ރިޕޯޓް / ފ. ނިލަންދޫ

100 އަހަރުގެ ކަތީބުދޮންބެގެ ހިތަކީ ނިލަންދޫގެ ތިޖޫރި

ފ. ނިލަންދޫ ކަތީބުދޮންބެ، ހުރިހާ ދަރިންނާ އެކު. އެވަރަށް އިތުބާރު ކުރެވޭ މީހަކު މަދުވާނެ ކަމަށް ނިލަންދޫން ބުނޭ.

އުމުރުން 100 އަހަރުވެ ގައިބާރު ދެރަވެފައި ވިޔަސް ފ. ނިލަންދޫ އަތިރީގޭ، އަހްމަދު މޫސާ (ކަތީބު ދޮންބެ) އަށް ވުރެ ވަކި އިތުބާރު ކުރެވޭނެ މީހަކު މަދުވާނެ އެވެ. ރަށު މީހުންގެ ބަހުން ނަމަ އެ އަށް ވުރެ އަމާނާތްތެރިއަކު ނުދެއްކޭނެ އެވެ. އޭނާގެ ހިތަކީ ގިނަ ޒަމާންވަންތަކެއް ވަންދެން އެ ރަށުގެ ގިނަ ބައެއްގެ ތިޖޫރި އެވެ. މަކަރާއި އޮޅުވާލުމެއް އަދި މީހަކަށް ލަނޑެއް ދޭވަރަށް ވުރެ މާ ހިތްހެޔޮ މީހެއް ކަން ގަބޫލުކުރެވޭތީ އެންމެން ވެސް ފައިސާ ރައްކާކުރަން ދެނީ ކަތީބު ދޮންބެގެ އަތަށެވެ.

އެ ފައިސާގެ ބޭނުން ޖެހިގެން އަނބުރާ ނަގަން އައުމުން ހަވާލުކުރާނީ އެ މީހަކު ކަތީބު ދޮންބެގެ އަތަށް ދިން ނޫޓެވެ. އެހާވެސް އޭނާ އަމާނާތްތެރި އެވެ.

ނިލަންދު އަށް މިދިޔަ ހަފުތާގައި ކުރި ދަތުރުގައި ކަތީބު ދޮންބެގެ ވާހަކަ އަޑު އިވިގެން ބައްދަލުކުރަން ދިޔައިރު، ރޯގާ ޖެހި ބަލިކޮށް އުޅޭތީ މާ ގިނަ ވާހަކަތަކެއް ނުދެއްކުނެވެ. އެކަމަކު ވަރަށް އުނދަގުލުން ދެއްކި ވާހަކަތަކުން ވެސް އެނގުނީ އެ އުމުރުގައި އޭނާގެ ހަނދާން ވަރަށް ގަދަ ކަމެވެ.

ކަތީބު ދޮންބެ ބުނީ ހިޖުރީ ގޮތުން އޭނާގެ އުފަން ދުވަހަކީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. އޭނާ އަށް ފުރުނީ 100 އަހަރެވެ.

"އާންމުކޮށް ކިޔަނީ ދޮންމަނިކު، އަސްލު ނަމަކީ އަހުމަދު މޫސާ. 100 އަހަރު ވެއްޖެ. އިއްޔެ 100 އަހަރު ހަމަވީ،" ކަތީބު ދޮންބެ، އޭނާގެ ކުރު ތައާރަފެއް ދިނެވެ.

އިތުރަށް ވާހަަކަ ދައްކަން ކަތީބު ދޮންބެ ބޭނުން ވިޔަސް ބަލި ހާލަތާ ހެދި އުނދަގޫވުމުން ވާހަކަ ކުރިއަށް ގެންދިޔައީ ގާތުގައި އިން ފިރިހެން ދަރިފުޅު މުހައްމަދު ޖަލީލެވެ.

"ބައްޕަ އުފަންވެފައި އިނަންނަނީ ހިޖުރީ ސަނަތުން 1347 ވަނަ އަހަރުގެ ރަބީއުލްއައްވަލު މަހުގެ 26 ވަނަ ދުވަހު، މީލާދީގޮތުން އެ ތާރީހު އިއްޔެއަށް [ސެޕްޓެމްބަރު 10] މީލާދީ ގޮތުން އުމުރަށް ވަނީ 97 އަހަރު،" އޭނާ ބުންޏެވެ.

"ވަރަށް ގިނައިން އަހާ، ރަބިއުލްއައްވަލް މަސް ފެށުނީއްސުރެ އަހާ މިއަދު މީ ކިތަކެއްތޯ. އެއީ ކިއްވެގެން ކަމެއް ނޭނގެ އެއްވެސް ކުއްޖަކަށް. އެއްވެސް ކުއްޖަކު ހަނދާނެއް ވެސް ނެތް. އެކަމަކު ބައްޕަ ހަނދާން ހުރޭ. ކާފަ ދަރިއެއް ހުންނާނެ ބައްޕައާ ވަރަށް ގިނައިން ސުވާލުކުރާ، އެހެން އަހަނިކޮށް މި އެނގުނީ، އުފަން ދުވަސް އަންނާތީކަން މި އެހީ."

ކަތީބުދޮންބެގެ ބައެއް ދަރިންނާ އެކު އޭނާ ފޮޓޯއަކަށް ހުއްޓިގެން.

ޖަލީލު ކިޔައިދިން ގޮތުގައި ވަރަށް ފަހަކާ ޖެހެންދެން ވެސް ރަށު މީހުން ލަފާ ހޯދަން ބައްޕަ ގާތަށް އާދެ އެވެ. އޭނާއަށް އެންމެ ފާހަގަކުރެވެނީ ކަތީބު ދޮންބެއަށް އެ ރަށުގެ މީހުން ކުރާ އިތުބާރާއި ދޭ ގަދަރެވެ.

"އޮންނާނެ ރެކޯޑު ފޮތެއް. ހިނގާ ހުރިހާ ހާދިސާތަކެއް ވެސް އޭގައި އޮންނާނެ. މީހަކަށް އެއްޗެއް ދޭން ޖެހުނަސް އޮންނާނެ އެ ފޮތުގައި ލިޔެފައި، ދަރަނީގެ ގޮތުގައި މީހުންގެ އެއްޗިއްސާއި ހުރިހާ އެއްޗެއް އެ ފޮތުގައި އޮންނާނެ،" ޖަލީލު ބުންޏެވެ.

"ކުރީގައި ނުހުންނާނެ ތިޖޫރިއެއް. ގިނަ ފައިސާ ގެންގުޅޭ މީހުން ވެސް ފައިސާ ރައްކާ ކުރަން ގެންނާނީ ބައްޕަ އަތަށް. ވަރަށް އިތުބާރު ކުރެވޭތީ ނޫންތޯ އެގޮތަށް ގެންނާނީ. ބައްޕަގެ އަމާނާތްތެރިކަން އެކަމުގައި ހުރި މިންވަރަކީ އެ މީހަކު ދޭ ފައިސާގެ ނޫޓު ހަމަ އެ މީހަކަށް ދޭނީ، ފައިސާ ރައްކާ ކުރަންދޭ މީހާ ގެންނަ ނޫޓު އިންނަނީ ނޯޓު ކޮށްފައި. ހަމަ އެ ގަނޑު އެ މީހަކަށް ދޭނީ."

ކަތީބުދޮންބެގެ ކާފަ ދަރިފުޅަކާއެކު.

ނަމޫނާ ބައްޕައެއް، ކާފައެއް، ރިވެތި އަހުލާގު އާއިލާއެއް

ކަތީބުދޮންބެ ތިން މީހުންނާ ކައިވެނިކޮށް، 16 ކުދިން ލިބުނެވެ. އޭގެ ތެރެއިން ދުނިޔޭގައި ތިބީ 14 ކުދިންނެވެ. ދެ ކުދިން ނިޔާވީ އެވެ. ފުރަތަމަ ބަނޑަށް ލިބުނީ މަރިޔަމް އަހުމަދެވެ. އުމުރުން 16 އަހަރުގައި ލިބުނު އެ ދަރިފުޅުގެ އުމުރަކީ މިހާރު 81 އަހަރެވެ. ދެވަނަ ބަނޑަށް ލިބުނު ދެ ކުދިންނާއި ތިން ވަނަ ބަނޑަށް 11 ކުދިން ލިބުނެވެ. ކަތީބުދޮންބެގެ 11 ކުދިންގެ މަންމަ އަކީ މިހާރު ކައިވެނިކޮށްގެން އުޅޭ މަރިޔަމް ހަމީދާ އެވެ.

ކަތީބުދޮންބެގެ ދުނިޔޭގައި ތިބި ދަރިންނަށް ކުދިން ލިބި އެ ކުދިންގެ ކުދިންގެ ކުދިންނަށް ވެސް ކުދިން ލިބި މިހާރު ހޫރު ކާފަ ވެސް ކިޔައިފި އެވެ. ކާފަ ދަރިންގެ އަދަދަކީ 72 އެވެ. މުނިކާފަ ދަރިންގެ ގޮތުގައި 118 ދަރިން ތިބިއިރު ކަތީބުދޮންބެއަށް ހޫރުކާފަ ކިޔާ 14 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

"ކޮންމެ ހުކުރުދުވަހަކު އާއިލާ އެންމެން އަންނާނެ ހަވީރު ސަޔަށް. ބައެއް ފަހަރަށް މާލޭގައި ތިބި ކުދިން ވެސް އަންނާނެ. ކޮންމެ ހުކުރެއްގެ ހަވީރު 4-6 އަށް ސައި އޮންނާނެ. ހުރިހާ ދަރިން އަންނާނެ. އެހެން އައި ދުވަހެއްގަ ބައްޕަގެ އުފަން ދުވަސް ވެސް މި ފާހަގަކޮށްލީ،" ޖަލީލް ބުންޏެވެ.

ކަތީބުދޮންބެ އަށް ކުރަން ނޭނގޭ ކަމެއް ނޯންނާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޒަމާންތަކެއް ވަންދެން ރަށުގެ ކަތީބެވެ. ބޭރު ދަތުރުކުރި މާލިމީ އެކެވެ. ފެހުންތެރިއެކެވެ. ތެދުއުއިވަޑާން ކުރި އެވެ. މަހަށް ދިޔަ ކެޔޮޅެކެވެ. ދިވެހި ބޭސްކުރި ކުރި އެވެ. ކަށުކަމާ ކެމީގެ ކަންކަން ވެސް ކުރި އެވެ.

ކަތީބުދޮންބެގެ ދެމަފިރިން ފޮޓޯއަކަށް ހުއްޓިގެން.

ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ކަތީބު ދޮންބެ ރަށަށް ނަމޫނާ ދެއްކެވި އެވެ. އޭނާގެ ދަރިންގެ ތެރޭގައި ވެސް ހަމަ އޭނާ ފަދައިން ރާއްޖޭގައި ފާހަގަ ކޮށްލެވޭ ކުދިންތަކެއް އެބަ ތިއްބެވެ.

އޭގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އަހުމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަހުމަދު (އުދަރެސް ލަތީފް) އާއި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި 25 އަހަރު އަދި ގާޒީ ސްކޫލުގެ ސެން ޓީޗަރަކަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި އުމްނިއްޔާ އަހުމަދު ހިމެނެ އެވެ.

ކާފަދަރިންގެ ތެރޭގައި ހައި ކޯޓުގެ މީޑިއާ އޮފިޝަލް, އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީ އާއި ފަރުހާދު އިސްމާއީލް ހިމެނެ އެވެ. ކަތީބުދޮންބެއަށް މުނި ކާފަ ކިޔާ ދަރިންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަބްދުލް ހަސީބު އިސްމާއީލް ހިމެނިވަޑައިގަންނަވަ އެވެ.

ކަތީބުދޮންބެގެ ހުރިހާ ދަރިންވެސް ބުނާ ވާހަކައެއް އޮވެ އެވެ. އެއީ އެ ބައްޕަގެ ރީތި އަހުލާގާއި އުޅުމުގެ ވާހަކަ އެވެ.

"ބައްޕައަކީ ވަރަށް އަހުލާގު ރަނގަޅު ވަރަށް ތެދުވެރި އީމާންތެރި މީހެއް. މީހަކު ކަމެއްގައި ހިތްހަމަ ނުޖެހިގެން އައިސް ކިތަންމެ އެއްޗިސް ކިޔަސް އެއްވެސް އެއްޗެއް ނުބުނާނެ. ބާރަށް ވާހަކަ ވެސް ނުދައްކާނެ. އަޅުގަނޑުމެންގެ ދަރިއަކަށް ވެސް ނުކެރޭނެ ބައްޕައާ އިސްއުފުލާ ވާހަކަ ދައްކާކަށް،" ޖަލީލް ވިދާޅުވި އެވެ

ހުރިހާ ކުދިން އެކުވެރިކަމާ އެކު ގުޅިގެން އުޅެން ކަތީބުދޮންބެ އަބަދުވެސް ނަސޭހަތްދެ އެވެ.

ހުރިހާ ދަރިންނަށް ވެސް ބައްޕަގެ އެންމެ ހާއްސަ ކަމަކަށް ފާހަގަވާ ކަމަކީ އަމިއްލަ އަށް ކުރެވޭ ނަމަ އެހެން މީހަކާ ނުޖައްސައި އެކަމެއް ކުރުމެވެ. މިހާރު ވެސް މިޒާޖުގައި ހުންނަނީ ހަމަ އެގޮތެވެ.

"މީގެ 15 އަހަރު ޗިކަންގުންޔާ ޖެހިގެން އެނދުމަތި ވަންދެން، މިހާރުވެސް ބައްޕައަށް ކުރެވޭ ކަމެއް ވެއްޖެ ނަމަ ބޭނުންވާނެ އަމިއްލައަށް ކުރަން. މީހަކު އަތަށް ދޭކަށް ބޭނުމެއް ނުވާނެ. ފެންވަރަން ވެސް، ފުރަތަމަ ދުވަހު އަޅުގަނޑު ފެންވެރުވީމަ ނުބުނޭ އެއްވެސް އެއްޗެކޭ، ދެވަނަ ދުވަހު ބުނެފި އަމިއްލައަށޭ ކުރާނީ،" ޖަލީލް ބުންޏެވެ.

ނިލަންދޫ ކަތީބު ދޮންބެ އާއި އަންހެނުން ހާމިދާ އާއި ތިން ބަނޑަށް ލިބުނު 14 ދަރިންނާއެކު.

ރަށަށް ލިބުނު ނަސީބެއް

ނިލަންދުއަށް ގެއްލުނު އެތައް ހައްގެއް ހޯދުމުގައި އެންމެ ބުރަ މަސައްކަތް ކުރި އެކަކީ ކަތީބު ދޮންބެ އެވެ. އޭނާގެ ކަތީބު ކަމުގައި އަތޮޅުގައި ތިބި ބޮޑެތި މީހުންނާ "ހަނގުރާމަ ކޮށްގެން" ގިނަ ކަންކަން ކާމިޔާބުކުރި އެވެ. ދ. ހުޅުދެލީ މީހުން، ނިލަންދޫގެ ރުއްގަސް ބޭނުން ކުރަމުންދިޔަ ދިޔުން ނިމުމަކަށް ގެނެސް ރަށު ރައްޔިތުންނަށް އެ ތަން ވެސް ހޯދައިދިނީ ކަތީބު ދޮންބެ އެވެ.

ނިލަންދޫގެ ކަތީބުކަން ދެ އަހަރު ކުރިއިރު، ބޮޑުތަދާ ދިމާކޮށް އޭނާ އިސްކޮށް ހުންނަވައި ނިލަންދޫގައި ވަރަށް ބޮޑަށް ދަނޑުވެރިކަން ފުޅާކުރި އެވެ. އެގޮތުން 1990 ވަނަ އަހަރު ކަތީބުދޮންބެ އަށް ދިވެހި ސަރުކާރުން ވަނީ ދަނޑުވެރިކަން ކުރުމުގެ ދާއިރާއިން އާއްމު ހިދުމަތުގެ އިނާމު ވެސް ދީފަ އެވެ.

ރައްޔިތުންނަށް ފައިދާވާނެ ވިޔަފާރިއެއް ފަށައިދީ، މާލެ އާއި ރަށާ ދޭތެރޭ ދަތުރު ކުރާނެ ބައްތެއްޔެއް ވެސް ހޯދައިދެއްވި އެވެ. ރައްޔިތުންގެ މާލިއްޔަތު ރަނގަޅުކޮށްދިނީ ވެސް ކަތީބުދޮންބެގެ ބުރަ މަސައްކަތުންނެވެ.

ކަތީބުދޮންބެ އަކީ އެ ރަށަށް ލިބުނު ނަސީބެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެނީ އޭނާގެ ހިދުމަތްތަކާ ހެދި އެވެ. ރަނގަޅު އާއިލާއަކާއި މުޖުތަމައަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް އަދި ރަށުގެ ކުރިއެރުމާއި ތަރައްގީގައި ކަތީބުދޮންބެގެ ނަންް ވަނީ ތާރީހުގައި ލިޔެވިފަ އެވެ.

10 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 3%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 97%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީދޫ މޫސާ ބަދުރުއްދީން

01 October 2025

ކަތީބު ދޮންބެގެ ދަރިންކުރެ ޕްރިންސިޕަލް ޢަބްދުﷲ އަކީ މަގެ ކިލާސް މޭޓެކެވެ.އަދި ކާފަ ދަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީގެ ކޮއްކޮ އަމްޖަދު އަކީވެސް މަގޭ ކިލާސް މޭޓެކެވެ.ޖަލީލުބެ އާއި ރަސްމީ މަސައްކަތުގެ ތެރެއިން ބައްދަލުވެ އެކުވެރިއެވެ.މިއީ ނިލަންދޫގައާއި ފާފުއަތޮޅުގައި ނުފޫޒު ގަދަ ޢާއިލާއެކެވެ.މާތްﷲ މި ޢާއިލާއަށާއި ކަތީބު ދޮންބެއަށް ހެޔޮ ރަޙުމަތްލައްވާށިއެވެ.

The name is already taken The name is available. Register?

ފަޅުމަސް

01 October 2025

ކަތީބު ދޮންބެއަކީ ވަރަށް މަސައްކަތްތެރި ބޭފުޅެއް.. ކަތީބު ދޮންބެ މަސައްކަތުގައި އުޅުއްވާއިރު، ގޭގައި އިންނަވައިގެން ދަރިން ބަލައި، ތަރުބިއްޔަތު ކުރުމުގެ އެންމެ ބުރަ، ބޮޑު މަސައްކަތް ކުރައްވަމުން ގެންދަވާނީ، ކަތީބު ދޮންބެގެ އަނބިކަނބަލުންކަމުގައި ވާނެކަން ޔަޤީން.. މިއީ ކަތީބު ދޮންބެއާ ބެހޭ ލިޔުމެއް ނަމަވެސް، އެފަދަ އެކްނޮލެޖްމަންޓެއް ނެތުމަކީ ވަރަށް ދެރަވިކަމެއް..

The name is already taken The name is available. Register?

ސސސސސސސ

01 October 2025

ދެވަނަ އިން ފޮޓޯގައި ކަތީބު ދޮންބެގެ ދަރިއެއް ނެތް. ތިބީ ބޮޑުބޭބެ ކިޔާ 5 ކުދިން! އަދި އެކުދިންގެ ބައެއް ދަރިން ! އަދި ދުރުތާ ތިމާގެ ރަށު ދައްތައަކާއި އެ ދައްތަގެ 2 ކުދިން!

The name is already taken The name is available. Register?

ޢަބްދުﷲ ޝަރީފު/ ރ.މީދޫ

01 October 2025

ތިފަދަ އަގުހުރި ޚިދުމަތްތެރިންގެ މަތީން ހަނދާންކޮށް ޙައްޤު ޝުކުރު އަދާކުރުމަކީ ހަމަ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް. ހުރިހާ އެންމެންނަކީ ތިފަދަ ޚިދުމަތްތެރިންނެއްނޫނެވެ. އެހެންކަމުން ރަށެއްގައި ނުވަތަ ޤައުމެއްގައި ތިއްބަވާ އަގުހުރި މަދު ޚިދުމަތްތެރިންނަށް ޙައްޤު ޝަރަފު އަރުވަންޖެހޭނެއެވެ. ނިލަންދޫ ކަތީބު ދޮންބެއަށް ހެޔޮ ޞިއްޙަތެއް ދެއްވާށި. އަދި ބާއްޖަވެރި ނިމުމެއް މިންވަރު ކުރައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި! އާމީން!

The name is already taken The name is available. Register?

ޓީ ޝާރޓްގައި الحمد لله ލިޔުމަކީ ގޯހެއް!

01 October 2025

100 އަހަރު ދުނިޔޭގައި ލެހެއްޓެވީތީ ﷲ އަށް ޙަމްދުކުރުމުގެ ގޮތުން އަންނައުނުގައި ތަޙްމީދުގެ ކަލިމަ ލިޔާކަށް ނުވާނެއެވެ. ﷲ އަށް ޙަމްދު ކުރުމުގެ ގޮތުން "الحمد لله" ދުލުން ކިޔައި، އެކަލާނގެއަށް އަޅުކަންކުރުން ގިނަކުރުމާއި، ޛިކްރު ކޮށް ޞަދަޤާތް ކުރުން މާ ރަނގަޅުވާނެ އެވެ.

The name is already taken The name is available. Register?

ރިލެކްސް މޭން

01 October 2025

ސާބަސް އެއީ ފޮޓޯއެއް ނަގަން. ބައެއް މީހުން ކޮންމެ ކަމެއްވެސް ހަދާނެ ބޮޑު ލެކްޗަރަކަށް.

The name is already taken The name is available. Register?

އެން އެޕަލް އަ ޑޭ ކީޕްސް ދަ ޑޮކްޓަރ އަވޭ

01 October 2025

ކަތީބުދޮންބެގެ ފުރިހަމަ ސިއްހަތާއި ރީތި ހަންގަނޑުގެ ސިއްރަކީ ކޮންމެ ދުވަހަކު އާފަލެއް ކެއުން.. ޖޯކެއް ނޫން އިނގޭ!

The name is already taken The name is available. Register?

ނިލަންދޫ އާދަން ކޮއި

01 October 2025

ކަތީބު ދޮންބެ ފުރިހަމަ ސިއްހަތެއްގައި ހުރީ ކީއްވެގެންކަން ފޮޓޯތަކުން އެހެރީ ފެންނަން ދޯ.ޖުމުލަ 16 ކުދިން.ފުރިހަމަ ތަރުބިއްޔަތާއެކު އެތީބީ ބަލާ ބޮޑުކޮށްފަ.ބައެއް ބޭރުގެ ޖަމާޢަތްތަކަށް ހެއްލިގެން އަފުރެމެންގެ ވެރިން މިހާރު ބުނަނީ ގިނަ ކުދިން ހޯދުމަކީ ގޯހެކޭ.މިހާރު މިކަން ކުރި ދުނިޔޭގެ ގައުމުތަކުން އުބަށް ޖަހައި ކުދިން ހޯދުމުން ދެނީ އެލަވަންސް.މަމެންނަ އަދިވެސް ދަސް ނުވޭ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް /

01 October 2025

ކަތީބު ދޮންބެގެ އުމުރު ދިގުކުރައްވައި ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާށި.އާމީން.ވަރަށް ފުރިހަމަ އާއިލާއެއް.

The name is already taken The name is available. Register?

އަބްޑޫޅް +

01 October 2025

ދޮންބެ އަސް ވުރެން، ކަތީބު ދޮންދައިތަ މާ ދުވަސް ވެފަ ދޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454