މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

އާސަންދަ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ ބޭސް ފަރުވާ އަށް އަހަރަކަށް ކަނޑައަޅާފައި ވަނީ 150،000ރ. ގެ ބަޖެޓެއް ކަމަށެވެ. އެއީ އެޑްމިޓް ނުކޮށް ނުވަތަ އައުޓްޕޭޝަންޓެއްގެ ގޮތުގައި ޑޮކްޓަރަށް ދައްކަން ކަނޑައަޅާފައިވާ 10،000ރ. އާއި އެޑްމިޓް ކޮށްގެން ކުރާ ބޭސްފަރުވާ އަށް ހޭދަކުރާ 140،000ރ. ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނަށް އާސަންދައިގެ ދަށުން ބޭސްފަރުވާގެ ހަރަދުތައް ކުރަން "މެރަނާ" ސްކީމް ތައާރަފްކޮށްފައި ވަނީ މިދިޔަ އޭޕްރިލް މަހު އެވެ. މި ސްކީމް އޭރު ތައާރަފް ކުރީ އިންޑިއާ އާއި ސްރީ ލަންކާގައި އުޅޭ ދިވެހިންނަށް އެކަނި ބޭނުން ކުރެވޭ ގޮތަށެވެ.

މެލޭޝިއާ އަށް މި ސްކީމް މި ތައާރަފްކުރީ، ސްކީމަށް އިސްލާހުތަކެއް ގެނައުމަށް ފަހު އެވެ. އެ އިސްލާހާ އެކު، ބޭސްފަރުވާ އަށް ކުރާ ޚަރަދުގެ 65 ޕަސެންޓަށް ފައިސާ ދައްކާނީ މެރަނާ ސްކީމުންނެވެ. ކަނޑައެޅިފައިވާ އަދަދަށް ވުރެ އިތުރުވާ ޚަރަދު ކުރާނީ ބަލި މީހާގެ އަތުންނެވެ. ސްރީ ލަންކާ އާއި އިންޑިއާގައި އުޅޭ ދިވެހިންނަށް ވެސް ސްކީމަށް ގެނައި ބަދަލުގެ ފައިދާ ވާނެ ކަމަށް އާސަންދަ އިން ބުނެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މެރަނާ ސްކީމުގެ ދަށުން މެލޭޝިއާގައި ޑޮކްޓަރަށް ދެއްކޭނީ "ކޭޝްލެސް" ކޮށް ނޫނެވެ. އަދި އެ ސްކީމުގެ ދަށުން އެހީ ލިބޭނީ، ބޭސްފަރުވާ އަށް ކުރި ޚަރަދުގެ ބިލްގެ ކޮޕީއާ އެކު، އެ ފައިސާ ރީއިންބާސް ކުރަން ނުވަތަ އެ ފައިސާ އަނބުރާ ހޯދަން ހުށަހެޅުމުންނެވެ.

ފައިސާ ރީއިންބާސް ކުރަން ހުށަހަޅާ ފޯމު އާސަންދަ ވެބްސައިޓުންނާއި އެ ގައުމެއްގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓަކުން ލިބޭނެ އެވެ. ފައިސާ ރީއިންބާސް ކުރުމަށްޓަކައި އާސަންދަ އިން ކަނޑައަޅާފައިވާ އީމެއިލް އަށް، ލިޔެކިޔުންތައް ހުށެހެޅުމުން ނުވަތަ އެސްޓީއޯގެ ތިން ވަނަ ބުރީގައި ހުންނަ އާސަންދަ ކަސްޓަމާ ކެއާ އޮފީހަށް ހާޑް ކޮޕީ ހުށަހެޅުމުން ވެސް ފައިސާ އަނބުރާ ދޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

ޑޮކްޓަރަށް ދެއްކުމަށް ފަހު ދެ މަސް ދުވަހުގެ ތެރޭގައި ފައިސާ ރީއިންބާސް ކޮށްދިނުމަށްޓަކައި ހުށަހަޅަން ޖެހޭނެ އެވެ. އެ ފޯމު ހުށަހަޅާތާ 20 ދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ލިބޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

މެރަނާ ސްކީމްގެ ދަށުން ޚިދުމަތް ލިބޭ ހޮސްޕިޓަލްތައް އާސަންދަ ވެބްސައިޓުން ފެންނާނެ އެވެ.