ދިރިއުޅެނީ ގައުމުން ބޭރުގަ އެވެ. ރާއްޖޭގެ އިގުތިސާދުގައި މާބޮޑު ބައިވެރިވުމެއް ނެތެވެ. އަދި މި ތަނުގައި ހިނގާ ކަންކަމަށް މާ ބޮޑު ޝައުގުވެރިކަމެއް ވެސް ނެތެވެ. ރާއްޖޭގައި ހުރިހާ ކަމެއް ހިލޭ ވަނިކޮށް އެ ފަސޭހަތައް ދޫކޮށް އެހެން ތަނަކަށް ދަނީ އަމިއްލަ އިހުތިޔާރުގަ އެވެ.

އެކަމަކު، އެ ގައުމުގައި ހުރެގެން ވެސް ޑިމާންޑްކުރާ ކަންކަން އެބަހުއްޓެވެ. ދައުލަތުގެ ހަރަދުގައި ބޭސްފަރުވާ ކޮށްދޭން ޖެހެ އެވެ. އިންތިހާބެއް އޮތިއްޔާ އެ ތަނަކަށް ވޯޓު ފޮށި ގެންގޮސްދޭން ޖެހެ އެވެ. އެ ހިސާބުން އަދި ނުނިމެ އެވެ. އިސްލާމާއި ދިވެހި ކިޔަވައިދީ، އެ މާއްދާތަކުން އެޗްއެސްސީ ޓެސްޓު ވެސް ނަގައިދޭން ޖެހެ އެވެ. 

ބޭރުގައި ދިރިއުޅޭ ރައްޔިތުންނަށް އިސްލާމާއި ދިވެހި ކިޔަވައިދޭން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ސެޕްޓެމްބަރު 2014 ގަ އެވެ. އެ މާއްދާތައް ފުރަތަމަ ފެށީ އިންޑިއާގަ އެވެ. އޭގެ ފަހުން ސްރީ ލަންކާއަށް ފުޅާކުރި އެވެ. އެމްޑީޕީގެ ސަރުކާރުގައި ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދޭން ފަށައިފަ އެވެ.  

މި ފަދަ ކަންކަމަކީ، އިގުތިސާދީ ގޮތުން އެންމެ ފުދުންތެރި ގައުމުތަކުގައި ވެސް ދޭ އިނާޔަތްތަކެއް ނޫނެވެ. ނަމަވެސް، ރާއްޖެ ދޫކޮށް އެ އަށް ވުރެ މާ ރަނގަޅު ދިރިއުޅުމަކަށް ބޭރަށް ބަދަލުވާ މީހުންނަށް ވެސް މި ހުރިހާ ފަސޭހަތަކެއް ލިބެ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށްފަހު، މެލޭޝިޔާގައި އުޅޭ ދިވެހިންތަކެއް މަޑުކޮށްލައިގެން. އެ ގައުމުގައި ތިބެގެން ވޯޓުލުމާއި އާސަންދަ ހިދުމަތް ލިބޭ-- ފޮޓޯ: މިހާރު
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށްފަހު، މެލޭޝިޔާގައި އުޅޭ ދިވެހިންތަކެއް މަޑުކޮށްލައިގެން. އެ ގައުމުގައި ތިބެގެން ވޯޓުލުމާއި އާސަންދަ ހިދުމަތް ލިބޭ-- ފޮޓޯ: މިހާރު

އެހާ ހިސާބުން އުފައްދަނީ ސުވާލެކެވެ. ދަރަނިވެފައިވާ މި ހާލަތުގައި ވެސް މިއީ ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް ހެއްޔެވެ؟ ކޮންމެ ސަރުކާރެއް އޮތަސް ރާއްޖެ އުޅެން ޖެހެނީ ދަރަނިން އަރައިނުގަނެންނެވެ. ކޮންމެ ބަޔަކު ވެރިކަން ނިންމާލާއިރު ދެން އަންނަ ސަރުކާރަށް ޖެހެނީ ކުރީގެ ސަރުކާރުގެ ދަރަނިން މިންޖުވާނެ ގޮތެއް ހޯދާށެވެ. އިގުތިސާދު އެހާ ނާޒުކެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަން 10 އަހަރު ވަންދެން ފުރުއްވައި، މިހާރު އެޗްއާރުސީއެމްގެ މެމްބަރުކަމުގައި ހުންނެވި އިސްމާއިލް ހަބީބު ވިދާޅުވީ ގިނަ ދިވެހިން އުޅޭ ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަކީ އިންތިހާބާ ބެހޭ އާއްމު ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލާޒިމް ކަމެއް ކަމަށެވެ. 

އާ ގާނޫނު އަސާސީއާ އެކު، 2008 ގެ ފަހުން ބޭއްވި ހުރިހާ އިންތިހާބެއްގައި ރާއްޖެ އިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ އެހެންވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެ ފަހަރުގެ އިންތިހާބުގައި، 200 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ވުމުން ފަސް ގައުމުގައި ވޯޓުފޮށި ބެހެއްޓި އެވެ. އެއީ އިންޑިއާ، ލަންކާ، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސި ވިލާތެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ގައުމުން ބޭރުގައި ވޯޓުފޮށި ބެހެއްޓިއަސް ކައުންސިލް އިންތިހާބަށް އެ އުސޫލުން ކަން ކުރަން ހަބީބު ދެކޮޅެވެ.

"ކައުންސިލް އިންތިހާބުގައި ވޯޓު ލެވޭނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކަށް، އެ ތަނެއްގެ މުނިސިޕަލް ހިދުމަތް ހޯދާ ބަޔަކަށް. އެގޮތަށް ބަލާއިރު، ކުޑައިރު މަލޭގައި ދިރިއުޅޭ މީހަކު، ދުވަހަކު ރަށަށް ނުދާ މީހާ ވެސް ރަޖިސްޓްރީ ރަށުގައި އޮންނާތީ ކައުންސިލް އިންތިހާބުގައި ވޯޓުލާން ޖެހެނީ ރަށަށް،" ހަބީބު ވިދާޅުވި އެވެ.

"އެ މީހުންނަށް އެގޮތަށް ވޯޓުލެވޭ ސަބަބެއް ނެތަސް އީސީން އެކަން ކުރަނީ ގާނޫނުގައި އޮންނާތީ." 

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާއިރު، އިންތިހާބުތަކަށް ކުރާ ހޭދަ އެއް އަހަރުން އަނެއް އަހަރަށް ދަނީ ބޮޑުވަމުންނެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ދަތުރުތަކުގެ ހަރަދާއި ބޭރުގެ ތިން ގައުމަކަށް ކުރަން ޖެހުނު ހަރަދުގައި މާބޮޑު ފަރަގެއް ނެތުމަކީ މަދު ބަޔަކަށްޓަކައި ބޭރުގައި ވޯޓުލެވޭ ގޮތް ކޮންމެހެން ހަދަން ޖެހޭތޯ އުފައްދާ ސުވާލެކެވެ. 

އެންމެ ފަހުން، 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބަށް 61،774،86ރ. ގެ ބަޖެޓެއް ކަނޑައެޅި އެވެ.

ވޯޓަށް ފަހު އީސީން އާއްމުކުރި ރިޕޯޓު ދައްކާގޮތުން، ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް އެ ފަހަރު ޖުމްލަ 214،992ރ. ހަރަދުކުރި އެވެ. އަދި ވޯޓާ ގުޅިގެން ބޭރުގެ ތިން ގައުމަކަށް ކުރި ދަތުރުތަކަށް 198،058ރ. ހޭދަކުރި އެވެ. 

އެއާ އަޅާބަލާއިރު، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ދަތުރުތަކަށް ކުރި ހަރަދުތައް ވަރަށް ބޮޑެވެ. 

ހަބީބު، މީގެ ކުރިން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ހަބީބު، މީގެ ކުރިން "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަށް 4,273,976ރ. ހޭދަވިއިރު، ބޭރުގެ ހަތް ގައުމެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ކުރި ދަތުރުތަކަށް އެކަނި ވެސް 2,106,915ރ. ހަރަދުކުރި އެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބުގައި މެލޭޝިޔާ އަދި ލަންކާގައި ވޯޓުފޮށި ބަހައްޓާނެ އެވެ. 

"ދުނިޔޭގެ އެއްވެސް ތަނެއްގައި އޮންނަ ގޮތެއް ނޫން މިއީ [ވޯޓު ފޮށި ގެންގޮސް ވޯޓުލުމުގެ ފުރުސަތު ދިނުމަކީ]. ހަމަ ލޯކަލް ކައުންސިލް އިންތިހާބުގައި ބޭރުގައި ވޯޓު ފޮށި ބެހެއްޓުމާއި ރަށް ނޫން އެހެން ތަނެއްގައި ތިބޭ މީހުންނަށް އެ ރަށުގެ ނަމުގައި ވޯޓުލާން ފުރުސަތު، މި ކަހަލަ ކަަންކަމަކީ އޮންނަ ކަމެއް ނޫން،" ހަބީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނަކުން އީސީ އަށް އެކަން މަތިކޮށްފައި އޮތަސް، ބޭރުގައި އުޅޭ ދިވެހިންނަށް ހަރަދު ކުޑަ ނިޒާމަކުން ވޯޓު ލެވޭނެ މަގު ފަހިކޮށްދިނުން މުހިއްމު ކަމަށެވެ. އޭގެ ތެރެއިން، އާއްމުންގެ އިތުބާރު ހޯދުމަށް ފަހު، ޕޯސްޓަލް ވޯޓިން ތައާރަފު ކުރުމަކީ އެޅިދާނެ ފިޔަވަޅެއް ކަމަށް، އީސީގައި ވިއްސަކަށް އަހަރު މަސައްކަތް ކުރެއްވި ހަބީބު ވިދާޅުވި އެވެ.

ބޭސްފަރުވާ: މެރަނަ ގައުމުތަކަށް ފުޅާކޮށްފައި

އާސަންދައަކީ ބޮޑު ބުރައެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ. އެހެންވެ، އެ ނިޒާމު ރިފޯމުކުރާ ވާހަކަ ވެސް އެންމެ ގަދައަށް ދައްކަނީ ސަރުކާރުންނެވެ. 

'މެރަނާ'އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ހާއްސަކޮށްގެން 2019 ވަނަ އަހަރު ތައާރަފްކުރި މެޑިކަލް އިންޝުއަރެންސެކެވެ. އެ ލިސްޓުގައި ފުރަތަމަ ހިމެނުނީ އިންޑިއާ، ލަންކާ، މެލޭޝިއާ އެވެ. މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ފިލިޕީންސަށް ވެސް އެ ހިދުމަތް ފުޅާކޮށްފަ އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ މެރަނަ ސްކީމުގައި ބައިވެރިވެވޭނީ މަދުވެގެން ހަ މަސް ދުވަހުގެ ވިސާއެއް އޮންނަ މީހުންނަށެވެ. އަދި އޭގައި ބައިވެރިވެވުނަސް އާސަންދައިން ކަވަރު ކޮށްދޭނީ ފަރުވާގެ 65 ޕަސެންޓު ކަމަށާއި ބާކީ 35 ޕަސެންޓު ޖެހޭނީ ބަލި މީހާގެ އަތުން ދައްކަން ކަމަށް ޒީނިޔާ ވިދާޅުވި އެވެ. އެކަމަށް ފައިސާ ދައްކަން ޖެހޭނީ އަމިއްލަ ޖީބުންނެވެ.

އޭނާ ވިދާޅުވީ ފަރުވާ ހޯދުމަށް ފަހު ދައުލަތުން ކަވަކޮށްދޭ ހަރަދު ހޯދަން ހުށަހެޅުމުން 60 ދުވަހުގެ ތެރޭގައި އެ ފައިސާ އަނބުރާ ދޭނެ ކަމަށެވެ. އަދި އާސަންދައާ ހިލާފަށް އެ ސްކީމް ބައްޓަންކޮށްފައިވަނީ ކޮންމެ މީހަކަށް ވެސް އަހަރެއްގެ ތެރޭގައި 150،000ރ. އާ ހަމައަށް ފަރުވާ ހޯދޭ ގޮތަށް ކަމަށް ޒީނިޔާ ވިދާޅުވި އެވެ. 

އެފަދަ ފިޔަވަޅުތަކާ ހެދި، މެރަނަ ސްކީމް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

އާސަންދައިގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާގޮތުން މެރަނަ ސްކީމުގައި އެ އަހަރު 418 މީހުން ރަޖިސްޓްރީވި އެވެ. އޭގެ ތެރެއިން ފަރުވާ ހޯދި 271 މީހަކަށް ޖުމްލަ ދެ މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

"ވަރަށް ކޮންޓްރޯލްޑް [މެރަނާ ސްކިމް]. އެއްވަރެއްގައި އަޅުގަނޑުމެންގެ ހަރަދުތައް ވަރަށް ހިފަހައްޓާލެވޭ. އޭރުއްސުރެ ސްކީމްގެ ކޮސްޓް މާ ބޮޑުވެގެން ނުދޭ. އެއް ވަރެއްގައި ހިފެހެއްޓިފައި އިންނަނީ،" ޒީނިޔާ ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމެޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނިޔާ (މ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލީސް
މަޖިލީހުގެ ކޮމެޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނިޔާ (މ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލީސް

އޭނާ ވިދާޅުވީ ކިޔެވުމާއި ބޭސްފަރުވާ ފަދަ ކަންކަމަށް ބޭރުގައި އުޅޭއިރު ބޮޑެތި ހަރަދުތައް ހިނގާ ކަމަށެވެ. އެހެންވެ، އެގޮތަށް ތިބޭ ބަޔަކަށް އިންޝުއަރެންސް ފޯރުކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށާއި އަދި މެރަނާ ސްކީމް ހިންގަނީ ވެސް މިސްޔޫސް ކުރުމުގެ ފުރުސަތު ކުޑަ ގޮތަކަށް ކަމަށް އާސަންދައިން ބުންޏެވެ. 

"ގިނައިން ދިވެހިން އުޅޭ ތަންތަނުގައި، ފަސޭހައެއް މި ދެވެނީ،" 

"މިގޮތަށް ލުޔެއް ލިބުމަކީ އަޅުގަނޑަށް ހީވަނީ ރަނގަޅު ކަމެއްހެން،" ޒީނިޔާ ވިދާޅުވި އެވެ.

"ދަރަނީގައި އުޅޭއިރު ބަލަން ޖެހޭނީ ރާއްޖޭގައި ތިބި ބަޔަކަށް"

އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ގައުމުން ބޭރުގައި އުޅޭ މީހުންނަށް ބޭސްފަރުވާ އަދި ވޯޓުލުން ފަދަ ކަންކަން ހަމަޖައްސައިދިނުމަކީ ރާއްޖޭގެ މާލީ ހާލަތަށް ރިއާޔަތްކުރުމަށް ފަހު، ކޮށްދޭންޖެހޭ ކަންތައް ކަމަށެވެ. ނަމަވެސް، އެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާތީ، އެ މީހުން އެދޭ ކަންތައްތައް ވެސް ސަރުކާރުން ކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިގުތިސާދީ ގޮތުން ފުދުންތެރި ގައުމެއްގައި އެކަންކަން ކޮށްދިނުމަކީ މައްސަލައަކަށް ނުވިއަސް، ރާއްޖެ އިން އެ ހިދުމަތްތައް ދެނީ ދަރަނިވެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކެވި އެ އޮފިޝަލް ވެސް ވިދާޅުވި ގޮތުގައި، ކިތަންމެ މުއްސަނދި ބަޔަކަށް ވިއަސް، ގައުމުން ބޭރުގައި އުޅޭ މީހުންނަށް 'އިނާޔަތްތައް' ދިނުމަކީ ސަރުކާރުތަކުން ކޮށް އުޅޭ ކަމެއް ނޫނެވެ. 

"މި ވަގުތު ދަރަނި ނަގައިގެން ކުރަނީ. އެހެންވީމާ ހޭޖެހޭ ކަމަކަށް ނުފެނޭ އެކަމެއް. ދެކޮޅު ޖެހޭ ކަމެއް ނޫންތާ އެއީ،" އޭނާ ވިދާޅުވި އެވެ. 

"ދަރަނީގައި އުޅޭއިރު ބަލަން ޖެހޭނީ ރާއްޖޭގައި ތިބި ބަޔަކަށް."

ރައީސް ޑރ މުހައްމަދު މުއިއްޒު މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ހަފްލާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ މުހައްމަދު މުއިއްޒު މިދިޔަ އަހަރު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ބޭއްވި ހަފްލާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޮފިޝަލް ވިދާޅުވި ގޮތުގައި ބޭރު ގައުމަކަށް ދަނީ އަމިއްލަ އިހުތިޔާރުގައި ކަމަށާއި އެގޮތަށް ދާއިރު ރާއްޖެއިން ލިބެން ހުންނަ ފަސޭހަތައް ނުލިބޭނެކަން ގަބޫލުކުރަންޖެހޭނެ އެވެ. އާސަންދަ ދިނުމުގެ ބަދަލުގައި ސަރުކާރުން ހިތްވަރު ދޭންޖެހޭނީ، ރާއްޖެއަށް އަންނަ ބިދޭސީން ހަދާ ގޮތަށް އަމިއްލައަށް މެޑިކަލް އިންޝުއަރެންސް ނެގުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދިވެހިންނަށް ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބެލުން ކަންނޭނގެ ބުއްދިވެރި ވާނީ. އެކަމަކު، މިއަދު މި އޮތީ ރާއްޖެއިން ބޭރަށް މީހުން ދިއުން ވެސް އެއީ އިންސެންޓިވްއަކަށް ވެފައި. ދެން ސުވާލަކީ އެ މީހުންގެ ސަބަބުން ރާއްޖެއިން ބޭރަށް ބަދަލުވާ އާއިލާ ނުވަތަ މީހެއްގެ ސަބަބުން ދިވެހި ރާއްޖެއަށް އެއްވެސް ފައިދާއެއް ކުރޭތޯ،" އޭނާ ސުވާލު އުފެއްދެވި އެވެ. 

އޭނާ ވިދާޅުވީ ގައުމުން ބޭރުގައި މަސައްކަތްކޮށް، އަމިއްލަ ގައުމަށް މުސާރަ ފޮނުވައިގެން އިގުތިސާދުގެ ދުވެލި ހިފަހައްޓައިދޭ ގައުމުތައް އެބަހުރި ކަމަށެވެ. އެކަންތައް ކޮށްދޭތީ، އެ މީހުންގެ އުފަން ގައުމުތަކުގައި އެ މަސައްކަތްތެރިންނަށް ފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދީފައި ހުރެ އެވެ.

ނަމަވެސް، ދިވެހިން ބޭރުގައި އުޅުނަސް އެ އަށް އިގުތިސާދީ ގޮތުން ލިބޭ ކުރިއެރުމެއް ނެތެވެ. އެހެންވެ، މިއީ، ދެ ވަނަ ވިސްނުމަކުން ވިސްނަންޖެހިފައި އޮތް ކަމެކެވެ. ދައުލަތަށް އެއްވެސް މަންފާއެއް ނުލިބޭ އެންމެ ކުޑަމިނުން ޓެކްސްއެއް ވެސް ނުދައްކާ ބަޔަކަށް ބޮޑެތި ހޭދަތައް ކުރަންޖެހޭނެ ކަމަކަށް ނުފެންނަނީ އެހެންވެ އެވެ.