު ކަމަކަށް ނުވެ އެވެ. ނުވިތާކަށް މި މައްސަލާގައި ޝައްކުވާ މީހަކު ހުރި ކަމަކަށް ވެސް ފުލުހުންނަކަށް އަދި ނޭނގޭ ކަމަށް ވެ އެވެ.

މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް.

ނަމަވެސް އުމުރުން 65 އަހަރެއް ކަމަކު މާޅޮހުގައި ހުރި "އެންމެ ވަރުގަދަ މީހާ" ކަމަށް އެ ރަށުގެ އެންމެން އިއްތިފާގުވާ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނުނު މީހުންގެ އިނގިއްޔާއި ފައިގެ ނިޝާން ނެގުން ފަދަ ކަންކަން ފުލުހުން އަންނަނީ ކުރަމުންނެވެ. ރަށުގެ އެކި މީސްމީހުންނާ ސުވާލުކުރުމާއި މާޅޮހުގައި ހުރި މަދު ސީސީޓިވީ ކެމެރާތައް ބެލުން ފަދަ ކަންކަން ކޮށްފި އެވެ. އެކަމަކު، އެއިން އެއްވެސް ކެމެރާއެއް ހުރީ އަބްދުއްރަހާމާން ދިރިއުޅުނު އޭނާގެ އަންހެނުން މާހިޔަގެ ހިމެނޭ ސަރަހައްދު އަރާ ގޮތަކަށް ނޫނެވެ.

ކަން ކޮށްފައިވާ ގޮތަށް ބަލާއިރު ފެންނަނީ ވަރަށް ބޮޑަށް ރާވައިގެން އުޅުނު ކަމެވެ. ދުރާލައި ރާވައިގެން އަދި ހެކި ވެސް ފޮރުވަން ކުރެވުނުހާ ކަމެއް ކޮށްފައިވާ ކަމެވެ. ނައީމާ މަރާލި ކޭސްގައި ހިމެނުނު މީހުން ގޮތަށް ގާތިލު ނުވަތަ ގާތިލުން ތިބީ ފޮރުވިގެންނެވެ. އެ މީހުން ނޫނީ އެ ބަޔަކު ތިބީ އާންމުންގެ ތެރޭގަ އެވެ.

ހަފުތާއެއް ވާއިރު ފުލުހުން އަދިވެސް ތިބީ އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްގެންނެވެ. އެ ގެ އަށް އެއްވެސް މީހަކު ވަނުން މަނަލެވެ. އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމް ވެސް މިހާރު އުޅެނީ އެހެން ގެއެއްގަ އެވެ.

ރަށުތެރޭގައި އެކި ގޮތަށް އެކި ވާހަކަ

އަބްދުއްރަހުމާން މަރާލިތާ 12 ވަރަކަށް ގަޑިއިރު ފަހުން "މިހާރު" ގެ ނޫސްވެރިން މާޅޮހަށް ގޮސް އެ ރަށުގެ އެކި މީހުންނާ ވާހަކަ ދެއްކުމުން ފާހަގަވި އެއް ކަމަކީ އެއްބަޔަކު އަނެއް ބަޔަކު ދައްކާ ވާހަކަތައް ދިމާނުވާ ކަމެވެ. ދައްކާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރި ކަމެވެ. އެއާ އެކު، މާޅޮހުގެ މީހަކު އެފަދަ ލާއިންސާނީ އަމަލެއް ހިންގަފާނެ ކަމަކަށް އެ ރަށުގެ ގިނަ މީހުން ގަބޫލެއް ނުކުރެ އެވެ.

އަބްދުއްރަހުމާން މަރާލާފައި އޮއްވައި ފެނުނުއިރު އެ ގޭގައި އެ ދުވަސްކޮޅު ދިރިއުޅުނީ އޭނާ އާއި އަންހެނުން ނާޒިމާ އެވެ. އެ މީހުން ތިން ފިރިހެން ކުދިންގެ ތެރެއިން ރަށުގައި ދިރިއުޅޭ އެ އާއިލާގެ ދެވަނަ ދަރިފުޅު ނިމާލް އެ ދުވަސްވަރު ހުރީ ލަންކާ އަށް ދަތުރެއް ކުރަން ޖެހޭތީ މާލޭގަ އެވެ. ނިމާލް އާއި އޭނާގެ އަންހެނުން ވެސް ދިރިއުޅެނީ އަބްދުއްރަހުމާންގެ ދެމަފިރިންނާ އެކު މާހިޔައިގައި ކަމަށް ވިޔަސް ނިމާލް މާލެ އަންނަން ޖެހޭތީ އަންހެނުންގެ ރަށް އުކުޅަހަށް ވަގުތީ ގޮތުން ބަދަލުކުރި އެވެ.

އަބްދުއްރަހުމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނު ރޭ އެ ދެމަފިރިން ނިދީ ދެ ކޮޓަރީގަ އެވެ. އެކަމަކު، އެ ވާހަކަތައް އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އެއްބަޔަކު ބުނަނީ އެ ގޮތަށް އެ ދެމަފިރިން ނިދަން ޖެހުނީ ނިމާލް މާލެ އަންނަން ޖެހުމުން އޭނާގެ ކޮޓަރީގައި އަގު ބޮޑު ސާމާނު ހުންނާތީ ނިމާލްގެ ކޮޓަރީގައި ނިދަން އެދުމުން ކަމަށެވެ.

"ނިމާލް ފުރައިގެން ދަމުން އަބްދުއްރަހުމާން ކައިރީގައި ބުނީ ބައްޕާއޭ ކޮޓަރީގައި ވަރަށް އަގު ބޮޑު ސާމާނުތައް ހުންނާނެއޭ. އެ ކޮޓަރީގައި ނިދާށޭ ތިމަންނަ އަންނަންދެން. އެކަމަކު ނިމާލްގެ ކޮޓަރީގައި ނިދަން ފެށީ ނާޒިމާ. އަބްދުއްރަހުމާން ނިދީ އެ ދެމަފިރިންގެ ކޮޓަރީގައި،" ކަން ހިނގި ގޮތް ކިޔައި ދެމުން އަބްދުއްރަހުމާންގެ ގާތް އެކުވެރިއަކު "މިހާރު" އާ ހިއްސާ ކުރި އެވެ. އެއީ އަބްދުއްރަހުމާން މަރާލި ދުވަހުގެ ކުރީ ދުވަހު ހަވީރު ވެސް ދިމާވި މީހެކެވެ.

އެ ވާހަކަ ލިޔުމުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ އެހާ އަގު ބޮޑު ސާމާނު ހުރި ގެއެއް ތަޅުނުލައި ނިދަން ޖެހުނު ސަބަބެވެ. މީހަކު އެ ކޮޓަރީގައި ނިދުމާ އެކު، ގެ ވެސް ހުންނަން ޖެހޭނީ އެ ހާލަތުގައި ތަޅުޅާފައި ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ.

ނަމަވެސް އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި ފެނިގެން އެ ގެ އަށް އެ ރޭ ދަންވަރު ގޮސް އޭނާ ހޮސްޕިޓަލަށް ގެންދަން އެހީތެރިވި މީހުން ކިޔައިދިން ގޮތުގައި ނާޒިމާ ނިދާފައި އޮތީ އެހެން ކޮޓަރިއެއްގަ އެވެ. ނިމާލްގެ ކޮޓަރިއަކު ނޫނެވެ. އަބްދުއްރަހުމާން ނިދާފައި އޮތީ އަބަދުވެސް ދެމަފިރިންނަށް ހާއްސަ ކޮޓަރީގައި ކަމަށް އެ ގެ އަށް އެ ރޭ ވަން މީހުން ކިޔައިދިނެވެ.

ފުލުހުންނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ދެމަފިރިން ދެ ކޮޓަރީގައި ނިދަން ފެށީ ނާޒިމާގެ މަންމަ ވަރަށް ބޮޑަށް ބަލިވި ފަހުންނެވެ. މަންމަ ވަރަށް ބޮޑަށް ބަލިވުމުން މަންމައާ އެކު ނިދަން އާދަވި ގޮތަށް، މަންމަ ނިޔާވުމުން ވެސް އެކަން އެ ގޮތުގައި އޮތީ ކަމަށް ފުލުހުންނާ އާއިލާ އިން ހިއްސާކުރި މައުލޫމާތުތަކުގައި ވެ އެވެ.

އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަ: މިއީ އޭނާގެ އަންހެނުން ނާޒިމާގެ ގެ.

"މިހާރު" ގެ ނޫސްވެރިން މާޅޮހަށް ގޮސް އެ ހޫނުގަނޑު ތެރޭގައި ނާޒިމާއާ ސުވާލު ކުރުމުން ބުނެފައި ވަނީ އަބްދުއްރަހުމާނަށް ހަމަލަދީފައި އޮތްކަން އެނގުނީ ފާހާނާއަކަށް ދާން އެ ކޮޓަރި އަށް ވަން ވަގުތު "މަރަށް ތެޅެނިކޮށް" ފެނުމުން ކަމަށެވެ. ނާޒިމާއާ އިންޓަވިއު ކުރަނިކޮށް، އެ ވަގުތު އެހެން ބަޔަކު ގޮސް އޭނާ ހުއްޓުވުމުން އޭގެ ފަހުން ނާޒިމާ މި މައްސަލާގައި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، އިތުރަށް ކަންކަން ވީ ގޮތެއް ނާޒިމާގެ ފަރާތުން ސާފެއް ނުވި އެވެ.

އެ ގޭގެ ތިން ކޮޓަރީގައި ވެސް ފާހާނާ ހުންނަ ކަމަށް ބުނާއިރު، ނާޒިމާ އެހެން ކޮޓަރިއެއްގެ ފާހާނާ އަށް ވަންނަން ޖެހުނު މައްސަލައިގެ ސުވާލު ވެސް އުފައްދަ އެވެ. ނާޒިމާ "މިހާރު" އާ ދެއްކި ވާހަކަތަކާ އިދިކޮޅަށް ވެސް އޭނާއާ ހަވާލާދީ ރަށުތެރޭގައި ވާހަކަތައް ދައްކަ އެވެ. އެހެންވެ، ރަށުގެ ތެރޭގައި މި މައްސަލާގައި އެކި ވާހަކަތައް ވަނީ ފެތުރިފަ އެވެ.

މަސްވެރިކަމުގައި އުޅޭ އަބްދުއްރަހުމާނަކީ މާޅޮހުގެ އެންމެން ވެސް ގަބޫލުކުރާ ގޮތުގައި ވަރަށް އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހެކެވެ. ފައިސާވެރިއެއް ނޫނެވެ. ދިރިއުޅުމުގެ ހަރަދުތައް ހަމަޖައްސަނީ އެކި ރަށްރަށުގެ ދޯނިތަކުން މަހަށް ގޮސްގެން ލިބޭ އެއްޗަކުންނެވެ. އުމުރުން 65 އަހަރު ވުމުން ދައުލަތުން ކޮންމެ މަހަކު ދޭ 5،000ރ. ވެސް ލިބެން ފެށީ ދާދި ފަހުންނެވެ. އެހެންވެ، ފައިސާގެ ބޭނުމުގައި އޭނާ މަރައިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގާތް މީހުންނާއި މާޅޮހުގެ އެހެން މީހުން ގަބޫލުކުރެ އެވެ.

ނަމަވެސް އާންމުކޮށް ރަށުގެ ތެރޭގައި ދައްކަން ނުކެރޭ އެއް ވާހަކަ އޮވެ އެވެ. ސިހުރުގެ ތުހުމަތެވެ. އެ ވާހަކަ ފާޅުގައި ނުދެއްކި ނަމަވެސް މާޅޮހުގެ މީހުންގެ "ސިއްރު" ލިސްޓުން ޖާގަ ހޯދާފައިވާކަން އެކި މީހުންގެ ވާހަކަތަކުން އެނގެ އެވެ. ކޮންމެވެސް ސަބަބަކާ ހެދި ސިހުރުގެ ވާހަކަތައް ތަފުސީލްކޮށް އެއްވެސް މީހަކު ކިޔައިދޭކަށް ބޭނުމެއް ނުވި އެވެ. އެކަމަކު، ބައެއް މީހުންގެ ހިތުތެރޭގައި އެ ވާހަކަ އޮންނަނީ ބާއްވައިފަ އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމުގެ މީހަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގައި ހަރަކާތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އަބްދުއްރަހުމާނާއި ސިހުރާ ގުޅުމެއް ނެތް ކަން އަންގައި ދިނުމަށް ގިނަ ބަޔަކު ބުނަނީ ކުޅިވަރު މުބާރާތަކުން މޮޅުވުން ފަދަ ކަމެއްގައި ވެސް "އެހީތެރިކަން ހޯދަން" ދުވަހަކު ވެސް އަބްދުއްރަހުމާން ކައިރި އަށް މީހަކު ނުދާ ކަމަށެވެ.

"އެކަމަކު، އެންމެން ވެސް މި ދަންނަ އާދައިގެ ނޫނީ އާންމު ފަންޑިތައް އޭނާ އަށް އެނގިދާނެ. އެ އަށް ވުރެ އިތުރަށް ސިހުރު ހެދުން ފަދަ ކަންކަން އަބްދުއްރަހުމާނަކަށް ނޭނގޭނެ. ކުއްޖަކު ބަލިވީމާ އެއްޗެއް ކިޔަވާލުން ފަދަ ކަންކަން އަބްދުއްރަހުމާން އެކަންޏެއް ނޫން، މި ރަށުގެ ގިނަ މީހުންނަށް އެ ވަރު އެނގޭނެ. އެއީ ސިހުރެއް ނޫން،" މާޅޮހުގެ މީހަކު ބުންޏެވެ.

އެހެންވެ، އަބްދުއްރަހުމާން މަރާލަން ޖެހޭ ސަބަބު އެއްވެސް ވަރަކަށް ނޭނގެ އެވެ. އެކި ކަންކަމާ ގުޅުވިޔަސް މާ ބޮޑު ހެއްކެއް ފެންނަ ގޮތަކަށް ފުލުހުންނާ ވެސް ރަށުން އަދި ވާހަކަ ނުދައްކާ ކަމަށް ވެ އެވެ.

މުޅިން އޮތީ ރަށް ދިފާއުކުރުން

މާޅޮހުގެ ކޮންމެ މީހަކާ ދިމާވިޔަސް އޮތީ އެ ކަމެވެ. ރަށުގައި ވައްކަމެއް، މާރާމާރީއެއް، މަސްތުވާތަކެތީގެ މައްސަލައެއް ނެތެވެ. މާޅޮހުގެ ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރުގެ ބަހުން ނަމަ އެއީ "ހަމަ ރެކޯޑެކޭ ވެސް ބުނެވިދާނެ" އެވެ. އެހާ ވެސް ރަނގަޅު މީހުން އުޅޭ ރަށެކެވެ.

"ވައްކަމުގެ އެއްވެސް ކަހަލަ މައްސަލައެއް މި ރަށުން ފާހަގައެއް ނުވޭ. މިތާނގެ ކައިރީގެ ރަށްރަށުގައި ސިމެންތި ގަށަން ބޭނުންކުރާ އެއްޗެހި ވެސް ތަޅުލައިގެން ގެންގުޅެން ޖެހޭނީ. މި ރަށުގައި ވެއްޖިއްޔާ މަގުމަތީގައި ކިތަންމެ އަގު ބޮޑު އެއްޗެއް ހުއްޓަސް އަޅައެއް ނުލާނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާޅޮހުގެ މީހުންގެ ރަނގަޅު ވާހަކަ ނުދައްކާ މީހަކާ އެ ރަށުން ދިމަލެއް ނުވި އެވެ. މަސްތުވާތަކެތީގެ ކަންތައްތަކުގައި އުޅޭ 2-3 ޒުވާނަކު މާޅޮހުގައި މީގެ ކުރިން އުޅުނަސް މި ވަގުތު އެ މީހުންނެއް ވެސް އެ ރަށުގައި ނެތް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް "މިހާރު" އާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އޭނާ ވިދާޅުވީ، އެހެންވެ މީހަކަށް ހަމަލަދީ، މަރާލަން ކެރޭ ވަރުގެ މީހަކު މިހާރު މާޅޮހުގައި ނޫޅޭނެ ކަމަށެވެ. ދެން އެންމެން ވެސް އިނގިލި ދިއްކުރަނީ ރަށުން ބޭރުން ބަޔަކު ދަންވަރު އަރައިގެން ގޮސް އަބްދުއްރަހުމާނަށް ހަމަލަދީ، މަރާލީ ކަމަށެވެ.

އެހެން ބަޔަކު ގަބޫލުކުރަނީ އެހެން ރަށެއްގެ ބަޔަކު މާޅޮހަށް އަރައިގެން ގޮސް އަބްދުއްރަހުމާނަށް ހަމަލަދިން ނަމަވެސް މާޅޮހުގެ މީހެއްގެ އެހީތެރިކަން ނެތި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށެވެ. މާޅޮހުގެ މީހަކާ ކޮންމެވެސް ގުޅުމެއް އޮންނާނެ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ.

"އަބްދުއްރަހުމާނަކީ ރަށުން ބޭރުގެ މަސްދޯނިތަކުން ވަރަށް ގިނައިން މަހަށް ދާ މީހުން. އެންމެ ގިނައިން ދާނީ އުކުޅަހު ދޯނިތަކުން. މާލެ އަތޮޅު ގުރައިދޫ ދޯނިތަކުން ވެސް ދާނެ. މާޅޮހުގައި މިހާރު މަހަށް ދާ ދޯނި ނެތުމުން އެހެން ރަށްރަށުގެ މީހުންނާ ވަރަށް ގުޅުން ބޮޑުވާނެ،" އަބްދުއްރަހުމާންގެ ގާތް މީހަކު ބުންޏެވެ.

އަބްދުއްރަހުމާން ދިރިއުޅުނު ގެ ހުންނަނީ ރަށުގެ ބިއްދޮށް ނުވަތަ ހުރަސް މަގު އަތިރިފަރާތު ސަރަހައްދުގައި ކަމަށް ވުމުން އެ ދިމާލުން ބަޔަކު ޑިންގީއެއްގައި ގޮސް އެފަދަ ޖަރީމާއެއް ހިންގިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެކަމަކު، އެހެން ރަށެއްގެ ބަޔަކު ބަނދަރަށް ފައިބައިގެން ރަށުތެރޭގައި އުޅޭ ނަމަ އެކަން ނޭނގި ނޯންނާނެ ކަމަށް މާޅޮހުގެ މީހުން ބުންޏެވެ.

ފުލުހުންގެ ތަހުގީގު ޓީމުގެ މެމްބަރަކު މާޅޮހުގެ ހުރަސް މަގު އަތިރިފަރާތުގެ ވާ ބޮޑު ސަރަހައްދެއް ބަލަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"ބަނދަރަށް ދޯންޏެއް ގާތް ކޮށްފިއްޔާ ގިނަ ބަޔަކަށް އެނގޭނެ. ބަނދަރު ސަރަހައްދުގައި ހުންނަ ހޮޓަލުގައި އުޅޭ މީހުންނަށް ފެންނާނެ. ބަނދަރު ސަރަހައްދުގައި އަބަދު މީހުން އުޅޭނެ ރޭގަނޑަކަސް. މިއީ ވަރަށް ލަހުން މީހުން ނިދާ ރަށެއް. ވަރަށް ދަންވަންދެން މީހުން އުޅޭނެ ހޮޓާތަކުގައި. އެހެންވެ، މި ރަށު ބަޔަކު ކަމެއް ކުރި ނަމަ ފަޅާ ނާރައި ނުދާނެ،" މާޅޮހުގެ ޒުވާނަކު ބުންޏެވެ.

މާޅޮހުގެ ހުރަސް މަގު އަތިރިފަރާތާ ދިމާލުން ދަންވަރު ޑިންގީތަކުގައި ރަށަށް އަރައި މަސްތުވާތަކެތީގެ މުއާމަލާތްތައް މީގެ ކުރިން ވެސް ކޮށްފައިވާ ކަމަށް އެ ރަށުގެ މީހުން ބުންޏެވެ. އެހެންވެ، ދެން އޮތް ޗާންސަކީ ހަމައެކަނި އެ ދިމާލެވެ. އެ ސަރަހައްދު ވެސް ފުލުހުން ފާސްކުރި އެވެ. ގާތިލުން ބޭނުންކުރި އެއްވެސް ހަތިޔާރެއް ފެނޭތޯ އެވެ.

އަބްދުއްރަހުމާން ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދުގައި ވެސް ހޮޓަލެއް ހުރެ އެވެ. އެ ތަން ބަންދުކޮށްފައި އެ ރޭ އެންމެ ފަހު މީހާ ގެ އަށް ދިޔަ ކަމަށް ވަނީ އެ ރޭގެ ދަންވަރު 12:40 ގަ އެވެ. އަބްދުއްރަހުމާނަށް ހަމަލަދީފައި އޮއްވައި އޭނާގެ އަންހެނުން ނާޒިމާ އަށް ފެނުނު ކަމަށް ބުނަނީ ވިއްސަކަށް މިނިޓް ފަހުން ނުވަތަ ދަންވަރު އެކެއް ޖަހާކަން ހާއިރެވެ.

އަބްދުއްރަހުމާން ދިރިއުޅުނު މާހިޔަގެ ހިމެނޭ ސަރަހައްދު.

"އެ ގަޑީގައި ވެސް ބައެއް ހޮޓާތަކުގައި މި ރަށުގެ ބައެއް މީހުން ސައިބޯން ތިބި. އެއީ އަބްދުއްރަހުމާނަށް ހަމަލަދިން ކަން އެނގިގެން ސައިކަލްގައި އަޅުގަނޑު ހޮޓާ ކުރިމަތިން މާ ބާރަށް ދިޔަ ތަން ފެނުމުން ބައެއް މީހުން އެ ވަގުތު ވެސް ގުޅި ވެގެން އުޅޭ ގޮތް ސާފުކުރަން. އެހެންވީމާ ރަށުތެރޭގައި ބައެއް މީހުން އޭރު ވެސް ހޭލާ އުޅުނު،" ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވި އެވެ.

މާޅޮހު އަބްދުއްރަހުމާންގެ މަރާލި މައްސަލަ ވެސް އަދި އޮތީ "ނާކާމިޔާބު" ތަހުގީގެއްގެ ގޮތުގަ އެވެ. އެކަމަކު، 450 އެއްހާ މީހުން ދިރިއުޅޭ ރަށެއްގައި ހިންގި މި ވަރުގެ ބޮޑު ޖަރީމާއެއްގެ ހަގީގަތް ފުލުހުންނަށް ހޯދެން ޖެހޭނެ ކަމަށް އެންމެން ވެސް ގަބޫލުކުރެ އެވެ. ފުލުހުންގެ ގާބިލްކަން އެ ހިސާބުގައި ހުންނަން ޖެހޭނެ ކަމަށް މާޅޮހުގެ އެންމެން ގަބޫލު ކުރެ އެވެ. ކައުންސިލްގެ ރައީސް އިސްމާއިލް ވިދާޅުވި ގޮތަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފި ނަމަ އެއީ ކާމިޔާބު ވާން ޖެހޭނެ ކަމެކެވެ.

އެކަމަކު، އޭގެ އަނެއްކޮޅަށް ބަލާއިރު މާޅޮހުގައި އޮތީ ރަށުގެ ނަން ކިލަނބުވެދާނެތީ އޮތް ބިރުވެރި ކަމެކެވެ. ރަށުގެ މީހެއްގެ ބޮލުގައި ބަދުނާމުގެ ޓެގް އެޅުވެން ބޭނުން ނުވާ މީހުން ވެސް އެހީ ގިނަ އެވެ.

30 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 57%
icon wow icon wow 14%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގޯތި ސޮރު

18 July 2025

ހަގީގަތަކީ ޕޮލިސް ފެއިލް ވުމެއް ނޫން. ސިޔާސީ މީހުންނާ ހުރެ ޕޮލިހުން ކުރާ ބުރަ މަސައްކަތް ފުލުން ދަނީ.

The name is already taken The name is available. Register?

އައިމިނާ

17 July 2025

އަމިއްލަ ރައުޔު. ފިރިޔަށް އެހާލު ޖެހިފަ އޮއްވާ ފެނުމުން ފުރަތަމަ ފޯނުން ނުއެއް ގުޅޭނެ. އެއް ގެއެއްގެ ވީމާ އަޑުއިވެންޖެހޭނެ.ރޭގަނޑުގެ ހަމަހިމޭން ކަމުގެތެރެއިން މީހަކަށް އެވަރުވާއިރު އަޑުވެސް ނެރެވުނުގޮތަކަށް ނެރޭނެކަމަށް ވިސްނޭ. ދަރިފުޅު ބައްޕަ ކައިރީ އެ ކޮޓަރީގަ ނިދާށޭ ބުނުމަކީ ދެމަފިރިންނަށް އެ ކޮޓަރީގަ ނުތިބެވޭނެ ސަބަބެއް ނޫން. މައްޔިތާ މާލެ ފުރުވި ގަޑީގަވެސް ފެނުނީ މާކަބޮޑު ކަންބޮޑުވުމެއް ނެތްކަން.

The name is already taken The name is available. Register?

ނެތިދާނެ

17 July 2025

އެއްކޮށް ނިދާ ނުއުޅޭތާ އެހާ ގިނަ ދުވަސްވީމަ އެދެމެދުގަ އެހާ ގާތް ގުޅުމެއް އޮންނާނެކަމަކަށް ގަބޫލެއްނުކުރެވޭ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ދެ ކޮޓަރީގަ ނިދާނީ ދުރުކަމެއް އޮންނާތީ. ބައެއް ކައިވެނިތަކަކަކީ ކައިވެނީގަ ދެމި ތިއްބަސް މަރުވެފައިވާ ކައިވެނި. އެފަދަ ކައިވެންޏަކަށް އެ ގުޅުންވާނަމަ ބައެއް ކަންކަމުގަ އިހްސާސްވުން ކުޑަވެދާނެ

The name is already taken The name is available. Register?

ހޮޓްކިންގ

17 July 2025

ނޫން. ފުލުހިން ކިތަންމެ ކިޔެވިޔަސް ގަޔަށް އަތްނުލައި ކުރަންޖެހޭ ތަހުގީގުތަކުގާ ނަތީޖާ ހޯދުމަށް ހަމަ ސުމެކޭ ބުނެވޭނީ. އެހެންނޫން މީހަކު ބަންދުކޮށް ތަޅާމަރައި ކަމަކަށް އެއްބަސްކުރުވަން ވަރަށް މޮޅުވާނެ. މި މަރުވެސް އެންމެ ފަހުން ކަނޑާލާނީ ހަމަ ޒަކިއްޔާގެ މަރުހެން އަމިއްލަބޮލަށް.

The name is already taken The name is available. Register?

‫ބިރު

18 July 2025

ތ‫ިޔަ އުޅެވެނީ އަދިވެސް 1900 އަހަރިތަކުގަ. 2025 އަށް ވަޑައިގަންނަވާ

The name is already taken The name is available. Register?

ތަހުގީގު

17 July 2025

އެހެން ރަށަކުން ބަޔަކު ފުރިއްޔާ ވެސް އެނގޭނެ. އެހެންވީމައި ލަފާކުތެވެނީ ތިޔަ ރަށުތެރޭގެ ކަމެއްހެން. އަންހެނުންގެ ވާހަކަވެސް ދިމައެއް ނުވޭ. ފުށުއެރުން އެބަހުރި.

The name is already taken The name is available. Register?

ޕޮލް

17 July 2025

ގާބިލުކަން ހުންނާނީ ވަކިވަރެއްގައި އިންސާނުންވީމަ. އެމްއެޗް ހޯދިއްޖެތަ؟ ކޮބާ މެޑެލިން؟ މިހެން ގޮސް ކިހާކަމެއްގެ ހަގީގަތް ނުހޯދި ހުރީ. އެހެންވީމަ ކިތަންމެ ޓެކްނޮލޮޖީއެއް ހުއްޓަސް ނުވާނެ ކަންކަން ހުންނާނެކަން ގަބޫލުކުރަންޖެހޭނެ

The name is already taken The name is available. Register?

ސަލީމު އިދުރީސް

17 July 2025

ވާޗުއްލު އޮޕުޓުސީއަކުން މަރުވީ އަމިއްލައްކަން ދެނެގަނެވޭނެ ކަމައް ގްބޫލުކުރާނީ ތަހުގީގު ކުރުމުގެ ދާއިރާއިން ޒައްރެގެ މިންވަރުވެސް ނޭގޭމީހުން! އެކަމަކު ދިވެހި ފުލުހުން މީ މީހަވަޅުލައިފަ ޕޮޓޯގަޑެއް ފޮނުވައިގެން އޮޓޮޕުސީހަދާފަ އެއްބަލައިގެން ގޮތްނިމާބަޔެއް! ވީއިރު އެމިހުނައް ހަގީގީ ގާތިލު ހޯދޭނެ ކަމައް ކުޑަކުއްޖެއްވެސް ގަބޫލު ނުކުރާނެ

The name is already taken The name is available. Register?

ލަތީފާ

17 July 2025

ޑރ އަފްރާޝިމްގެ އަނިޔާވެރި މަރުގެ ހަގީގަތް ހޯދުނުތޯ؟ އެމްއެމްފީއާރުސީގެ ކަރަޕްޝަންގެ ހަގީގަތް ފުނަށް ދެނެގަނެ ފިޔަވަޅު އެޅުނުތޯ؟ ފޮލްސް ފަދަ ގިނަ އިދާރާތަށް ވަނީ ފެއިލްވެފަ!

The name is already taken The name is available. Register?

އޭމިހިރަ

17 July 2025

އިދާރާތަށް،، ށ ސުކުން ދޯ؟

The name is already taken The name is available. Register?

އލިކޮއި

17 July 2025

އިރުއިރުކޮޅާ އަފުރާސީމު މަރުގެ ހަގީގަތް ހޯދުނުހޭ ބަޔަކު އެބަ ސުވާލް ކުރޭ. މިބކަންވެސް އެބަޖެހޭ ބަލަން ބަޔަކު. އެ މަރުގެ ހަގީގަތްވަނީ ޔަގީނުންވެސް ހޯދާފަ. އަދި އެކަން ކުރި ގާތިލުވަނީ އެހުރިހާ ވާހަކައެއް ކިޔައިދީފަ. އޭނާ ހުރީ ޖަލަށް ހުކުމް ކޮށްފައި. އަދި ސުޕްރީމް ކޯޓުން އޭނާ މރަން ހައްގުކަމަށް ވަނީ ހުކުމްވެސް ކޮށްފައި. ދެން މިކަން ހޯދުނުހޭ ކިޔަ ބަޔަކު މިކަން އޮޅުވާލަން މަސައްކަތްކުރާކަން ދިވެހިރައްޔިތުންނަށް މިހާރު މާސާފްވާނެ.

The name is already taken The name is available. Register?

ސުހާބާ

17 July 2025

"އޭމިހިރަ" އާ ބުނަންތަ؟ ކީއްކުރާނީ؟ ރަނގަޅަށް ސުކުން ކުރަން ނޭނގޭ މީހުންނާއި، ދިވެހިބަހުން ލިޔެކިޔަން ރަނގަޅަށް ނޭނގޭ މީހުން މިހާރު ދިވެހިންގެ ތެރޭގައި ވަރަށް ގިނަ. ދައުލަތުގެ އިދާރާތަކާއި ނޫސް މަޖައްލާތަކުގައި އުޅޭ ގިނަ މީހުންގެ ހާލުވެސް ހުރީ އެހެން.

The name is already taken The name is available. Register?

ދ3ދެޗރ

17 July 2025

ކޮމެންޓޭ މެންނަން ހޯދިދާނެ.

The name is already taken The name is available. Register?

ކުރިނުމަރާ

17 July 2025

ދެން ކޮބާތަ މައްސަލައަކީ؟ ގިނަ ސިކުނޑިތަކުން ވިސްނައި ޚިޔާލުފާޅުކުރި ވަރަކަށް ގިނަ ކޮޅުތައް ފަޅައިގެން އެމީހަކު އެންމެ ފަހުން އެނގުން މާ މުހިއްމު.

The name is already taken The name is available. Register?

މަޖާޒީ

17 July 2025

މިހާ ބޮޑު އަނިޔާއެއް ދީގެން މަރާނީ ވަރަށް ބޮޑު ކަމެއްގެ ބަދަލުގައި ކަމަށް ވުން އެކަށީގެންވޭ. ހަމަ ގައިމުވެސް އެއީ ވައްކަމެއް ފަދަ ކަމެއްގެ ތެރޭން ވީ ކަމެއްނޫން

The name is already taken The name is available. Register?

އަދިނެތޭ

17 July 2025

އެގެއިން ވައްކަމެއް ކޮށްފައިވޭތޯ ނުވޭތޯވެސް އަދި ފުލުހުން ބުނެނުލާ. ވައްކަމެއް ކޮށްފައި ނެތްނަމަ ތަހުގީގު އަނބުރަންވާ އެހެން ގޮތްތައްވެސް އޮންނާނެތާ

The name is already taken The name is available. Register?

ޏަނާ

17 July 2025

މިއީ ވަގުތު ނޫހުގަ އޮތް ގޮތް "އަޑެއް އިވިގެން ހޭލެވުނީ، އެހާ ދަންވީމާ ގޭތެރޭ އުޅެނީ ކާކުތޯ ބަލާލަން ނުކުތީ. ބަލާލިއިރު ގޭގެ ދޮރުހުޅުވާފަ ހުރީ، އެއްވެސް މީހަކު ނެތް. ދެން ބޭރަށް ބަލާލިކަމަށް މަންމަ ބުނަނީ. އެއްވެސް މީހަކު ފެންނާކަށް ނެތޭ ބުނީ. އަނެއްކާ ކޮޓަރިއަށް ވަންނަން އަންނަނިކޮށް ނޭވާލާ އަޑުއިވިގެން ތަންކޮޅެއް ބާރަށް ނޭވާލާ، އަޑު އިވިގެން ބައްޕަ ކޮޓަރިއަށް ވަދެފަ ބޮކި ދިއްލާލިއިރު ތެޅެނީ." ނިމާލު ވިދާޅުވިއެވެ. ފުށުއަރާ ދެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454