ރިޕޯޓް

ހަކުރު ސަބްސިޑީ ކަނޑާލައިގެން ސިއްހަތަށް ބޮޑު ބަދަލެއް ގެނެވިދާނެ

ހަކުރުން ވަރަށް ގިނަ ބަލިތަކަށް މަގު ފަހިވޭ

ބަރުދަން އިތުރުވެ، ނުކަތާ ވަރަށް ސިއްހީ މައްސަލަތައް ގޯސްވުމުން ލޯ މަރާލާފައި މެލޭޝިޔާގައި އެޅި ފިޔަވަޅަކީ ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި އޭގެ ބާވަތްތަކުން އިތުރު ޓެކުހެއް ނެގުމެވެ. އޭގެ އަނެއްކޮޅުން ސިއްހަތަށް ފައިދާ ހުރި ކެއުންތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނަ އެވެ. އެއާއެކު، މެލޭޝިޔާގައި އާއްމު ސިއްހަތު ރައްކާތެރިކުރުމުގައި މި ފަހުން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.

ރާއްޖޭގައި ވެސް ކަނޑާލަން ޖެހޭ ކަމަށް މީގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް ބުނަމުން އަންނަ ހަކުރު ސަބްސިޑީގެ ވާހަކަތައް އަނެއްކާ ވެސް މި ފަށަން ޖެހުނީ ހިތުގެ ދުވަސް ފާހަގަކުރަން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން މިދިޔަ ހަފުތާގައި ނެރުނު ބަޔާނާ ގުޅިގެންނެވެ.

ޑޮކްޓަރުންގެ ޖަމިއްޔާއިން ވަނީ ދުންފަތް ކޮންޓްރޯލްކުރަން އަދި ގައިންގަޔަށް ނާރާ ބަލިތައް މަދުކުރަން އިތުރު ފިޔަވަޅުތައް އެޅުމަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި

- ދުންފަތުގެ އެކި ފްލޭވާތައް މަނާކުރުން

- ރާއްޖެއިން ޝީޝާ އެއްކޮށް މަނާކުރުން

- ދުންފަތުގެ އިސްތިއުމާލު ނުކުރާ ކެއުމުގެ މާހައުލެއް ގާއިމްކޮށް، ސިއްހަތަށް ފައިދާހުރި އަދި އާއިލާއާ ރައްޓެހި ތަންތަނުގެ ގޮތުގައި ޕްރޮމޯޓްކުރުން

އެކަންކަމުގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް އާ ފިޔަވަޅުތައް އަޅަން ވެސް އެ ޖަމިއްޔާއިން ގޮވާލި އެވެ.

އެއީ؛

- އާއްމުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދީ، ފަސޭހައިން ނަގައިގަނެވޭ ގޮތަށް "ޓްރެފިކް ލައިޓް" ސްޓައިލްގެ ނިއުޓްރިޝަނަލް ލޭބަލްތައް ތައާރަފު ކުރުން

- ހަކުރު އެކުލެވޭ ބުއިންތަކާއި ޕާމް ތެލާއި ޓްރާންސް ފެޓް ގިނައިން ހުންނަ ކާބޯތަކެއްޗާއި ޕްރޮސެސްކޮށްފައިވާ މަސް ފަދަ ނުރައްކާތެރި ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން. އަދި ދަނޑުވެރިކަމާއި މޭވާ، ތަރުކާރީ އަދި އެހެނިހެން ސިއްހަތަށް ފައިދާހުރި ކާނާ ވިއްކުމުގައި ފިސްކަލް ލުއިތަކެއް ދިނުން

- ދުފުމުގައި ބޭނުންކުރާ ބާވަތްތަކުގައި އަނގައިގެ ކެންސަރުގެ ނުރައްކާ ދައްކުވައިދޭ ގްރެފިކް އިންޒާރު ދިނުން ލާޒިމު ކުރުން

- މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމާއި ރިހެބިލިޓޭޓްކުރުމާއި ގެއްލުން ކުޑަކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން

ހަކުރު ބަލީގެ މައުލޫމާތު ދިނުމަށް މީގެ ކުރިން ބޭއްވި މައުލޫމާތު ދިނުމުގެ ސެޝަނެއް.

އާއްމު ބަލިތަކުގެ ތަޖުރިބާކާރު ޑޮކްޓަރަކު ވިދާޅުވި ގޮތުގައި ހަކުރަކީ އޭގެ ސަބަބުން ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ އެއްޗެއް ކަން ސަރުކާރުން ގަބޫލުކުރާއިރު، އެ އަށް ސަބްސިޑީ ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ. އެހެންވެ، ހަކުރުގެ ބާވަތްތަކުން ސަބްސިޑީ ކަނޑާލައި، ހަކުރު އެކުލެވޭ ބާވަތްތަކުން ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ނަގާ ގޮތަށް ޓެކްސް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ހަކުރު ސަބްސިޑީ ކަނޑާލަން ފެންނަ ސަބަބުތައް ވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.

"ފުރަތަމަ ކަމަކަށް ހަކުރުން ސަބްސިޑީ ކަނޑާލުމަކީ ހަކުރު އެކުލެވޭ ބާވަތްތަކުގެ އަގު އުފުލި، އެކަމުގެ ސަބަބުން ހަކުރު އެކުލެވޭ އުފެއްދުންތައް ގަންނަށް މިންވަރު މަދުވެ، ދަށް ވާނެ ކަމެއް. ހަކުރު އެކުލެވޭ އުފެއްދުންތައް ގަންނަ މިންވަރު ދަށްވާ ނަމަ ހަކުރު އެކުލެވޭ ބާވަތްތައް މީހުން ބޭނުންކުރާ މިންވަރު ދަށްވެގެން ދާނެ. އެކަމުގެ ސަބަބުން މަންފާ ލިބިގެން ދާނެ،" ޑޮކްޓަރު ވިދާޅުވި އެވެ.

"ދެވަނަ ކަމަކަށް، ހަކުރުން ސަބްސިޑީ ކަނޑާލައި ހަކުރު ޓެކްސް އިން ލިބޭ ފައިދާ ނުވަތަ ފައިސާގެ މަންފާއިން، އޭގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ބާވަތްތަކުން މިސާލަކަށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ފަދަ އުފެއްދުންތަކަށް ސަބްސިޑީ ދެވިދާނެ. މިގޮތަށް ހެދުމުން ތަރުކާރީ އާއި މޭވާ އަގުހެޔޮވެ، އެ ތަކެތި ބޭނުންކުރާ މީހުންގެ ނިސްބަތް މަތިވެ، ބޭނުންކުރާ މިންވަރު އިތުރުވެގެންދާނެ،"

އޭނާ ވިދާޅުވީ ހަކުރުން ޓެކްސް ނަގައިގެން ލިބޭ އާމްދަނީން، މޭވާ އަށް ސަބްސިޑީ ދިނުމުން މިންހެޔޮ ކެއުމެއް ބައްޓަން ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި މީހުންގެ ތެރޭގައި އެ ކެއުމުގެ އާދަ އިތުރުވެގެން ދިއުމަށް މަގުފަހިވެ، ދުޅަހެޔޮ އާދަތައް ފަރިތަކުރުމަށް ލިބޭ ބާރަކަށް ވެގެންދާނެކަން ފާހަގަކުރެއްވި އެވެ.

ޑޮކްޓަރު ވިދާޅުވީ ހަކުރުގެ އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުވުމުން ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

އޭގެ މައިގަނޑު ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި، ފޮނިކާ ތަކެތި ގިނައިން ބޭނުންކުރުމާއި ހަކުރު އެޅި ބުއިންތައް، މިސާލަކަށް އެނާޖީ ޑްރިންކްސް، ފިޒީ ޑްރިންކްސް އަދި އެކި ކަހަލަ ދަޅާއި ޕެކެޓު ފަދަ ތަކެތި ބޭނުންކުރުމަކީ ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި ފަލަވެ، ހަކުރު ފަދަ ބަލިތައް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ކިޑްނީ ބަލި ފަދަ ބަލިތަކަށް ވެސް މަގުފަހިވެގެންދާނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އާއި އެޗްޕީއޭއާ ގުޅިގެން އެމްއެންޔޫއިން ހެދި ދިރާސާއިން ވެސް އެ މަންޒަރު ވަރަށް ސާފެވެ.

މީގެ ތިން އަހަރު ކުރިން އާއްމުކުރި އެ ދިރާސާ އިން އެނގޭ ގޮތުގައި ޒުވާން އާބާދީގެ ބޮޑު ބަޔަކު ތިބީ ބޮޑެތި ބަލިތަކުގަ އެވެ. ނޫނީ އެ ބަލިތަކަށް ހުށަހެޅޭ ހާލަތުގަ އެވެ. ހިތުގެ ބައްޔާއި ހަކުރު މަތިވުމާއި ކޮލެސްޓްރޯލް މަތިވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން؛

- ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހެއް

- އާބާދީގެ 14 ޕަސެންޓް މީހުންގެ ހަކުރު މަތިވެ، ހުންނަން ޖެހޭ މިންވަރު ވަނީ ފަހަނައަޅައިފަ

- ހިތުގެ ބަލި ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު 40 އަހަރުން ދަށުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަށް ނުރައްކާ އެބައޮތް. އެ ހާލަތު 45 އަހަރުން މަތީގެ ކޮންމެ ދެ މީހުންގެ ތެރެއިން އެކަކަކީ ތިން ރިސްކަށް ވުރެ ގިނަ ރިސްކު ހުރި މީހުން

މީހަކު ފުރޮޅުލީ ގޮނޑީގައި.

އެ ވައްޓަފާޅިއަށް ބަދަލުތައް ނުގެނެސްފިނަމަ ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ރާއްޖެއިން މަރުވާ މީހުން އިތުރުވާނެ ކަމަށް ވެސް ދިރާސާއިން ވަނީ ދައްކައިފަ އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއިން 85 ޕަސެންޓް މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވާއިރު، އެ ބަލިތަކަށް މަގުފަހިކުރާ މައިގަނޑު ހަތަރު ރިސްކުގެ ތެރޭގައި ވެސް ފައިދާ ނުވާ ކާބޯތަކެތި ބޭނުންކުރުން ހިމެނޭ ކަމަށެވެ.

"ހަކުރު އެކުލެވޭ އުފެއްދުންތަކުގެ ޓެކްސް މަތިކޮށް އަދި މިންހެޔޮ ކާނާގެ ބާވަތްތަކަށް ނޫނީ ފައިދާ ހުރި ކާބޯތަކެތިން ސަބްސިޑީ ދިނުމަކީ ނުރަނގަޅު ކެއުންބުއިން ބޭނުންކުރާ މިންވަރު ދަށްވެ އަދި ފައިދާ ހުރި ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމެއް. މާނައަކީ ހަށިގަނޑަށް ބޭނުންވާ ކާނާގެ މުހިއްމު ބައިތައް ލިބިގެންދިއުން އިތުރުވެގެންދޭ. އެކަމުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވޭ،" އޭނާ ވިދާޅުވި އެވެ.

ކާބޯހައިޑްރޭޓް ހިމެނޭ ކޮންމެ އެއްޗަކުން ވެސް އަދި މޭވާއާ ތަރުކާރީގައި ވެސް ހަކުރު ހިމެނޭތީ، ކޮންމެހެން އިތުރަށް ހަކުރު ބޭނުންކުރާކަށް ނުޖެހޭނެ އެވެ. އޭރުން، ބޭސްފަރުވާއަށް ދައުލަތާއި އަމިއްލަ ޖީބުން ކުރާ ހޭދަ ކުޑަކުރެވި، ސިއްހަތަށް ފައިދާ ހުރި، އުފާވެރި ދިރިއުޅުމަކަށް މަގުފަހިވާނެ އެވެ.

ހަކުރުގެ ސަބްސިޑީ ކަނޑާލުމަކީ މިހާތަނަށް ރާއްޖޭގައި ހަމައެކަނި ވިސްނުމެކެވެ. މެލޭޝިއާ ފަދަ ގައުމުތަކުން އެޅި ފިޔަވަޅުން ނަމޫނާ ނަގައިފި ނަމަ، އެތައް ބައެއްގެ ސިއްހަތަށް ދުޅަހެޔޮ ބަދަލެއް ގެނެވިދާނެ ކަން ސިއްހީ ދާއިރާގެ ތަފާސްހިސާބުން އޮތީ ފެންނާށެވެ.

33 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 0%
icon inlove icon inlove 55%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގެދޮރޭ

12 October 2025

މި ހުރިހާ ކަމަކަށް ސިޔާސީމީހުން ބޭނޭނެ. ޢުމުރު މައްޗަށްދާވަރަކަށް ގިނައިން ހަކުރު ކާހިތްވާކަމަށް އަޅުގަނޑު ސުވާލުކޮށްލި ކޮށްމެމީހަކުވެސް ބުނޭ. މާދަމާ ވެރިކަމަށް ކެމްޕެއިން ފަށަމުން ގޮވާލާނެ ތިމަންނަމެންގެ ސަރުކާރެއްގައި ތިޔަބޭފުޅުންނަށް ހަކުރު ހިލޭ ފޯރުކޮށްދޭނެޔޭ. ފައްޔާޒުވެސް ބުންޏެއްނު ގިނަމީހުން ބޭނުންވަންޏާ ވޭޕް ހުއްދަކުރާނަމޭ. ހަކުރަކީ ހަމަ ކާން ހެޔޮވާވަރު އެއްޗެއްނޫން. ހަމަ އެފަދައިން ފައްޔާޒަކީ ވެރިކަމަށް ގެންނަށް ހެޔޮވާވަރުމީހެއް ނޫން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފުދީދީ ގެ ބެއްޔާ

11 October 2025

ސިއްހަތޭކިޔައިގެން ހަކުރު އަގުބޮޑުކުރަނީ..........

The name is already taken The name is available. Register?

އަފްރާސިޔާބު

11 October 2025

ރާއްޖެއަކީ ހޫނުގަދަ ތަނެއްވީމާ ހަކުރު ކަނޑާލައިގެން ވާނެ ފައިދާއެއް ނޯންނާނެ. އެނަޖީ ހޯދަންޖެހޭނެ. އެހެންވީމާ ހަކުރުން ބޮޑިބަތްކެއްކުން ވަރަށް މުހިންމު. އެކަންކުރާ މީހުންނަށް ސަބްސިޑީގެ ދެބައިދޭންޖެހޭނެ.

The name is already taken The name is available. Register?

ދިގަލި

11 October 2025

ނުވާނެ. ވާނެކަމަކީ، ތަކެތީގެ އަގުބޮޑުވުން. ފޮނިކާތަކެތީގެ އަގުމައްޗަށް ދިޔުން. ރައްޔަތުން އިތުރަށް ގަނަތެޅުން. ޕްލާސްޓިކް ކޮތަޅުން ފައިސާ ނަގަންފެށީމަ، އައީ ފޮތިކޮތަޅު، ކޮންމެ ކޮތަޅަކުން ވިޔަފާރިވެރިން ފައިސާ ނަގަންފެށީ، ހުރިހާ ގެއްލުމެއް ރައްޔަތުންނަށް،

The name is already taken The name is available. Register?

ޢާލީޟް

11 October 2025

ކީއްކުރަން ސަބްސިޑީ ކަނޑަނީ.. އެތެރެކުރުން މަނާކުރަން ވީނުން.. ބަޔަކު މޮޔަވެދާނެ

The name is already taken The name is available. Register?

މަހާރާ

10 October 2025

ތިހެން ކިޔާފަ ދެން ފެންވެސް މަނާކުރަން އުޅޭ. ފެނުންނޭ ގެނބޭނީއޭ ކިޔާފަ

The name is already taken The name is available. Register?

ބީވާ

10 October 2025

ފުރަތަމަ ވައްކަން ކުރުން ހުއްޓާލާފަ ދައުލަތެއްގެ އަސްލު ސިފައިގަ ހިންގޭތޯ ބަލާބަލަ. ކަލޭމޭން އެންމެ ފަހުން ޕްލާސްޓިކޭ ކިޔާފަ ފާސްކުރި ގާނޫނުގެ ސަބަބުން 250އެމް އެލް މޮގު މޮގު ފުޅި މަނާކޮށް 500 އެމް.އެލް ފުޅިއަށް ބަދަލު ކުރީ. ކުޑަ ކުދިން އިތުރަށް ހަލާކުވާގޮތް ހެދީ. މީކަލޭމެންގެ ވިސްނުމުގެ ފެންވަރަކީ.

The name is already taken The name is available. Register?

އަސްލު ސަބްސިޑީ ރިސޯޓްތަކަށް

10 October 2025

ރިސޯޓުތަކުގައި ކޮންމެ ގަޑިޔަކު އެ ހަދާ ފޮނި ހުރިހާ ކާއެއްޗަކީ، ސަބްސިޑީ ހަކުރު ބޭނުންކޮށްގެން ހަދާ ފޮނި ތަކެތި. އަދި ނުކައިހުންނަ ބައި އުކާލާނީ. ވީމާ، ސަބްސިޑީގެ ބޮޑުބަޔެއް މި ދެވެނީ، 2 މިލިއަން ޓޫރިސްޓުނަށް.

The name is already taken The name is available. Register?

ގަބުޅިބައުދަލާ

10 October 2025

ހަތަރެސްފައިން މިކަމަށް ތާއީދު. ވަރަށް ޒަމާންވެއްޖެ މިކަމެއް ކުރޭތޯ ކޮމެންޓު ކުރާތާވެސް. ރައީސް ޔާމީނަށް ކެރުނީ ކިރިޔާ ކަމެއް ކުރަންވެސް. އެކަމު އޭރު ސިޔާސީ ކަމަކަށް ހަދައި އަސާސީ ކަބޯތަކެއްޗޭ ކިޔައި އޮޅުވާލީ. މިހާރު އެހެރަ ވިއްކާ ޖޫސްތައްޓާ ކޮފީތަށި އެ އޮލަކޮށްލަނީ ހަކުރުން. ނުވީތާކަށް ކޭކުކޮޅެއް ނުކެވޭ ފޮނިކަމުން. އޭގެ ތިންބައިކުޅަ ދެބައިގަ ހުންނަނީ ހުސް ހަކުރު! ދިވެހި ،... ކުދިން މިހާރު ތިބެނީ ތަފާތު ،،،ބ ލޮޑުވެ ފަލަވެފަ.

The name is already taken The name is available. Register?

ލިނބޯ

10 October 2025

ހީވަނީ ދުވަހަކުވެސް ފޮނި އެއްޗެއް ނުކާ މީހެއްހެން

The name is already taken The name is available. Register?

ހޭޖެހޭ

10 October 2025

ތިޔަކަމެއް ކޮށްގެން ވެރިންގެ ބޮނޑި ބޮޑުވާނީ ރައްޔިތުމީހާ ހަނާވާނީ . ބަދަލުވާން ވީ ދިވެހިން ގެ ވިސްނުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454